ކައުންސިލްގެ ރައީސް ވެގެންދާނީ ރަށުގެ ޖެނެރަލް މެނޭޖަރަށް: ހަސަން ލަތީފް

ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ރަށު ކައުންސިލްތަކަށް އިޚިތިޔާރާއި ބާރުވެރިކަންދީ ޒިންމާތައް ހަވާލު ކުރައްވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަލްއުސްތާޒު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން އއ. ތޮއްޑޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ރައީސް ޔާމީން މިގައުމު މިހާރު ހިންގަވާ ގޮތަށް ހިންގަން ރައްޔިތުން ބޭނުންނުވާ ކަމަށެވެ. ރައްޔިތުން ބޭނުންވަނީ ޖަޒީރާވަންތަ ގައުމެއްގެ ގޮތުގައި ކަމަށެވެ.

ހަސަން ވިދާޅުވީ އެބޭފުޅުންގެ ވެރިކަމެއްހައި ރާއްޖެއަށް ޖަޒީރާ ފަތުރުވެރިކަމެއް ތައާރަފް ކުރައްވާނެ ކަމަށެވެ. އޭގެ ދަށުން ރަށުގެ ފަތުވެރިކަމުގެ ޕްލޭން ހެދުމަކީ ކައުންސިލުން ހަދާ އެއްޗެއްގެ ގޮތުގައި ހަމަޖައްސަވާނެ ކަމަށް ވެސް ވިދާޅުވިއެވެ. "ރަށު ކައުންސިލަކީ ރަށުގެ ފްރޮންޓް އޮފީސް ކަމުގައި ވެގެންދާނެ. ހަމަ އެހެންމެ ރަށުކައުންސިލްގެ ރައީސކީ އެއީ ރަށުގެ ޖެނެރަލް މެނޭޖަރު ކަމުގައި ވެގެންދާނެ،" ހަސަން ލަތީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެނަންތައް ކިޔައިގެން އެގޮތަށް އެކަން ކުރުމުގެ ބޭނުމަކީ ތޮއްޑޫފަދަ ފަތުރުވެރިކަން އޮންނަ ރަށްރަށް ދުނިޔެއަށް މާކެޓު ކުރުން ކަމަށްވެސް ވިދާޅުވިއެވެ. އެހެން ކަމުން ކައުންސިލުން ކުރަންޖެހޭ އެއް މަސައްކަތަކީ ތޮއްޑޫ ފަދަ ރަށްރަށް ޕްރޮމޯޓު ކޮށް ރަށާބެހޭ މައުލޫމާތު ހިމެނޭ ވެބްސައިޓެއް ހެދުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ ވެބްސައިޓުން ރަށާ ބެހޭ ހުރިހާ މައުލޫމާތެއް ލިބެން ހުންނާނެ ކަމަށް ވެސް ހަސަން ވިދާޅުވިއެވެ.

ތޮއްޑޫފަދަ ދަނޑުވެރިކަމުގެ ރަށްރަށުގައި އުފައްދާ ދަނޑުވެރިކަމުގެ ސާމާނު ފީނުވަނީސް ވިއްކައި ފައިސާލެބޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށެވެ. އަދި ދަނޑުވެރިކަންކުރާ އަންހެނުންނަށް ޚާއްސަ އިނާޔަތެއް ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ބަލިކުރައްވާނީ އެމަނިކުފާނު ސިޔާސީ ވާހަކަ ދުވަހަކުވެސް ދައްކަވަން ކެރިވަޑައި ނުގަންނަވާހާ "ބޮޑުތަނުން" ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.