ފަނޑިޔާރުގެ އިސްލާހު ކުރާނީ ފުރާޅުން ޓިނުނަގައިގެންނޫން: ޙަސަން ލަތީފް

ރާއްޖޭގެ ފަނޑިޔާރުގެ އިސްލާޙު ކުރުމަކީ މިސަރުކާރުގެ ވަޢުދެއް ކަމަށާއި އެކަން ކުރައްވާނީ ފަނޑިޔާރުގޭގެ ފުރާޅުން ޓިނުނަގައިގެން ނޫންކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަލްއުސްތާޒު ޙަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ފަނޑިޔާރުގެ އިސްލާހު ކުރާނީ އެކަމަށް އޮންނަ ގާނޫނީ އިމުގެތެރެއިން ކަމަށެވެ. ފަނޑިޔާރުގެ އިސްލާހު ކުރުމަކީ ރައްޔިތުން އެމްޑީޕީއާ ނުވަތަ މިސަރުކާރާ ޙަވާލުކޮށްފައިވާ މަސައްކަތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޯޓުތަކުގެ ފަނޑިޔާރުން ސިޔާސީ މީހުން ކަންތައް ކުރާގޮތަށް ކޮށްފާނެ ކަމަށް ގަބޫލުކުރަން ދަތިވިޔަސް އެކަން ބައެއް ފަނޑިޔާރުންގެ ފަރާތުން ފެންނަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ ސިޔާސީ މީހުންގެ މައްސަލަތައް ބަލަމުންދާ ފަނިޑިޔާރުންނަށް ނުވަތަ ފަނޑިޔާރަކަށް އެފަދަ ސިޔާސީ މީހުންނާބެހޭ ގޮތުން ވާހަކަ ދެއްކުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށެވެ. "ފަނޑިޔާރުގެ އިސްލާހު ކުރުމަކީ ސަރުކާރުގެ ވައުދެއް. އެކަންކުރާނީ ޤާނޫނުގެ ތެރެއިން. އަޅުގަނޑުމެން ނެތިން ކޯޓުގެ ފުރާޅުން ޓިނުނަގައިގެން އެތަނަށްވަދެ މީހުން ހައްޔާރު ކުރާކަށް. އެހެންނަމަވެސް ފަނޑިޔާރުން ގާނޫނާއި ގާނޫނު އަސާސީގެ ބޭރުން ކަންކަން ކުރާ ކަމަށްވާނަމަ އެމީހުންނާ ދޭތެރޭ ފިޔަވަޅު އަޅަންޖެހޭނެ،" ޙަސަން ވިދާޅުވިއެވެ.

ކުރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔައި އެކޯޓުގެ ވައިބަރ ގުރޫޕަށް ފޮނުވި މެސެޖާއެކު ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނުޖަހައިފައިވާ ކުރެހުމެއް ހިމަނާފައިވާތީ އެކަމަށް ވެސް ޙަސަން ވަނީ ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެކަމާ ގުޅިގެން މިއަދުން ފެށިގެން ހައިލަމް އަތުން މައްސަލަތައް ނަގައި އޭނާ ސަސްޕެންޑު ކުރަންޖެހޭ ކަމަށެވެ. ޙަސަން މިހެން ވިދާޅުވިއިރު މާދަމާއަކީ ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީލޯންޑަރިންގެ މައްސަލައިގެ ހުކުމް އިއްވާ ދުވަހެވެ. އެމައްސަލަ ބަލަމުންދަނީ ހައިލަމެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.