ރާއްޖޭގެ ދަރަނީގެ ހާލަތު ވަރަށްބޮޑު، ރާއްޖޭގެ ރައްޔިތުން އުޅެމުންދާ ހާލަތު ވަރަށް ވެސް ގޯސް: ރިޔާޒު

 

ރާއްޖޭގެ ދަރަނީގެ ހާލަތު ވަރަށްބޮޑު ކަމަށާއި ރާއްޖޭގެ ރައްޔިތުން އުޅެމުންދާ ހާލަތު ވަރަށް ވެސް ގޯސް ކަމަށް ތިމަރަފުށި ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޓޫރިޒަމާއިބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާޢީ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

ޓޫރިޒަމް ޤާނޫނަށް ހުށަހެޅިފައިވާ އިސްލާހުތަކުގެ ތެރެއިން ގިނަ އިސްލާހުތަކަކީ ވަރަށްމުހިންމު ކަންތައްތަކެއް އޭގާ ހިމެނޭ އިސްލާހުތަކެއްނަމަވެސް އެ ބިލުގައި ތާއީދު ނުކުރާ އެއް އިސްލާހުވާ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

ޚާއްޞަކޮށް މާލެއާއި މާލެ އަތޮޅުގަ ހުރި، މި ސަރަހައްދުގަ ހުރި ރިޒޯޓުތަކުގެ ލޭންޑް ރެންޓް ކުޑަކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމަކީ އެއްވެސްގޮތަކަށް ޤައުމަށް، ދައުލަތަށް ފައިދާވާގޮތަށް ހުށަހެޅިފައިވާ ހުށަހެޅުމެއްނޫންކަން ރިޔާޒު ވަނީ ފާހަގަ ކުރައްވާފައެވެ.

އެހެންވެ މި ފުރުޞަތުގަ އެ އިސްލާހު އަނބުރާ ގެންދިއުމަށް ސަރުކާރަށް ރިޔާޒު ވަނީ ގޮވާލައްވާފައެވެ.

ރިޔާޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ކަރަންޓު ބިލާއި ފެން ބިލު ނުދެއްކިގެންނާއި ސިއްހީގޮތުން އެތައް ޚަރަދުތަކެއް ކުރަންޖެހޭ ގިނަ ރައްޔިތުން ތިބިކަން ފާހަގަކުރައްވާ ރިޔާޒު ވިދާޅުވީ ސޯޝަލް ހައުސިންގ ގަ އުޅޭ މީހުންގެ ހާލަތު ވެސް އެހާބޮޑުކަމަށެވެ.

މިހާލަތުގައި އޮއްވާ ދައުލަތަށް ލިބެމުންދާ އާމްދަނީ މަދުވާގޮތަށް، ވަކިބަޔަކަށް ފައިދާވާ ގޮތަށް ހުށަހަޅާފައިވާ ހުށަހެޅުން އެއްވެސްގޮތަކަށް ޤަބޫލެއް ނުކުރެވޭނެ ކަމަށާއި ތ. އަތޮޅުގެ ރިޒޯޓުތަކުގެ ލޭންޑް ރެންޓު ވެސް ބޮޑުކަން ރޮޔާޒު ފާހަގަ ކުރެއްވިއެވެ.

މި ބިލާއިމެދު ކޮމެޓީ މަރުޙަލާގައި އިތުރަށް ވާހަކަ ދައްކާ، އިތުރަށް މަޝްވަރާކުރެވިގެން އެކަންކަމަށް އިސްލާހު ގެންނާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ތިމަރަފުށި ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒު ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.