އިތުބާރު - 17

(5 ނޮވެމްބަރ 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ސާރާގެ ކިބަޔަކު އެއްވެސް އުނިކަމެއް ނެތް. ރީތި ކުއްޖެއް. ތައުލީމީ ވިސްނުންތެރި ކުއްޖެއް. ގިނަ ފިރިހެނުންނަށްވުރެ މާ ވިސްނުންތެރި. އަޚުލާގު ރަނގަޅު. އިތުރަށް ބޭނުން ވަނީ ކޮން ރީތި ސިފައެއް؟" ޢާރިފީން މަސައްކަތް ކުރަމުން ދިޔައީ އޭނާ ލަންބުވާށެވެ.

"ތިޔަ ބުނުއްވި ހުރިހައި ކަމަކުން ޙައިދަރު އަޅުގަނޑަށް ވުރެ މާ ރަނގަޅު. އެހެންވީމާ ތިޔަ ކަހަލަ ކަމަކާ އަޅުގަނޑު ދުވަހަކުވެސް ނުވިސްނަން. ހިތަކަށްވެސް ނާރުވަން."

"އެހެން ވެއްޖެއްޔާ މިހާރު ވިސްނާ. ހިތަށް އަރުވާ."

ހަދާނޭ ގޮތެއް، ބުނާނޭ އެއްޗެއް ސާރާގެ ވިސްނުމަކަށް ނައެވެ. މިއީ އޭނާ އެއްގޮތަކަށްވެސް ނުވެސް ވިސްނައި ހުއްޓައި ކުއްލިއަކަށް ދިމާވީ ކަމެކެވެ. މިކަހަލަ ކަމަކާ ކުރިމަތިލާން ޖެހިދާނޭ ކަމަކަށް އޭނާ ދުވަހަކުވެސް ހިއެއް ނުކުރެއެވެ.

ޢާރިފީން ތެދުވެގެން ހިނގައްޖެއެވެ. ރޭގަނޑު ކާން އިން އިރުވެސް އޭނާ އިނީ ހާސް ވެފައެވެ. ޙައިދަރު އާދައިގެ މަތީން ބައްޕަޔާ ވާހަކަ ދައްކަމުން ކަމުން ގެންދިޔައެވެ. އެކަމަކު ސާރާ ކާ ހިތެއް ނުވެއެވެ. ޙައިދަރާ ދިމާއަށް ބަލާން އޭނާ ޖެހިލުންވީ ފުރަތަމަ ފަހަރަކީ މިއީއެވެ. ޢާރިފީން ކައި ނިމިގެން، ތެދުވެގެން ދިޔައީމާ ޙައިދަރު އޭނާޔާ ދިމާއަށް ބަލައިލިއެވެ.

"ސާރާ. އުނދަގޫ ނޫނިއްޔާ މާދަމާރޭ އަހަންނާ އެކީ ބޭރަށް ކާން ދެވިދާނެތަ؟ އަހަރެން ދައްކަން ޖެހޭ ވާހަކައެއް އެބައޮތް."

ސާރާ އަނގަޔަކުން ނުބުނެއެވެ. ހާސްވެފައި އިސް ޖަހައިލައިގެން އިނީއެވެ.

"ހަވީރު ފަސްގަޑި ބަޔަށް ތައްޔާރު ވެގެން ހުންނާތި." މިހެން ބުނެފައި ޙައިދަރު ތެދުވެގެން ހިނގައްޖެއެވެ.

* * *

އަނެއް ދުވަހުގެ ހަވީރު ނޯކަރަކު އައިސް ސާރާގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަަހައިލިއެވެ. އޭނާ ދޮރު ހުޅުވައިލިއެވެ.

"ޙައިދަރު އެބަ ގޮވައިލައްވާ." ނޯކަރު ބުންޏެވެ.

"އެބަ ދަން." އޭނާ ބޫޓުގެ ނާޑުވާފަށް އައްސަމުން ބުނެލިއެވެ.

ސާރާ ތިރިއަށް ފޭބިއިރު ޙައިދަރު އިނީ ބޮޑުކޮޓަރި ތެރޭގައި ހުރި ގޮނޑިއެއްގައި އިށީނދެގެންވެ. އޭނާ ފެނުމާއެކު ތެދުވެއްޖެއެވެ.

"ހިނގާ."

"ބޭބެގެ ހުއްދަ ހޯދައިފިންތަ؟"

ޙައިދަރު ހިނިތުން ވެލިއެވެ. "ބައްޕަގެ ހުއްދަ ނުހޯދައި ސާރާ ގޮވައިގެން އަހަންނަށް ބޭރަށް ދެވިދާނެހެން ހީވޭތަ؟ ހާސްނުވޭ. އަހަރެން ފުރަތަމަ ސާރާއަށް ދައުވަތު ދިނީވެސް ބައްޕަގެ ހުއްދަ ހޯދައިގެން." ޙައިދަރު ބޭރުގައި އޮތް ކާރާ ދިމާއަށް ހިނގައިގެންފިއެވެ.

މައި މަގަށް ނުކުމެ ދާން އުޅޭ ތަނަށް މިސްރާބު ޖެހުމަށް ފަހު ޙައިދަރު ވާހަކަ ދައްކާން ފެށިއެވެ. "އަހަންނާ ބެހޭ މާ ގިނަ ކަންތައްތަކެއް ސާރާއަކަށް ނޭނގޭނެ. އެހެންވީމާ ބައެއް ވާހަކަ ކިޔައިދޭނަން."

ސާރާ އަނގަޔަކުން ނުބުނެއެވެ.

"އަހަރެންގެ މަންމައަކީ ފަރަންސޭސިއެއްކަން ސާރާއަށް މިހާރު އެނގޭނެ. އަހަރެން އުފަންވީ ފަރަންސޭސިވިލާތަށް. ބާރަ އަހަރު އުޅުނީ އެތާނގައި. އޭގެ ފަހުން ބައްޕަ އަހަރެމެން ގޮވައިގެން އެނބުރި ޕާކިސްތާނަށް އައީ. އަހަރެން އޭލެވެލް އާ ހަމައަށް ކިޔެވީ މި ރަށުގައި. އޭގެ ފަހުން ދިޔައީ ލަންޑަނަށް. ލަންޑަނުގައި ކިޔެވީ ބިޒްނަސް މެނޭޖްމަންޓް. ކިޔަވައި ނިމިގެން ލަންޑަނުގެ ކުންފުންޏެއްގައި ދުވަސްކޮޅަކު އުޅުނިން. އެއަށް ފަހު އެނބުރި ގައުމަށް އައީ. މިހާރު މަސައްކަތް މި ކުރަނީ މި ރަށުގެ ބޭންކެއްގައި. ލަންޑަނުން އެނބުރި އައިތާ މިވީ ހައެއްކަ މަސް ދުވަސް. އަހަރެން އައީ ސާރާ މިގެއަށް އައުމުގެ ގާތްގަނޑަކަށް ތިން މަހެއްހައި ދުވަސް ކުރިން. އަހަރެންގެ މަންމައަކީ ނަމުގައި ފަރަންސޭސިއެއް. ބައްޕަޔާ އިނީ އިސްލާން ވެގެން. އެޔަށް ފަހު އިރުމަތީގެ ވައްޓަފާޅިއަށް ބަދަލު ވެގެންފި. މަންމަގެ އާއިލާގެ މީހުންނަކީ ވަރަށް މިނިވަން ޚިޔާލުގެ ބައެއް. އެހެންވީމާ ޕާކިސްތާނުގެ މާހައުލަށް ފެތޭކަށް މަންމައަކަށް އުނދަގުލެއް ނުވި. މަންމަ ހުޅަނގުގެ ހެދުމެއް އަޅައިގެން ހުއްޓައެއް އަހަރެން ދުވަހަކުވެސް ނުދެކެން. ބައެއް ފަހަރަށް ހުންނާނީ ޝަލްވާރު ގަމީހުގައި. ބައެއް ފަހަަރަށް ސާޅި އަޅައިގެން. އަހަރެން މި ހުރިހައި ވާހަކައެއް މި ކިޔައި ދެނީ ބުރުސޫރައާއި ކުލައަށް ބަލާފައި އަހަރެން ޔޫރަޕު މީހެއް ކަމަށް ހީވިޔަސް އަހަންނަކީ ވިސްނުމާއި އުޅުމުގައި އިރުމަތީގެ މީހަކީމޭ ބުނަން ވެގެން. ބޭރުގައި އުޅުނަސް ގިނަ ކަންތައްތަކުގައި އަހަރެންގެ ޚިޔާލު ހުންނަނީ އިރުމަތީގެ އާދަކާދަޔާ އެއްގޮތަށް. އަހަރެން އަމިއްލައަށް ގަބޫލު ކުރާ ވަކި ހަމަތަކެއް ހުރޭ. އަހަރެން މިއީ މާ ގިނައިން ބޭރަށް ގޮސް ޕާޓީކުރާހިތްވާ މީހެއް ނޫން. އެހެންވީމާ އަހަރެންގެ ރައްޓެހިން ވަރަށް މަދު ވާނެ." ޙައިދަރު ހީނލިއެވެ.

އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދިޔައެވެ. "އަހަރެން މިއީ ވަރަށް މީހުނާ ދުރުގައި އުޅޭ މީހެއް. ބޭރުން ކިޔެވިޔަސް އަންހެން ކުދިންނާ މާ ބޮޑަށް ގާތްވެގަނެގެން އުޅުމަކީ އަހަރެން ކުރާ ހިތްވާ ކަމެއްނޫން. އަހަންނާ މާ ގާތް އެއްވެސް އަންހެން ކުއްޖަކު ނޫޅޭނެ. އަހަރެންގެ ޝައުގުވެރިކަން ހުންނަނީ ހަމައެކަނި ބޭންކުގެ މަސައްކަތަށް. އަދި ކުޅިވަރު ކުޅުމާއި ކުޅިވަރު ކުޅޭތަން ބެލުމުގެ ޝައުގުވެރިކަންވެސް ހުރޭ."

"ސާރާއާ ބެހޭ ގޮތުން އަހަރެން ކުރިއަކުން އެއްގޮތަކަށްވެސް ނުވިސްނަން. އަހަރެން ދުށް ގޮތުގައި ސާރާއަކީ ހަމައެކަނި މެހުމާނެއް. އެއަށްވުރެ ދުރަކަށް އަހަރެންގެ ވިސްނުން ނުގެންދަން. އެހެން ވިސްނާ ހިތެއްވެސް ނުވޭ. އެއީ ތިޔައީ އަންހެން ކުއްޖަކަށް ވާތީ. އަހަރެންގެ ގޭގައި އުޅޭތީ ސާރާ ބެލެހެއްޓުމަކީ އަދި ގަދަރު ކުރުމަކީ އަހަރެންގެ އިޖުތިމާއީ ވާޖިބެއް ކަމަށް އަހަރެން ބެލިން. ސާރާގެ ޚިޔާލު ހުރި ގޮތް އަހަންނަށް ރަނގަޅަށް ސާފުވީ ބައްޕަޔާ އެއްކަލަ ދުވަހު ދެއްކި ވާހަކައިގެ ސަބަބުން. ސާރާގެ މައްޗަށް އަހަރެންގެ ހިތުގައި އޮތް ގަދަރު އެ ދުވަހު ބޮޑުވެގެން ދިޔަ. ސާރާއާ އަހަންނާ ދެމީހުންގެ ކާވެނީގެ ވާހަކަ ބައްޕަ އަހަރެން ގާތު ދެއްކެވި. އަހަރެން ވިސްނައިލީއިރު ސާރާ ވަރަށް ރަނގަޅު އަނތްބަކަށް ވާނެ. އެހެންވީމާ ބައްޕަގެ ވާހަކަޔަކާ އަހަރެން ދެކޮޅެއް ނުހަދަން. ދެން ބައްޕަ ވާހަކަ ދެއްކެވީ ސާރާޔާ. ސާރާ ޖަވާބެއް ނުދިން. ވަކި ގޮތަކަށް ނިންމުމުގެ ކުރިން އަހަންނާ ބެހޭ ބައެއް ވާހަކަ ކިޔައިދޭނަމޭ ހިތަށް އެރީ ސާރާއަށް ފަސޭހަކޮށް ދިނުމުގެ ގޮތުން."

"އަހަންނަށް ސާރާއާ ބެހޭ ގޮތުން ގާތްގަނޑަކަށް ހުރިހައި ކަމެއް ކަހަލަ ގޮތަކަށް އެނގޭ. އަހަންނަށްވުރެ ހައެއްކަ މަސް ދުވަސް ދޮށިކަންވެސް އެނގޭ. މާޒީގެ އެއްވެސް ވާހަކައެއް އޮޅުން ފިލުވާކަށް އަހަރެން ބޭނުމެއް ނޫން. ބައްޕައާއި ސާރާގެ މަންމަ އެކަކު އަނެކަކު ދެކެ ލޯބިވީކަން ދެނަހުރީމެއްނު؟ ދެމީހުނަކަށް އެކީގައި އުޅެވޭ ގޮތެއް ނުވި. ބައްޕަ މިހާރު ބޭނުވެލައްވަނީ އަހަރެމެން ދެމީހުން ދެވަން. ބައްޕަ ސާރާ ދެކެ ވަރަށް ބޮޑަށް ލޯބިވެލައްވާ. ސާރާ އަހަރެމެންގެ ގޭގައި އުޅޭގޮތް ހައްދަވަން ބައްޕަ އެހައިވަރުން އުޅުއްވާ ސަބަބަކީ އެއީ. އެކަމަކު ސާރާ އެއްބަހެއް ނުވީމު. ސާރާގެ އުޒުރުތައް ކޮންމެވެސް ވަރަކަށް އަހަންނަށް ގަބޫލު ކުރެވޭ. އަހަރެމެންގެ ގޭގައި އުޅުމުގެ ހައްގެއް ތިމަންނާއަކަށް ނެތެކޭ އަހަންނާ އިނުމަށް ފަހު ސާރާއަކަށް ނުބުނެވޭނެ."

"އަހަންނަކީ މާ ބޮޑު މުއްސަންޖަކީމެއް ނޫން. ވަޒީފާއެއް އަދާކުރަން އަދި ކިރިޔާ މި ފެށީ. އެކަމަކު ސާރާއަށް ބޭނުންވާ ހުރިހައި ކަމެއް ކުރެވޭ ވަރުގެ ފައިސާކޮޅެއް އަހަރެންގެ އަތުގައި ހުންނާނެ. ރަނގަޅަށް މަސައްކަތް ކުރެވެން ފެށީމާ އާމްދަނީވެސް އިތުރު ވާނެ. ސާރާއަށް އެއްވެސް ކަމަކުން ދަތިވިޔަ ނުދީ ވޭތޯ ބަލާނަން. ރަނގަޅު ފިރިއަކަށް ވެވޭތޯ މަސައްކަތް ކުރާނަން. މިހާރު އަހަރެން މި އުޅެނީ ބައްޕަގެ ގޭގައި. ދުއްވަނީ ބައްޕަ ދެއްވި ކާރެއް. އެހެންވީމާ މާލީ ގޮތުން ބަލާއިރު އަހަންނާ ސާރާއާ ދެމެދަކު މާާ ބޮޑު ތަފާތެއް ނެތް. ސާރާ އަހަންނާ އިންނަން ރުހިއްޖެއްޔާ މި ވަގުތު އަހަރެން ބޭނުން ވަނީ ހަމައެކަނި އެންގޭޖުވާން. އިންނާނީ ދެތިން އަހަރު ފަހުން. އަމިއްލަ ކާރުގަނޑެއް ގަނެލެވޭވަރު ވީމާ."

ސާރާގެ މޫނަށް ނުވެސް ބަލައި ހުރެ ޙައިދަރު މަޑުމަޑުން ވާހަކަ ދައްކަމުން ދިޔައެވެ. ސާރާ އިނީ ހައިރާން ވެފައެވެ. ޙައިދަރުގެ ވާހަކައިގައި ހުރީ މަޑުމައިތިރިކަމާއި ހިތްތިރިކަމެވެ. މީގެ ކުރީން އުޑަށް އަރުވައިގެން އުޅުނު މީހާ މިހާރު މި ފެންނަނީ ބިންމަތީންނެވެ. ސާރާ ޙައިދަރުގެ ބޮލަށް ބަލައިލިއެވެ. އޭނާގެ ކަޅު އިސްތަށިގަނޑުގެ ތެރެއިން ފާޅުވެ ފެންނާން ހުންނަ މުށިކުލައިގެ އިސްތަށި އޭނާއަށް ވަރަށް ކަމުދެއެވެ. އޭނާގެ އިސްތަށިގަނޑެކޭ އެއްފަދައިން އޭނާގެ ޝަޚުސިއްޔަތަކީވެސް އާދަޔާ ޚިލާާފު ޝަޚުސިއްޔަތެކެވެ.

"ސާރާ އަހަންނާ އިނދެފާނަންހޭ އަހައިފިއްޔާ ބުނާނީ ކީކޭ؟"

"އާނ!" އޭނާގެ ދުލުން މި ލަފުޒު ނުކުތީ ކިހިނެއް ކަމެއް އޭނާއަކަށްވެސް ނޭނގުނެވެ.

ޙައިދަރުގެ ތުންފަތްމައްޗަށް ހިތްގައިމު ހިނިތުންވުމެއް ވެރިވިއެވެ. "ޝުކުރިއްޔާ."

ދެމީހުން ދިޔައީ ވަރަށް ރީތި ރެސްޓޯރަންޓަކަށެވެ. ޙައިދަރުގެ ކިބައިގައި ހުރީ ކޮން ކަހަލަ ޖާދޫއެއް ކަމެއް އޭނާއަކަށް ނޭނގެއެވެ. އެނގޭ ވަރަކީ އޭނާ ޙައިދަރު ދެކެ ބިރެއް ނުގަންނަކަމެވެ. އަދި ޖެހިލުންވުމުގެ ކަންފުޅެއްވެސް ނެތްކަމެވެ. ދެ މީހުން އެކި މަވްޟޫއަށް ވާހަކަ ދައްކަމުން ދިޔައިރު ހީވަނީ އެކީގައި ރެސްޓޯރަންޓަތަކަށް ގޮސް ކައި އުޅޭން އާދަވެފައި ތިބި ދެމީހުން ހެންނެވެ. އެ ރެއަކީ އޭނާގެ ދިރިއުޅުމުގައި މިހައިތަނަށް އައި އެންމެ ރަނގަޅު ރެއެވެ. އެރޭ ނިދުނު އިރު އޭނާގެ ސިކުނޑީގައި ހަރުލައިފައި ހުރީ އެންމެ ތަސްވީރެކެވެ. އެއީ ޙައިދަރުގެ ތަސްވީރެވެ.

ތިންވަނައަށް ވދުވަހު ވަރަށް އާދައިގެ ރަސްމިއްޔާތެއްގައި ދެމީހުން އެންގޭޖު ވެއްޖެއެވެ. ރަސްމިއްޔާތުގައި ބައިވެރިވީ ޢާރިފީންގެ ދައްތަމެންނާއި އާއިލާގެ ބައެއް ބޮޑުންނެވެ. ސާރާ ބޭނުންވީ އަޤްޞާ ޕާކިސްތާނަށް އައީމާ ރަސްމިއްޔާތު ބާއްވާށެވެ. އެހެންނަމަވެސް ޢާރިފީން ބޭނުންވީ ވީހައިވެސް އަވަހަކަށް ބާއްވާށެވެ. އަޤްޞާ އަންނާނޭ ދުވަހެއް ކަނޑައެޅިގެން އެގެނީކީވެސް ނޫނިއްޔާއެވެ. ސާރާ މުޅީން ހިތްހަމަ ނުޖެހުނު ނަމަވެސް ޢާރިފީން ބުނި ގޮތަށް އެއްބަސްވީއެވެ. އަޤްޞާ ގާތު ކުރިން ބުނުންވެސް ޢާރިފީން އޮތީ މަނާ ކޮށްފައެވެ. އެއީ އޭނާ ގާތު ނުބުނެ ނިންމީތީ އަދި އޭނާ އައުމުގެ ކުރިން ރަސްމިއްޔާތު ބޭއްވީތީ އޭނާގެ ހިތުގައި ޖެހިދާނެތީޔޯލައެވެ.

"އެމީހުން އައީމާ އަހަރެން ވާހަކަ ދައްކައިގެން ހަމަޖައްސައިލާނަން. ކަންބޮޑުނުވޭ." ޢާރިފީން ބުންޏެވެ.

އެންގޭޖުމަންޓަށް ތިންހަތަރު ދުވަސް ވީތަނާ އަޤްޞާ ގުޅައިފައި ތިން ދުވަސް ފަހުން އަންނަ ވާހަކަ ބުންޏެވެ.

* * *

އޭނާއަށް ޞަބާ ވަކިކުރާން އުނދަގޫ ވިއެވެ. ހަމުގެ ކުލަ ހުރީ ރީނދޫ ވެފައެވެ. ވަޅުވަދެފައިވާ ދެލޮލެވެ. ލޮލުގެ ވަށައިގެން ކަޅުވެފައެވެ. މޫނު ހުރީ ކަށި އަޅައިފައެވެ. އެއީ ޞަބާގެ މޫނެއް ނޫނެވެ. ޞަބާގެ ކުރީގެ ސިހުރުވެރި ދެލޮލެއް ނެތެވެ. ލޮލުގެ ވިދުން ވަނީ ގެއްލިފައެވެ. ލޮލަކުން އެއްވެސް އަސަރެއް ފާޅެއް ނުވެއެވެ. އޭނާއަށް ހީވީ ޚުދު އޭނާގެ ވުޖޫދު ވިރި ފެނަށް ވެގެން އޮހިގެން ދިޔައީ ކަމުގައެވެ.

އޭނާ އައި އިރު ޞަބާ ގެޔަކު ނެތެވެ. އެހެންވީމާ ގޭ ދޮށުގައި އިންތިޒާރުކޮށްގެން ހުރީއެވެ.

ޞަބާ ހުރީ ކަޅުކުލައިގެ ސާލެއް ގައިގައި އޮޅައިލައިގެންނެވެ. އުރުގައި ތުއްތު ކުއްޖަކު އޮތެވެ. އޭނާ ދޮރުމަތީގައި ހުއްޓާ ފެނުމާއެކު ޞަބާއަށް އެނގިއްޖެއެވެ. އެކަމަކު އެންމެ ފަހަރަކު ބަލައިލުމަށް ފަހު ދެން އޭނާޔާ ދިމާއަކަށް ނުބެލިއެވެ.

"ޞަބާ. އަހަރެން މި އައީ ޞަބާ ބަލައި." މި ކުރު ޖުމްލަ އަރު ތެރެއިން ނުކުތްއިރު ކަރުގައި އެތައް ހާސް ކަށްޓެއް އެއްފަހަރާ ޖެހުނުހެން އޭނާއަށް ހީވިއެވެ.

ޞަބާ މަޑުމަޑުން އައިސް ގޭގެ ދޮރުގައި އެލުވައިފައި އޮތް ތަޅު ހުޅުވިއެވެ.

"ޞަބާ. އަހަންނަކަށް މައާފެއް ނުކުރާނަންތަ؟"

ޞަބާ ދޮރު ހުޅުވައިފައި އެތެރެއަށް ވަދެއްޖެއެވެ.

"ޞަބާ. އަހަރެންގެ ސުވާލަށް ޖަވާބެއް ދީބަލަ." ޢާރިފީން ދޮރުމައްޗަށް އެރިއެވެ.

"ބޭރުގައި ހުރެގެން ކުޅިނުޖަހާ އެތެރެއަށް ވަދޭ." ދޮރު ހުޅުވައިފައި ބެހެއްޓުމަަށް ފަހު ޞަބާ އެތެރެއަށް ޖެހިލިއެވެ. އަދި ގޭގެ ބޮކި ދިއްލުމަށް ފަހު އުރުގައި އޮތް ދަރިފުޅު އުނދޯލީގައި ބޭއްވިއެވެ.

"ބުނޭ. މިހާރު ތިޔަ އައީ ކޯނޗެއް ބަލައި؟" ޞަބާާ ކޮޅަށް ހުރެގެން ސުވާލު ކުރިއެވެ.

"ޞަބާ. އަހަންނަށް މައާފު..."

"މައާފު ކޮށްފިން... ދެނޯ؟" ޞަބާ އޭނާގެ ވާހަކަ މެދުކަނޑައިލިއެވެ.

(ނުނިމޭ)

12 ޚިޔާލު

  1. ހަވީރުއްސުރެ ދުރުމިއަޅައަޅާ ވަރުބަލިވެގެން އެކަން މެދުކަނޑާލާފަ ވާހަކަ އުދަވެފަވާނެކަން ގައިމުވާހާ އިރުކޮށްފަ މިބެލީ
    100 އިން 100.
    ވަރަށް ވަރަށް ވަރަށް ރީތިި

  2. ޢާރިފީންގެ މައިންބަފައިންގެ ހާލަކީ ކޮބައިބާ...
    ވަރަށް ރީތި ވާހަކައެއް.ލިޔުއްވި ފަރާތަށް ޝުކުރު ހައްގު.ތަރުޖަމާކުރައްވާ އަޅުގަނޑުމެންނާ ހަމައަށް މިވާހަކަ ގެނެސްދެއްވާ ނަޢީމަށް އައްސަރިބަހާއިސާބަސް.ވަރަށް ކުޅަދާނަ އިނގޭތޯ!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.