އިތުބާރު - 18

(6 ނޮވެމްބަރ 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އެންމެ ފަހަރަކު އަހަރެންގެ މަންމަޔާ ބައްދަލު ކޮށްލެވިދާނެތަ؟ އަހަރެމެންގެ ގެއަށް ގޮސް މަންމަޔާ ބައްދަލު ކޮށްލެވޭނެތަ؟ މަންމަ ބޭނުން ވަނީ ޞަބާ ކުރެން މައާފަށް އެދެން. ޑަކްޓަރުން ބުނާ ގޮތުގައި މަންމަ ދެން މާ ގިނަ ދުވަހަކު ދުނިޔެއަކު ނޯންނާނެ."

ވާހަކަ ދައްކަމުން ދިޔަ އިރު ކުއްލިއަކަށް ޢާރިފީންއަށް އިހުސާސް ކުރެވުނީ ޞަަބާ އޭނާޔާ ދިމާއަށް ބަލަހައްޓައިގެން ހުރި ކަމުގައެވެ. އެކަމަކު މޫނުމައްޗަކުން އެއްވެސް ކަހަލަ އަސަރެއް ފާޅެއް ނުވެއެވެ. އޭނާގެ ހަނދާނަށް އައީ ޞަބާ ވަރި ކުރި ދުވަހުއެވެ. އެ ދުވަހުވެސް ޞަބާ އޭނާޔާ ދިމާއަށް ބަލަހައްޓައިގެން ހުރީ ހަމަ އެހެންނެވެ.

"ޞަބާ. އަހަރެން ޞަބާއާ މެދު ކަންތައް ކުރި ގޮތަށް ޞަބާ އަހަރެންގެ މަންމަޔާ މެދު ކަންތައް ނުކުރުމަކީ އަހަރެންގެ ވަރަށް ބޮޑު އެދުމެއް." އޭނާ އާދޭހުގެ ރާގެއްގައި ބުންޏެވެ.

"އަހަރެން އަންނާނަން. ދެން ދޭ." ޞަބާ އޭނާގެ ދަރިފުޅުގެ މަގަތުން އުނދޯލީގައި އިށީނދެއްޖެއެވެ.

ޢާރިފީންއަށް އިހުސާސް ކުރެވުނީ މީހަކު އޭނާގެ ކަރަށް ފައިން އަރައިގެން ހުރެ ބާރަށް ފިއްތަމުން ދިޔަ ކަމުގައެވެ. އޭނާގެ ހިތާހިތާ ކިޔަމުން ދިޔައެވެ. "ޞަބާއެވެ. އަހަންނާ ދިމާއަށް ހަޅޭއް ލަވާށެވެ. ބަވާށެވެ. އަހަރެންގެ ގެއަށް ނާންނާނަމޭ ބުނާށެވެ. މަންމަ ހަމަ މި ވަގުތު މަރު ވިޔަސް ހެވޭ ބުނާށެވެ. ކަލޭ އެކޮޅުކޮޅުން ޖަހަންނަމައަށް އެއްލައިލެވުނަސް ހެވޭ ބުނާށެވެ. އަހަރެންގެ ވާހަކަ އެހައި ފަސޭހައިން ގަބޫލު ނުކުރާށެވެ. ދެކޮޅަށް ކޮންމެވެސް ވާހަކައެއް ދައްކާށެވެ."

އޭނާއަށް ވީ ކިހިނެއް ކަމެއް ނޭނގުނެވެ. ރޮވޭން ފަށައިފިއެވެ.

ޞަބާ އަނގަޔަކުން ނުބުނެއެވެ. ދަރިފުޅު ނަގައި އުނގަށް ލައިގެން އިނީއެވެ. ޢާރިފީން މިހާރުވެސް ހަނދާން އެބަހުއްޓެވެ. ޞަބާއަކީ ކުދިކުދި ކަންތައްތަކާ ރޯ މީހެކެވެ. ވަރަށް ކުޑަ ކަމަކާ ގުޅިގެންވެސް އޭނާގެ ލޮލުން ކަރުނަ ފައިބާން ފަށައެވެ. އެކަމަކު މިއަދަކު އޭނާއަކަށް އެއްވެސް އަސަރެއް ނުކުރެއެވެ. ކުރީންވެސް ބަލަހައްޓައިގެން އިން ގޮތަށް ޢާރިފީންއާ ދިމާއަށް ބަލަހައްޓައިގެން އިނީއެވެ. ޢާރިފީންގެ ރުއިމަކުންވެސް ކުރި އެއްވެސް އަސަރެއް ނެތެވެ. އޭނާ ގަމީހުގެ އަތުކުރީން ލޯ ފޮހެލުމަށް ފަހު އެގެއިން ނުކުމެއްޖެއެވެ.

ޞަަބާ އެގެއަށް އައީ އޭގެ އަނެއް ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ. ޢާރިފީން އިނީ މަންމަގެ މަގަތުން އިށީނދެގެންނެވެ. މަންމަ ކުކުރަނީއެވެ. ޞަބާ ދޮރުމަތީގައި ހުއްޓާ ފުރަތަމަ ފެނުނީ ޢާރިފީންއަށެވެ. އޭނާ ހުރީ އިއްޔެެކޭ އެއްގޮތަށް ދަރިފުޅު އުރުގައި ޖަހައިގެންނެވެ.

ޢާރިފީންގެ ބައްޕައަށް އޭނާ ފެނުމާާއެކު ބޭއިޚުތިޔާރުގައި ތެދުވެވިއްޖެއެވެ. "ޞަބާ. އާދޭ. އެތެރެއަށް ވަދޭ."

އޭނާ އެތެރެއަށް ވަދެއްޖެއެވެ. ބައްޕަ އޭނާގެ ގައިގައި ބައްދައިލާން އުޅުނެވެ. އޭނާ އަތުގެ އިޝާރާތުން އެކަން މަނާާ ކުރިއެވެ.

"ތިޔައީކީ ބޭނުން ކަމެއް ނޫން."

އާއިލާގެ އެންމެންނަށް ޞަބާ އައި ޚަބަރު ލިބުނީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ. ފަހަރަކު މީހަކު އައިސް އިސާހިތަކު ކޮޓަރިތެރެ ފުރާލައިފިއެވެ.

"މަންމާ. ޞަބާ އަތުވެއްޖެ." ޢާރިފީން މަޑުމަޑުން މަންމަގެ ކަންފަތްދޮށުގައި މިހެން ބުނެފައި ކޮޅަށް ތެދުވެއްޖެއެވެ.

"ކޮބާ ޞަބާ؟ ކޮބާ އޭނާ؟ އަހަރެންގެ ކުރިމައްޗަށް ގެނެސްބަލަ. އަހަރެން އޭނާ ދެކިލަން ބޭނުން." ތެދުވެވޭތޯ މަންމަ މަސައްކަތް ކުރިއެވެ. އެކަމަކު ތެދުވެވޭ ގޮތެއް ނުވިއެވެ. ގަޔަކު އެހައި ވަރެއް ނެތެވެ.

ޞަބާ މަޑުމަޑުން އައިސް އެނދު ކައިރީގައި ހުރި ގޮނޑިއެއްގައި އިށިނދެއްޖެއެވެ. ބޮޑުދައިތައަށް އޭނާ ރަނގަޅަށް ފެންނާނޭ ގޮތަށެވެ. ކުއްލިއަކަށް މުޅި ތަނަށް ހިމޭންކަން ވެރިވެއްޖެއެވެ. އެކަމަކު ބޮޑުދައިތަގެ ހަށިގަނޑު ރޫރު އަޅާތަން އޭނާއަށް ފެނެއެވެ. ބޮޑުދައިތަގެ ލޮލުން ކަރުނަ ފައިބަނީއެވެ. ދެން ފެނުނީ އޭނާގެ ތުރުތުރުއަޅާ ދެއަތް ޞަބާގެ ކުރިމަތީގައި ޖޯޑުކޮށްލީ ތަނެވެ. ޞަބާ ވަރަށް ހަމަޖެހިލައިގެން އިނދެ އެ ދެ އަތް ދުރުކޮށްލުމަށް ފަހު ތިރިކޮށްލިއެވެ.

"އަޅުގަނޑު ބޮޑުދައިތައަށް މައާފު ކޮށްފިން. އަޅުގަނޑުގެ ހިތަކު ބޮޑުދައިތައާ މެދު އެއްވެސް ކިލަނބުކަމެއް ނެތް. އެއްވެސް އެއްޗެއް ނެތް."

ޞަބާ ތެދުވެއްޖެއެވެ. ބޮޑުދައިތަ ކުޑަކުއްޖެއްހެން ބާރަށް ރޯން ފަށައިފިއެވެ.

"އަހަރެމެން ކޮއިފުޅަށް ވަރަށް އަނިޔާ..." ބޮޑުބޭބެ ކުރިއަށް ޖެހިލިއެވެ.

ޞަބާ އޭނާގެ ވާހަކަ މެދުކަނޑައިލިއެވެ. "އަޅުގަނޑު ބޮޑުބޭބެއަށްވެސް މައާފު ކޮށްފިން. އަޅުގަނޑު އެންމެނަށް މައާފު ކޮށްފިން."

މިހެން ބުނެފައި ދަރިފުޅު އުރައިގެން ހުރެ ކޮޓަރިން ނުކުންނާން ހިނގައިގެންފިއެވެ.

"ޞަބާ. ނުދޭ. އަހަރެމެން ކައިރީގައި އުޅެން އާދޭ. އަމިއްލަ ގޭގައި ދިރިއުޅެން އާދޭ." އޭނާގެ ތިއްތިބޭބެ އޭނާާ ހުއްޓުވޭތޯ މަސައްކަތް ކުރިއެވެ.

"ތިއްތިބޭބޭ. ދިރިއުޅެން އަހަރެން ބޭނުން ވަނީ ގެއެއް ނޫން. ތަނެއް. އެކަހަލަ ތަނެއް އަހަންނަށް ލިބިފައި އެބަހުރި."

އޭނާ މަޑެއް ނުކުރިއެވެ. ހުއްޓުވޭތޯ އެންމެން މަސައްކަތް ކުރިއެވެ. ބޮޑުބޭބެ ރޮމުންރޮމުން ބޭރު ދޮރާ ހަމައަށް ދިޔައެވެ. އެކަމަކު އޭނާ މަޑެއް ނުކުރިއެވެ. އެ ގެއަށް އައިހާ ހިމޭން ކަމާއި ހަމަޖެހުމާއެކު ނުކުމެގެން ހިނގައްޖެއެވެ.

* * *

"ޢާރިފީން. ތިޔަ ކަމެއް ނުވާނެ. އަހަރެން ދުނިޔޭގައި އިނދެ ތިޔަކަން ވިޔަކަ ނުދޭނަން. ތާރީޚު އަނބުރައި އިއާދަ ކުރުވާކަށް އަހަރެން ބޭނުމެއް ނޫން. ސާރާއާއި ޙައިދަރާ ދެމީހުން ދެވާން ކަނޑައެޅީ ކޮން ހައިސިއްޔަތަކުން؟ ޢާރިފީންބޭބެއަށް އެ ހައްގު ދިނީ ކާކު؟"

ޢާރިފީންގެ ވާހަކަ އަހައިފައި އަޤްޞާ ރުޅި އައިސް ރަތްވިއެވެ. އޭނާ ޕާކިސްތާނަށް އައީ މިއަދުއެވެ. ގެއަށް އައިސް ވަދެފައި ސާރާއާ ބައްދަލު ކުރާން އޭނާ ދިޔައީ ޢާރިފީންގެ ގެއަށެވެ. ސާރާ އެ ގޭގައި ނޫޅޭ ނަމަ އޭނާ ފަހަރެއްގައިވެސް އެގެޔަކަށް ނުދިޔައީހެވެ. ހިތުގައި ވަނީ އެހައި ވަރަށް ކޫރުން އެޅިފައެވެ.

ސާރާއާ ބައްދަލުކޮށް ނިމުނީމާ މުހިއްމު ވާާހަކައެއް ދައްކައިލާން ވެފައި އެބައޮތޭ ކިޔާފައި ޢާރިފީން އޭނާ ގޮވައިގެން ކޮޓަރިއަށް ވަދެ އެންގޭޖުމަންޓުގެ ވާހަކަ ބުނީއެވެ.

"އަޤްޞާ. ވެދިޔަތަން ވެދިޔައީ. އެ ކަންތައްތައް ހަނދާން ނައްތައިލާ. އަހަރެން މި މަސައްކަތް ކުރަނީ އަހަންނަށް ކުރެވުނު ކުށް ރަނގަޅު ކުރަން. އަހަންނާ ސާރާ ހަވާލުކުރީ ޚުދު ޞަބާ. އެކަން ދެނަހުރީމެއްނު؟" ޢާރިފީން އޭނާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.

"ކޮންމެ ކުށަކީ ރަނގަޅު ކުރެވޭނެ ކުށެއް ނޫން. ޢާރިފީންބޭބެމެން ކުރީއަކީ ކުށެއް ނޫން. ކުރީ ފާފައެއް. ދައްތަ ޢާރިފީންބޭބެޔާ ސާރާ ހަވާލު ކުރިޔަސް އަހަންނަށް ވަރިހަމަ. އެއީ އަހަރެން ބަލަން ބޭނުންވާ ކަމެއް ނޫން. ދައްތައަށް ލިބުނު ހުރިހައި ބޮނޑިއެއް ލިބުނީ ދައްތަގެ ސާދާކަމުގެ ސަބަބުން. ދައްތައަކީ ތަކުރާރުކޮށް ކުށްކުރާ މީހުނަށްވެސް އިތުބާރު ކުރަން އާދަވެފައި ހުންނަ މީހެއް. ތަކުރާރުކޮށް މައާފު ކުރަން އާދަވެފައި ހުންނަ މީހެއް. އެއީ ދައްތަގެ އާދަ. ޅަ އުމުރުގައި ކަށްވަޅަށް އެ ދިޔައީ އެ އާދައިގެ ސަބަބުން. އަހަންނަކީ އެއިން އެއްވެސް އާދައެއް ހުންނަ މީހަކީމެއް ނޫން. ދައްތަޔާ މެދު ކަންތައް ހިނގައި ދިޔަ ގޮތަށް ސާރާއާމެދު ކަންތައް ހިނގިޔަ ދިނުމަކީ އަހަރެންގެ ހަށީގައި ނޭވާ ހުއްޓައި ކުރާނޭ ކަމެއް ނޫން."

"އަޤްޞާ. ކުރިން ހިނގައި ދިޔަ ކަންތައްތަކުގައި އަހަރެންގެ އޮތީ ވަރަށް ކުޑަކުޑަ ހިއްސާއެއްކަން އަޤްޞާއަށް ރަނގަޅަށް އެނގޭނެ."

"ކުޑަޔަސް ބޮޑަސް އަހަންނަށް ހެޔޮ. އެއީ ހަމަ ޢާރިފީންބޭބެގެ ކުށް. ގައިމުވެސް ދައްތަގެ ކުށެއް ނޫން. މުޅި އުމުރު ދުވަހު ދައްތަ އުފުލީ ކޮން ކުށެއްގެ ޖަޒާއެއް؟ އަހަރެން ޢާރިފީންބޭބެގެ އާއިލާގެ ތެރެއަކަށް ސާރާ ނުފޮނުވާނަން. ތިޔަކަމެއް ނުވާނެ."

"މިއީ ހަމައެކަނި ޙައިދަރުގެ ރުހުމާއެކު ކުރެވުނު ކަމެއް ނޫން. ސާރާވެސް ރުހިގެން ކުރި ކަމެއް. އެންގޭޖުމަންޓު ރޫޅާލައިފިއްޔާ ސާރާވެސް ހިތުގައި ޖެހޭނެ." އަޤްޞާގެ ކުރިމަތީގައި ޢާރިފީން ހުރީ ބަލިކަށިވެފައެވެ.

"ސާރާގެ ރުހުމޭ..؟ މާޒީގެ އެއްވެސް ވާހަކައެއް އެފަކީރަށް އެނގޭތަ؟ އެނގޭނަމަ ޙައިދަރުގެ މޫނަށް ކުޅުޖަހަންވެސް އޭނާއަކަށް ކަަމަކު ނުދިޔައީސް." އަޤްޞާގެ އަޑުގައި ހުރީ ނުރުހުމުގެ އަސަރެވެ. "އަހަރެން އޭނާއަށް ހުރިހައި ވާހަކައެއް ކިޔައިދޭނަން. އޭރުން އޭނާ އަމިއްލައަށް ތިޔަ ގުޅުމުގައި ކޮޅުފައިން ޖަހާފައި ނުކުމެގެން ހިނގައިދާނެ."

ޢަރިފީން އިސްދަށަށް ޖަހައިލިއެވެ. "އަޤްޞާ. ތިޔަހެން ނުހަދާ. އޭނާއަށް ހުރިހައި ކަމެއް ސިއްރު ކުރީ އޭނާގެ އުފަން މަންމަ. ޞަބާ. ދެން އެ ހުރިހައި ވާހަކައެއް އޭނާއަށް ކިޔައިދޭން އަޤްޞާއަށް އޮތީ ކޮން ހައްގެއް؟ އަޤްޞާއަކަށް ފަރަންސޭސިބަހެއް ނޭނގޭނެ. އެހެންވީމާ ދަންނަ މީހަކު ލައްވައި މި ސިޓީ ކިޔުއްވަބަލަ. މީގައި އޮތީ ކީކޭކަން އެނގިދާނެ. "ސާރާ ޢާރިފީން ގާތު ތިޔަ ގޭގައި ބައިންދާށެވެ. އަހަރެންގެ އާއިލާގެ މީހުން ގާތަށް އޭނާ ނުފޮނުވާށެވެ. މާޒީ ތަކުރާރު ކުރުމުގެ ބޭނުމެއް ނެތެވެ. ސާރާ ބަލަހައްޓައިދޭށެވެ." މިއީ އަހަރެން ލިޔުނު އެއްޗެއް ނޫން. ސީދާާ ޞަބާ ލިޔުނު އެއްޗެއް. އަޤްޞާ. ހަނދާން ކުރާތި. ޞަބާާ އަހަންނަށާއި އަހަރެން އާއިލާގެ އެންމެނަށް މައާފު ކޮށްފި. އެކަމަކު އަޤްޞާމެންނަކަށް އޭނާ މައާފެއް ނުކުރޭ. އަހަރެންގެ އާއިލާގެ މީހުން އޭނާޔާމެދު ކަންތައް ކުރި ގޮތަށް އަޤްޞާގެ އާއިލާގެ މީހުންވެސް ކަންތައް ކުރި. އެންމެން ކުރީ އެއް ކަމެއް. ތިޔަގޭގެ މީހުންވެސް އޭނާގެ ވާހަކަ ގަބޫލެއް ނުކުރި. އޭނާއަކަށް އިތުބާރެއް ނުކުރި. އޭނާގެ ދިރިއުޅުން ބަރުބާދުކުރުމުގައި ތިޔަގޭގެ މީހުންގެ ހިއްސާވެސް ވަކިން ކުޑައެއް ނޫން. ބޮޑު މުސްކުޅިއަކާ އޭނާގެ ކާވެނި ކުރިޔަދިނީ ކީއްވެގެން؟ އޭނާ ސަލާމަތް ނުކުރީ ކީއްވެގެން؟ އޭނާ ހަލާކުވެ ނިމިގެން ދިޔަދިނީ ކީއްވެގެން؟" ޢާރިފީންގެ ގާތަށްވެސް ރުޅި އަތުވެއްޖެއެވެ.

"އަޤްޞާ. މާޒީ ތަކުރާރު ކުރާ ކަމެއް ނެތް. ނިމިދިޔަ ކަމެއް ނިމިދިޔަކަމެއްގެ ގޮތުގައި ބާއްވާ. ވޭތުވެދިޔަ ސައްބީސް އަހަރު ސާރާއަކަށް ލިބުނު އެއްޗެއް ނެތް. ލިބުނު އުފަލެއް ނެތް. މިއަދު އޭނާއަށް އެއްޗެއް ލިބެން އުޅޭތީ އެކަމަށް ހުރަސް ނާޅާ. އޭނާގެ އުފަލަށް ހުރަސް ނާޅާ. ޞަބާގެ މާޒީ އޭނާއަށް ކިޔައި ދިނުމަކީ އުމުރުގެ ބާކީ އޮތް ބައިގައި އޭނާ ރޮއިލަރޮއިލާ ހުންނާނޭ ގޮތް ހެދުން. އެހެން ނުހަދާ."

(ނުނިމޭ)

5 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.