ކާޑު އަގުހެޔޮ ކުރެއްވުމަކީ ހެޔޮފުޅުކަން ދައްކަވަން ކުރެއްވިކަމެއް: ހަސަން ލަތީފް

ރައިސް ޔާމީންގެ ސަރުކާރުން ކާޑުގެ ބާވަތްތަކުގެ އަގަށް ބަދަލު ގެންނަވަނީ ކޮންމެހެން އެކަމެއް ކުރައްވަން ޖެހިވަޑައިގެންނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަލްއުސްތާޒު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ ސަރުކާރުން އެފަދަ ކަންކަން ކުރައްވަނީ ރައްޔިތުންނަށް ހެޔޮއެދިވަޑައިގަންނަވާކަން ދައްކަވަން ކަމަށާއި އެނޫންގޮތަކަށް މިސަރުކާރުން އެފަދަ އެއްވެސް ކަމެއް ކުރައްވައިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެހާސް ސޯޅަވަނަ އަހަރު ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުކުރީ ފަހުން ހެޔޮކޮށް ރައީސްގެ ހެޔޮފުޅުކަން ދައްކަން. އަގު ބޮޑުކޮށްފައި އިއްޔެއިން ފެށިގެން އަނެއްކާވެސް ދެހާސް ސޯޅަވަނަ އަހަރު އަގުހުރި ވަރަށް ރޫޖުއަ ކޮށްދިނުމަކީ އަގުހެޔޮ ކޮށްދެއްވުމެއްނޫން. އެ ކުރެއްވި ކަމަކީ ކުށެއް ނުކުރާ މީހަކު ހައްޔަރުކޮށްގެން ގެންގޮސް ޖަލަށް ލުމަށްފަހު އޭނާ ދޫކޮށްލުންފަދަ ކަމެއް،" ހަސަން ވިދާޅުވިއެވެ.

ސަރުކާރުން 2016 ވަނަ އަހަރު ކާޑުގެ ސަބްސިޑީ ކަނޑުއްވައި އަގުބޮޑު ކުރެއްވުމުން ރައްޔިތުންނަށް ވަރަށްބޮޑު ނިކަމެތިކަމެއް ލިބިގެންދިޔަ ކަމަށާއި ސަރުކާރުން އަބަދުވެސް ބޭނުންވަނީ ރައްޔުތުންނަށް އެފަދަ ކަންކަން ކުރިމަތިކޮށް ތަކުލީފް ޖައްސުވަން ކަމަށް އޭނާ ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ ކެފޭ، ރެސްޓޯރެންޓް ސައިހޮޓާ ފަދަ ތަންތަން 24 ގަޑިއިރަށް ހުޅުވާފައި ބެހެއްޓުމުން މާރާމާރީއާއި އެފަދަ އެހެން ކަންކަން ދިމާވާތީ ކަމަށް ވިދާޅުވެ އެގޮތް ބަދަލު ކުރުމަށްފަހު އަނެއްކާވެސް އެކަން އަލުން ފެށުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދެވުމަކީވެސް ސަރުކާރުގެ އޯގާތެރިކަން ދައްކަވަން ކުރައްވާ ކަމެއް ކަމަށެވެ.

"ކުރިން 24 ގަޑިއިރު ނުހިންގައި ތަންތަން އަވަހަށް ބަންދުކުރީ މާރާމާރީއާއި އެފަދަ އެހެންކަންކަމަށް މަގުފަހިވާނެކަމަށް ބުނެ. އެކަމަކު އެވަނީ ސައިހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ވަގުތުތައް އިތުރުވެސް ކޮށްދީފައި. މިފަދަ ކަންކަމުން ދައްކުވައިދެނީ ސަރުކާރުން ބޭނުންވީމާ ބޭނުން ގޮތަކަށް ކަންކަން ކުރައްވާކަން،" ހަސަން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.