(22 އޮކްޓޯބަރ 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
މި ފަހަރު އޭނާ ވަރަށް ބާރަށް ހީނގަތެވެ.
"ޞަބާ. އަހަރެން މަސައްކަތް ކުރަަމުން މިދަނީ މިހާރު އުޅޭ ފްލެޓް ބަދަަލު ކުރެވޭތޯ. މިހާރު އުޅޭ ތަން ހުންނަނީ ބޭންކާ ވަރަށް ކައިރީގައި. އެކަމަކު އެ ހިސާބަކީ ޞަބާ ބޭނުން ވާހައި ހިތް ފަސޭހަ، ހަމަހިމޭން ހިސާބެއް ނޫން. މިހާރު ވަރަށް ރީތި ހިސާބަކުން ފްލެޓެއް ބަލައިފިން. އެތަން ލިބިއްޖެއްޔާ ޞަބާ ހިތްހަމަ ޖެހޭ ކަހަލަ ތަނަކަށް ވާނެ. އަހަރެން އެ ތަނގެ ފޮޓޯ ފޮނުވާާނަން. ބަލާފައި ރަނގަޅިއްޔާ ބުނާތި."
"އެނބުރި ދަނީ ކޮން ދުވަހަކު؟"
"އަދި ފަަނަރަ ނޫނީ ވިއްސަކަށް ދުވަސް އެބައޮތް. ފްލައިޓް އޮތީ ސަރްމުދްގެ ކާވެނީ ދެތިން ދުވަސް ފަހުން."
"މި ފަހަރު ޢާރިފީން ވަރަށް ގޭގައި ނޫޅޭ. އަބަދު ތިޔ އުޅެނީ ކަރާޗީއާއި އިސްލާމްއާބާދާ ދެމެދު ދަތުރު ކޮށްކޮށް."
"އާނ. މި ފަހަރު ބޭންކުގެ ވަރަށް ގިނަ މަސައްކަތް އެބަހުރި. ޗުއްޓީގައި ހުއްޓަސް އެ މަސައްކަތާއިގެން އުޅެން ޖެހެނީ. މިހެން އުޅެން ޖެހުނަސް އަހަރެން ދެކޮޅު ނުހަދަނީ ސަބަބެއްވެސް އޮވެގެން. އެއީ އަހަރުގެ ފަހުކޮޅު ކާވެންޏަށް ހެޔޮވަރުގެ ޗުއްޓީއެއް ލިބޭނެތީ. މިހާރުވެސް މިހިރީ ދެތިން ދުވަހަކަށް އިސްލާމްއާބާދަށް ދާން ޖެހިފައި. އެނބުރި އާދެވޭނީ ހަފްތާއެއް ދޮޅު ހަފްތާއެއްހައި ދުވަސް ފަހުން. ޞަބާގެ ޔުނިވަރުސިޓީގެ ކަންތައް ދަނީ ކިހިނެއް؟" އޭނާގެ ތަފުސީލީ ޕްރޮގްރާމު ކިޔައި ދިނުމަށް ފަހު ޢާރިފީން އަހައިލިއެވެ.
"މާކަ ގޯހެއް ނޫން. ކުރިއަށް އެބަދޭ." އޭނާ ރަނގަޅަށް ސާލު ގައިގައި އޮޅައިލިއެވެ.
"މިހާރަކު އެއްވެސް މީހަކު ދެކޮޅެއް ނުހަދާތަ؟" ޢާރިފީން ހިނިތުން ވެލިއެވެ.
"ދެކޮޅު ހަދާ މީހުން މިހާރުވެސް ހަދާ. އެމީހުން ދުލެއްވެސް ނުކުރާނެ. ދެކޮޅު ހެދުމަކީ ޓެކްސް ނަގާ ކަމެއް ނޫނެއްނު؟ އެހެންވީމާ ބަޔަކު ކަންބޮޑެއް ނުވާނެތާ! އެކަމަކު މިހާރު އިރުއިރުކޮޅާ އެ ވާހަކަ ދައްކައެއް ނުހަދާ. މަންމަވެސް ނުދައްކާ. ބޮޑު ބޭބެވެސް ނުދައްކާ. އެ ވާހަކަ ނުދެއްކިޔަސް ބުރުގާގެ ވާހަކަ ހުއްޓައެއް ނުލާ." ލުއި ހިނިތުންވުމާއެކު އޭނާ ވާހަކަ ދައްކަމުން ދިޔައެވެ.
"ޞަބާ. ބުރުގާ އެޅިއްޔާާ ވާނީ ކީއް؟ އެއްވެސް ކަމަކާ ނުލައި ގޭ މީހުން ރުޅިއަރުވަނީ ކީއްކުރަން؟ މާ ގިނަ ދުވަހެއް ނެތެއްނު މިހާރަކު؟ އަހަންނާ އެކީފަރަންސޭސި ވިލާތަށް ގޮސް ޞަބާ އުޅޭނޭ ގޮތަކަށް އުޅެވިދާނެނު؟ ބޭނުމިއްޔާ ހަރުވާޅުބުރި ނޫނީ ޖިންސުވެސް ލެވިދާނެ. އަހަރެން ދެކޮޅެއް ނުހަދާނަން." އޭނާގެ އަޑުގައި ހުރީ ޞަބާއާ މައްލަވަ ކުރާ ކަހަލަ ރާގެކެވެ.
"އަހަރެން ހުންނަނީ ސާލުން މުޅި ހަށިގަނޑު ނިވައި ކޮށްގެން. ނިވައި ކުރަން ޖެހޭ އެއްވެސް ތަނެއް ނުއެއް ދައްކަން. އެހެން މީހުން ލާ ކަހަލަ ވިޔާނުދާ އޮރިޔާން ހެދުމެއް ނުލަން. މޭކަޕެއް ނުކުރަން. ފިރިހެން ކުދިންނާ އެކީ ކިޔަވަން އުޅުނަސް އެ ކުދިންނާ ސަމާސާކޮށް ސަކަރާތެއް ނުޖަަހަން. ތިއްތިއެއް ނުދައްކަން. ބައެއް މީހުން އެ އަޅާ ކަހަލަ ބުރުގާއެއް ނާޅަން. ޢާރިފީން އަށްވެސް މި ގޮތް ކަމުނުދަނީތަ؟"
ޢާރިފީން އަނެއްކާވެސް ހިނިތުން ވެލިއެވެ. "ނޫނޭ. އަހަންނަށް ކަމުނުދަނީއެއް ނޫން. ފިރިހެން ކުދިންނާ އެކީ ކިޔަވަން އުޅުމަކާވެސް އަދި ސާލުން ހަށިގަނޑު ނިވައި ކުރުމަކާވެސް އަހަރެން ދެކޮޅެއް ނޫން. އަހަރެން ދެއްކި ވާހަކައެއް ދެއްކީ ޞަބާއަށް ތަންކޮޅެއް ފަސޭހަ މަގެއް ދައްކާން ވެގެން. ގިނަ މީހުންގެ ރުޅިވެރިކަމާ ކުރިމަތިލުމާއި ކުދިކިޔުމަށް ކެތް ކުރުމަކީ އެހައި ފަސޭހަ ކަމެއް ނޫން."
"ނޫނޭ. އަހަރެން މިއީ ވަރަށް ކެތްތެރި މީހެއް... ޢާރިފީން ކޮންމެވެސް ތަނަކަށް ދާ ވާހަކަ ބުނީމެއްނު؟"
"އާނ. ތަނަކަށް ދާން އެބައޮތް. އެކަމަކު މިހާރު ބޭނުން ވަނީ ކަމަނާގެ ފޮނިފޮނި ވާހަކަ އަޑު އަހާން ހުންނަން. ޢިއްޒަތްތެރި ކަމަނާ އިއުތިރާޒު ނުކުރައްވަންޏާ އެތެރެއަށް ވަންނަވަންވީ ނޫންތޯ؟"
ޢާރިފީން އަތުކުރީ ގަޑިއަށް ބަލައިލާފައި ތެދުވެއްޖެއެވެ. ޞަބާ އަނެއްކާވެސް ތަރިތައް ފިޔަ ޖަހަމުންދާ ހިތްގައިމު އުޑަށް އަނެއްކާވެސް ބަލައިލާފައި ކޮޅަށް ތެދުވެއްޖެއެވެ.
'ސަލާމް..." ޢާރިފީންއާ ދިމާއަށް އަތުން އިޝާރާތް ކުރުމަށް ފަހު އޭނާ ގޭތެރެއަށް ވަންނާން ހިނގައިގެންފިއެވެ. ޢާރިފީން އޭނާ ދާތަން ބަލަން ހުރީއެވެ.
* * *
ދެމީހުން އެނބުރި އަންނާން ކުރި ދަތުރު ވެގެން ދިޔައީ ހިމޭން ދަތުރަކަށެވެ. ޢާރިފީން ޢައްބާސް ހިމޭނުން އިނދެގެން ކާރު ދުއްވަމުން ދިޔައެވެ. ސާރާ ބޭރުގެ މަންޒަރުތައް ބަލާން އިނީއެވެ.
ގެއަށް އައިސް އޭނާގެ ސާމާނު ނޯކަރަކު ލައްވައި ކޮޓަރިއަށް ފޮނުވައިފިއެވެ.
"ކޮޓަރިއަށް ގޮސް ބަަލައިލާ. އިރުކޮޅަކުން ކާން ތައްޔާރު ކުރާނެ."
ބަނޑުހައިކަމުގެ އިހުސާސް ސާރާއަށް ކުރެވުނީ ޢާރިފީން ކެއުމުގެ ވާހަކަ ދެއްކީމައެވެ. އޭރު އަސުރުން ތިރިވެ ހަތަރެއް ޖަހަނީއެވެ. އޭނާ މިގެއަށް ފުރަތަމަ އައީ ދޭއް ޖެހިތަނާއެވެ. ކަންބޮޑުވެފައި ހުރުމާއި ހިތާމައިގެ ސަބުންނާއެކު އޭނާ ހުރީ މެންދުރު ނުކައެވެ. އެކަމަކު ކެއުމުގެ ވާހަކަ ދެކެވުމާއެކު ބަަނޑުހައި ވެއްޖެއެވެ.
ނޯކަރު އޭނާ ގޮވައިގެން ކޮޓަރިއަށް އަތުވެއްޖެއެވެ. އޭނާ ކުޑަކޮށް ހާސްވެފައި ހުރެގެން ކޮޓަރި ތެރެއަށް ބަލާން ފަށައިފިއެވެ. ނޯކަރު އޭނާގެ ސާމާނު ގެނެސް ކޮޓަރިއަށް ވައްދައިފިއެވެ.
"މިއީ ހުވަފެނެއް ކަމުގައި ވަނީނަމަ މި ހުވަފެން ވަރަށް ދިގު ހުވަފެނެއް ކަމުގައި ހައްދަވާށިއެވެ! ހަގީގަތެއް ކަމުގައި ވަނީ ނަމަ މި ހަގީގަތް ހުވަފެނަކަށް ބަދަލު ނުކުރައްވާށިއެވެ!" ކުޑަ ދޮރާ ދިމާއަށް ދިޔައިރު އޭނާ ހތުގެ އަޑީން ދުޢާ ކުރަމުން ދިޔައެވެ. ހަމައިސްކޮޅުގެ ކުޑަދޮރުތަކުން ބޭރުގެ މަންޒަރުތައް ވަރަށް ރީތިކޮށް ފެނެއެވެ.
"މި ގޭގައި އުޅުމަކީ ފަސޭހަ ކަމަކަށް ވާނެ ބާވައެވެ؟" ބޭރުގެ މަންޒަރު ބަަލައިލުމަށް ފަހު އޭނާ ކޮޓަރިތެރެއަށް ބަަލައިލިއެވެ. ކޮޓަރިތެރޭގައި ހުރި އަގު ބޮޑު ސާމާނަށާއި އަރާމު ފަރުނީޗަރަށް ނަޒަރު ހިންގައިލިއެވެ. އޭނާގެ ކުރިމަތީގައި އެނބުރެން ފެށީ އުމުރުގެ ސައްބީސް އަހަރު އޭނާ ހޭދަ ކުރި ނުތަނަވަސް، ކުޑަ ކޮޓަރިއެވެ. ބާރަށް ދުވެފައި ގޮސް މި ގެއިން ނުކުމެގެން އޭނާ ދިރިއުޅުނު ކުޑަކުޑަ ގެއަށް ހިނގައިދާނަމޭ އޭނާގެ ހިތަށް އެރިއެވެ. އެވަގުތު ކޮންމެވެސް މީހަކު އޭނާގެ ކަންފަތްދޮށުގައި ވަރަށް ބާރަށް "އެލިސް އިން ވޮންޑަރލޭންޑް" އޭ ގޮވައިލީހެން ހީވިއެވެ.
އޭނާ ފާރަށް ލެނގިލައިގެން ހުރެ ކޮޓަރިތެރެއަށް ބަލަމުން ދިޔައެވެ. އެނދާއި ކޮޓަރީގައި އަޅާއިފައި އޮތް އަގުބޮޑު ދޫލައާއި އައިސް އަލަމާރިއާއި ޓީވީ އޭނާއަށް ވެފައި ވަނީ މުޅީން އައު ތަކެއްޗަށެވެ. އޭނާ މިހެން ކޮޓަރިތެރެއަށް ބަލަހައްޓައިގެން ހުރީ ކިހައި އިރެއް ވާންދެން ކަމެއްވެސް ނޭނގެއެވެ. ކުއަލިއަކަށް ވަރުބަލިކަން އިހުސާސް ކުރެވިއްޖެއެވެ. އޭނާ މަޑުމަޑުން ގޮސް ފާޚާނާއަށް ވަދެއްޖެއެވެ. އަދި ރަނގަޅަށް މޫނު ދޮވެލިއެވެ. އެއަށް ފަހު ކުރިމަތީގައި ހުރި މޫނުބަލާ ލޯގަނޑުން އަމިއްލަ ސިފައަށް ބަލައިލިއެވެ. ފާޚާނާ ތެރޭގައި ހުރި އެއްޗެހި އެ ލޯގަނޑުން އެބަ ފެނެއެވެ. އޭގެ ތެރެއިން އެންމެ އަގެއް ނެތް އެއްޗަކަށް ފެންނަނީ ޚުދު އޭނާގެ ސޫރައެވެ.
"ހޫނ... ސާރާ އަމީން... އަމިއްލަ ނަފްސަށް މަލާމާތް ކުރުމާއި އަމިއްލައަށް މާބޮޑަށް ނިކަމެތިވުމުގެ ކުޅިގަނޑު ފެށީ ދޯއެވެ؟ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟" އަނެއްކާވެސް މީހަކު ކަކަކަކަ އަޅާފައި ހީނގެންފައި ބުނެލީ އަޑު އިވުނުހެން ހީވިއެވެ. އޭނާ ބަލިކަށި ހިތަކާއެކު ލޯގަނޑުން ނަޒަރު އެއްފަރާތް ކޮށްލުމަށް ފަހު ފެންއިސްކުރު ބާރު ކޮށްލިއެވެ. އަދި ތުވާލިން މޫނު ހިއްކައިލުމަށް ފަހު ފާޚާނާއިން ނުކުމެއްޖެއެވެ. މާ ގިނަ އިރުތަކެއްނުވެ ނޯކަރަކު އައިސް ކާން ހެދުނު ވާހަކަ ބުނެފިއެވެ. އޭނާ ނޯކަރުގެ ފަހަތުން އައިސް ކާކޮޓަރިއަށް ވަދެއްޖެއެވެ. ޢާރިފީން ޢާއްބާސް އިނީ މޯބައިލް ފޯނުން ކޮންމެވެސް މީހަކާ ވާހަކަ ދައްކާށެވެ. އޭނާ ފެނުނީމާ ފޯނު ބާއްވައިފިއެވެ.
"އާދޭ... ސާރާ." އޭނާ ބުނެލިއެވެ.
ނޯކަރު އައިސް ގޮނޑިއެއް ދަމައިލިއެވެ. އޭނާ ކުޑަކޮށް ހާސްވެފައި ހުރެގެން އެ ގޮނޑީގައި އިށީނދެއްޖެއެވެ. އޭނާގެ ހިތުގައި ސިފަ ވެގެން ދިޔައީމަންމަޔާއެކީ ގޭގައި ކާ ކާނާއެވެ.
"ސާރާ. ކާން ފަށާ." ޢާރިފީން ޢައްބާސް ބުނެލިއެވެ.
އޭނާމަސައްކަތް ކުރަމުން ދިޔައީ ކާމޭޒުމަތީގައި ހުރި އެންމެ އާދައިގެ ސާދާ ކާނާއަކީ ކޮބައިތޯ ބަލާށެވެ. ޢާރިފީންއަށް އޭނާގެ ކަންބޮޑުވުން ފާހަގަ ކުރެވިއްޖެއެވެ. އެހެންވީމާ އޭނާގެ ތަށްޓަށް ބަތާއި ރިހައާއި މަސް އަޅައިދީފިއެވެ.
އޭނާ ޖެހިލުންވެފައި އިނދެގެން ކާން ފަށައިފިއެވެ.
"މިއީ ސާރާގެ ގެ. ބޭނުން ގޮތަކަށް މި ގޭގައި އުޅޭ. ބޭނުން ކަމެއް ކުރޭ. ދުވާލު ހަތަރު ދަމު ކަމެއް ނުކޮށް ހުންނާން ވީމާ ފަހަރެއްގައި ފޫހި ވެދާނެ. އެހެންވީމާ ބޭނުމިއްޔާ އަނެއްކާވެސް ކިޔަވަން ފަށާ."
ޢާރިފީން އޭނާޔާ ވާހަކަ ދެއްކި ނަަމަވެސް އޭނާޔާ ދިމާއަކަށް ނުއެއް ބަލައެވެ. ބަލަމުން ދިޔައީ ކާތަށްޓާ ދިމާއަށެވެ. ސާރާއަށް ފާހަގަ ކުރެވުނު ގޮތުގައި ޢާރިފީން ނުއެއް ކައެވެ. އޭނާ ކައި ނިމުނު އިރުވެސް ޢާރިފީންގެ ތަށީގައި ހުރި ކާއެއްޗެހި ހުރި ގޮތަށް ހުއްޓެވެ. އޭނާ މޭޒުދޮށުގައި އިނީ އޭނާއަށް ކާންދޭން ކަމުގައި ވެދާނެއޭ ސާރާގެ ހިތަށް އެރިއެވެ.
ކައި ނިމުމާއެކު ނޯކަރު ސައި ގެނެސް ދީފިއެވެ. ސައި ތަށި ހިފައިގެން ދެ މީހުންވެސް އައީ ފެންޑާއަށެވެ. ޢާރިފީންގެ ސައި ތަށި ހަދައި ދިނީ އޭނާއެވެ. ޢާރިފީން ސައިތަށި އަތުލި ނަމަވެސް ނުއެއް ބޮއެވެ.
ކުއްލިއަކަށް ބޭރުން ކާރެއްގެ ބަރުގޮނުގެ އަޑު އިވުމާއެކު ދޮރުވާނު ދޮރާށި ހުޅުވައިފިއެވެ.
"ޙައިދަރު އައީ..." ޢާރިފީން ދޮރާށްޓާ ދިމާއަށް ބަލައިލަމުން ބުނެލިއެވެ. ދޮރާށިން އެތެރެއަށް ވަދެގެން އައީ އަޅި ކުލައިގެ ބޮޑު ކާރެކެވެ. އެ ކާރުން ފޭބި ޒުވާނާ ފެނިފައި ސާރާ ހައިރާން ވިއެވެ. އޭނާ ކޯޓާއި އަތްމަތީ ދަބަސް ނޯކަރާ ހަވާލު ކުރުމަށް އެމީހުން ތިބި ތަނަށް އަތުވެއްޖެއެވެ. އަދިވެސް ސާރާ އިނީ ހައިރާން ވެފައި އޭނާގެ މޫނަށް ބަލާށެވެ. އޭނާގެ ކުލައާއި ސިފައަށް ބަލާއިރު ވައްތަރީ ޔޫރަޕުގެ މީހަކާއެވެ. އެއީ ވަރަށް ރީތި މީހަކަށް ނުވި ނަމަވެސް ޔޫރަޕުގެ އިސްކޮޅާއި ކުލައިގެ ސަބަބުން ވަރަށް ރީތި މީހެއް ކަމަށް ފެނެއެވެ. އޭނާ ފެނިފައި ޙައިދަރުވެސް ހުރީ ހައިރާން ވެފައެވެ.
"އައްސަލާމް ޢަލައިކުމް." ޙައިދަރު ސަލާން ގޮވައިލުމަށް ފަހު ގޮނޑިއެއްގައި އިށީނދެއްޖެއެވެ.
"ސާރާ. މިއީ އަހަރެންގެ ދަރިފުޅު ޙައިދަރު." ޢާރިފީން އޭނާގެ ދަރިފުޅު ތަޢާރަފުކޮށް ދިނެވެ.
"މިއީ ސާރާ."
"ސަލާމް." ޙައިދަރު ވަރަށް ރަސްމީ ރާގަކަށް ބުނެލިއެވެ. އެއަށްފަހު ފަރަންސޭސި ބަހުން އޭނާގެ ބައްޕަޔާ ސުވާލު ކުރިއެވެ. "މިއީ ކާކުތޯ؟"
ހިނދުކޮޅަކު ހިމޭނުން ހުރުމަށް ފަހު ޢާރިފީން ބުނެލިއެވެ. "ޞަބާގެ ދަރިފުޅު."
ޙައިދަރު އަނެއްކާވެސް ސުވާލު ކޮށްލިއެވެ. "މި ގެއަށް އައީ ކީއްކުރަންތޯ؟"
"ޙައިދަރު. ބައްޕަ ފަހުން ދަރިފުޅާ މި ވާހަކަ ދައްކާނަން. އޮޅުންފިލުވައިދޭނަން."
ޢާރިފީން ސާރާގެ މޫނަށް ބަަލައިލިއެވެ. އޭނާގެ މޫނުގެ ކުލައަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ސައިބޯން އިނީއެވެ. އެހެންވީމާ އޭނާއަށް ފަރަންސޭސި ބަސް އެނގޭކަމެއް ނޫންކަމެއް ކަށަވަރު ކުރާކަށް ނޭނގުނެވެ.
"ސާރާ. ފަރަންސޭސި ބަސް ދަންނަމުތަ؟"
ސާރާ އިސް އުފުލައި ބަލައިލިއެވެ. "ނޫން. ނުދަންނަން."
ޢާރިފީން ހަމަޖެހުމުގެ ނޭވައެއް ލިއެވެ.
(ނުނިމޭ)
Ehaa aammu noon basthah eba feney mi liyuntheriyaage baskoshaarain..goholha,lamhaathah,mallava...varah kamudhey
Saba aa Aarifeen ekugai dhiriulhumakah beynunvi hen
heevey.ekameh nuvi. Dhen dhemeehun ge kudhin gulhijjiyyaa varah ran'galhuvaane
Kuriah dhaavarakah Sabaa aai Aarifeen ge hayaathuge vaahaka ves niulhemun ebadhey.varah shauguveri
Faanoozu gothah mi vaahakaves komme dhuvahaku kiyaalan libeythee varah hiyhama jehey.varah reethivaanehen heevaa vaahaka eh mives
v. reethi