އިތުބާރު - 22

(10 ނޮވެމްބަރ 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޢާމިރާއަކީ ސާރާއާއެކު ކާރުޚާނާގައި މަސައްކަތް ކުރި ކުއްޖެކެވެ. ސާރާ މީހަކާ އިން ދުވަހު އައީ ޢާމިރާގެ ގާތަށެވެ. ޢާމިރާގެ ވާހަކަތަަކަށް ދޭނޭ ޖަވާބެއް ސާރާއަކަށް ނޭނގުނެވެ. އެހެންވީމާ އެގެއިން ނުކުމެގެން އައީއެވެ.

އޭގެ ފަހަކުން ސާރާ ދަނާލަކަށްވެސް ނުދެއެވެ. އޭނާގެ އަތުގައި ހުރި ފައިސާކޮޅު މިހާރުވެސް އަތްދަބަހުގައި އެބަހުއްޓެވެ. ދަނާލުގައި ހުރި އެއްޗެހި ނުލިބުނަސް އޭނާއަށް އެންމެ ރަނގަޅެވެ. މި ފަހަރު ދަނާލަކަށް ދާކަށް އޭނާ ބޭނުމެއް ނުވިއެވެ. ކުއްޔަށް ދޭ ގެ ހޯދައިދޭ މީހަކާ ގުޅައިގެން މި ފަހަރު އޭނާ ހޯދީ ކުޑަކުޑަ ފުލެޓެކެވެ. އެއީވެސް މީހުން ގޮސް ނޫޅޭ، މުޑުދާރު ހިސާބުގަނޑަކުންނެވެ. އެތަނުގެ ކުއްޔަކީ މަހަކު ހަސަތޭކަ ރުފިޔާއެވެ. އޭރުވެސް އެ ފުލެޓުގައި އިތުރު ދެ އަންހެން ކުދިން އުޅެއެވެ. ފުލެޓުގައި ހުރީ އެންމެ ކޮޓަރިއެކެވެ. ބަދިގެއަކާއި ފާޚާނާއެއް ވަކިން ހުއްޓެވެ. ތަނުގެ ހާލަތު ހުރީ މީހުން އުޅޭ ވަރަށްވުރެ ދަށުގައެވެ. އެކަމަކު ސާރާ އެކަމަކާ ފިކުރެއް ނުކުރެއެވެ. އޭނާއަށް އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އޮތީ ބޯމަތީގައި ފުރާޅެއް ހުރުމެވެ. އެހެން އިތުރު ވަސީލަތެއްގެ ޚިޔާލެއް އޭނާ ނުކުރެއެވެ.

ދެވަނަ ފަހަރު ޙައިދަރާ ދިމާވާން އުޅުނީ ވަޒީފާއެއް ހޯދާން ނުކުމެގެން އުޅުމުގެ ތެރޭގައެވެ. ސަނަދުތަކެއްވެސް އަދި ސަނަދުތަކުގެ ނަަކަލެއްވެސް އޭނާގެ އަތަކު ނެތެވެ. އެޔާ ނުލައި ވަޒީފާއެއް ހޯދުމަކީ ވަރަށް ދަތިކަމެކެވެ. އޭނާ އެންމެ ފުރަތަމަ އެކެޑަމީއެއް މެދުވެރިކޮށް ޓިއުޓަރެއްގެ ވަޒީފާ ހޯދި ހަދާންވީ ދެނެވެ. އެ އެކެޑަމީއަށް އޭނާ ސަނަދުތަކުގެ ނަކަލު ދިނެވެ. އެތަނުން އަނެއްކާވެސް އެކަހަލަ ވަޒީފާއެއް ލިބުމަކީ އެކަށީގެންވާ ކަމެކެވެ.

އެހެންވީމާ އެއް ދުވަހު އެކެޑަމީގެ އޮފީހަށް އޭނާ ހިނގައްޖެއެވެ. އެތާނުގެ ވެރިމީހާ އެ ދުވަހު ކަންތައް ކުރަމުން ދިޔައީ އާދަޔާ ޚިލާފު ގޮތަކަށެވެ. އޭނާ ގޮނޑިއެއްގައި ބައިންދައިފައި އެބަ އަންނަމޭ ކިޔައިފައި އެތެރެއަށް ވަދެއްޖެއެވެ. އިރުކޮޅަކުން ނުކުމެގެން އައިސް ކުއްޖަކަށް ޓިއުޝަން ބޭނުން ވެގެން އުޅޭ މީހަކު ބައި ގަޑިއެއްހައި އިރުގެ ތެރޭގައި އެބަ އާދެއޭ ބުނެފިއެވެ. ސާރާ އިންތިޒާރުގައި އިނީއެވެ. ދިހަ ވަރަކަށް މިނިޓު ވީތަނާ އޭނާގެ ހަވަނަ ހިއްސުން ނުރައްކަލުގެ ރަނގަބީލު ޖަހައިފިއެވެ. އޭނާ ފެންފޮދެއް ބޭނުން ވާހަކަ ބުނެފިއެވެ. ވެރިމީހާ ފެން ބަލައި އެތެރެއަށް ވަން ވަގުތު ބަލައިފައި ސާރާ ހަލުވިކަމާއެކު ބޭރަށް ނުކުމެއްޖެއެވެ.

އޭނާާ ބާރު ފިޔަވަޅުތަކެއް އަޅަމުން މަގު ހުރަސް ކޮށްފިއެވެ. އެޔަށްފަހު ސީދަލަށް ހިނގާފައި ގޮސް ގޯޅިއާ އަރައި ހަމަވީތަނާ ޙައިދަރުގެ ކާރު އައިސް އެ މަގަށް ވަދެއްޖެއެވެ. ސާރާ އިސް ދަށަށް ޖަަހައިލައިގެން ހުރެ ބާރަށް ހިނގައިފައި ގޮސް އޮބާލައިފިއެވެ.

ހައެއްކަމިނިޓު ލަސްވީނަމަ ޙައިދަރު ހުރީހީ އޭނާގެ ކުރިމަތީގައެވެ. އޭގެ ފަހުން އޭނާ އެ އެކެޑަމީ ކީއްކުރަން ހެއްޔެވެ؟ އެއްވެސް އެކެޑަމީއަކަށް ނުދެއެވެ. ދެން އޭނާ ގަސްތު ކުރީ ތައުލީމީ ސަނަދުތަކުގެ އެހެން އަސްލެއް ލިބޭތޯ މަސައްކަތް ކުރާށެވެ. ކާރުޚާނާއަކުން ރަނގަޅު ވަޒީފާއެއް ލިބޭނީ ސަނަދުތައް ހުރެގެން ކަމުގައި ވާތީއެވެ.

އޭނާ ފުރަތަމަ ދިޔައީ ކިޔެވި އިސްކޫލަށެވެ. އެއީ މެޓްރިކް ސަނަދުގެ އަސްލެއް ހޯދާށެވެ. އެތަނުން އެންގީ އަނެއް ދުވަހު އަންނާށެވެ. އަނެއް ދުވަހު އޭނާ ދިޔައެވެ. އެކަމަކު އިސްކޫލާ ކައިރިވެސް ނުވަނީސް ޙައިދަރުގެ ކާރު ފެނިއްޖެއެވެ. ކާރަކު މީހަކު ނެތެވެ. އޭނާގެ ހިތަށް އެރިއެވެ. "ކިހައި ވަރުގަދަ ކަމެއް ހެއްޔެވެ؟ މި އާދަމުގެދަރިޔާ ހަންޑިއެއްހެން އަހަންނާ އަވަލައިފިއެވެ. ނެއްޓޭކަށް ނޫޅުނެވެ."

އޭނާ އެނބުރި އަތުވެއްޖެއެވެ. ތައުލީމީ ސަނަދުތަކުގެ އަސްލު ހޯދުމުގެ ޚިޔާލުވެސް އެހައިތަނުން ދޫކޮށްލީއެވެ. ގެއަށް އައި މަގުމަތީގައި އޭނާ ވިސްނަމުން ދިޔައީ ދެން ހަދާނޭ ގޮތަކާ މެދުގައެވެ. ގެއަށް އައި ގޮތަށް އެނދަށް އަރައި ނިދީއެވެ. މިހާާރު އެހެރީ އެނދުމަތީގައި އިށީނދެގެން ވިސްނާާށެވެ.

އެއްކަލަ ރޭ އޭނާގެ ބޮޑު ދައިތަ އަޤްޞާ ދެއްކި ވާހަކަ އޭނާއަށް އިވުނެވެ. އޭނާ މަންމަގެ ކޮޓަރީގައި އިންކަން ބޮޑުދައިތަ ހަނދާން ނެތުނީކަން ނޭނގެއެވެ. އެ ކޮޓަރީގައި ބޭރު ސިޑިއާ ދިމާއަށް ހުޅުވޭ ކުޑަދޮރެއް ހުރެއެވެ. އޭނާ ކުޑަދޮރުގެ ކައިރިއަށް އައީ ހެދުން ބަދަލު ކުރާން ވެެގެން އެ ކުޑަދޮރު ލައްޕައިލާށެވެ. ބޮޑުދައިތައާއި ބޮޑުބޭބެ ވާހަކަ ދައްކާ އަޑު އިވުނީމާ އަޑު އަހާން މަޑުކޮށްލީއެވެ.

ފަހަރަކު ސިއްރެއް ދިޔައީ ބޭޒާރު ވަމުންނެވެ. މާޒީގެ ފޮތުގެ ގަނޑުތައް ދިޔައީ ނިއުޅެމުންނެވެ. މަންމަޔާ މެދު ކަންތައް ކުރެވުނީ ކިހިނެއްކަމާއި މަންމަ އަމިއްލަ ދިރިއުޅުން ބަރުބާދުކޮށްލީ ކީއްވެގެންކަން ވަރަށް ސާފުކޮށް އެނގިއްޖެއެވެ.

އޭނާ ޖެހި ބުދެއްހެން އެތައް އިރެއް ވާންދެން ހުއްޓެވެ. ހަދާނީ ކިހިނެއް ކަމެއް ކުއްލިއަކަށް ވިސްނައިގަންނާކަށް ނޭނގުނެވެ. ރޮއިގަންނާނީ ހެއްޔެވެ؟ ހަޅޭއްލަވައިގަންނާނީ ހެއްޔެވެ؟ ދުވެ ފިލާނީ ހެއްޔެވެ؟

އެވަގުތު ގޭގެ ކުދީންތައް އައިސް ދޮރުގައި ޓަކި ޖަަހާން ފަށައިފިއެވެ. އޭނާ ދޮރު ހުޅުވައިލިއެވެ. އަވަސް އަވަހަށް ހެދުން ބަދަލު ކޮށްލީމާ އެމީހުން އޭނާ ގޮވައިގެން ދިޔައީ ހީނާާފަތްއެޅުމުގެ ރަސްމިއްޔާތަށެވެ. އެތަނުން އެއްބަޔަކު އޭނާގެ އަތުގައި ހީނާފަތް އަޅަނީއެވެ. އަނެއް ބަޔަކު އޭނާގެ ބޮލުގައި ތެޔޮލަނީއެވެ.

ކުއްލިއަކަށް އޭނާއަށް ބާރަށް ރޮއިގަނެވިއްޖެއެވެ. ބޮލުގައި ތެޔޮލާން ފެށީމާ އޭނާއަށް ސިފަ ވެގެން ދިޔައީ އެމީހުން އޭނާގެ ބޮލުގައި ފައިވާންކިބައިން ތަޅާ ތަނެވެ. މީގެ ސައްބީސް އަހަރުކުރީން އޭނާގެ މަންމަގެ ބޮލުގައި ފައިވާންކިބައިން ތެޅި ފަދައިންނެވެ.

އެތާނގައި ތިބި މީހުން ހީކުރި ގޮތުގައި އެހެން އަންހެންކުދީންހެން އޭނާވެސް ރޮނީ ކާވެނި ކުރާ ދުވަސްކަމުގައި ވާތީއެވެ. އެ ވަގުތު އެތާނގައި ތިބި އެންމެންގެ މޫނު އޭނާއަށް ފެންނަނީ މިނިކާވަގުގެ މޫނު ފަދައިން ބިރުވެރި ސިފައެއްގައެވެ. މީގެ އިރުކޮޅެއް ކުރިޔާ ހަމައަށް އޭނާއަށް އެމީހުން ފެނުނީ ވަރަށް މާތް ބައެއްގެ ގޮތުގައެވެ. ހުރިހައި ކަމެއް ހަނދާން ނައްތައިލުމަށްފަހު އޭނާގެ މަންމަގެ ކުށަށް މަައާފު ކުރި އިޚްލާސްތެރިންގެ ގޮތުގައެވެ. އެކަމަކު މިހާރު އޭނާ ބޭނުން ވަނީ އެއިން މީހެއްގެ ހިލަންވެސް ނުވާހައި ދުރަށް ދާށެވެ. އޭނާގެ މަންމަ އެމީހުންނާ ދުރަށް ދިޔަ ފަދައިންނެވެ. އޭނާގެ އުނގަށް ނޫޓު އޮހެމުން ދިޔައެވެ. އޭނާއަށް އިހުސާސް ކުރެވެނީ އޭނާއަކީ ކޮންމެވެސް ޒިޔާރަތެއްގައި ބަހައްޓައިފައި ހުރި ޚައިރާތު ފޮށްޓެއް ކަމުގައެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ހިތުގެ އެދުން ފުރިހަމަވީމާ ޝުކުރުވެރިވުމުގެ ގޮތުން ފޮށްޓަށް ފައިސާ އަޅަމުން ދަނީ ކަމުގައެވެ. މި ބައިގަނޑު ކުރާ ކަމަކީވެސް އެއީތާއެވެ. އެންމެން ވެގެން އޭނާގެ މަންމައަށް ކުރި އަނިޔާގެ ކައްފާރާ އަދާކުރަނީއެވެ. އުނގަށް އޮހެމުން ދިޔަ ނޫޓުތަކަކީ އެ ކައްފާރާއެވެ.

އޭނާ ރޮއިރޮއި ހުރެފައި ކުއްލިއަކަށް ހުއްޓައިލިއެވެ. އޭނާގެ ހަށިގަނޑުގައި ވަނީ ވަރުގަދަ އަލިފާނެއް ރޯވެފައެވެ. އެ އަލިފާނުގައި އޭނާ އަނދަމުން ދަނީއެވެ. ހަދާާނޭ ގޮތެއް، އެ ކުޑަ ވަގުތުކޮޅުގެ ތެރޭގައި އޭނާާ ކަނޑައަޅައި ނިންމައިލިއެވެ.

އޭނާ އެ އިމާރާތުގެ މައި ދޮރުން ވަަދެގެން ގޮސް ފުރަގަހު ދޮރުން ނުކުމެގެން ދިޔައީ އޭނާގެ އެކުވެރި ޢާމިރާއާ ބައްދަލު ކުރާން ކާރުާނާއަށެވެ. ޢާމިރާާއާ ބައްދަލުވީމާ ރޮއިރޮއިފައި އޭނާ ބުނީ ބޮޑުބޭބެއާއި ބޮޑުދައިތަ އޭނާ ބޮޑު މުސްކުޅިއަކާ ދެވާން މަސައްކަތް ކުރާ ވާހަކައެވެ. އޭނާ ފިލައިގެން ގެއިން ނުކުމެގެން އައީ އެހެން ވެގެން ކަމުގައެވެ.

ޢާމިރާ އޭނާ ގޮވައިގެން ގެއަށް އަތުވެއްޖެއެވެ. އޭގެ އަނެއް ދުވަހު އެ އިމާރާތަށް ފުލުހުން ވަދެއްޖެއެވެ. އެއީ ސާރާ އޭނާގެ މަންމަޔާއެކު ދިރިއުޅުނު ގެވެސް ހުރި އިމާރާތެވެ. އިމާރާތުގައި ދިރިއުޅޭ އެންމެންނާ ފުލުހުން ސުވާލު ކުރިއެވެ. ސާރާ ފެނޭތޯ އަތްފުނާ އަޅަމުން ދިޔައެވެ. ސާރާ ދިރިއުޅުނު ފުލެޓުގައި މިހާރު އުޅެނީ އެހެން ބައެކެވެ. ފުލުހުން ބެލީ ހަމައެކަނި އެ އިމާރާތެއް ނޫނެވެ. އޭނާ މަސައްކަތް ކުރި ކާރުޚާނާއަށް ގޮސް އެތާނގެ މީހުންނާވެސް ސުވާލު ކުރިއެވެ.

ޢާމިރާގެ ގޭ މީހުން އޭނާގެ ވާހަކަ އަވަށްޓެރިން ގާތުވެސް ނުބުނެއެވެ. އޭގެ އަނެއް ދުވަހުގެ ނޫހުގައި އޭނާގެ ފޮޓޯ ޖަހައިފައި ހުއްޓެވެ. ގެއްލިގެން އޭނާ ހޯދާ ވާހަކައާއި ޚަބަރެއް ކުރި މީހަކަށް ބޮޑު އިނާމެއް ދޭނޭ ވާހަކަވެސް ނޫހުގައި ޖަހައިފައި އޮތެވެ. އޭނާާ ވަރަށް ބޮޑަށް ބިރުގެންފިއެވެ. އޭނާގެ ފޮޓޯ ހަފުތާއެއް ވާންދެން ކޮންމެ ދުވަހަކު ނޫހުގައި ޖެހިއެވެ. އެހެންވީމާ އޭނާ ހޯދުމުގެ މަސައްކަތް ވަރުއަރައިފައި އޮތް މިންވަރު ވިސްނުނެވެ.

އޭނާގެ ގޭގައި މާ ގިނަ ދުވަހު ސާރާ ބެހެއްޓުމަކީ ޢާމިރާއަށް ކުރެވޭނޭ ކަމެއް ނޫންކަން ސާރާއަށް އެނގެއެވެ. ހީނާފަތުގެ ރަސްމިއްޔާތުގަައި އޭނާއަށް ލިބުނު ހުރިހައި ފައިސާއެއް އޭނާގެ އަތުގައި އެބަހުއްޓެވެ. އެހެންވީމާ އުޅޭނޭ އެހެން ތަނެއް ހޯދައިދޭށޭ ޢާމިރާ ގާތު ބުނެފިއެވެ. އެއީ ޙައިދަރުގެ އާއިލާގެ މީހުންނާއި އޭނާގެ އާއިލާގެ މީހުން އިސާހިތަކު އެގެއަށް އަތުވެދާނޭ ކަމުގެ ބިރު އޮތީމައެވެ. އެ ބިރު އެންމެ ފަހުން ވެގެން ދިޔައީ ހަގީގަތަކަށެވެ.

ނޫހުގައި ޖަހައިފައި ހުރި ފޮޓޯއަކީ ކާވެނީގެ ދުވަހުގެ ފޮޓޯއެކެވެ. މަތިހެދުމުގެ ސަބަބުން މޫނަށް އައިސްފައި ހުރި ބަދަލުތައް ވެގެން ދިޔައީ އޭނާއަށް ލެއްވި ނަސީބަކަށެވެ. ގުލްއާއި ޢަޒްރާ ގާތު އޭނާގެ ނަމަކަށް ބުނެފައި އޮތީ އާމިނާއެވެ. އެ ދެމީހުން އެއީ ކޮން ބައެއް ކަމާއި އެ ފުލެޓުގައި ދިރިއުޅެނީ ކީއްކުރަންތޯ ބަލާކަށް އޭނާ މަސައްކަތެއް ނުކުރެއެވެ. އޭނާއަށް އެނގޭހައިވެސް ވަރަކީ އެ ދެމީހުން ކޮންމެވެސް ކާރުޚާނާއެއްގައި މަސައްކަތްކުރާ ކަމެވެ. ކުރަނީ ކޮން މަސައްކަތެއް ކަމެއްވެސް ނޭނގެއެވެ.

އެ ދެމީހުން އޭނާ ކޮންނާން ވަރަށް މަސައްކަތް ކުރެއެވެ. އަތުގައި ހުރި ހީނާފަތް ފެނުނީމާ ނުކުރާކަށް ސުވާލެއް ނެތެވެ. އެމީހުން މާ ބޮޑު ވަރު އަރުވައިލީމާ އޭނާ ރޮއިގެންފިއެވެ. އެންމެފަހުން އެމީހުންވެސް ސުވާލު ކުރުން ހުއްޓައިލައިފިއެވެ.

އެ ދުވަހަށް ފަހު އޭނާއަށް ވަރަށް ގިނައިން ރޮވެއެވެ. ކީއްވެގެން ކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. ހަމަ އެހެން ހުރެފައި ރޮއިގަނެވެނީއެވެ. އެތައް އިރަކު އޭނާ ރޯން އޮވެއެވެ. އަމިއްލަވަންތަކަމާއި އަބުރަށްޓަކައި އުފަލާއި އަރާމުގައި ކޮޅުފައިން ޖެހުމަކީ ކިހައި އުނދަގޫ ކަމެއްކަން މިހާރު އޭނާއަށް އެނގޭން ފަށައިފިއެވެ. މި އިމްތިހާނުގައި އޭނާއަށް މި ހޭދަކުރެވުނީ އެންމެ ދޮޅުމަސް ދުވަހެވެ. ކުރިއަށް އޮތް ދުވަސްތައް ހޭދަ ކުރާނޭ ގޮތެއް އޭނާއަކަށް އެއްގޮތަކަށްވެސް ނުވިސްނެއެވެ.

"މަންމައަކީ އުފަލާއި އަރާމުގެ ތެރެއަށް އުފަންވެ، ބޮޑުވެގެން އައި މީހެކެވެ. އެ ހުރިހައި ކަމެއް އެހައި ފަސޭހައިން ދޫކޮށްލީ ކިހިނެއް ބާވައެވެ؟" މި ޚިޔާލު ކުރެވުމާއެކު އޭނާގެ ލޮލުން ކަރުނަ ފައިބާން ފަށައެވެ.

ގުލް އެއް ދުވަހަކު އޭނާޔާ ސުވާލު ކުރިއެވެ. "ކަލޭ އަނގައިން ނުބުނެ އަބަދު ހިމޭނުން އިންނަނީ ކީއްވެގެން؟"

އޭނާ ގުލްގެ މޫނަށް ބަލައިލިއެވެ. އެއީ އޭނާ އެތައް ފަހަރަކު މަންމަޔާ ކުރި ސުވާލެކެވެ. އެއިން ކޮންމެ ފަހަރަކު މަންމަ އޭނާޔާ ދިމާއަށް ބަލައިލަނީއެވެ. ދުވަހަކުވެސް ސުވާލަކަށް ޖަވާބެއް ނުދެއެވެ. ސުވާލަކާ ކުރިމަތިވީމާ ނުވަތަ ދިރިއުޅުމުގެ ހަނގުރާމައިގައި ޖެހުނީމާ ބައެއް މީހުން ހިމޭން ވަނީ ކީއްވެގެންކަން މިހާރު އޭނާއަށް އެނގެއެވެ. އެންމެ ގާތް މީހުނާވެސް ދުރަށް މޫނު އަނބުރައިލާން ބޭނުން ވަނީ ކީއްވެގެންކަން މިހާރު ވިސްނެއެވެ. އެއިން މީހަކު ކުރިމައްޗަށް ނުހުއްޓޭނެ ނަމައޭ ހިތަށް އަރަނީ ކީއްވެގެންކަން މިހާާރު އޭނާއަށް އިހުސާސް ކުރެވޭން ފަށައިފިއެވެ.

ހަތަރު އަހަރު ވާންދެން އޭނާ ފަރަންސޭސިބަސް ދަސްކުރީ މަންމަގެ ދިރިއުލުމުގެ އަރަތް ހައްލު ކުރެވޭތޯ ބަލާށެވެ. އެކަމަކު އެކަމެއް އޭނާއަކަށް ނުކުރެވުނެވެ. ފޮތް ކިޔުމާއި ބަސް ދަސް ކުރުމަކީ މީސްމީހުންގެ ހިތުގެ އުދާސްތައް ދަސްވާ ކަމެއް ނޫނެވެ. މަންމަ އުޅުނު ދިރިއުޅުން އޭނާ އުޅޭން ފެށިތާ މިވީ އެންމެ ދޮޅުމަސް ދުވަހެވެ. އެކަމަކު ލަދާއި ގިއްގެޅުމާއި އަގުވެއްޓޭ ގޮތުގެ ހުރިހައި ސިއްރެއް މިހާރު އޭނާއަށް އެނގިއްޖެއެވެ.

* * *

ބަންގި ގޮވާން ފަށައިފިއެވެ. އޭނާ ފެންތަށި ނަގާން އަތް ދިއްކޮށްލިއެވެ.

އޭނާ މަސައްކަތް ކުރަމުން ދިޔައީ ތައްޔާރީ ހެދުން އުފައްދާ ކާރުޚާނާއެއްގައި ކުޑަކުދިންގެ ހެދުން ފަހާ މީހެއްގެ ގޮތުގައެވެ.

"ކަލޭ އަދި އެހައި ފަރިތައެއް ނޫން. ދުވަސްކޮޅެއް ވާާންދެން ޖެހޭނީ މަސައްކަތް ދަސް ކުރަން. އެހެންވީމާ މަސައްކަތް ކުރަން އުޅޭ މީހުންނަށް ލިބޭ މުސާރައެއް ކަލެއަކަށް ނުލިބޭނެ. ލިބޭނީ ދަސްކުރާ މީހެއްގެ މުސާރަ." ފުރަތަަމަ ދުވަހު އޭނާގެ މަސައްކަތް ބަލައިފައި މޫލަވެރިޔާ ބުންޏެވެ.

އޭނާއަށް އެހައި ފަރިތަކޮށް ފަހަން ނޭނގޭކަން ޚުދު އޭނާއަށްވެސް އެނގެއެވެ. އޭނާއަކީ ކެނޑުމާއި ފެހުމުގައި މާ ކުޅަދާާނަ މީހެއް ނޫނެވެ. އެކަަކު އެހެން ކަންތައްތައްވެސް ކުޑަކޮށް އެނގޭ މިންވަރަށް ފަހަންވެސް ދަނެއެވެ. މި ކާރުޚާނާގައި މަސައްކަތް ކުރާން ފެށީ ވަޒީފާއެއް ލިބޭތޯ އެތައް ދުވަހަކު ގަނަތެޅުމަށްފަހު މި ނޫން ގޮތެއް ނެތިގެންނެވެ. ލިބޭ މުސާރައަކީ އޭނާ ހިތްހަމަޖެހޭ ވަރުގެ މުސާރައެއް ނޫނެވެ. އެކަމަކު އެ މުސާރަޔާ ރުހިގެން ހުރުން ނޫން ގޮތެއް ނެތެވެ. އަތުގައި ހުރި ފައިސާކޮޅު މަޑުމަޑުން ގޮސް ހުސްވަނީއެވެ. ފުލެޓުގެ ކުއްޔާއި ކަރަންޓާއި ފެނަށް ކޮންމެ މަހަކު ޚަރަދު ކުރަން ޖެހެއެވެ. މި ކާރުޚާނާގައި މަސައްކަތްކޮށްގެން މާ ބޮޑު އާމްދަނީއެއް ނުލިބޭނެއެވެ. އެކަމަކު ކޮންމެހެންބޭނުން ޚަރަދުތައް ކޮށްލެވޭ ވަރު ވާނެއެވެ.

މީގެ ދެ ދުވަސް ކުރީން ޢަޒްރާ ބުނި ގޮތުގައި އޭނާ ހައެއްކަ ދުވަހުގެ ތެރޭގައި ފުލެޓު ދޫކޮށްފައި ހިނގައިދާނެއެވެ. އެއީ އޭނާ މީހަކާ އިންނާން އުޅޭތީއެވެ. އެއީ ލުއި ޚަބަރެއް ނޫނެވެ. ޢަޒްރާ ދިޔައީމާ ހުރިހައި ޚަރަދެއް ކުރާން ޖެހޭނީ ގުލްއާއި އޭނާޔާ ދެމީހުންނަށެވެ. މީގެ ކުރިން ޚަރަދު ކުރަނީ ތިން މީހުންނަށް ބަހައިލައިގެންނެވެ. ދެން ބަހައިލާން ޖެހޭނީ ދެ މީހުންގެ މައްޗަށެވެ. އޭނާ މަރުވެފައިވާ ހިތަކާއެކު ޢަޒްރާއަށް ތަހުނިޔާ ކިޔެވެ. އަދި އެނދުގައި އުޑުތިލަމަތީން އޮށޯވެލައިގެން އޮވެ ހިސާބު ޖަހާން ފެށިއެވެ.

ގުލްއާއި ޢަޒްރާާއާ ދެމީހުން ތިބީ ވަރަށް އުފަލުންނެވެ. މަޖާ ވާހަކަ ދައްކައި ހީނ ހަދަނީއެވެ. އޭނާ ދެރަވެފައި އެ ދެމީހުންގެ މޫނަށް ބަަލާާން އޮތެވެ. އެހެން އޮވެފައި ވިސްނުމެއްގެ ތެރެއަށް ގެއްލިއްޖެއެވެ. އެންމެ ފަހުން ގޮސް ރީތިކޮށް ނިދިއްޖެއެވެ.

ހޭލެވުނުއިރު ހާރު ވަގުތު ޖެހިއްޖެއެވެ. އޭރު އޭނާގެ ހިތުގެ ހިނގުން ވަނީ އަވަސް ވެފައެވެ. ނިދީގައި އޭނާއަށް ހުވަފެނުގައި ފެނުނީ ޙައިދަރާއި އޭނާޔާ ދެމީހުން ހީނހީނފައި ވާހަކަ ދައްކަމުން ގޭގެ ފެންޑާއިގައި ދެކޮޅަށް ހިނގާ ތަނެވެ. އެޔާއެކު ކުއްލިއަކަށް ހޭލެވިއްޖެއެވެ. އޭނާ ކޮޓަރި ތެރެއަށް ނަޒަރު ހިންގައިލިއެވެ. ވެރިވެފައި އޮތީ އަނދިރިކަމެވެ. މިއީ އޭނާއަށް މިހާރަކަށް އައިސް ވާ ގޮތެކެވެ. ނިދި ޖެހިލުމާއެކު ފެންނަނީ ޙައިދަަރާއެކީ އުޅޭ ތަނެވެ. އާދައިގެ މަތީން ޙައިދަރު މަޑުމައިތިރިކަމާއެކު ވާހަކަ ދައްކާ ތަނެވެ. ލުއި ހިނިތުންވުމެވެ. އޭނާ ތެދުވެގެން ގޮސް ކޮޓަރީގެ ބޮކި ދިއްލައިލިއެވެ.

އިރުކޮޅަކުން ޢަޒްރާވެސް ތެދުވެއްޖެއެވެ. މާދަމައަކީ އޮނަވިހި ވަަނަަ ރޯދަ ހިފާ ދުވަހެވެ. ޢަޒްރާ ބުނެފައި އޮތީ އޭނާ މާދަމާ ރޯދައަށް ހުންނާނެ ކަމަށެވެ. ފުރަތަމަ ރޯދައަށް ފަހު މާދަމާ ވެގެން ދާނީ ޢަޒްރާ ހިފާ ދެވަނަ ރޯދައަށެވެ. އެއީވެސް ބަަޔަކު އުޅޭ ގޮތެކެވެ.

އޭނާާގެ ހިތުގައި ބާވަތެއްގެ ބުރައެއް އުފެދިގެން އުނދަގޫ ކުރަމުން ދިޔައެވެ. މަޑުމަޑުން ގޮސް ބަދިގެއަށް ވަދެ ސައި ކައްކައިފިއެވެ. އަދި ތިން މީހުންނަށް ވާވަރަރަށް ފަރާޓާ ފިހެ ނިންމުމަށް ފަހު ސައިތަަށި ހިފައިގެން ކޮޓަރިއަށް ވަދެއްޖެއެވެ. ގުލް އާއި ޢަޒްރާވެސް ސައިތަށި ހިފައިގެން ކޮޓަރިއަށް ވަނެވެ.

ސާރާާ މަޑުމަޑުން ސައި ބޯން ފަށައިފިއެވެ. އެ ވަގުތު ގުލްއާއި ޢަޒްރާއާ ދެމީހުން ވަރަށް ބާރަށް ހީނގެންފިއެވެ. އޭނާ ސައި ތަށި އެއްފަރާތުގައި ބަހައްޓައިފިއެވެ. އެޔާއެކު ކުއްލިއަކަށް ރޮވިއްޖެއެވެ.

"ކިހިނެއްވީ؟ ދަންވަރު ދަޅައިގައި ކޮން މުސީބާތެއް ލައިގަތީތަ؟" ގުލްއާއި ޢަޒްރާއާ ދެމީހުން އޭނާގެ ކައިރިއަށް އަތުވެއްޖެއެވެ. އެކަމަކު އޭނާ ޖެހި އިސް އުފުލައެއް ނުލިއެވެ.

"މިހާރު ހަނދާންވީ ކާކުގެ މަތީންތަ؟ ކަލެއަށް ރުއިމުގެ ބަލި ޖެހުނު ގޮތަކަށް ނުއެއް ފިލިއެއްނު؟ އަނެއްކާ ބަލިގަނޑު ހިލިގަތީ. އާމިނާ. އިރުކޮޅަކުން ފަޖުރު ލައިފާނެ. އަވަހަށް ހާރުކާންވީނު؟ މޮޔަވީތަ؟ މިހާރު ތިޔަ ރޮނީ ކޮން ކަމަކާ؟"

ގުލްއާއި ޢަޒްރާއާ ދެމީހުން އޭނާާ ހުއްޓުވޭތޯ ވަރަށް މަސައްކަތް ކުރިއެވެ. އެކަމަކު އެކަމެއް ނުވިއެވެ. ސާރާ ރުއިން ހުއްޓައެއް ނުލިއެވެ. އަދި އިސް އުފުލައެއްވެސް ނުލިއެވެ. އެންމެ ފަހުން އެ ދެމީހުން ކާން ހިނގައްޖެއެވެ.

ދެމީހުން ކައި ނިމިގެން އައި އިރުވެސް ސާރާ ރޮނީއެވެ.

މާ ގިނަ އިރުތަކެއް ނުވެ ފަތިސްނަމާދަށް ގޮވައިފިއެވެ. ގުލްއާއި އަޒްރާއާ ދެމީހުން ކޮޓަރީގެ ބޮކި ނިއްވައިލައިފައި އޮށޯތްއިރުވެސް ސާރާ ރޮނީއެވެ.

ގަޑިން ހައެއް ޖެހީމާ އޭނާ ކާރުޚާނާއަށް މަސައްކަތު ދާން ތައްޔާރު ވާން ފަށައިފިއެވެ.

ކާރުޚާނާގައިވެސް އޭނާއަށް ކުރިމަތިލާން ޖެހުނީ އެ ސުވާލާއެވެ. އޭނާއަށް ވީ ކީއްތޯ ނާހާ މީހަކާ ދިމައެއް ނުވެއެވެ.

"މިއަދު ކުޑަކޮށް ބަލީ." އޭނާ ކޮންމެ މީހަކަށްވެސް ދެނީ އެއް ޖަވާބެކެވެ.

ތިނެއް ޖެހީމާ މަސައްކަތް ނިމިގެން ގެއަށް ދިއުމުގެ ބަދަލުގައި އޭނާާ ދިޔައީ ބާޒާރަށެވެ. އެއްވެސް ބޭނުމެއް ނެތި ގަޑިއެއްހައި އިރު ވާންދެން އޭނާ ބާޒާރުމަތީގައި އެނބުރުނެވެ. އޭނާގެ ހަނދާނަށް އައީ ފައިބެ އަހަރުގެ އީދު ދުވަހެވެ. މަންމަޔާއެކު ބާޒާރުމަތީގައި ހިނގަމުން ދިޔަ މަންޒަރު ލޮލުގެ ކުރިމަތީގައި ތަކުރާރު ވަމުން ދިޔައެވެ. އެ ދުވަހު އޭނާ އެއްވެސް އެއްޗެއް ނުގަނެއެވެ. މިއަދު ބާޒާރުމަތީގައި އެނބުރެމުން އެދަނީ އެކަންޏެވެ.

އިރުއޮއްސޭން ގަޑިއެހައި އިރަށް ވެއްޖެއެވެ. އެ ދުވަހު ލިބުނު އުޖޫރައަށް އޭނާ ގަތީ ކާބޯތަކެއްޗެވެ. އެތަކެތި ހިފައިގެން އޭނާ ގެއަށް އައި އިރު އިރުއޮއްސޭން ބައިގަޑި އިރަށް ވެއްޖެއެވެ. ދޮރު ހުޅުވީ ގުލްއެވެ.

"އާދޭ، ސާރާ. މިއަދު ތިޔަ އައީ ހާދަހާ ލަހަކުންނޭ؟"

އާމިނާގެ ބަދަލުގައި ސާރާއޭ ގޮވި ނަމަވެސް އޭނާާއަކަށް އެ ވަގުތަކު އެކަމެއް ފާހަގައެއް ނުކުރެވުނެވެ. އޭނާ އެއްވެސް ޖަވާބެއް ނުދީ އެތެރެއަށް ވަދެއްޖެއެވެ. އަދި އަތުގައި ހުރި ތަކެތި މޭޒުމަތީގައި ބަހައްޓައިފިއެވެ. ގުލްއާއި ޢަޒްރާ އެހެން ދުވަސް ދުވަހަށްވުރެ ހިމޭންކަމުގައި އޭނާއަށް ފާހަގަ ކުރެވުނެވެ. އެކަމަކު އެކަމަކާ އަޅައެއް ނުލިއެވެ.

"ހަލޯ، ސާރާ. ކިހިނެއް؟" ފަރަންސޭސި ބަހުން ވަރަށް މަޑުމަޑުން ކުރެވުނު ސުވާލު އޭނާއަށް އިވުނީ ހޮނު ގުގުރިއެއްހައި ބާރަށެވެ. އޭނާާގެ ހަށިގަނޑުގައި އެތައް ހާސް ވޯޓެއްގެ ކަރަންޓު ދައުރުވާން ފެށި ކަހަލައެވެ. ހިލަ ބުދެއްހެން ހަރަކާތް ހުއްޓިއްޖެއެވެ. އެއީ އޭނާއަކަށް ބީރައްޓެހި އަޑެއް ނޫނެވެ. އެތައް ލައްކަ އަޑެއްގެ ތެރެއިންވެސް އޭނާއަށް އެ އަޑު ފާހަގަ ކުރެވޭނެއެވެ.

(ނުނިމޭ)

14 ޚިޔާލު

  1. އޯހް! ހުރިހާ ވާހަކައެއް އަޑުއިވިގެން ދޯ ފިލީ.
    ޙައިދަރު އެހެރީ ބަލާއައިސްފަ.ދެން ކިހިނެތްބާ ހަދާނީ.ދެކޮޮޅުހަދަން ކެރިދާނެބާ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.