ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގެ ޖަރީމާ ހިންގިކަން އެނގި، އެކަން ސިއްރުކުރުމުގެ ތުހުމަތުގައި ޑރ. ޝަޙީމް ހިމެނޭގޮތަށް 36 މީހަކަށް ޤާނޫނީ ފިޔަވަޅު އަޅަނީ

ދީނީ ޢިލްމްވެރިޔާ ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގެ ޖަރީމާ ހިންގިކަން އެކި މިންވަރަށް އެނގި، އެކަން ސިއްރުކުރުމުގެ ތުޙުމަތުގައި، ދިނީ ޢިލްމުވެރިޔާ ޑރ މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ހިމެނޭ ގޮތަށް 36 މީހަކަށް ޤާނޫނީ ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ 241 ކޮމެޓީން ނިންމައިފިއެވެ.

ސަލާމަތީ ޚިދުމަތްތަކާބެހޭ 241 ކޮމެޓީން މިގޮތަށް ނިންމައިފައިވަނީ، ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގެ ޖަރީމާ ހިންގިގޮތާ ބެހޭގޮތުން ރިޔާސީ ކޮމިޝަނުން އެކުލަވާލެއްވި ރިޕޯރޓް ދިރާސާ ކުރެއްވުމަށްފަހުއެވެ. ރިޕޯރޓް ދިރާސާ ކުރެއްވުމަށްފަހު 241 ކޮމެޓީން އެކުލަވާލެއްވި ރިޕޯޓުގައި 11 ރެކޮމެންޑޭޝަނެއް ހިމެނެއެވެ.

ޖަރީމާގައި އެކިމިންވަރަށް އެކިގޮތްތަށް ބައިވެރިވެފަފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވާ ފަރާތްތައް މިހާރު އުޅެމުންދާ ތަންތަނާއި ކުރާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ސަލާމަތީ ޚިދުމަތްތަކާބެހޭ 241 ކޮމެޓީއަށް ހޯދުންވެސް ރެކޮމެންޑޭޝަން ތަކުގެ ތެރޭގައި ހިމެނެއެވެ.

ޑރ އަފްރާޝީމް އަވަހާރަކޮށްލުމުގެ މައްސަލައާ ގުޅިގެންނާއި ޙައްދުފަހަނަޅައިފައިވާ ފިކުރުގެ ޙަރަކާތްތައް ހިންގުމަށް އެކި ފަރާތްތަކުން ހިންގާފައިވާ ފައިސާގެ އެންމެހާ މުޢާމަލާތްތަކާބެހޭ ތަފްޞީލް އެމްއެމްއޭ މެދުވެރިކޮށް 241 ކޮމެޓީއަށް ހޯދުންވެސް ހިމެނެއެވެ. އަދި އެ މުޢާމާމަލާތުތައް ހިންގި ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅުއެޅުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާ އެމަޢުލޫމާތު ހިއްސާ ކުރުންވެސް 241 ކޮމެޓީގެ ރެކޮމެންޑޭޝަންތަކުގެ ތެރޭގައި ހިމެނެއެވެ. ޖަމީޢަތުއްސަލަފުން 2012 ން 2018 އަށް ހިންގާފައިވާ ފައިސާގެ އެންމެހާ މުޢާމަލާތްތަކާބެހޭ ތަފްސީލާއި އަދި އަހަރީ ހިސާބު އެނގޭނެ ރިޕޯޓެއް ސަރުކާރުގެ ކަމާބެހޭ އިދާރާއިން 241 ކޮމެޓީއަށް ހޯދުން ވެސް ހިމެނެއެވެ.

ޑރ އަފްރާޝީމްގެ އަވަހާރަކޮށްލުމުގެ މައްސަލައިގެ ރިޕޯރޓްގައި ފާހަގަ ކޮށްފައިވާ ހައްދު ފަހަނައަޅައިފައިވާ ފިކުރުގެ ޖަމްޢިއްޔާ ޖަމާޢަތްތަކާ މެދު ލަސްނުކޮށް ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުއެޅުން ވެސް ކޮމެޓީގެ ރެކޮމެންޑޭޝަންތަކުގެ ތެރޭގައި ހިމެނެއެވެ. ރިޕޯރޓްގައި ފާހަގަ ކޮށްފައިވާ ހައްދު ފަހަނައަޅައިފައިވާ ފިކުރުގެ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ލިސްޓްގައި ހަތަރު ޖަމާޢަތެއް ފާހަގަ ކޮށްފައިވާއިރު އެންމެ ކުރީގައި ވަނީ ޖަމީޢަތުއްސަލަފެވެ. ދެން ހިމެނެނީ މިހާރު ބައިތަކަކަށް ބެހިފައިވާ ރާއްޖޭގައި ހިންގާ އަލްޤައިދާގެ ޖަމާޢަތާއި އިސްލާމިކް ސްޓޭޓަށް ބައިޢަތުހިފައިވާ ޖަމާޢަތާއި ސިރިޔާ އާއި އިރާޤުގައި ޙަރަކާތްތެރިވާ ޖަބުޙަތުއްނުސްރާއަށް ވާޤިވެރިވާ އަލްޤައިދާގެ ޖަމާޢަތެވެ.

ޑރ އަފްރާޝީމް އަވަހާރަކޮށްލުމުގެ މައްސަލައިގެ ރިޕޯޓުގައި އެޖަރިމާއާ ގުޅިގެން ފައިސާ ބަދަލުކުރި ފަރާތްތައްކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ ލިސްޓްގައި 12 ފަރާތެއް ހިމެނެއެވެ. ނަމަވެސް ފައިސާގެ މުޢާމަލާތްތައް ހިންގިކަމަށް ތުޙުމަތުކުރެވޭ ހައްދުފަހަނައިޅައިފައިވާ ޖަމާޢަތްތައް ފިޔަވައި އެހެން ފަރާތްތަކާމެދު ޢަމަލުކުރާނެ ގޮތަކާމެދު 241 ކޮމެޓީގެ ވަކި ޚާއްޞް ރެކޮމެންޑޭޝަނެއް ކޮމެޓީގެ ރިޕޯޓުގައި ފާހަގަކުރައްވައިފައެއް ނުވެއެވެ.

އެކޮމެޓީގެ ރެކޮމަންޑޭޝަންތަކުގެ ތެރޭގައި ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގެ ޖަރީމާގައި ޖިނާޢީ ކުށް ހިންގައިގެން ފިޔަވަޅު އަޅަންޖެހޭ މީހުންގެ ނަންތައް ވެސް ވަނީ ބަޔާންކުރައްވައިފައެވެ. އޭގެތެރޭގައި އެމްޑީޕީގެ އިސްވެރިންނާ ގާތް ގުޅުމެއް އޮންނަ ހ. ހިކޯސްޓް ޢަލީ ޝާން (ސަޓޯ) އިތުރުން ޑރ. އަފްރާޝީމް އަވަހަރާކޮށްލުމުގައި ޢަމަލީ ގޮތުން ބައިވެރިވެފައިވާކަމުގެ ކުށް ސާބިތުވެފައިވާ ހ. ލޮބީ ޙުސައިން ޙުމާމާއި އެޖަރީމާ ހިންގިއިރު ޢުމުރުން 18 އަހަރު ނުފުރޭ ކުއްޖާ ވެސް ހިމެނެއެވެ. އަދި ޖަރީމާ ހިންގި ވަގުތު ހ. ފުންވިލުގެއާއި މާދުރުނޫން ހިސާބެއްގައި ހުރި ކްރަސްޓީސް ރެސްޓޯރެންޓްގައި ތިބި، ޖަރީމާ ހިންގުމުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ ފަރާތަކާއި އަދި އެޖަރީމާ ހިންގިރޭ ފުންވިލުގޭ ސިޑިމަތީގައި ހަރަކާތްތެރިވި މީހުންނާމެދުވެސް ޤާނޫނީ ގޮތުން ފިޔަވަޅުއެޅުމަށް ވަނީ ރެކޮމެންޑް ކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.