ކުލަ ބަދަލުކޮށްގެން މަގާމްތަކުގައި ތިބުމަކީ ކޯލިޝަން ސަރުކާރުގެ ހަމަތަކާ ޚިލާފު ކަމެއް: ނަޝީދު

ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި އިސް މަގާމްތަކުގައި ތިބި ބައެއް މީހުން ސަރުކާރު ބަދަލުވުމުން "ކުލަ ބަދަލުކޮށްގެން" މަގާމު ދިފާއު ކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ފޭދޫގައި ހުންނަ އެމްޑީޕީގެ ޖަގަހައިގައި އެޕާޓީގެ އިސް ބައެއް ފަރާތްތަކާ މިރޭ ވާހަކަ ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ އެގޮތަށް އަމަލުކުރާ މީހުންގެ އެ އަމަލަކީ ކޯލިޝަން ސަރުކާރުގެ އާންމު އަސާސީ ހަމަތަކާ ވެސް ޚިލާފުކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ސަރުކާރު ބަދަލުވުމުން ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ ނުވަތަ ޖުމްހުރީ ޕާޓީއަށް ސޮއިކޮށް ސަރުކާރަށް ތާއިދުކުރާ ބައެއްގެ ގޮތުގައި ދައްކައިގެން އެފަދަ މީހުން އުޅެމުންދިއުމަކީ ހިތާމަހުރި ކަމެއް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރު ދަމަހައްޓަން މަސައްކަތްކުރި ބައެއް މީހުން މިހާރުވަނީ މިސަރުކާރަށް އައިސްފައި ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރު ހިފަހައްޓަން މަސައްކަތްކުރި މީހުން ހިމެނޭ އިއްތިހާދެއް މިހާރު އޮންނަކަން އެނގިވަޑައި ނުގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ. އެމަނިކުފާނު މިހެން ވިދާޅުވިއިރު ކުރީ ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި ޕީޕީއެމްގެ އިސް ސަފުގައި މަސައްކަތްކޮށްފައިވާ ގިނަމީހުންވަނީ ކޯލިޝަންގައި ހިމެނޭ ޖޭޕީއަށް ސޮއި ކޮށްފައެވެ.

އެއްބައިވަންތަ ކަމުގެ ސަރުކާރެއް ގެންނަން މަސައްކަތްކުރީ އޭރު ރައީސް ޔާމީންގެ ސަރުކާރު ކަމުނުގޮސްގެން އުޅުނު އެއް ފިކުރެއްގެ މީހުން ކަމަށާއި ކޯލިޝަން ސަރުކާރުގައި އެފަދަ މީހުންނަށް ހައްގު ފައިދާއާއި މަންފާވެސް ލިބެންޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.