(7 ނޮވެމްބަރ 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ޢާރިފީންގެ ވާހަކަ ނިމުނީމާ އަޤްޞާ އޭނާޔާ ދިމާއަށް ފުންކޮށް ބަލައިލުން ފިޔަވައި އެހެން ކަމެއް ނުކުރެއެވެ. އަނގައިން ނުބުނެ އިނީއެވެ.
ޢާރިފީންގެ ކޮޓަރިން ނުކުމެގެން ދަމުން އަޤްޞާ ސާރާއާ ދިމާއަށް ބުންޏެވެ. "ފޯނު ކުރި ދުވަހު ސާރާ އެންގޭޖުވީ ވާާހަކަ ނުބުނަމެއްނު؟" އެ ސުވާލު ކުރުމުން ސާރާގެ މޫނުމައްޗަށް ވެރިވީ ހައިރާންކަމުގެ އަސަރެވެ.
"ނަންގަންނަން އަޅުގަނޑު ބޭނުންވި. އެކަމަކު ޢާރިފީންބޭބެ ބުނުއްވީ ބޮޑުދައިތަ ދުރުވީމާ ވާހަކަ ދައްކާނީއޭ. އަޅުގަނޑު ބޭނުންވީވެސް ބޮޑުދައިތަ ދުރުވީމާ އެންގޭޖުމަންޓުގެ ކަންތައް ކުރިއަށް ގެންދަން."
އަޤްޞާ އެނބުރި ޢާރިފީންއާ ދިމާއަށް ބަލައިލިއެވެ. އޭނާ އިސްދަށަށް ޖަހައިލިއެވެ.
"ސާރާ ޙައިދަރާ ރުހެމުތަ؟" އަޤްޞާ އަހައިލިއެވެ. ސާރާ އެ ސުވާާލަކަށް ޖަވާބެއް ނުދެއެވެ. އަޤްޞާ ހުރީ އޭނާގެ މޫނުމައްޗަށް އަރަމުން ދިޔަ ކުލަވަރަށް ބަލާށެވެ. އަޤްޞާގެ ހަނދާނަށް އައީ އޭނާގެ މާޒީއެވެ. ޞަބާއެވެ. ޢާރިފީންގެ ވާހަކަ ދެއްކީމާ ޞަބާގެ މޫނުމައްޗަށްވެސް އަރަނީ ހަމަ އެ ކުލަވަރެވެ. ތުންފަތްމައްޗަށް ވެރިވަނީ އެ ލަދުވެތި ހިނިތުންވުމެވެ.
"ކާވެނި ކުރުވަނީ ކޮން ދުވަހަކު؟" އަޤްޞާ ޢާރިފީންއާ ސުވާލު ކުރިއެވެ.
"ދެތިން އަހަރު ފަހުން."
"އެންމެ ރަނގަޅު. އެ ދެތިން އަހަރު ސާރާ ހުންނާނީ އަހަރެން ގާތު."
"ނޫން. ސާރާ އުޅޭނީ މިގޭގައި." ޢާރިފީން ހާސްވެއްޖެއެވެ.
"ކާވެނީގެ ކުރިން ސާރާ މި ގޭގައި ހުންނާނީ ކޮން ހައިސިއްޔަތަކުން؟"
"މިހައިތަނަށްވެސް ހުރި ހައިސިއްޔަތުން."
"މިހައިތަނަށް އޮތް ގޮތާއި މިހާރާ ތަފާތު. ޙައިދަރާ އެންގޭޖުވީމާ މި ގޭގައި އޭނާ ބެހެއްޓޭނޭ އެއްވެސް ގޮތެއް ނޯންނާނެ. މިގޭގައި ބަހައްޓަން ބޭނުމިއްޔާ އަވަހަށް ކާވެނި ކުރުވާ. އެހެން ނޫނީ އަހަންނާއެކު ފޮނުވާ."
އަޤްޞާ އޭނާގެ އެންމެ ފަހުގެ ނިންމުން އިއްވިއެވެ. ސާރާާ ހުރީ ކަންބޮޑުވެފައެވެ.
"އެންމެ ރަނގަޅު. އަހަރެން ޙައިދަރާ ވާހަކަ ދައްކާފައި މާދަމާ ޖަވާބެއް ދޭނަން."
"ސާރާ. ފޮށްޓަށް އެއްޗެހި ލައި ތައްޔާރުވޭ. މާދަމާ އަހަރެން އަންނާނަން ސާރާ ބަލައި." ސާރާގެ ގައިގައި ބައްދައިލުމަށް ފަހު އަޤްޞާ ބުންޏެވެ.
"އަޤްޞާ. ހޮޓަލުގައި ހުރުމުގެ ބަދަލުގައި މިގެއަށް އަންނަންވީނު؟ އެހެންނޫނީ އަޤްޞާގެ ގެއަށް އަންނަންވީނު؟ އެގެ އެހެރީ ފަޅަށް." ޢާރިފީން މިހެން ބުނީމާ އަޤްޞާ ވިސްނައިލިއެވެ.
"އެންމެ ރަަނގަޅު. އަހަރެން ހުންނާނީ އަހަރެންގެ ގޭގައި." އެންމެ ފަހުން އަޤްޞާ ހަތިޔާރު ބެހެއްޓިއެވެ.
"އަހަރެން ދައްތައަށް އަންގާނަން. އަޤްޞާ ބޭނުންވީމާ އާދޭ." ޢާރިފީން އޭނާއާއެކު ކާރާ ހަމައަށް އައެވެ.
* * *
"ޞަބާ. ތިޔަހެން އަމިއްލަ ދިރިއުޅުން ހަލާކު ނުކުރޭ. މިތަނުން ނުކުމެގެން ހިނގާ. ތިޔައީ މިގޮތަށް ގަނަތެޅެން ހައްދަވައިފައިވާ މީހެއް ނޫން. އަހަރެން ބޮޑުބޭބެއަށް ފޯނުކޮށްފައި ވާހަކަވެސް ދައްކައިފިން. ބޮޑުބޭބެ އަންނަ ހަފުތާގެ ތެރޭގައި ޕާކިސްތާނަށް އަންނާނެ. އަހަރެމެންގެ ކައިރިއަށް އަންނާން ބޭނުން ނޫނިއްޔާ ސަބާގެ އަމިއްލަ ގެއަށް ހިނގާ."
މަންމަ މަރުވިތާ ހަފްތާއެއްހައި ދުވަސް ފަހުން ޢާރިފީން އަނެއްކާވެސް ޞަބާއާ ބައްދަލު ކުރާން ދިޔައެވެ.
"މިއީ އަހަރެންގެ ދިރިއުޅުން. މި ދިރިއުޅުން ވޭތުކުރާނީ އަހަރެން ބޭނުން ގޮތަކަށް." މިއަދުވެސް ޞަބާގެ މޫނުމަތީން އެއްވެސް ކަހަލަ އަސަރެއް ފާހަގައެއް ނުކުރެވެއެވެ.
"ޞަބާ ތިޔަހެން އުޅޭ ކަމަށް ވަންޏާ އެކަކަށްވެސް ހަމަޖެހިލައިގެން ދިރިއެއް ނޫޅެވޭނެ."
"އެންމެންވެސް ތިބީ ހަމަޖެހިގެން. އުފަލުގައި. އަހަރެން އުޅޭ ގޮތަކުން އެހެން މީހަކަށް ކުރާނޭ އަސަރެއް ނެތް. އެހެން މީހަކު ކުރާނޭ ފިކުރެއްވެސް ނޯންނާނެ. ބޭނުމަކަށް ވީ އަހަރެން ބަރުބާދުކޮށްލުން. ޢާރިފީންމެން، އެންމެން ވެގެން އެކަން ކޮށްފީމު." ޞަބާގެ ދުލުން ޝަކުވާގެ ބަހެއް އިވުނު މިއީ ފުރަތަމަ ފަހަރެވެ.
"ޞަބާ ބަރުބާދެއް ނުވޭ. އަހަރެން ޞަބާއާ އިންނާނަން. ހުރިހައި ކަމެއް ރަނގަޅު ވެދާނެ." ޢާރިފީން އޭނާގެ ހިތުގެ އަޑީގެ އެދުން ހާމަކޮށްލިއެވެ.
"އަސްމާއާއި ޙައިދަރަށް ވާނީ ކިހިނެއް؟" ޞަބާ ހައިރާން ވެފައި އަހައިލިއެވެ.
"އަސްމާ އެއްބަސް ވާނެ. އޭނާ އަހަރެން ދެކެ ލޯބިވޭ. އަހަރެން ޞަބާ ދެކެ ލޯބިވާކަން އޭނާއަށް އެނގޭނެ." ޢާރިފީން ޔަގީންކަމާއެކު ބުނެލިއެވެ.
"މީސްމީހުންގެ ފައިދަށުން ބިންގަނޑު ދަމައިގަންނާކަށް އަހަންނަކަށް ނޭނގޭ. އަދި ދަމައިގަތަސް އެ ބިންމަތީގައި އަހަރެންގެ ފައިތިލަ ސާބިތުކުރާކަށް ނޭނގޭނެ. ޢަރިފީން ވަނީ އަހަރެން މިއީ ފުޅައެއް ކަމަށް ބަލާފައި ގޮނޑަށް އެއްލާލާފައި. މިހާރުވެސް އަހަންނަށް އިހުސާސް ކުރެވެނީ އަހަރެން މިއީ ފުޅައެއް ކަމަށް. ޢާރިފީން މިހާރު ތިޔަ އުޅެނީ ރަނގަޅު އުފާވެރި ދިރިއުޅުމެއްގައި. އެ ދިރިއުޅުން ކުރިއަށް ގެންދޭ. އެހެން މީހުންގެ ގައިމަތީގައި އޮންނަ ރަޖާ ދަމައިގަނެގެން ހީފިލުވުމަކީ އަހަރެން ދަންނަ ކަމެއް ނޫން."
އެއީ ހަަމަ އެ ޞަބާއެވެ. ތިން އަހަރު ކުރީގެ ޞަބާއެވެ. ބަދަލުވީ ބޭރުފުށުން ފެންނަ ގޮތެވެ. އެތެރެފުށް ހަމަ އޮތް ގޮތަށް އޮތީއެވެ.
"އެންމެ ރަނގަޅު. އަހަންނާ އިންނަން ބޭނުން ނޫނިއްޔާ ނީނދޭ. އެކަމަކު ޞަބާގެ މައިންބަފައިންގެ ގެއަށް ދާންވީނު؟ އަމިއްލަ ނަފުސާމެދު ނުވިސްނަންޏާ ސާރާއާމެދު ވިސްނާލަންވީނު؟" ޢާރިފީން އަނެއްކާވެސް އޭނާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.
"މިހާރު މި ވިސްނަނީ ސާރާއާމެދު އެކަނި. އަހަރެންގެ އާއިލާގެ މީހުންގެ ގާތަށް ދާ ހިތެއް ނެތް. އެމީހުން އަހަރެން ބަލައިގެންފާނެ. އެކަމަކު ސާރާ ބަލައެއް ނުގަންނާނެ. އެމީހުންނަށް އަހަރެންގެ ދަރިފުޅު ފެންނާނީ ބުރައެއްގެ ގޮތުގައި. އޭނާ ދެކެ ރުޅި އަންނާނެ. ސާރާގެ ބައްޕަ މިއީ އޭނާގެ ދަރިއެއް ކަމަށް ގަބޫލު ނުކުރިކަން ޢާރިފީންއަށް އެނގޭނެ. އޭނާ އަހަރެން ވަރިކުރީވެސް އެހެން ވެގެން. ފިރިހެނުންނަށް ކަސްބީ އަންހެނުންވެސް ކަމުދޭ. އެކަމަކު ބޮލުގައި ތުހުމަތެއް އެޅުވިފައި އިންނަ އަންހެނަކު ކަަމަކުނުދޭ. މާދަމާ ސާރާ ބޮޑުވެގެން ހުރިހައި ކަމެއް އެނގުނީމާާ އެ މަންޖެ ހަދާނީ ކިހިނެއް؟ ހިނގައި ދިޔަ އެއްވެސް ކަމެއްގައި އަހަރެންގެ ކުށެއް ނެތް. އެކަމަކު އަދަބު ލިބުނީ އަހަންނަށް. އެއީ ސާރާގެ ކުށެއްވެސް ނޫން. އަހަންނަށް ލިބުނު ފަދައިން އަހަރެންގެ ދަރިފުޅަށް އޭނާ ނުކުރާ ކަމެއްގެ އަދަބު ލިބުމަކީ އަހަރެން އެދޭ ކަމެއް ނޫން."
"އެހެން އެންމެންގެ ފިކުރު އެބަކުރަމު؟ އަމިއްލަ ނަފުސާމެދު ފިކުރެއް ނުކުރަންތަ؟"
"ﷲ ވެސް އަހަންނަށް ބައްލަވައިވޮޑިއެއް ނުގަތް. އެހެންވީމާ އަހަރެން ކުރަންވީ ކޮން ފިކުރެއް؟ ޢާރިފީން. އަހަންނަށް ހީވާ ގޮތުގައި އަހަންނަށް ބޮޑު ފާފައެއް ކުރެވިފައި އޮންނާނެ. އަހަންނަށް މި ދެއްކެވި ކަހަލަ ވޭނީ ދިރިއުޅުމެއް ފާފައެއް ނުކުރާ މީހަކަށް ﷲ ނުދައްކަވާނެ. މީގެ ތިން އަހަރުކުރިއަށް ބަލައިލާއިރު ﷲ އާ އަހަންނާ ގުޅުން އޮވޭ. އަހަންނަށް އެކަން އިހުސާސް ކުރެވޭ. އަހަރެން ﷲ އާ ވާާހަކަ ދައްކަން. ﷲ އަހަރެންގެ ވާހަކައަށް ރުހިވޮޑިގަތުން ދައްކަވާ. އެކަމަކު އެކަން ހުއްޓުނުތާ ތިން އަހަރު ވެއްޖެ. މިހާރު އަހަންނަކަށް ރުއްސެވުމެއް އިހުސާސެއް ނުކުރެވޭ. އަހަރެން މި ގެންދަނީ ﷲ ރުހިވޮޑިގަންނަވާނޭ ކަމަށް ފެންނަ ހުރިހައި ކަމެއް ކުރެވޭތޯ މަސައްކަތް ކުރަމުން. ކެތްތެރިން ދެކެ ﷲ ރުހިވޮޑިގަންނަވާ. ނިކަން ދެކިބަލަ. އަހަރެން ކެތްކުރިން. އަހަރެން އެއްވެސް ޝަކުވާއެއް ނުކުރަން. ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އަހަރެން އެއްވެސް އާދަމުގެދަރިއެއްގެ ގާތު މި ވާހަކައެއް ނުދައްކަން. އެކަމަކު ﷲ އަދިވެސް ރުހިވޮޑިއެއްނުގަންނަވާ. މައާފު ކުރާ މީހުން ދެކެ ﷲ ލޯބިވެވޮޑިގަނޭ. އަހަރެން އެންމެންނަށް މައާފުވެސް ކޮށްފިން. ޢާރިފީންއަށް މައާފު ކޮށްފިން. ބޮޑުބޭބެއާއި ބޮޑުދައިތައަށް މައާފު ކޮށްފިން. ހުރިހައި އެންމެންނަށް މައާފު ކޮށްފިން. އެކަމަކު އަދިވެސް ﷲ ގެ ރުއްސެވުމެއް އަހަންނަކަށް ނުލިބޭ. ނިކަމެތިކަމާއި މަޑުމޮޅިކަން ދެކެ ﷲ ރުހިވޮޑިގަނޭ. އަހަރެން ބޭނުން ވަނީ ބިމުގައި މިހިރަ ހިރަފުހަށް ވާން. މީސްމީހުންގެ ފައިތިލަ ދަށުގައި ވެ ވެއްޔާ މޮޑެވެން. އެކަމަކުވެސް... ޢާރިފީން. އަހަންނަށް ހީވަނީ އަހަރެން މިހިރީ ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި ވަރަށް ބޮޑު ފާފައެއް ކޮށްފައިހެން."
ޞަބާ ރޯން ފަށައިފިއެވެ. ޢާރިފީން ބޭނުންވީ އޭނާ ރޯތަން ދެކޭށެވެ. އޭނާ ޝަކުވާގެ އަޑު އަހާށެވެ. އެކަމަކު އެ މަންޒަރު ފެނުނީމާ އުށް ވިރޭހެން އޭނާގެ ވުޖޫދު ވިރެމުން ދާ ކަމުގެ އިހުސާސް ކުރެވޭން ފަށައިފިއެވެ.
"ޞަބާއެވެ. ތިޔަ ކަހަލަަ ވާހަކަަ ނުދައްކާށެވެ. ޞަބާއަށް މެދުވެރިވީ ކަންތައްތަކުގެ ސަބަބުން އެތައް ދިރިއުޅުމެއް ހަލާާކު ވެގެން ހިނގައްޖެއެވެ. ޞަބާގެ ކަރުނައިގެ ސަބަބުން ﷲ އެތައް ބަޔަކަށް ލޭގެ ކަރުނަ އޮއްސަން މެދުވެރި ކުރެއްވިއެވެ. ކެތް ކުރާނެ ކަމެއް ނެތެވެ. ޝަކުވާ ކުރާށެވެ. މައާފު ނުކޮށް ބަދަލު ހިފާށެވެ. އެހެން ހެދީމާ އެތައް ބައެއްގެ ދިރިއުޅުން ބަރުބާދުނުވެ ސަލާމަތް ވާނެއެވެ. އެހެންނޫނީ ﷲ ގެ ކޯފާއިން އެމީހުން ސަލާމަތެއް ނުވާނެއެވެ." ޢާރިފީންގެ ހިތަށް އަރަމުން ދިޔައެވެ.
ޢާރިފީން ތަންކޮޅެއް ކައިރިއަށް ޖެހިލާފައި އަހައިލިއެވެ. "ޞަބާާ. ބުނޭ. އަހަރެން ޞަބާއަށް ކޮށްދޭންވީ ކޮން ކަމެއް؟"
"އެންމެ ކަމެއް ކޮށްލަދީ. މީގެ ފަހުން ދުވަހަކުވެސް އަހަރެން ފެންނަ ހިސާބަށް ނާންނާތި. އަހަންނާ ގުޅަން މަސައްކަތް ނުކުރާތި. އަހަރެން ވީތަނެއް ހޯދަން މަސައްކަތް ނުކުރާތި. އަހަންނަށް ކަމެއް ކޮށްދޭން ބޭނުމިއްޔާ މިހެން ހަދާ."
ޞަަބާ އަދިވެސް ރޮނީއެވެ. ހުއްޓައިނުލައި ރޮނީއެވެ. އަތުގައި ހުރި ހުރިހައި އެއްޗެއް މީހަކު ޖަހައިގަތީމާ ކުޑަ ކުއްޖަކު ރޯ ފަދައިން ރޮނީއެވެ. ޢާރިފީން އިރުކޮޅަކު އޭނާ ގާތުގައި އިށީނދެގެން އިނެވެ. އެންމެ ފަހުން ކެތް ނުކުރެވޭ ވަރުވީމާ ނުކުމެގެން އަތުވެއްޖެއެވެ.
އަނެއް ދުވަހު ހަވީރު ޢާރިފީން، ޞަބާގެ ޑިގްރީތަކާއި އެހެނިހެން ލިޔުންތައް ހިފައިގެން އެގޭ ދޮށަށް ދިޔައެވެ. ގެ ހުރީ ތަޅުލައިފައެވެ. އޭނާ އިންތިޒާރުގައި އެތައް އިރަކު އިނެވެ. ޞަބާގެ ޚަބަރެއް ނުވިއެވެ. އޭނާ ޖެހިގެން ހުރި ގޭގެ ދޮރުގައި ޓަކި ޖަހައިލިއެވެ.
އެގެއިން ނުކުތް އަންހެނަކާ ސުވާލު ކުރީމާ ބުންޏެވެ. "އޭނާ ފަތިހު ހުރިހައި ސާމާނެއް ހިފައިގެން ގެ ދޫކޮށްފައި ހިނގައްޖެ. ގޭގެ ތަޅުދަނޑި އަހަންނާ ހަވާލު ކޮށްފައި ބުނި ގޭގެ ވެރިމީހާގެ އަތަށް ދޭށޭ."
ޢާރިފީންގެ ދުނިޔެ އަނެއްކާވެސް އަނދިރިވީއެވެ.
އޭގެ ފަހުން އޭނާ ޞަބާ ވީތަނެއް ހޯދާކަށް މަސައްކަތެއް ނުކުރެއެވެ. މަސައްކަތް ކުރިޔަސް މި ފަަހަރު ނުފެންނާނޭކަން އޭނާއަށް ޔަގީނެވެ.
ޞަބާގެ އާއިލާގެ މީހުން އެނބުރި ޕާކިސްތާނަށް އައެވެ. އެމީހުން ތިބީ ޢާރިފީންގެ އާއިލާގެ މީހުންނާ އޮތް ހުރިހައި ގުޅުމެއް ކަނޑައިލައިގެންނެވެ. އެކަމަކު ޞަބާގެ ބައްޕައަކަށް ޢާރިފީން ދެކެ ރުޅި އައިސްގެންނެއް ނުހުރެވުނެވެ. އޭނާގެ ފައިބުޑަށް ތިރިވެ މައާފަށް އެދުނެވެ. އެނބުރި ދަމުން އެމީހުން ދިޔައީ ޞަބާާގެ ގެ ވިއްކާލައިފައެވެ. ގެ ގަތީ ޢާރިފީންއެވެ.
އޭގެ ފަހުން ޢާރިފީންވެސް އަސްމާއާއި ޙައިދަރު ގޮވައިގެން ފަރަންސޭސިވިލާތަށް ހިނގައްޖެއެވެ. ފަރަންސޭސިވލާތުގައި އޭނާއަށް ކުރިމަތިލާން ޖެހުނީ ސިކުނޑީގެ ތުރާލާއެވެ. ނަފްސާނީ ބަލީގެ ޝިކާރައަަކަށް އޭނާ ވެއްޖެއެވެ. އެއްވެސް ކަމެއް ކުރުމުގެ ގާބިލުކަން ނެތި ތިން މަހެއްހައި ދުވަހު އުޅޭން ޖެހުނެވެ. ގިނަ ވަގުތު ހުންނަނީ އަނގައިން ނުބުނެ ހިމޭނުންނެވެ.
އޭގެ ފަހުން އަސްމާއާއި ޙައިދަރުގެ ސަބަބުން މަޑުމަޑުން އާދައިގެ ހާާލަތަށް ބަދަލުވާން ފަށައިފިއެވެ. އަސްމާ އޭނާއަށް ވަރަށް ބޮޑަށް އެހީތެރިވިއެވެ. ޞަބާއާ ބެހޭ ގޮތުން ޢާރިފީންއާ ވާހަކަ ދައްކާން އޭނާ އެތައް އިރެއް ވާންދެން އިނދެއެވެ. ކެތްތެރިކަމާއި ހަމްދަރުދީއާއެކު ޢާރިފީންގެ ވާހަކަތައް އަޑު އަހައެވެ. އަނގައިން ނުބުނެ އިނުމުގެ ބަލިގަނޑު ހިލިގަތީމާ ޞަބާގެ ވާހަކަ ދައްކައިގެން އޭނާއަށް ވާހަކަ ދައްކަން މަޖުބޫރު ކުރުވައެވެ.
ޕާކިސްތާނަށް ނުގޮސް ފަރަންސޭސިވިލާތުގައި އެމީހުން އެތައް އަހަރެއް ހޭދަކުރިއެވެ. އެނބުރި އައީ ބައްޕަގެ މަރުގެ ޚަބަރު ލިބުނީމައެވެ.
* * *
"ދެކޮޅު ހަދަން އޮތީ ކޮން ކަމެއް؟ ކޮންމެ މީހަކުވެސް އެމީހެއްގެ ދަރީގެ ސަލާމަތާއި ރައްކާތެރިކަމަށް އެދޭނެ. ސާރާގެ މައިންބަފައިންނެއް ނެތް. ވާރުތައިން އޭނާގެ ބެލެނިވެރިއަކީ އަހަރެން. އެހެންވީމާ އޭނާގެ ރައްކާތެރި ކަމަށްޓަކައި ޝަރުތުތަކެއް ހުށަހެޅުމަކީ ނުބައި ކަމެއް ނޫން."
ޙައިދަރާއި ސާރާގެ ކާވެނީގެ ބަދަލުގައި އަޤްޞާ އެދުނީ ޢާރިފީންގެ ގެއަށެވެ. އޭގެ ބަދަލުގައި ޢާރިފީން ހުށަހެޅީ ޞަބާގެ ގެއެވެ. އެ ގެ ސާރާގެ ނަމަށް ބަދަލު ކުރާށެވެ. އެކަމަކު އަޤްޞާ ބޭނުންވީ ޞަބާގެ ގެޔާއެކު ޢާރިފީންގެ ގެވެސް ސާރާގެ ނަމަށް ބަދަލު ކުރުވާށެވެ. ޢާރިފީން އެކަމަކާ ދެކޮޅެއް ނުހަދައެވެ. އެކަމަކު ޙައިދަރު ދެކޮޅު ހަދައިފިއެވެ.
(ނުނިމޭ)
ވަރަށް އަސރުގަދަ
Miadhu Naeem beybe kobaithoa.Alhugan'dumen ge mathin han'dumafulhu naththavaa nulavvahchey.
sabaa ah bandualhaa vihey mimeehaa ves qadhareh nukuraatheen badhu dhuvaa aa aku muskulhi akaa havaalu kuree
saaraa ah rangalhu gotheh vaan
ves neydhe nee
ahen noonee midhey there ah nuvaneema nimuneen
V.shukuriyya
?????♥️
Agsa haadha kanthah falayey.sara dhifaau kuran mihaaru thivaru vanee keevve.eyru dhaththa ge bahaha ithubaarukoh dhaththa dhifaau kuran nikuiynama
Sabaa.hiyvarugadha in'gey.rovijje
Haadha keiygadha kujjeh.vaahaka varah baraabaru.varah nala.Naeem ah shukuru vaahaka avahah genesdhineethee