އިތުބާރު - 7

(26 އޮކްޓޯބަރ 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޢާރިފީންގެ އަޑުގައި ކުޑަކޮށް ނުރުހުމުގެ އަސަރު ހުއްޓެވެ.

"ޢާރިފީން. ލޯބިވާ މީހަކަށް އިތުބާރު ކުރުމަކީ ކޮންމެހެން ލާޒިމު ކަމެއް ނޫން. އަދި އިތުބާރު ކުރާ ކޮންމެ މީހަކު ދެކެ ލޯބިވުމަކީވެސް ވާނެ ކަމެއް ނޫން."

ޢާރިފީން އެ ވާހަކައަަކަށް ޖަވާބެއް ނުދެއެވެ. ހިމޭނުން އިނީއެވެ.

"ރުޅި އައީތަ؟" އޭނާ ހިމޭނުން ހުރީމާ ޞަބާ ސުވާާލު ކޮށްލިއެވެ.

"ނޫނޭ. ރުޅި އަންނަންވީ ކީއްވެގެން؟ ތިޔަ ދެއްކީއަކީ ދޮގު ވާހަކައެއް ނޫނެއްނު."

"އެކަމަކުވެސް ނުރުހިއްޖެއެއްނު؟" ޞަބާ މަސައްކަތް ކުރީ ޢާރިފީން ހަމަޔަކަށް އަޅުވާށެވެ.

"އާނ. ނުރުހުނު. އެކަމަކު އެހައި ބޮޑަކަށް ނޫން. އަހަރެން ދެން ދާންވީ." ޢާރިފީން އަތުކުރީ ގަޑިއަށް ބަލައިލިއެވެ.

"ޢާރިފީން. އަބަދުވެސް ހަނދާން ކުރާތި. އަހަރެން ޢާރިފީންއާ މެދު އަބަދުވެސް ވިސްނާނަން. ދެރައެއް ލިބޭކަށް ދުވަހަކުވެސް ނޭދޭނަން."

ޞަބާގެ މޫނުމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

* * *

ހެނދުނުގެ ވަގުތެވެ. އޭނާގެ ހާސްކަން ދިޔައީ ބޮޑުވަމުންނެވެ. "އާއިލާގެ މީހުންނާ ދެކޮޅަށް އަމިއްލައަށް ބޭނުންވާ މީހަކާ ކާވެނި ނުކުރިނަމަ މިއަދު އާއިލާގެ މީހުންނާ ކުރިމަތިލާކަށް އަހަރެން ޖެހިލުމެއް ނުވީހެވެ. ބިރެއް ނުގަތީހެވެ." އޭނާގެ ހިތަކުން މިވާހަކައެއް ނުފިލިއެވެ.

ފޮތްފޮށިކިޔެވުން އޮތީ އަސުރުގެ ފަހުންނެވެ. ދުވަހަކީ ބަންދު ދުވަހެކެވެ. އެހެންވީމާ ޙައިދަރުވެސް ގޭގައި އުޅެއެވެ. ފިރިހެނުން ތިބެން ގޯތިތެރޭގައި ފޭލިގެއެއް ޖަހާފައި ހުއްޓެވެ. ނޯކަރުން ގާތު އެއްވެސް ވާހަކައެއް ބުނާކަށް ސާރާއަކަށް ނުޖެހެއެވެ. ޗާބީ ދީފައި ތިބި ބައެއްހެން އެމީހުން ތަރުތީބުން މަސައްކަތް ކުރަމުން ދިޔައެވެ.

މެހުމާނުން އަންނާން ފަށައިފިއެވެ. އަންނަ ކޮންމެ މީހަކަށް ސާާރާ ތައާރަފުކޮށް ދެނީ ޢާރިފީނެވެ. ކޮންމެ މީހަކުވެސް ސަލާންގަލާމަށް ފަހު ގޮސް ކޮންމެވެސް ތަނެއްގައި އިށީނދެއެވެ.

"ސާރާ. މިއީ އަހަރެންގެ އެންމެ ދޮށީ ދައްތަ."

ޢާރިފީން އަންހެނަކު ގޮވައިގެން އޭނާގެ ގާތަށް އައިސް ތައާރަފުކޮށް ދިނެވެ. އެ އަންހެންމީހާ ކުއްލިއަކަށް ސާރާގެ ގައިގައި ބައްދައިގެންފައި އަޑުގައި ނެތް ތަނަށް ރޯން ފަށައިފިއެވެ.

"ޞަބާ އެންމެ ފަހުން އޭނާގެ ބޭނުން ފުރިހަމަ ކޮށްފި. އަހަރެމެން ކިހައި ވަރަކަށް ވިސްނައިދިނިން. އެކަމަކު އޭނާ ހަމަ އެއްގޮތަކަށްވެސް ގަބޫލެއް ނުކުރި. އެނބުރި އަންނާކަށް އެއްބަހެއް ނުވި. ކުށް ކުރެވޭނީ އިންސާނުންނަށް. އެކަމަކު އޭނާ..."

"ދައްތާ. ވެދިޔަތަން ވެދިޔައީ. ދެން އެ ވާހަކަ ނުދައްކާ."

"ނުދައްކާ ހުރެވޭނީ ކިހިނެއް؟ އަހަންނަކީ ކެތް ކުރަަން ދަންނަ މީހެއް ނޫން. އަހަރެންގެ ހިތެއް ހަމައެއް ނުޖެހޭ. ޞަބާާ އެ ހެދި ގޮތަށް ހަދަން ޖެހޭތަ؟ އޭނާ މަރުވީ މަރުވާން ޖެހޭ އުމުރަކު ނޫން. އެކަމަކު އޭނާގެ ގޮތް ދޫނުކުރުމުގެ..."

"ދައްތާ. ދެން ތިޔަ ވާހަކަ ބާއްވާ. ވެދިޔަ ތަން ހަނދާން ނައްތައިލާ. ޞަބާއަށްޓަކައި ހެޔޮ ދުޢާ ކުރޭ."

ޢާރިފީންއަށް އޭނާގެ ދައްތަޔާ ސާރާއާ ވަކި ކުރަން ޖެހުނީ ގަދަކަމުން ކަހަލަ ގޮތަކަށެވެ. ދައްތަ ގޮވައިގެން އޭނާ ބޭރަށް ނުކުމެއްޖެއެވެ.

ސާރާއަކަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. އޭނާގެ ހިތަށް އެރިއެވެ. "މިހާރު ޢާރިފީން އޭނާގެ ދައްތަ ގާތު ބުނާނެއެވެ. ސާރާގެ ކުރިމަތީގައި އޭނާގެ މަންމަގެ މާޒީގެ ވާހަކަ ނުދައްކާށެވެ. އެ ވާހަކަތައް އިވުނީމާ ސާރާ ދެރަ ވާނެއެވެ. މަންމަގެ ވިސްނުންވެސް އެކަހަލަ ގޮތަކަށް ހުރި ނަމައެވެ. ކުރިއަށް ނުގެންދެވޭ ގުޅުމަކީ ދަރިންނަށް ކުރިމަތިވާ ބޮޑު އަޒާބެއްކަން މަންމައަށް ވިސްނިފައި އޮތް ނަމައެވެ."

ޤުރްއާން ކިޔަަވަމުން ދިޔައިރު އޭނާ އިސްޖަހައިގެން އަޑު އަހަން އިނެވެ. މަންމަގެ ހަނދާނުގެ ތެރެއަށް ގެއްލިފައެވެ.

މާ ގިނަ އިރުތަކެއް ނުވެ ޢާރިފީންގެ އަނެއް ދެ ދައްތަވެސް އަތުވެއްޖެއެވެ. އެކަމަކު ދޮށީ ދައްތަޔާ އެ ދެމީހުން ތަފާތެވެ. ސާރާއާ ބައްދަލުކުރީ ވަރަށް އާދައިގެ ގޮތަކަށެވެ. ރުއިމެއް، ޝަކުވާއެއް ނެތެވެ. އެ ދެމީހުން އައިތާ މާ ގިނަ އިރުތަކެއް ނުވެ ދޮށީ ދައްތަ އަނެއްކާވެސް އައިސް ވަދެއްޖެއެވެ. މިހާރުވެސް ހުރީ ހަމަ ކުރީގެ މޮޅިވެރި ހާލަތުގައެވެ. އެކަމަކު މިހާރަު ނުއެއް ރޮއެވެ. އޭނާ އައިސް އިށީނީ ސާރާ ގާތުގައެވެ.

ފޮތްފޮށިކިޔަަވައި ނިމުމަށް ފަހު އޮތީ ދުޢާ ކުރުމެވެ. ދުޢާގެ ތެރޭގައި ޤުރްއާނުގެ ބައެއް އާޔަތް މާނައާއެކު ކިޔަމުން ދިޔައެވެ.

"އެދުވަހުން މީސްތަކުން ތަފާތު ބައިބަޔަށް ދާނެތެވެ. (އެއީ) އެއުރެންނަށް، އެއުރެންގެ ޢަމަލުތައް ދެއްކެވުމަށްޓަކައެވެ. ފަހެ، ޒައްރެއްގެ މިންވަރުވިޔަސް، ހެޔޮކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ. އަދި ޒައްރެއްގެ މިންވަރުވިޔަސް، ނުބައިކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ." (ޒަލްޒަލާ: 6-8)

އާޔަތުގެ މާނަ ކިޔުމާއެކު ދައްތަ އަނެއްކާވެސް ރޮއިގެންފިއެވެ. ބިންފަޅައި އަޑިއަށް ދާނެ ނަމައޭ ސާރާގެ ހިތަށް އެރިއެވެ. މީގެ ފަހުން ދުވަހަކުވެސް އިސްއުފުލައި މީހަކާ ދިމާއަށް ބަލައިލާކަށް ނުކެރޭނެއޭވެސް ހިތަށް އެރިއެވެ. އެއްވެސް އިޚްތިޔާރަކާ ނުލައި އޭނާގެ ލޮލުން ކަރުނަފައިބާން ފަށައިފިއެވެ.

"ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނކޮ! މިތާނގައި މިތިބަ އެންމެން މަންމައަށް މަޢާފު ކުރި ފަދައިން އިބަކަލާނގެވެސް މަންމައަށް ޢަފޫ ކުރައްވައިފާނދޭވެ!" އޭނާ ހިތުގެ އަޑީން ދުޢާ ކުރިއެވެ.

ކައި ނިމުނީމާ މީހުން ދާން ފަށައިފިއެވެ. ދާ ކޮންމެ މީހަކު އަނެއްކާވެސް ތައުޒިޔާގެ ވާހަކަ ދައްކާން ފަށައިފިއެވެ. ސާރާއަށް ޖެހުނީ އެ ހުރިހައި ވާހަކައެއް އަޑުއަހާށެވެ. ދައްތަ ދިޔައީ އޭނާގެ ގެއަށް އަންނާން ވާނެއޭ ސާރާ ގާތު ބުނެފައެވެ. ނޯކަރުން ތަށިވަށި ނަގައި ތަން ކުރިން ހުރި ގޮތަށް ތަރަތޯރާ ކުރާން ފަށައިފިއެވެ.

އިރުކޮޅަކުން ޢާރިފީންއާއި ޙައިދަރު އައިސް ގޭތެރެއަށް ވަދެއްޖެއެވެ.

"ސާރާ. އަރާމު ކުރަން ބޭނުމިއްޔާ ކޮޓަރިއަށް ގޮސް އަރާމު ކޮށްލާ." އޭނާގެ ތެތް އަދި ރަތް ލޮލަށް ބަލާން ހުރެފައި ޢާރިފީން ބުނެލިއެވެ.

އޭނާ ކޮޓަރިއަށް އަތުވެއްޖެއެވެ. އެކަމަކު އެއްގޮތަކަށްވެސް ނިދޭ ގޮތެއް ނުވިއެވެ. މަންމައާއެކު ހޭދަކުރި ވަގުތުތައް ހަނދާނަށް އަންނަނީއެވެ. އެ ހަނދާނަކުން ސަލާމަތެއް ނުވެވުނެވެ.

މެންދަމުން އަލިވެ އެކެއް ޖަހައިފިއެވެ. އޭނާ ކޮޓަރިން ގޯތި ތެރެއަށް، ބޭރަށް ނުކުމެވޭން ހުންނަ ދޮރު ހުޅުވައިލާފައި ގޯތި ތެރެއަށް ނުކުމެއްޖެއެވެ. މުޅި ތަނަށް ވަނީ ހިމޭންކަން ވެރިވެފައެވެ. ބޭރުގައި ހުރި އަލިގަދަ ބޮކިތައް އަދިވެސް ހުރީ ދިއްލާފައެވެ. އެކަމަކު އެ އަލި ބޮޑަށް ހުރީ ދޮރާށްޓާ ކައިރީގައެވެ. ބޭރަށް ވެރިވެފައިއޮތް ފިނިކަމާއެކުވެސް އޭނާގެ ހިތަށް އާދަޔާ ޚިލާފު ހަމަޖެހުމެއް ލިބުނެވެ. ވިނަގަނޑު ހުރީ ތެތްކޮށެވެ. ފެން ފައިވާނަކަށް އަރައިގެން ހުރުމުގެ ސަބަބުން އޭނާގެ ފައިތިލައަށް އެ ތެތްކަމުގެ އަސަރު ހުރީ ކޮށްފައެވެ. އެކަމަކު އެއިން އެއްވެސް ކަމަކަށް އޭނާ ސަމާލު ކަމެއް ނުދެއެވެ. ގައިގައި ސާލު އޮޅާލައިގެން ހުރެ މަޑުމަޑުން ދެކޮޅަށް ކުރުކާލިކަނޑާން ފަށައިފިއެވެ.

ޙައިދަރު އޭނާ ކުރާން ހުރި މަސައްކަތް ނިންމައިލީ ދޭއް ޖަަހަން އުޅެނިކޮށެވެ. ނިދުމުގެ ކުރީން ކުޑަދޮރުގެ ފަރުދާ ކަހައިލުމުގެ ބޭނުމުގައި އޭނާ ކުޑަދޮރުގެ ކައިރިއަށް ޖެހިލިއެވެ. ފަރުދާގައި ހިފި އަތް ހުއްޓުނީ ގޯތި ތެރެއިން މީހެއްގެ ހިޔަނި ފެނުނީމައެވެ. މި ވަގުތު ބޭރުގައި އެ އުޅެނީ ކާކުބާވައެވެ؟ އޭނާ ކުޑަކޮށް ނުރުހުން ވިއެވެ. އަދި ކޮޓަރިން ނުކުމެގެން ގޯތި ތެރެއަށް ނުކުމެއްޖެއެވެ. އޭނާއަށް ފެނުނީ ސާރާަން  އެނގުނީ ދެނެވެ.

"ސާރާ. މިހާރު މެންދަމުން އަލިވެ ދޭއް ޖަހައިފި. ސާރާ ތިޔަހަރީ ކޮޓަރީގެ ދޮރު ހުޅުވާފައި ބޭރަށް ނުކުމެ. މިތާނގައި ނުބައި ނިޔަތެއްގައި މީހަކު ފިލާ އޮވެވެސްދާނެ. އެ މީހަކަށް ސާރާގެ ކޮޓަރިން ލާފައި ގޭތެރެއަށް ވަންނާކަށް އުނދަގުލެއް ނުވާނެ. މި ގެ ސާރާއަށް މުހިއްމު ނުވެދާނެ. މި ގޭގައި އުޅޭ މީހުންނަކީ ސާރާއަށް މުހިއްމު ބަޔަކަށް ނުވެ ހިނގައިދާނެ. އެކަމަކު އަހަންނަކަށް އެހެންނެއް ނުވާނެ. މިއީ އަހަރެންގެ ބައްޕަގެ ބުރަ މަސައްކަތުގެ ނަތީޖާ. ގޭގެ ސަލާމަތަކީ އަހަންނަށް ވަރަށް މުހިއްމު ކަމެއް. ދޮރާށިދޮށުގައި ހުންނަ ދޮރުވާނު ބަލަހައްޓާނީ ބޭރު. އޭނާއަކަށް އެތެރެއަށް ވަދެ މީހަކު ސަލާމަތް ކޮށެއް ނުދެވޭނެ. އެހެންވީމާ ގޯތި ތެރޭގައި ހިނގުމުގެ ޕްރޮގްރާމް ދުވާލުގެ ވަގުތަކަށް ބަދަލުކޮށްލިއްޔާ ވަރަށް ރަނގަޅު."

ޙައިދަރުގެ އަޑު އިވުނީމާ ސާރާ ސިހުނެވެ. އިސް ޖަހައިލައިގެން އޭނާގެ ވާހަކަ އަޑުއަހާން ހުއްޓެވެ. ވާހަކަ ނިމުނީމާ ލަދުން ހުރެ މަޑުމަޑުން ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލިއެވެ. ސާރާާ ވަދެގެން ދިޔައީމާ ޙައިދަރުވެސް ގޭތެރެއަށް ވަދެއްޖެއެވެ.

* * *

ހެނދުނުގެ ނާސްތާއަކަށް އޭނާ ނާދެއެވެ. އޭނާއަށް އުނދަގޫނުކޮށް ބާއްވާށޭ ޢާރިފީން ޢައްބާސް ބުނީމާ އެކަކުވެސް އޭނާއަކަށް ނުގޮވައެވެ.

ގޭގެ އެންމެން ބައްދަލުވީ ރޭގަނޑުގެ ކެއުމުގެ ވަގުތުގައެވެ.

"ޢާރިފީން ބޭބޭ. އަޅުގަނޑަށް ކާާފަޔާ ގުޅިދާނެތޯ؟"

ޙައިދަރު ތުނބުގައި ޖައްސާން އުޅުނު ސައި ތަށި ކުއްލިއަކަށް މޭޒުމަތީގައި ބަހައްޓައިފިއެވެ. ޢާރިފީން ޙައިރާން ވެފައި ސާރާއާ ދިމާއަށް ބަލައިލިއެވެ.

"ކާފަޔާ ގުޅަނީ ކީއްކުރަން؟" ޢަރިފީން ކަންބޮޑުވެފައިވާ ރާގަކަށް އަހައިލިއެވެ.

"ކާފަ ދެކޮޅު ނުހަދާ ކަމަށް ވަންޏާ އަޅުގަނޑު ބޭނުން ވަނީ ކާފަ ގާތަށް ދާން." ސާރާ އިސް ޖަހައިލައިގެން އިނދެ ބުންޏެވެ.

"ކާފަ ގާތަށް ދާށޭ؟ މި ގޭގައި އުޅެން އުނދަގުލީތަ؟ ހިތް ހަަމަ ނުޖެހޭ ކަމެއް ވީތަ؟" ޢާރިފީން އަހައިލިއެވެ. ސާރާގެ ވާހަކަަ ގަބޫލު ކުރާން ދަތިވީ ކަހަލައެވެ.

ސާރާ އަނަގަޔަކުން ނުބުންޏެވެ.

"ސާރާ. ސާރާގެ މަންމަ ބޭނުން ވީ ސާރާ މި ގޭގައި އުޅެން. ކާފަމެން ގާތަށް ނުފޮނުވާށޭ އޮތީ ބުނެފައި."

"މަންމަ އެހެން ބުނީ ކީއްވެގެންތޯ؟" ސާރާ އިސް އުފުލައި ބަލައިލާފައި އަހައިލިއެވެ. އެ ސުވާލަށް ދޭނޭ ޖަވާބެއް ޢާރިފީން އަކަށް ނޭނގުނެވެ. ޙައިދަރު އެ ދެމީހުންގެ ވާހަކަ އަޑު އަހާން އިނީއެވެ.

"އެކަން އެނގޭނީ ޞަބާގެ މަންމައަށް. ކޮންމެ ގޮތެއް ވިޔަސް ކާފަމެން ގާތަށް ގޮސްގެން ސާރާއަށް ވާނޭ ފައިދާއެއް ނެތް." ޢާރިފީން ފުން ނޭވައެއް ލިއެވެ.

"ބައްޕާ. ސާރާ އޭނާގެ ކާފަގެ ގާތަށް ދާން ބޭނުމިއްޔާ ފޮނުވައިލައްވަންވީ ނޫންތޯ؟ އޭނާއަށް އެންމެ ރަނގަޅު ވާނީވެސް އެގޮތް." ޙައިދަރު އޭނާގެ ބައްޕަ ގާތު ފަރަންސޭސި ބަހުން ބުނެލިއެވެ.

"ދަރިފުޅު އޭނާ ފޮނުވާލަން އުޅެނީ ކީއްވެގެން؟" ނުރުހުމުގެ ރާގަކަށް ޢާރިފީން އަހައިލީމާ ޙައިދަރު ކަންބޮޑު ވެއްޖެއެވެ. ކުޑަކޮށް އާގަމަވާ ގޮތް ވެއްޖެއެވެ.

(ނުނިމޭ)

4 ޚިޔާލު

  1. ނަޢީމްގެ ލިޔުމުގެ ވައްޓަފާޅި ވަރަށް ކަމުދޭ. މިހާރުގެ ލިޔުންތަކުން ނުފެންނަ ވަރަށް ތަދުބަސްތައް ނަޢީމްގެ ލިޔުންތަކުން ފެނޭ.ވަރަށް އަޅައިގަންނަ ކަމެއް އެއީ....
    ނަޢީމް ލިޔުއްވުމުގައި ކުރިއަށް ވަޑައިގަންނަވާ.އަޅުގަނޑުމެން ކިޔުމުގައި ދެމިތިބޭނަން.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.