(25 އޮކްޓޯބަރ 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އެއްކޮށްފައި އޮތް ކުޑަ ފައިސާކޮޅުން ގޭގެ ޚަރަދުބަރަދު ބެލެހެއްޓޭވަރު ކިރިޔާ ވީއެވެ. އެހެންވީމާ ކިޔެވުން ހުއްޓައިލާފައި މަންމަ މަސައްކަތް ކުރި ކާރުޚާނާގައި މޫލަވެރިއެއްގެ ވަޒީފާ އަދާ ކުރާން ފަށައިފިއެވެ.
ކާރުޚާނާ ހުންނަނީ އޭނާގެ ގެޔާ ވަރަށް ކައިރީގައެވެ. އެތަނުން ވަޒީފާއެއް ހޯދާކަށް މެދުވެރިއެއްގެ ބޭނުމެއް ނުޖެހެއެވެ. ދުވަސްކޮޅަކަށް ފަހު މަންމަގެ ހާލު ރަނގަޅުވެ އަނެއްކާވެސް ކާރުޚާނާގެ މަސައްކަތަށް ނުުކުމެއްޖެއެވެ. މަންމަގެ ބާރުއެޅުމުގެ ސަބަބުން ސާރާ ވަޒީފާ ދޫކޮށްލާފައި އަނެއްކާވެސް ކިޔަވާން ފަށައިފިއެވެ. އެކަމަކު އަށެއްކަ މަސް ދުވަސް ފަހުން މަންމަ އަނެއްކާވެސް ބަލި އެނދުގައި އޮށޯވެއްޖެއެވެ. މި ފަހަރު ތަންކޮޅެއް ގިނަ ދުވަހު ބަލިވެ އުޅުނެވެ. މި ފަހަރުވެސް ރަނގަޅުވެލުމާއެކު އެންމެ ފުރަތަމަ އުޅުނީ ސާރާ ވަޒީފާއިން ވަކިކޮށް ކިޔެވުމުގެ މަސައްކަތަށް ނެރޭށެވެ. އެކަމަކު މި ފަހަރު އޭނާ ވަޒީފާ ދުލެއް ނުކުރިއެވެ. ކާރުޚާނާއިން ލިބޭ މުސާރައިން ފްލެޓްގެ ކުލި ދައްކާފައި އެހެން ޚަރަދުތައް ކުރެވޭ ވަރު ވެއެވެ. ސާރާއަށް އެވަރުން ފުދެއެވެ.
އެހެން ތަނކުން ވަޒީފާއެއް ލިބޭތޯވެސް ސާރާ މަސައްކަތް ކުރިއެވެ. އެކަމަކު ލިބޭ ގޮތެއް ނުވިއެވެ. އެންމެ ބޮޑު ހުރަހަކަށްވީ އޭނާގެ އޭނާގެ އިޚްލާސްތެރިކަމާއި ތެދުވެރިކަމުގެ ޔަގީންކަން ދޭނޭ މީހަކު ނުވުމެވެ.
މިހާރު އޭނާ އެހެރީ ވަޒީފާއެއްގެ ބޭނުން ކެނޑިފައެވެ. އޭނާ ފުން ނޭވައެއް ލާފައި ސައި ބޯން ފެށިއެވެ.
* * *
ކުރީ ދުވަހެކޭ އެއްފަދައިން މިއަދުވެސް ޙައިދަރު ގެއަށް އައީ ހަވީރު ހަތަރެއް ޖެހި ފަހުންނެވެ. ފެންޑާގައި މަޑުކުރުމުގެ ބަދަލުގައި ދިޔައީ ސީދާ ކޮޓަރިއަށެވެ. ފަނަރަ ވަރަކަށް މިނިޓު ފަހުން ފެނުނީ ޓްރެކް ސޫޓެއް ލައިގެން ކޮޓަރިން ބޭރަށް ނުކުތް ތަނެވެ. ނުކުމެގެން ކާރުގައި ބޭރަށް ދިޔައީއެވެ. އެނބުރި އައީ ރޭގަނޑުގެ އެއްދަން ހުސްވީ ފަހުންނެވެ.
ޢާރިފީން ޢައްބާސްވެސް ގެއަށް އައީ ރޭގަނޑުއެވެ. ކާން ތިބެގެން ދެބަފައިން ފަރަންސޭސި ބަހުން ވާހަކަ ދެއްކިއެވެ. ދެމީހުންވެސް ދެއްކީ މަސައްކަތާ ގުޅުން ހުރި ވާހަކައެވެ. ސާރާ ހިމޭނުން އިނދެގެން ކަމުން ދިޔައެވެ. އެކަމަކު އިއްޔެއެކޭ އެއްފަދައިން މީހަކު އޭނާޔާ ދިމާއަށް ބަލާ ކަމުގެ އިހުސާސް ކުރެވިއްޖެއެވެ. އޭނާ ފުރަތަމަ ޢާރިފީންއާ ދިމާއަށް، ދެން ޙައިދަރާ ދިމާއަށް ބަލައިލިއެވެ. ދެމީހުން އިސްޖަހައިގެން ތިބެ ކަނީއެވެ. އޭނާވެސް ކެއުމާއިގެން ކުރިއަށް ދިޔައީއެވެ. ކައި ނިމިގެން އެންމެ ފުރަތަމަ ތެދުވެގެން ދިޔައީ ޙައިދަރެވެ.
"ފޮތް ކިޔާ ހިތްވޭތަ؟" ޙައިދަރު ދިޔައީމާ ޢާރިފީން އޭނާޔާ ސުވާލު ކުރިއެވެ.
"ހިތްވަނީ ކަމެއް އަޅުގަނޑަކަށް ނޭނގޭ. ފޮތެއް ލިބިއްޖެއްޔާ ކިޔަން."
ޢާރިފީން އޭނާޔާ ދިމާއަށް ބަލައިލިއެވެ. އެ ވަގުތު އޭނާއަށް ފެނުނީ ޞަބާއެވެ.
"ފޮތްކިޔާ ކޮޓަރި ބަލައިފިންތަ؟"
"ނޫން."
"ބަލައިލާ. އެތާނގައި ފޮތް ހުންނާނެ. ފޮތް ކިޔަން ފެށީމާ ހެޔޮކޮށް ދުވަސް ފާއިތުވާނެ."
އޭނާ ތުވާލިން ތުން ފޮހެލުމަށް ފަހު ތެދުވެއްޖެއެވެ.
އޭނާ ނުކުމެގެން ދިޔަތަން ބަލަން ސާރާ އިނެވެ.
* * *
އަނެއް ދުވަހު ނޯކަރަކު ކުރެން އަހައިގެން އޭނާ ފޮތްކިޔާ ކޮޓަރިއަށް ވަދެއްޖެއެވެ. އެއީ ހެޔޮވަރުގެ ކުތުބުޚާނާއެކެވެ. ޕަންޖާބީ ބަހާއި އުރުދޫ ބަހާއި އިނގިރޭސި ބަހުގެ ފޮތުން ކޮޓަރީގައި ހުރި ހަރުތައް ހުރީ ފުރިފައެވެ. އޭނާ އިރުކޮޅަކު ފޮތްތައް ބަލާން ހުރެފައި ފޮތެއް ނަގައިގެން ކިޔާން އިށީނދެއްޖެއެވެ.
މެންދުރުވާންދެން އޭނާ އިނީ ފޮތްކިޔާ ކޮޓަރީގައެވެ. މެންދުރުވީމާ ކާކޮޓަރިއަށް ގޮސް ކެއީއެވެ. މެންދުރު ކާން ނާންނާނެ ވާހަކަ ޢާރިފީން އޮތީ ބުނެފައެވެ. ޙައިދަރު އާއްމުކޮށް ކަނީ އޮފީހުގައެވެ.
ކައި ނިމިގެން އަނެއްކާވެސް ފޮތްކިޔާކޮޓަރިއަށް އަތުވެއްޖެއެވެ. މި ފަހަރު ދިޔައީ އޭނާގެ ޑައިރީވެސް ހިފައިގެންނެވެ. ކޮޓަރި ތެރޭގައި ހުރި މޭޒުދޮށުގައި އިށީނދެ މޭޒުމަތީގައި އޮތް ގަލަން ނަގައިފިއެވެ. އެއީ އެންމެ ފުރަތަމަ އެތަނަށް ވަން އިރުވެސް އޭނާގެ ލޮލުގައި އަޅައިގަތް ގަލަމެކެވެ. އެއީ ކަޅުކުލައިގެ ބޯލްޕޮއިންޓް ގަލަމެކެވެ. ތުނޑާ ކައިރީގައި ޖަވާހިރުހެން ހީވާ ވިދާ އެއްޗެހިތަކެއް ހަރުކޮށްފައި ހުއްޓެވެ. ތުނޑުވެސް ހުރީ ރަންކުލައިގައެވެ. އެ ގަލަން އޭނާއަށް ވަރަށް ރީތި ވެއްޖެއެވެ.
ޅެން ފޮތެއް ހިފައިގެން އިށީނދެ އެ ފޮތުން ބައެއް ޅެން އޭނާގެ ޑައިރީގައި ނޯޓު ކުރާން ފަށައިފިއެވެ. ގަލަން ފަސޭހަ ވުމާވެސް އެކު އޭނާ ވަރަށް ގިނަ އިރު ވާންދެން ލިޔަން އިނެވެ. އޭނާގެ ސަމާލުކަން ފޮތުން އެއްކިބާވެ، ސިއްސައިގެން ދިޔައީ ކުއްލިއަކަށް މީހަކު ވަރަށް ބާރަށް ދޮރު ހުޅުވައިލީމައެވެ. އޭނާ އެނބުރި ބަލައިލިއެވެ. ދޮރުމަތީގައި ހުރީ ޙައިދަރެވެ.
އޭނާ އެތާނގައި އިންދާ ފެނުނީމާ ޙައިދަރުވެސް ހުރީ ހައިރާން ވެފައެވެ. އިރުކޮޅަކު ދޮރުގެ އުޅަށްގަނޑުގައި ހިފަހައްޓައިގެން ހުރެފައި އެތެރެއަށް ވަދެ ދޮރު ލެއްޕުމަށް ފަހު ވަރަށް ބާރަށް އޭނާޔާ ދިމާއަށް ހިނގައިގެންފިއެވެ. އޭނާ އިން މޭޒު ދޮށަށް ހުއްޓި ފަހަރަކު ވަތްގަނޑެއް ހުޅުވާން ފަށައިފިއެވެ. ސާރާގެ ނޭވާ ނުހުއްޓުނީ ކިރިޔާއެވެ. އޭނާ އެއްވެސް ހަރާކަތެއް ނުކުރެއެވެ. ޙައިދަރު ވަތްގަނޑަކުން ކަރުދާސްތަކެއް ނަގައިފިއެވެ. އަދި މޭޒުމަތީގައި ހުރި ފޮތްތަކުގެ ތެރެއިން ދެތިން ފޮތްވެސް ނަގައިފިއެވެ.
"އަހަރެންގެ ގަލަން ލިބިދާނެތަ؟" އޭނާ ސާރާގެ އަތުގައި އޮތް ގަލަމަށް އިޝާރާތް ކުރަމުން ބުނެލިއެވެ.
ސާރާ އަތުގައި އޮތް ގަލަމަށް ބަލައިލިއެވެ. އަދި އެ ގަލަން ޙައިދަރުގެ އަތަށް ދިނުމުގެ ބަދަލުގައި މޭޒުމަތީގައި ހުރި ގަލަން ލާ ދަޅަށް ލައިފިއެވެ. ޙައިދަރު ހައިރާން ވެފައި އޭނާޔާ ދިމާއަށް ބަލައިލިއެވެ. އަދި ގަލަންދަޅު ހުރިގޮތަށް ހިފައިގެން ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ. ސާރާގެ ނޭވާ ރަނގަޅަށް ހިނގާން ފެށީ ދެނެވެ.
"އޭނާ ވިޔާނުދާ ހަރަކާތެއް ކުރިނަމަ އަހަރެން ހަދާނީ ކިހިނެއް ހެއްޔެވެ؟" އޭނާގެ ހިތަށް އެރިއެވެ.
ވޭތުދިޔަ ދުވަސްކޮޅު ޙައިދަރުގެ އެއްވެސް ކަމަކާ ގުޅިގެން އޭނާ ހާހެއް ނުވެއެވެ. އޭނާ ގެއަށް އަންނަނީ ވަރަށް ލަހުންނެވެ. ގެއަށް އައިސް ކައިގެން ދަނީ ސީދާ ކޮޓަރިއަށެވެ. އެހެންވީމާ ހާސްވާނޭ ކަމެއް ނެތްތާއެވެ. އެކަމަކު މިހާރު އޭނާ ހާސްވާން ފަށައިފިއެވެ.
"މަންމަ އަހަރެން ފޮނުވާ ގޭގައި ޢާރިފީން އައްބާސްގެ އިތުރަށް އޭނާގެ ބޮޑު ފިރިހެން ދަރިއަކު އުޅޭކަމާއި އިތުރު އަންހެނަކު ނޫޅޭކަން މަންމައަށް އެނގޭބާވައެވެ؟ ގޭގެ ނޯކަރަކަށް އަހަރެމެން ދެމީހުން އެކަނި ތިއްބާ ފެނިއްޖެއްޔާ ހީކުރާނީ ކީކޭ ބާވައެވެ؟ މީގެ ފަހުން ދުވަހަކުވެސް މި ކޮޓަރިއަކަށް ނުވަންނާނަމެވެ." އޭނާ ހިތާހިތުން ވައުދުވިއެވެ.
* * *
"ޞަބާ ބައެއް ފަހަރަށް އަހަރެން ލަދު ގަންނަ ޒާތުގެ ކަންތައް އެބަކުރަމު." ޢާރިފީން ޢައްބާސްގެ މޫޑު ހުރީ މާ ރަނގަޅަކަށް ނޫނެވެ.
"މިއަދު އަނެއްކާ ޔުނިވަރުސިޓީއަށް އައީ ކީއްވެގެން؟" އޭނާ ދެއްކި ވާހަކައަށް ސަމާލުކަމެއް ނުދީ ޞަބާ ސުވާލު ކޮށްލިއެވެ.
"ކިހިނެއްވީ؟ ކަމުނުދިޔައީތަ؟"
"އެހެންނެއް ނުބުނަމެއްނު."
"އިއްޔެ މަންމަ އަހަރެން ގާތު އެހި ޞަބާއާ ބައްދަލު ކުރަން ޔުނިވަރުސިޓީއަށް ދަންހޭ. އަހަރެން ބުނީ ނުދަމޭ. އެކަމަކު ޞަބާ ގާތު އެހުމާއެކު އަހަރެން އާދެއޭ ބުނީމެއްނު؟"
"ޢާރިފީން. އެއީ ސިއްރު ކުރަން ޖެހޭ ކަމެއް؟" ޞަބާ އަހައިލިއެވެ. އޭނާގެ އަޑަކު އެއްވެސް ކަހަލަ ހާސްކަމެއް ނެތެވެ.
"ސިއްރު ކުރުމާއި ނުކުރުމުގެ ވާހަކައެއް ނޫން މި ދައްކަނީ. އަހަރެން ޞަބާއާ ބައްދަލު ކުރުމަކީ މަންމަ ރުހޭ ކަމެއް ނޫންކަން ޞަބާއަށް ރަނގަޅަށް އެނގޭނެ. ޞަބާގެ ގެއަށް އަހަރެން ދިއުމަކީވެސް މަންމަ ރުހޭ ކަމެއް ނޫން. މަންމަ ބުނާ ގޮތުގައި އެއީ އާއިލީ އާދަކާދަޔާ ޚިލާފު ކަމެއް. އަހަރެން ޞަބާގެ ގެއަށް ނާންނަނީ މަންމަގެ ޖަޒުބާތަށް އިހުތިރާމް ކުރުމުގެ ގޮތުން. ޔުނިވަރުސިޓީއަށް އަންނަނީ އެހެން ވެގެން. އެކަމަކު އަހަރެން އާދެއޭ ބުނި އިރަކު މަންމަ އަންނާނެ ރުޅިއަކަށް ނުބެލީމެއްނު؟"
"ޢާރިފީން. އަހަރެން ޢާރިފީންއާ ބައްދަލު ކުރަނީއަކީ ވަގަކަށް ނޫން. އަހަރެން ބައްދަލު ކުރަނީ އެންމެންގެ ކުރިމަތީގައި. ފާޅުގައި. އެއީ ޢާރިފީންއަކީ އަހަރެންގެ ފިރިމީހާ ކަމަށް ވާތީ. ހިތާވެގެން އުޅޭ މީހެއް ނަމަ ގެޔަކުވެސް ޔުނިވަރުސިޓީއަކުވެސް ބައްދަލެއް ނުކުރީމުސް. ނުބައި ނޫން ކަމެއް ނުބައި ގޮތަކަށް ކުރަނީ ކީއްކުރަން؟ އަހަރެން އަހަރެންގެ މަންމަގާތުވެސް ބުނަނީ ތެދަށް. ދެން ޢާރިފީންގެ މަންމަ ގާތު ދޮގު ހަދަންވީ ކީއްވެގެން؟ އެކަމަކުވެސް އަހަންނާ ހެދި ޢާރިފީންއަށް އުނދަގުލެއް ތުރާލެއް ދިމާވިއްޔާ އަހަރެން މައާފަށް އެދެން."
"މައާފަށް އެދޭށެކޭ އަހަރެން ނުބުނަމެއްނު؟ އެ ވާހަކަ ބާއްވާ. އަހަރެން މި އައީ އަހަރެން މާދަމާ އިސްލާމްއާބާދަށް ދާ ވާހަކަ ބުނަން ވެގެން؟" ޢާރިފީން މަވްޟޫއު ބަދަލު ކޮށްލިއެވެ.
"ކިތައް ދުވަހަށް؟"
"ދަނީ ހަފްތާއަކަށް. އެކަމަކު އިތުރަށް ދެތިން ދުވަހު ހުންނަންވެސް ޖެހިދާނެ. ޞަބާއަށް ދޭން ގެންނާނީ ކޯޗެއް؟" ޢާރިފީން އަހައިލިއެވެ.
"އަހަރެން މިއީ އެއްވެސް އެއްޗަކަށް އެދޭ މީހެއް ނޫންކަން ޢާރިފީންއަށް އެނގޭނެ." ޞަބާ އާދައިގެ ގޮތަކަށް ބުނެލިއެވެ.
"އެކަން ދަންނަން. އެކަމަކުވެސް އެއްޗަކަށް ނިކަން އެދިބަލަ. އަހަރެން އުފާ ވާނެ."
"މީގެ ކުރިންވެސް ޢާރިފީން ބޭނުންވާ އެއްޗެއް ގެންނަމެއްނު؟ މި ފަހަރުވެސް ބޭނުން އެއްޗެއް ގެނޭ."
"ޞަބާ. އަހަރެން ބޭނުން ވަނީ ޞަބާ އަހަރެންގެ ފަރާތުން ކޮންމެވެސް އެއްޗަކަށް އެދެން. އެކަހަލަ ދުވަހެއް އަތުވެއްޖެއްޔާ އަހަރެން ޞަބާގެ އެދުން ފުރިހަމަ ކުރާލެއް ހަލުވިކަން ދައްކާލަން ބޭނުން."
ޞަބާ ހީނގެންފިއެވެ. "އެންމެ ރަނގަޅު. ކޮންމެވެސް ދުވަހަކުން އެއްޗަކަށް އެދޭނަން. އަހަރެންގެ އެދުން ފުރިހަމަ ކުރަނީތޯ އިންކާރު ކުރަނީތޯ ބަލާނަން."
"މައްސަލައެއް ނެތް." ޢާރިފީން އުފަލާއެކު ބޯ ތިރިކޮށްލިއެވެ.
"ޢާރިފީން. ވާހަކައެއް ބުނަންތަ؟" ޞަބާ ކުއްލިއަކަށް ސީރިއަސް ވެއްޖެއެވެ.
"އަވަހަށް ބުނޭ. ތިޔައީއަކީ ހުއްދައެއް ބޭނުންވާ ކަމެއް ނޫނެއްނު؟"
"އިންސާނުންނަކީ އަޖައިބެއް ކަހަލަ ބައެއް. ނޭދެނީސް އެތަކެއްޗެއް ދީފާނެ. އެކަމަކު އެދިފިއްޔާ އެކައްޗެއްވެސް ނުދޭނެ."
"ތިޔަ ދައްކަނީ އަހަރެންގެ ވާހަކަތަ؟" ޢާރިފީން އޭނާގެ މޫނަށް ބަލައިލިއެވެ. "ޞަބާ އަހަންނަށް އިތުބާރު ނުކުރަނީތާ؟"
"އިންސާނުންނަކީ އިތުބާރު ކުރަން ހެޔޮވާވަރުގެ ބައެއްތަ؟"
"ޞަބާ. އަހަރެން މި ދައްކަނީ އަހަރެންގެ ވާހަކަ."
(ނުނިމޭ)
ވަރަށް ކިޔާހިތްވާ ކަހަލަ ގޮތަކަށް ކުރިއަށްދާ ވާހަކައެއް މީ
Vaahaka ekah kiyaalan haadha beynumey.varah kamydhey vaahaka kuriah dhaagoiy
ވަރަށް އުފާވޭ. ކޮންމެ ދުވަހަކު އާބަޔެއް ކިޔާލަންލިބޭތީ.ވާހަކަ ވަރަށް ރީތި.ނަޢީމުގެ މަސައްކަތަށް އަބަދުވެސް ފަހިކަން ދެއްވާށި
ވާހަކަ ފެށިގެން ދިޔައީ ވަރަށް ޝައުޤު ވެރިގޮތަކަށް.ކުރި އަށް ދާގޮތް އެހާމެ ޝައުޤުވެރި. ، ނަޢީމުގެ މި ވާހަކަ އަކީ ވެސް ވަރަށް ރީތި ވާހަކައަކަށް ވާނެހެންހީވޭ.
Sabaa ge mizaaju varah kamudhey.vaahaka varah reethi.
v.v.reethi
Insaanunnakee ithbaaru kuran heyovaa varuge baeththa..alhugan'duves suvaalu ufedhey