އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ބަޖެޓަކީ ތަރައްގީއަށް ބޭނުންވެފައިވާ ރައްޔިތުންނަށް އޮތް ވަރަށް ބޮޑު އުންމީދެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދާ ދާއިރާގެ އެމްޑީޕީ މެމްބަރ އަޙުމަދު ޢީސާ ވިދާޅުވެއްޖެއެވެ.
އާފަތިހަށް މަޢުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ އެ ބަޖެޓު ބޮޑުވެގެން އެއްވެސް ބަޔަކު ހައިރާންވާން ނުޖެހޭ ކަމަށެވެ. އަންނަ އަހަރަށް ލަފާކޮށް މަޖިލިހަށް ހުށަހަޅައިފައިވަނީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ޢީސަ ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަކީ އަބަދުވެސް ތަރައްގީއަށް ލޯބިކުރާ ތަރައްގީ ބޭނުންވެފައިތިބި ބައެއް ކަމަށެވެ. އެހެންނަމަވެސް ފާއިތުވި ސާޅީހަކަށް އަހަރުގެ ތެރޭގައި ރައްޔިތުން އެންމެ ބޭނުންވިވަރާ ގާތަށް ވެސް ތަރައްގީ ކުރެވިފައި ނުވާކަމަށެވެ.
އެހެން ކަމުން ރާއްޖޭގެ ރައްޔިތުން މިހާރުތިބި ހާލުން އަރައިގަތުމަށްޓަކައި 37.5 ބިލިއަން ރުފިޔާއަކީ ބޮޑު އެއްޗެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. "ރައްޔިތުން މިހާރު ތިބި ހާލަތުން އަރައިގަންނަން ބަޖެޓު ބޮޑެއް ނޫން. ބަޖެޓު ބޮޑުވެގެން ހައިރާން ވާކަށް ވެސް ނުޖެހޭ. ވޭތުވެދިޔަ ތިރީސް ނުވަތަ ސާޅީހަކަށް އަހަރުތެރޭގައި ނުލިބި އޮތް ތަރައްގީއެއް ފަސްއަހަރުން ގެންނަންވީމާ ބޮޑު ޚަރަދެއް ކުރަންޖެހޭނެ،" އޭނާ ވިދާޅުވިއެވެ.
ޢީސަ ވިދާޅުވީ ބަޖެޓުގެ އެންމެ މުހިންމު އެއްކަމަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތް އޭގެ އެންމެ އެދެވޭގޮތުގައި ދިނުންކަމަށެވެ. އެފަދަ ޚިދުމަތްތައް ކުރުމުއްދަތެއްގައި ގިނަ ރަށްރަށަށްދޭކަމަށްވާނަމަ ބަޖެޓަށް އިންތިހާއަށް ބުރަ ބޮޑުވާނެ ކަމަށެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ޖުމްލަ 950 އަށްވުރެ ގިނަ މަޝްރޫޢުތައް ހިންގުމަށް އަންނައަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.