(2 ނޮވެމްބަރ 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"މަންމާ. ޚަތިމުގައި އަތްޖައްސައިގެން ހުރެ ހުވާ ކުރޭ. އަހަރެން މި ބުނާ ގޮތަށް. އަހަރެން ޢާދިލާއި ޞަބާއާ ދެކޮޅަށް އެއްވެސް ރޭވުމެއް ނުރާވާ ކަމަށާއި ރޭ އެ ދެ މީހުން ޢާރިފީން ޢައްބާސްގެ ކޮޓަރިއަށް ނުފޮނުވާ ކަމަށް ﷲ ގަންދީ ހުވައި ކުރަން."
ޢާރިފީން މަންމަޔާ ދިމާއަށް ޚަތިމު ދިއްކޮށްލިއެވެ. ޞަބާގެ ހިތުގެ ހިނގުން އަވަސް ވެގެން ދިޔައެވެ. ނޭވާގެ ހިނގުން ހުއްޓުނު ކަހަލައެވެ. ބޮޑުދައިތަ ޚަތިމުގެ މަތީގައި އަތް ބާއްވައިލިއެވެ. ހައިރާންވީ ވަރުން ޞަބާގެ އަނގަ ހުޅުވުނެވެ. ޔަގީން ނުވާ ކަހަލަ ގޮތަކަށް އޭނާ ބޮޑުދައިތަގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ. އެންމެ ފަހަރަކު ނޫނެވެ. ޢާރިފީން އެ ބުނި އިބާރާތުން ބޮޑުދައިތަ ތިން ފަހަރު ހުވައި ކޮށްފިއެވެ. ކީރިތި ޤުރްއާނުގައި އަތް ޖައްސައިލައިގެން ހުރެއެވެ.
"ﷲ..." އޭނާއަށް ކިޔައި ލެވުނެވެ. އޭނާާގެ މެޔަށް މީހަކު ޚަންޖަރެއް ހަރައިލީ ކަހަލައެވެ. ކީރިތި ޤުރްއާނުގައި އަތްލައި ބޮޑުދައިތަ ދޮގު ހުވައެއް ކޮށްފާނެއެކޭ އޭނާގެ ހިތަކަށް ނާރައެވެ. އޭނާ ޔަގީން ކުރީ ޤުރްއާނަށެވެ.
"ޤުރްއާނުގައި އަތްލައި ދޮގު ހުވައެއް ކުރުމަކީ އެއްވެސް މުސްލިމަކަށް ކުރާން ކެރިދާނޭ ކަމެއް ހެއްޔެވެ؟" އޭނާގެ ހިތަށް އެރިއެވެ. "ދެން އަހަންނަށް ޖެހޭނީ ހަމަ އެ ފޮތުގައި އަތް ޖައްސައިލައިގެން ހުރެ ތެދު ބުނާށެވެ. އެޔާއެކު ޤުރްއާނުގައި އަތްލައި ދެމީހުންކުރެ އެކަކު ދޮގު ހެދިކަން ސާބިތުވާނެއެވެ. މީހުން އެހެން ކިޔާން ފަށާނެއެވެ. ޤުރްއާނުގެ އަގު ވެއްޓޭނެއެވެ."
ޢަރިފީން ޚަތިމު ހިފައިގެން ޞަަބާއާ ދިމާއަށް އެނބުރުނެވެ. ކޮޓަރި ތެރޭގައި ތިބި އެންމެންގެ ނަޒަރު ހުއްޓިފައި ހުރީ އޭނާޔާ ދިމާއަށެވެ. އޭނާ ނޭވާ ހިފަހައްޓައިލައިގެން ޢާރިފީންއާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. ޢާރިފީންގެ މޫނަށް ބަލައިލީމާ ހީވަނީ ގައިގައި ހުރި ހުރިހައި ލެޔެއް ދަމައި ހުސްކޮށްފައިވާ މީހެއް ހެންނެވެ.
ޞަބާ ބޮޑުދައިތަގެ މޫނަށް ބަލައިލިއެވެ. ދެރަވާ ކަމުގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. ކުށެއް ކުރެވުނު ކަމުގެ އިހުސާސް ކުރެވޭހެންނެއް ހިއެއް ނުވެއެވެ. ލަދެއްގެ އަސަރެއް ނެތެވެ. ދެން އޭނާ އަނެއްކާވެސް ބަލައިލީ އޭނާގެ މަންމަޔާ ދިމާއަށެވެ. މަންމަގެ މޫނުމަތީން ފެންނަނީ އުއްމީދުގެ އަސަރެވެ. ލޮލުން ފައިބަނީ ކަރުނައެވެ. އަޤްޞާ ދޮރުކަނީގައި ލެނގިލައިގެން ހުއްޓެވެ.
"ޞަބާ. ދެން އޮތީ ޞަބާގެ ހުވާ. ޚަތިމުގައި އަތް ޖައްސައިގެން ހުރެ ކުށެއް ނެތް ކަމަށް ހުވާ ކުރޭ. ޢާދިލާއެކީ އަހަރެންގެ ކޮޓަރިއަށް ވަނީ އަމިއްލައަށް ނޫން ކަމަށް ﷲ ގަންދީ ހުވާ ކުރޭ."
ޢާރިފީން ޞަބާއާ ދިމާއަށް ޚަތިމު ދިއްކޮށްލިއެވެ. އޭނާ ޢާރިފީންގެ މޫނަށް ބަލައިލިއެވެ. ބެލި ގޮތަށް ބަލަހައްޓައިގެން ހުރެއްޖެއެވެ. ޢާރިފީން އިސް ޖަހައިލިއެވެ.
"ޚަތިމުގައި އަތްލާ." ޢާރިފީން އަނެއްކާވެސް ބުނެލިއެވެ.
ޞަބާ އަތެއް ނުލިއެވެ. އިސް ދަށަށް ޖަހައިލީއެވެ. ހުރި ގޮތަށް ހުރީއެވެ. ޢާރިފީންގެ ނޭވާ އުފުރުނު ކަހަލައެވެ.
"ޞަބާ. ޚަތިމުގައި އަތްލާ." ޢާރިފީން ބުންޏެވެ. ޞަބާ އަތެއް ނުލިއެވެ. އަދި އިސް އުފުލައެއްވެސް ނުލިއެވެ.
"ޞަބާ." މަންމަ ހަޅޭއް ލަވައިގަތެވެ. ޢަޤްޞާ ބާރަށް ރޮއިގެންފިއެވެ. ބޮޑުދައިތަ މަކަރުވެރި ގޮތަކަށް ބަލަހައްޓައިގެން އިނެވެ. ޢާރިފީން ފަހަތަށް ބަރު ފިޔަވަޅެއް އެޅިއެވެ. އަދި މަޑުމަޑުން ގޮސް ޚަތިމު މޭޒުމަތީގައި ބޭއްވިއެވެ. ޞަބާގެ މަންމައާއި އަޤްޞާ ރޮމުންރޮމުން ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ.
ޞަބާ އިސް އުފުލައި ބަލައިލިއެވެ. "ޢާރިފީން. އަހަރެން ޢާރިފީންގެ ފަރާތުން އެއްވެސް އެއްޗެއް ބޭނުމެއް ނޫން. އަހަރެން ބޭނުމީ ހަމައެކަނި ޢާރިފީންގެ ނަން. އަހަރެން ވަރި ނުކުރާތި. އެހެން މީހަކާ ޢާރިފީން އިނަސް އަހަރެންގެ މައްސަލައެއް ނެތް. އެކަމަކު އާދޭސް ކޮށްފައި މި ބުނަނީ، އަހަރެން ވަރި ނުކުރާތި."
"ނަމަކުން ކުރާނީ ޞަބާ ކޮން ކަމެއް؟" ޢާރިފީން ހަޅޭއް ލަވައިގަތެވެ.
"ޢާރިފީން. އަހަންނަށް ރަހުމު ކުރޭ."
"ޞަބާ އަހަންނަށް ރަހުމު ކުރިންތަ؟ ބުނެބަލަ. ޞަބާގެ ހިތުގައި އަހަރެންގެ މައްޗަށް ކުޑަވެސް ރަހުމެއް އުފެދުނުތަ؟ އެހެންވީމާ އަހަރެން ޞަބާއަށް ރަހުމު ކުރާނީ ކިހިނެއް؟ ޞަބާ ކަރީމް. އަހަރެން، ޢާރިފީން ޢައްބާސް، ފުރިހަމަ ހަމަހޭގައި ބުއްދި ސަލާމަތުން ހުރެ ޞަބާާ ތިންފަށް ވަރިއަކުން ވަރިކޮށްފިން."
ޢާރިފީން ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ. ބޮޑުދައިތައާއި ބޮޑުބޭބެވެސް ޢާރިފީންގެ ފަހަތުން ނުކުމެގެން ހިނގައްޖެއެވެ. އޭނާ ހުރި ތާނގައި ގާވެފައި ހުރީއެވެ.
"ޞަބާ ކަރީމް. އަހަރެން، ޢާރިފީން ޢައްބާސް، ފުރިހަމަ ހަމަހޭގައި ބުއްދި ސަލާމަތުން ހުރެ ޞަބާާ ތިންފަށް ވަރިއަކުން ވަރިކޮށްފިން."
އެ އަޑު ދެވަނަ ފަހަރަށް އޭނާގެ ކަންފަތް ދޮށުގައި ގުގުމައިލިއެވެ. އޭނާ މަޑުމަޑުން ތެދުވެގެން އައިސް މޭޒުމަތީގައި އޮތް ޚަތިމު ނެގިއެވެ.
"ކީރިތި ޤުރްއާނުގެ އަގު ދެމެހެއްޓުމަކީ ކޮންމެވެސް އެކަކު ކުރަން ޖެހޭނޭ ކަމެއް. ޤުރްއާނުގެ އަގު ހިފެހެއްޓީތީ ބަޔަކު އަހަރެން ދޫކޮށްލިޔަސް އެ ކަމަކަށް އަހަރެންގެ އިޚްތިޔާރެއް ނެތް." އޭނާ ޚަތިމު މޭގައި ޖައްސައި ބާރު ކޮށްލުމަށް ފަހު އަޑުން އަޑު ނަގައި ރޯން ފަށައިފިއެވެ.
* * *
"ބޭބޭ. އަޅުގަނޑު ވާހަކައެއް ނަންގަންނަން ބޭނުން." ނާސްތާ ކުރާން އިނދެފައި ސާރާ ބުނެލިއެވެ. "އަޅުގަނޑު މަންމަގެ ގޭގައި އުޅުން ކިހިނެއް ވާނެތޯ؟ އެ ގެ އެހެރީ ފަޅަށް. އެކަމަކު ކައިރީގައި ދައްތަމެން އެބަ އުޅޭ. އެހެންވީމާ އަޅުގަނޑު އެކަންޏެއްވެސް ނުވާނެއެއް ނޫންތޯ؟"
އެ ވާހަކަ އަހައިފައި ޢާރިފީން ހައިރާންވިއެވެ. "ސާރާ. އަބަދު ހުންނަނީ ތިޔަ ކަހަލަ ފިކުރު ކޮށްކޮށްތަ؟ އެ ގެއަށް ގޮސްފައި އާދެވުނީތީ މުޅި ދިރިއުޅުން އެގެއަށް ބަދަލު ކުރަން ވިސްނާނެ ކަމެއް ނެތް. މި ގޭގައި ސާރާއަށް މަދީ ކޮން ކަމެއް؟ މި ގޭގައި އުޅެން ހިތްހަމަ ނުޖެހިގެން ތިޔަ އުޅެނީ ކީއްވެގެން؟"
"ހިތްހަމަ ޖެހުމާއި ނުޖެހުމުގެ ވާހަކައެއް ނޫން. އެކަމަކު މަންމަގެ ގޭގައި އުޅެވުނީމާ އަޅުގަނޑު ވަރަށް ބޮޑަށް އުފާ ވާނެ. އެއީވެސް ބޭބެގެ ގެއެއް. އެ ގޭގައި އުޅުނަސް މި ގޭގައި އުޅުނަސް އެ އުޅެވެނީ ބޭބެގެ ގެއެއްގައި ނޫންތޯ؟"
"ސާރާ އެ ގޭގައި އުޅެން ދިއުމަކީ އަހަރެން ރުހޭ ކަމެއް ނޫން. އެކަމުގެ ހުއްދައެއް އަހަރެން ނުދޭނަން. ޞަބާ ދުނިޔޭގައި އިން ނަމަ އޭނާވެސް ސާރާ އެގޭގައި ދިރިއުޅުނަކަ ނުދޭނެ."
ޢާރިފީންގެ ވާހަކަ އަހައިފައި އޭނާގެ އަނެއްކާވެސް ސުވާލު ކުރާން ފަށައިފިއެވެ. "ކީއްވެގެންތޯ؟ މަންމަ އަޅުގަނޑު އެ ގޭގައި އުޅުނަ ނުދޭންވީ ކީއްވެގެންތޯ؟ މަންމަ އެނބުރި މަންމަގެ އަމިއްލަ ގެއަށް ނައީ ކީއްވެގެންތޯ؟ އެ ގޭގައި ކޮން ކަމެއް ހިނގީތޯ؟ މަންމަ އައި ނަމަ އެންމެން މަންމައަށް މައާފު ކޮށްފިކަން އެނގުނީސް. މަންމަގެ ކުށުގެ މަތީން ހަނދާން ނައްތާލައިފިކަން އެނގުނީސް. އާއިލާގެ ރުހުމާ ދެކޮޅަށް މީހަކާ އިނުމަކީ ބަޔަކު ރުޅި އަތުވެދާނެ ކަމެއް. އެކަމަކު އެއީ ފާފައެއް ނޫނެއް ނޫންތޯ؟ މުޅި އުމުރަށް އާއިލާއާ ވަކިވާ ވަރުގެ ބޮޑު ކުށެއްވެސް ނޫނެއް ނޫންތޯ؟ މަންމަ ވަނީ އަޅުގަނޑުވެސް ތާއުމުރު އެކަނިވެރިކަމުގެ އަޒާބުގައި އުޅޭން ޖައްސާފައި. އެކަމަކު މިހާރު އަޅުގަނޑު ބޭނުން ވަނީ އެންމެންނާ ގުޅިގެން އުޅެން. އެންމެންނާ ވާހަކަ ދައްކަން."
މިއީ ޖަޒުބާތުގައި ޖެހިގެން ހުރެ ސާރާ ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ. ޙައިދަރުގެ ހިތުގައި އޭނާގެ މައްޗަށް ހަމްދަރުދީ އުފެދުނެވެ.
"ބައްޕާ. އަޅުގަނޑަށް ހީވަނީ ސާރާ އޭނާގެ މަންމަގެ ގޭގައި އުޅެން ދާން ބޭނުމިއްޔާ އެގޮތް މާ ރަނގަޅުހެން. އެއީ ދެކޮޅު ހައްދަވާ ވަރުގެ ކަމެއް ނޫނެއް ނޫންތޯ؟ މި ގޭގައި އުޅުމަށް ވުރެ އޭނާއަށް ރަނގަޅު ވާނީވެސް އެ ގޭގައި އުޅުން."
ސާރާގެ ދިފާޢުގައި ޙައިދަރު ވާހަކަ ދެއްކީމާ ޢާރިފީންގެ ގާތަށް ވަރަށް ބޮޑަށް ރުޅި އަތުވެއްޖެއެވެ.
"ކަލޭ އަނގަ މަޑުންލައިގެން އިނދޭ. މިއީ ކަލެޔާ ބެހޭ ކަމެއް ނޫން."
ސާރާގެ ކުރިމަތީގައި ބައްޕަ އެހައި ހަރުކަށިކޮށް ވާހަކަ ދައްކަފާނޭ ކަމަކަށް އެނާ ހިއެއް ނުކުރެއެވެ. އޭނާގެ މޫނަށް ރަތް ކުލަ އެރިއެވެ. ހަމަ އެ ވަގުތު ތެދުވެގެން ހިނގައްޖެއެވެ.
"ބޭބޭ. ބޭބެ ނިންމެވީ ކިހިނެއްތޯ؟" ސާރާ އަދިވެސް ދޫކޮށްލާ ފިކުރެއް ނުކުރެއެވެ.
"ސާރާ. ސާރާ ތިޔަ ހަދާހެން ޞަބާ ދުވަހަކުވެސް މިކަހަލަ އާދައިގެ ކަމަކާ ހެދި ގޮތް ދޫނުކޮށް ހިފަހައްޓާފައެއް ނެތް." އަޖައިބެއް ކަހަލަ ގޮތަކަށް އޭނާޔާ ދިމާއަށް ބަލައިލުމަށް ފަހު ޢާރިފީން ބުންޏެވެ.
"މަންމަ ނުކުރާ ކަހަލަ ކިތަންމެ ކަމެއް އަޅުގަނޑު ކުރާނަން."
ޢަރިފީން ސިހުނެވެ. ސާރާ ދުރަށް ބަލާން ފަށައިފިއެވެ.
"ސާރާ. އެ ގޭގައި އުޅެން ދާކަށް އަހަރެން ހުއްދައެއް ނުދޭނަން."
"އެންމެ ރަނގަޅު. އެހެން ވެއްޖެއްޔާ އަޅުގަނޑުގެ ކާފަޔާާާ ވާާހަކަ ދެއްކޭނޭ ގޮތް ހައްދަވައި ދެއްވާ. ކާފަޔާ ވާހަކަ ދައްކަން އަޅުގަނޑު ބޭނުން."
ޢާރިފީން ހަދާނޭ ގޮތް ބޮޑުވެފައިވާ ގޮތަކަށް އޭނާޔާ ދިމާއަށް ބަލައިލިއެވެ. އޭނާގެ ގޮތް ދޫނުކުރުމުގެ ސަބަބުން ކަންބޮޑު ވެފައިވާ ކަހަލަ ގޮތަކަށެވެ.
"އެންމެ ރަނގަޅު. އަހަރެން ސާރާގެ ކާފަޔާ ގުޅައި ދޭނަން."
"ކޮން އިރަކުންތޯ؟"
"ހައެއްކަ ދުވަހުގެ ތެރޭގައި..."
ޢާރިފީން ތެދުވެގެން ހިނގައްޖެއެވެ.
ތިން ދުވަސް ފަހުން އެއް ދުވަހަކު ޢާރިފީން ސާރާއަށް ގޮވައި އޭނާގެ ކޮޓަރިއަށް ގެންދިޔައެވެ.
"އަހަރެން ސާރާގެ ބޮޑުދައިތައާ ގުޅައިފިން. އޭނާ އިރުކޮޅަކުން ގުޅާނެ. ސާރާ އަމިއްލަައަށް ވާހަކަ ދައްކާ."
ސާރާގެ ހިތުގެ ހިނގުން ކުއްލިއަކަށް އަވަސް ވެއްޖެއެވެ. މާގިނަ އިރުތަކެއް ނުވެ ފޯނުގެ ރަނގަބީލު ވާން ފަށައިފިއެވެ. ޢާރިފީން ފޯނު ނަގައިފައި އޭނާގެ އަތަށް ދީފިއެވެ. އޭނާ ތުރުތުރުއަޅާ އަތަކުން ފޯނުގެ އަތްގަނޑުގައި ހިފިއެވެ. އެކޮޅުން އިވުނީ އަންހެނެއްގެ އަޑެވެ.
"ހަލޯ، ސާރާ."
"ހަލޯ." އޭނާ އެހެން ބުނުމާއެކު ކުއްލިއަކަށް އެކޮޅުން ރޯ އަޑު އިވޭން ފަށައިފިއެވެ.
"ދަރިފުޅާ. މިއީ ދަރިފުޅުގެ ބޮޑުދައިތަ، އަޤްޞާ. ކިހިނެއް ދަރިފުޅާ؟" އެ އަންހެން މީހާ ރޮމުން ވާހަކަ ދެއްކިއެވެ.
"ރަނގަޅު؟"
"ސާރާ، ދަރިފުޅާ. ދަރިފުޅު މިހާރު ކައިރީގައި ހުރިނަމަ... އެހެންނަމަ... ބޮޑުދައިތަ ދަރިފުޅު މޭގައި ޖައްސައިލީމުސް."
ކޮންމެވެސް މީހަކު އަޤްޞާގެ އަތުން ފޯނު އަތުލައިފިއެވެ. އަދި ރުއިން ހުއްޓައިލާށޭ ބުނި އަޑު އިވުނެވެ. ދެން އިވުނީ ފިރިހެނެއްގެ އަޑެވެ.
"ސާރާ. މިއީ ސާރާގެ ބޮޑުބޭބެ. ކަންބޮޑު ނުވާތި ކޮއިފުޅާ. އެއްގޮތަކަށްވެސް ހާާސް ނުވާތި. ހައެއްކަ ދުވަހުގެ ތެރޭގައި ކޮއިފުޅުގެ ބޮޑުދައިތަ ޕާކިސްތާނަށް ދާނެ. ޕާސްޕޯޓު ހައްދައި އެހެން ކަންތައް ތައްޔާރު ކުރޭ. ބޮޑުދައިތަ އެނބުރި އެމެރިކާއަށް އަންނާނީ ކޮއިފުޅު ގޮވައިގެން."
(ނުނިމޭ)
?Sara gendhanee ey
Vaahakaige miadhuge bayah varah inthizaaru kuran
އޯހް!.ވީދެރައިން ކަރުނަ ހިލިއްޖެ.ކޮންމެވެސް ދުވަހަކުން އާރިފީނަށް ހަގީގަތް އެނގޭނެކަމަށް އުއްމީދުކުރަން
V.v.v reethi. varah kamudhey
Varah varah reethi..maadhamaa avahah up vaane kamah ummeedhu kuran
އެ ދައިތަ ދޮގުހުވައި ކުރާނެކަން ޔަގީންކޮށްގެން މިހުރީ.ހެދީވެސް އެހެން.ހާދަ މަކަރުވެރި،ނުބައި ނުލަފާ އަންހެނެކޭ.ވިސްނާހުންނާތި.ތިކަމުގެ ބަދަލު ނުފެނިނުދާނެ
Alhey..sissaigenney dhiyaee Arifeen thibuni bahun.keekkuran thinfah variakun vari kuranvee ves.varah hithah thuraavejje
ވަރަށް ސަޅި
?Soooooo sad.Adil kobaitha
Aarifeen.keevvehey Saba lavvaa furathama huvai nukuruvee.haadha dhera ey miveegoiy
Haadha reechey maakurukohvihya migennanee faanoozge baithah thankolheh dhigu
Haadha reechey maakurukohvihya migennanee faanoozge baithah thankolheh dhigu