އިތުބާރު - 16

(4 ނޮވެމްބަރ 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ބައްޕަ ތިޔަ ކިޔުއްވަނީ ކީކޭތޯ؟" ޙައިދަރަކަށް އޭނާގެ ބައްޕަ ދެއްކި ވާހަކައެއް މާ ރަނގަޅަކަށް ނުވިސްނުނެވެ.

"އެއްޗެކޭ ނުކިޔަން." ޢާރިފީން ފުން ނޭވައެއް ލިއެވެ.

"ބައްޕާ. ސާރާާއާ އަޅުގަނޑުމެނާ ދިމާާ ނުވިއްޔާ ވާނީ ކީއްތޯ؟ އޭނާާ މި ގޭގައި އުޅޭތާ މިވީ އެންމެ ތިން މަސް ދުވަސް. އޭގެ ކުރިންވެސް އަޅުގަނޑުމެން އުޅުނީ އެކަނި. އަދިވެސް އެކަނި އުޅެވިދާނެ. މައްސަލައަކީ ކޮބައިތޯ؟"

"ކުރިޔާ މިހާރާ ވަރަށް ތަފާތު. ޙައިދަރު. ސާރާ ދާން އުޅޭތީ މިހާރު އަހަރެން ބިރުގަނޭ. އޭނާ މި ގޭގައި ނޫޅޭ ދުވަހެއް އަންނާކަށް އަހަރެން ބޭނުމެއް ނުވޭ. އަހަރެން ބޭނުން ވަނީ އޭނާ ތާއަބަދު މި ގޭގައި އުޅެން." ޢާރިފީންގެ ހާސްކަން ދިޔައީ ބޮޑު ވަމުންނެވެ.

"ބައްޕާ. އޭނާ ތާއަބަދު މި ގޭގައި ހުންނާނޭ ގޮތް ހެއްދެވުމަކީ ބައްޕައަކަށް ކުރެއްވޭނޭ ކަމެއް ނޫން. ކޮންމެވެސް ގޮތަކުން އޭނާ މި ގޭގައި ހުރުން މަޖުބޫރު ކުރެއްވިޔަސް ކޮންމެވެސް އެއް ދުވަހަކުން އޭނާ މީހަކާވެސް އިންނާނެއެއް ނޫންތޯ؟ އެ ދުވަހަކުން އޭނާ މި ގެއިން ފޮނުވައިލައްވަން ޖެހޭނެ. އޭރުން ހައްދަވާާނީ ކިހިނެއްތޯ؟ ބައްޕަޔާ ޞަބާދައްތަޔާާ ބެހޭ މާާ ގިނަ ކަންތައްތަކެއް އަޅުގަނޑަޚަށް ނޭނގޭ. އަޅުގަނޑަށް އެނގެނީ ބައްޕަ ކިޔުއްވައިދެއްވި މިންވަރަށް. އެ މިންވަރަށް ބަލާފައި އަޅުގަނޑަށް ނަންގަންނަން ޖެހެނީ މާޒީ ހަނދާން ނައްތަވައިލައްވާށޭ. ޞަބާދައްތަ ނިޔާވެއްޖެ. ސާރާ މިގޭގައި އުޅޭކަށް ބޭނުމެއް ނުވޭ. އޭނާގެ އެދުމަށް އަޅުގަނޑުމެން އިހުތިރާމު ކުރަން ޖެހޭނެއެއް ނޫންތޯ؟" އޭނާ ބައްޕައެއް ފަދައިން ޚުދު އޭނާގެ ބައްޕައަށް ނަސޭހަތް ދިނެވެ.

"ޙައިދަރު. ޞަބާ ވަނީ ސާރާ އަހަންނާ ހަވާލު..."

"ލައްބަ. ޞަބާދައްތަ ވަނީ ސާރާ ބައްޕަޔާ ހަވާލު ކޮށްފައި. އެކަމަކު ސާރާއަކީ ކުޑަކުއްޖެއް ނޫންކަން ޞަބާދައްތަ ހަނދާނުން ފިލީކަމަށް ވެދާނެ. ސާރާއަކަށް ބެލެނިވެރިއެއްގެ ބޭނުމެއް ނެތް. އެއީ ބާލިޣުވެފައިވާ ބޮޑު މީހެއް. އަމިއްލަ ކަންތައްތައް އޭނާ ބޭނުން ގޮތަކަށް ނިންމޭނެ. އެ ހައްގާއި އިޚުތިޔާރު އޭނާއަށް އޮންނާނެ. އެ ހައްގާއި އިޚުތިޔާރު އަޅުގަނޑުމެންނަކަށް ނިގުޅައެއް ނުގަނެވޭނެ."

ޢާރިފީން ކުއްލިއަކަށް ޙައިދަރުގެ އަތުގައި ހިފަަހައްޓައިލިއެވެ. "ދަރިފުޅާ، ޙައިދަރު. ދަރިފުޅު ސާރާ އިނުމަކީ ވެދާނެ ކަމެއްތަ؟"

ޙައިދަރު ދިޔައީ ސިއްސައިގެންނެވެ. "ބައްޕާ. ތިޔައީ ކޮން ކަހަލަ ވާހަކައެއްތޯ؟"

"އާނ. ދަރިފުޅާ. ދަރިފުޅު އޭނާޔާ އިނދޭ. އޭރުން އޭނާ މިގެޔަކުން ނުދާނެ."

"ބައްޕާ. އަޅުގަނޑަކަށް އޭނާޔަކާ ނީނދެވޭނެ."

"ނީނދެވެންވީ ކީއްވެގެން؟ ދަރިފުޅަށް އޭނާ ރަނގަޅު ނޫނީތަ؟" ޢާރިފީން ކެތްތެރިކަމެއް ނެތް ގޮތެއްގައި އަހައިލިއެވެ.

"ނޫނޭ. އެކަމަކު އަޅުގަނޑު ލޯބިވަނީ ހަމައެކަނި އަޅުގަނޑުގެ މަސައްކަތް ދެކެ. ބައްޕައަށް އެކަން އެނގިލައްވާނެ. މީގެ ކުރިންވެސް އަޅުގަނޑު މި ވާހަކަ ނަންގަތިން. މިހާރު އަނެއްކާވެސް މި ނަންގަންނަނީ. އަޅުގަނޑު އިންނާނީ ބައްޕަ ރުހިލައްވާ މީހަކާ. އެކަމަކު މިހާރަކު މީހަކާ އިންނާާކަށް ބޭނުމެއް ނޫން. އަޅުގަނޑު ބޭނުން ވަނީ މަސައްކަތުގައި ކުރިއަށް ދާން. ބޭންކުގެ ދާއިރާާގައި ވަރުގަދަ ނަމަކަށް އަޅުގަނޑުގެ ނަން ހަދަން. މި ވަގުތު މީހަކާ އިނދެގެން އަޅުގަނޑުގެ ކުރިމަގު ބަނަ ކުރާކަށް ބޭނުމެއް ނޫން." އޭނާ އަނެއްކާވެސް ބައްޕައަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ.

"ދަރިފުޅުގެ ކުރިމަގު ބަނައެއް ނުވާނެ. މަސައްކަތަކަށް ހުރަހެއްވެސް ނޭޅޭނެ. ސާރާއާ އިނުމަކުން ދަރިފުޅަކަށް އެއްވެސް ގެއްލުމެއް ނުވާނެ. ބައްޕަގެ ހުރިހައި އެއްޗަކީ ދަރިފުޅުގެ އެއްޗިއްސެއްނު؟ ފިކުރު ކުރަން ޖެހެނީ ކޮން ކަމަކާ؟ ދެކުދިންނަށް އެހީތެރިވާން ބައްޕަ މިހިރީނު؟"

"ބައްޕާ. ކާވެންނަކީ ހަަމައެކަނި އަޅުގަނޑުގެ ރުހުމާއެކު ކުރެވޭނޭ ކަމެއް ނޫން. ސާރާވެސް އެއްބަސް ވާން ވާނެއެއް ނޫންތޯ؟ އަޅުގަނޑު އެއްބަސްވިއްޔާ އޭނާ އެއްބަސް ވާނެތޯ؟" ޙައިދަރު ކުޑަކޮށް ހާސްވާން ފަށައިފިއެވެ.

"ދަރިފުޅު ސާރާގެ ފިކުރު ނުކުރޭ. ބައްޕަ އޭނާޔާ ވާހަކަ ދައްކާނަން. ދަރިފުޅު މި ކާވެންޏާ އެއްބަހިއްޔާ ބުނޭ."

ޙައިދަރު ފުން ނޭވައެއް ލިއެވެ. "ބައްޕާ. އަޅުގަނޑު މި ވަގުތަކު ކާވެންޏެއް ނުކުރާާނަން. މީހަކާ އިންނާނީ ތިން ހަތަރު އަހަރު ފަހުން. އެކަމަކު ބައްޕަ ބޭނުން ވެލައްވަންޏާ އެންގޭޖްމަންޓްގެ ކަންތައް ކުރިއަށް ގެންދެވިޔަސް އެންމެ ރަނގަޅު."

ޢާރިފީން އުފަލުން ފޮޅިއްޖެއެވެ. "ޝުކުރިއްޔާ ދަރިފުޅާ... ސާރާއަކީ ވަރަށް ރަނގަޅު އަނތްބަކަށް ވާނެކަން ބައްޕައަށް ކަށަވަރު."

ޙައިދަރުގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

* * *

"ޞަބާ ގެނެސްދީބަލަ. އަަޅެ ކަަލޭނޭ... ކޮންމެވެސް މީހަކު ޞަބާ އަހަންނާ ހަމައަށް ގެނެސްދީބަލަ. ﷲ އަށް ޓަކައި އަހަރެންގެ ގާތަށް އަންނާށޭ ޞަބާ ގާތު ބުނެބަލަ. އަހަރެން ބޭނުން ވަނީ އޭނާގެ ކުރިމަތީގައި އަތްޖޯޑުކޮށް މައާފަށް އެދެން. ހަމަހިމޭންކަމާއެކު އަހަރެން މަރުވާނީ އޭރުން. ޢާރިފީން... ދަރިފުޅާ ދޭބަލަ. ގޮސް ބުނެބަލަ. މިތަނަށް އައިސް އަހަރެންގެ ބޮލުގައި ފައިވާނުން ތަޅާށޭ އޭނާ ގާތު ބުނެބަލަ. އަހަރެންގެ މޫނަށް ކުޅު ޖަހާށޭ ބުނެބަލަ. އަހަންނާ ދިމާއަށް ބަވާށޭ ބުނެބަލަ. އޭނާ ކުރާ ކޮންމެ ކަމަކާ އަހަރެން ރުހޭނަން. މިތަނަށް އޭނާ ގެނެސް ދީބަލަ. އަހަރެންގެ ގާތަށް އަންނާށޭ އޭނާ ގާތު ބުނެބަލަ. މި އަޒާބުން އަހަރެން މިންޖުކޮށް ދޭށޭ ބުނެބަލަ. ﷲ އަށްޓަކައި އަހަންނަށް މައާފުކުރާށޭ ބުނެބަލަ. ޢާރިފީން. އެއް ފަހަރު ޞަބާ ގެނެސްދީ. ﷲ އަށްޓަކައި އެއް ފަހަރު..."

ޢާރިފީންގެ މަންމަގެ ވާހަކަ މަޑުމަޑުން ހިނދިގެން ހިނގައްޖެއެވެ. ހަށިގަނޑުގައި އަޅާ ވޭނުގެ ސަބަބުން ވާހަކަ ދެއްކޭވަރު ނުވީއެވެ. ބަލިކަށި އަޑަކުން ކުކުރައިލުމަށް ފަހު އަޑު ކެނޑިއްޖެއެވެ.

ޢާރިފީން ކޮޓަރިން ބޭރަށް ނުކުމެއްޖެއެވެ. ބޭރަށް ނުކުމެ ސިޑިމަތީގައި އިށީނދެ ދެ އަތުން އަމިއްލަ ބޮލުގައި ހިފަހައްޓައިލިއެވެ.

"ޢާރިފީން. ޞަބާ ބަލައި ދަރިފުޅު ދޭ. އެހެން މީހަކު ގޮސްގެންނެއް އޭނައެއް ނާންނާނެ. އެ ގެޔަށް މީހަކު ވަނަވެސް ނުދޭ. އޭނާ ނައިއްޔާ ދަރިފުޅުގެ މަންމަ އޮންނާނީ އެ ވޭންދެނިވި ހާލަތުގައި ތެޅިތެޅި. މަންމަ ދެނެއް ރަނގަޅެއް ނުވާނެ. މަންމައަށް މިހާރު އެންމެ ރަނގަޅުވެސް ވާނީ މަރު. އެ ގަދަފަދަ ވޭނުން ސަލާމަތް ވާނީ އޭރުން. އެކަމަކު ދުނިޔޭގައި އޮންނަ ކުޑަ ދުވަސްކޮޅުވެސް ހިތަށާއިފިތަށް އަރާމަކާއި ހަމަޖެހުމެއް ލިބޭނީ ޞަބާ ގެނެވިގެން." ބައްޕަ ފުރަގަހުން އޭނާގެ ކޮނޑުމަތީގައި އަތް ބާއްވައިލިއެވެ.

އޭނާ އިސް އުފުލައި ބޭރުން ފެންނާން ހުރި ތަންތަނަށް ނަޒަރު ހިންގައިލިއެވެ. ފެތުރިފައި އޮތީ ހަމަހިމޭންކަމެވެ. އެތެރެއިން އަނެއްކާވެސް މަންމަގެ ކުކުރުމާއި ރުއިމުގެ އަޑު އިވޭން ފަށައިފިއެވެ. ތިން އަހަރަށް ފަހު އޭނާ އެނބުރި ޕާކިސްތާނަށް އައިތާ މިވީ އެންމެ ދުވަހެކެވެ. އޭނާ އައީ މަންމަ ބަލިވެ އުޅޭ ވާހަކައާއި ހާލަތު މިހާރު ހުރި ގޮތް ބައްޕަ އެންގީމައެވެ. ޑަކްޓަރުން ބުނާ ގޮތުގައި މަންމައަށް ވަނީ ކެންސަރު ޖެހިފައެވެ. މިހާރު ހުރީ އެންމެ ފަހުގެ މަރުހަލާގައެވެ. ސަލާމަތް ވާނޭ ކަމުގެ އެއްވެސް އުއްމީދެއް ނެތެވެ. ފާއިތުވި ދެ އަހަރު މަންމަ ހޭދަކުރީ ބަލި ހާލަތުގައެވެ. ޢާރިފީންއަށް އެކަން އެނގެއެވެ. އެކަމަކު ޕާކިސްތާނަކަށް ނާދެއެވެ. އޭގެ ބަދަލުގައި ފައިސާ ފޮނުވަނީއެވެ. އެކަމަކު މި ފަހަރު ޖެހުނީ އަންނާށެވެ. އޭނާ އައީ އަސްމާއާއި ޙައިދަރާވެސް ގޮވައިގެންނެވެ. އެއީ މަންމަޔާ ބައްދަލު ކުރުވުމުގެ ބޭނުމުގައެވެ. އެކަމަކު އައީމާ ލިބުނީ ވަރުގަދަ ސިހުމެކެވެ.

ޞަބާގެ މައްޗަށް އެޅުވި ތުހުމަތަކީ ދޮގެއް ކަމާއި ރާވައިގެން ހިންގި ވިޔާނުދާ ކަމެއް ކަމަށް އޭނާ ގާތު މަންމަ އެއްބަސްވީ މީގެ ތިން މަސް ދުވަސް ކުރީންނެވެ. ކީރިތި ޤުރްއާނުގައި އަތް ޖައްސައިގެން ހުރެ ކުރީ ދޮގު ހުވައެއް ކަމަށް މަންމަ އެ ދުވަހު އިއުތިރާފު ވިއެވެ.

ޢާދިލް ދޮޅު އަހަރު ކުރިން އެނބުރި ގެއަށް އަތުވެއްޖެއެވެ. ތިން އަހަރު ވާންދެން މުޖުރިމެކޭ އެއްފަދައިން އެކި ތަންތާނގައި ގަނަތެޅުމަށް ފަހުގައެވެ. ޢާރިފީންގެ މަންމައާއި ބައްޕަ ޢާދިލްގެ މައިންބަފައިންގެ ކިބައިންވެސް މައާފަށް އެދިއްޖެއެވެ. މައާފު ކުރިކަމެއް ޔަގީނެއް ނޫނެވެ. މަންމަގެ ހާލަތު ނާޒުކު ފައްތަރެއްގެ މަތީގައި އޮތުމާއެކު އެމީހުން މާބޮޑު މައްސަލައެއް ނުޖައްސައެވެ. ގިނަ ވާހަކަތަކެއް ނުދައްކައެވެ.

ބައްޕަ އޭގެ ފަހުން ފެށީ ޞަބާ ހޯދުމުގެ މަސައްކަތެވެ. އެ މަސައްކަތުގެ ތެރެއިން އެނގުނު ގޮތުގައި ޞަބާގެ ފިރިމީހާ އޭނާގެ ދަރިފުޅު ގަބޫލެއް ނުކުރިއެވެ. ސާރާ ވިހެއުމުގެ ހަމަސް ދުވަސް ކުރީން ޞަބާ ވަރިކޮށްފައި އޭނާ ދިޔަ ތަނަކަށް ހިނގައްޖެއެވެ.

"އަހަރެން ކަލޭ ގާތު ޞަބާގެ ވާހަކަތައް ސީދާ ތެދަށް މި ކިޔައިދިނީ އަހަރެން ކަލެއަށް މަކަރު ހެދީއޭ ދޮގު ހެދީއޭ ބުނާނެ ފުރުސަތު ކަލެއަށް ނުދޭން ވެގެން." ޞަބާ މީހަކާ ދެވި އިރު ޢާރިފީންގެ ބައްޕަ ޞަބާާއާ އިންނާން އުޅޭ މީހާ ގާތު ބުންޏެވެ.

ޢާރިފީންގެ ހިތަށް އެރިއެވެ. "އަހަރެންގެ ބައްޕަ ޞަބާގެ ގޭގެ ބިންގާ އަޅައި ދިނީ ފެންގަނޑެއްގެ މަތީގައެވެ."

"އެއް ތުހުމަތު އަހަރެންގެ ބޮލުގައި އެޅުވީ އަހަރެންގެ އަނބިމީހާއެވެ. އަނެއް ތުހުމަތުގެ ބައިވެރިއަކީ ސީދާ އަހަންނެވެ." އޭނާ ތުރުތުރު އަޅާން ފަށައިފިއެވެ.

ޞަބާ ފެނޭތޯ އޭނާގެ ބައްޕަ ކުރި މަސައްކަތުން އޭނާ އުޅޭތަން ހޯދިއްޖެއެވެ. އޭނާ އޭރު މަސައްކަތް ކުރަމުން ދިޔައީ ކޮންމެވެސް ޑަކްޓަރެއްގެ އަމިއްލަ ކުލިނިކެއްގައެވެ. ބައްޕަ އޭނާޔާ ބައްދަލު ކުރާން އުޅުނީމާ ސާފު ބަހުން އިންކާރު ކުރީއެވެ. ދެން ބައްޕަ ދިޔައީ އޭނާ އުޅޭ އަވަށްގަނޑަށެވެ. ބައްޕަގެ އަޑު ފާހަގަ ކުރެވުމާއެކު ޞަބާ ގޭގެ ދޮރު އެތެރެއިން ތަންޑު އެޅުވި ގޮތަކަށް ނުއެއް ހުޅުވިއެވެ. ބައްޕަ އެތައް ފަހަރަކު ޓަކި ޖެހިއެވެ. އެތެރެއަކުން އަޑެއްވެސް ނީވުނެވެ. އެންމެ ފަހުން އެނބުރި އައީއެވެ. މިއީ ޞަބާ ހަމައެކަނި ބައްޕަޔާ މެދު ކަންތައް ކުރި ގޮތެއް ނޫނެވެ. އޭނާޔާ ބައްދަލު ކުރާން ދާ ކޮންމެ މީހަކާމެދު އޭނާ އަމަލު ކުރާ ގޮތަކީ މިއީއެވެ.

މި ހުރިހައި ވާހަކައެއް އެނގުނީމާ ޢާރިފީން ވަރަށް ކަންބޮޑުވިއެވެ.

"އަހަރެން މި ބުނަނީ ތެދަށް. ޢާރިފީން އަކަށް އަހަރެންގެ ވާހަކަ ގަބޫލެއް ނުކުރެވޭ. އަހަރެން ދޮގު ހަދައިފިއްޔާ މިހާރުވެސް ގަބޫލު ކުރާާނެ. ދޮގަށް އިތުބާރު ކުރާނެ. މީހުން ދެއްކި ވާހަކަތައް ގަބޫލު ކޮށްފީމޭ ޢާރިފީން އަށް ބުނަން ނުކެރިގެން ތިޔަ އުޅެނީ ކީއްވެގެން؟ އަހަރެން ގާތަށް ތިޔަ އައީ އެމީހުން ދެއްކި ވާހަކަތައް އަހަރެން ލައްވައިވެސް ކިޔުއްވަން. އެމީހުންގެ ވާހަކަ ކަށަވަރު ކުރެވޭނެ ގޮތެއް ހޯދަން."

"އަހަރެން ދައްކާނޭ އެއްވެސް ހެއްކެއް ނެތް. އެއްވެސް ކަމެއްގެ ހެއްކެއް އަހަރެންގެ އަތަކު ނެތް. އެކަމަކުވެސް އަހަރެން މި ބުނަނީ އަހަރެންގެ ކުށެއް ނެތޭ. އަހަރެން ފާފައެއް ނުކުރަމޭ."

ސާރާގެ އަޑު އޭނާގެ ކަންފަތްދޮށުގައި ގުގުމަން ފަށައިފިއެވެ. އެ އަޑު އޭނާއަކަށް ކަނޑުވައެއް ނުލެވެއެވެ. އަދި މަރުގެ ތުންފަތްމަތީގައި އޮތް މަންމަޔާ ދިމާއަށް އެއްޗެކޭ ބުނެވޭކަށްވެސް ނެތެވެ.

"އަހަރެން ދެކޭނަން...

އަހަރެން ދެކެން ހުންނާނަން...

އަހަރެން ދެކޭނަން...

ވަޢުދުވީ ދުވަސް...

އަހަރެން ދެކޭނަން،،،"

ގޭގައި ހުރި ރޭޑިއޯއިން އަންނަނީ މުޣްނިއްޔާގެ ރީތި ލަވައެކެވެ.

"ޢާރިފީން... ދަރިފުޅު ޞަބާ ބަަލައި ދާނަން ދޯ؟" ބައްޕަ އަހައިލިއެވެ.

އޭނާގެ ތުންފަތް ތުރުތުރު އަޅަނީއެވެ. އެއްވެސް އަޑެއް ނުނުކުތެވެ.

* * *

"ޙައިދަރާ އިންނާށޭތޯ؟" ޢާރިފީންގެ ވާހަކަ އިވުނީމާ އޭނާ ހައިރާންވީ ވަރުން އަނގަ ހުޅުވިއްޖެއެވެ.

"އާނ. ސާރާއާ އިންނާން ޙައިދަރު ބޭނުންވޭ." ޢާރިފީން އޭނާގެ ވާހަކަ ތަކުރާރު ކުރިއެވެ.

އޭނާއަށް އިވޭ އަޑާމެދު އަދިވެސް އޭނާއަށް ހުރީ ޝައްކު ވެފައެވެ.

"ބޭބޭ. އަޅުގަނޑާ ކީއްވެގެންތޯ؟" އޭނާ ހައިރާންކަމުގެ މައްޗަށް ބާރު ފޯރުވޭތޯ މަސައްކަތް ކުރަމުން އަހައިލިއެވެ.

"ސާރާއާ ނޫން އެހެން މީހަކަށް ވާންވީ ކީއްވެގެން؟" ޢާރިފީންވެސް ކުރީ ސުވާލެކެވެ.

"ބޭބޭ. އަޅުގަނޑާ ޙައިދަރަކާ އެކަށީގެންނެއް ނުވޭ. އަޅުގަނޑުމެން ދެމީހުން އިނުމަކީ ރަނގަޅު ކަމަކަށް ނުވާނެ." އޭނާ ވިސްނައިލުމަށް ފަހު ބުންޏެވެ.

"ޙައިދަރުގެ ކިބައިގައި ހުރީ ކޮން އުނިކަމެއް؟"

"އޭނާގެ އެއްވެސް އުނިކަމެއް ނެތް. އުނިކަން ހުރީ އަޅުގަނޑުގެ ކިބައިގައި."

(ނުނިމޭ)

10 ޚިޔާލު

  1. އާރިފީންގެ މަންމަ އޭނަގެ ހިތްހަލާކުކޮށްލައިފިއެއްނު.ހާދަހާ ދެރައޭ.އާރިފީނަށް ދުވަހަކުކޮޅުން ވެސް މީހަކަށް އިތުބާރު ކުރެވޭނެބާ.އެހެރީ އަމިއްލަ މަންމަ ކަންކުރިގޮތް

  2. މިއަދު ހާދަ އަވަހަކަށް ވާހަކަ އުދަވި ދުވަހެއް. ނަޢީމަށް ޝުކުރުހުރި.
    ވަރަށް ޝައުގުވެރި.ބައެއް ވާހަކަ ހުންނަގޮތަށް ހާސަރެއް ނެތް.ކޮންމެ ބައެއް ވެސް ކުރުކޮށް ފޮނިކޮށް.ވަރަށް ރީތި.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.