މިހާރުގެ ޤާނޫނުއަސާސީ އަކީ ޠަބީޢީ ގޮތުން ރިޔާސީ ނިޒާމަކަށް ފައްކާވެފައިއޮތް ޤާނޫނުއަސާސީއެއް ނޫން: ރައީސް ނަޝީދު

މިހާރުގެ ޤާނޫނުއަސާސީ އަކީ ޠަބީޢީ ގޮތުން ރިޔާސީ ނިޒާމަކަށް ފައްކާވެފައިއޮތް ޤާނޫނު އަސާސީއެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ވިޝާމް އެން ކޯގެ ފަރާތުން ކުރިއަށް ގެންދަވާ  ނޮލެޖް އޮން ލޯ އިނިޝިއޭޓިވް ޕްރޮގްރާމަށް ދެއްވި އިންޓަރވިއުއެއްގައެވެ.

ރިޔާސީ ނިޒާމެއްގައި ޤާނޫނުއަސާސީ ތަންފީޒުކުރުމަށް ލިބުނީމާ ދިމާވި ހުރިހާ ދައްޗެއް އެމަނިކުފާނުގެ ވެރިކަމުގައި ދިމާވީކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މިހާރު ޢަމަލު ކުރަމުންދާ ޤާނޫނު އަސާސީ އަކީ މަޖިލީހަށް ވަރަށް ބޮޑެތި ބާރުތައް ދީފައިވާ ޤާނޫނު އަސާސީއެއްކަން ވެސް ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގައި މިހާރު އަމަލު ކުރަމުންދާ ޤާނޫނުއަސާސީއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ޚުދުމުޚުތާރު ވެރިކަމާއި އަނިޔާވެރިކަމާ ދެކޮޅަށް ލިޔެވުނު ލިޔެވުމެއް ކަމަށް ވެސް ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

"ރައީސް މައުމޫނުގެ ޚުދުމުޚުތާރު، އަނިޔާވެރިކަމަށް އައި ރިއެކްޝަނެއް. އެހެންކަމުން ޤާނޫނު އަސާސީ ލިޔެވިގެން އައީ  ވަރަށް ބޮޑަށް ބަރުލަމާނީ ސިފައިގައި." ރައީސް ނަޝީދު ވިދާޅުވިއެވެ.

ވެރިކަމުގެ ނިޒާމް އޮންނަންޖެހޭ ގޮތާ ބެހޭގޮތުން ވޯޓެއް ނެގުނީ އެންމެ ފަހު ވަގުތު ކަން ފާހަގަ ކުރައްވައި، އެ ވޯޓުގެ ނަތީޖާ އެމްޑީޕީ އިން ޤަބޫލު ނުކުރާކަމަށް އަބަދުވެސް ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ރައީސް  ނަޝީދު ވިދާޅުވިއެވެ.

ކޮންމެ ފަހަރަކު ވެސް ޤާނޫނު އަސާސީގެ ވާހަކަ ދައްކަނީ ދިވެހި ރައްޔިތުން، އިތުރު ބާރުވެރިކަން ބޭނުންވެ އެކަންކަމަށް މިސްރާބު ޖަހައި މަސައްކަތް ކުރަން ފެށުމުން، ދިވެހި ވެރިކަމުގެ ފަރާތަށް ބާރު ހޯދައި ރައްޔިތުން ބޭނުންވާ ބާރު ލިބި ނުދިނުމަށް ދައްކާ ހުއްޖަތެއްގެ ގޮތުގައިކަމަށް ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. ނޫ ޤާނޫނުއަސާސީ ލަސްވެގެން ދިޔައީ ވެސް އެގޮތުން ކަން ފާހަގަ ކުރެއްވިއެވެ.

މިހާރު ޢަމަލުކުރަމުންދާ ޤާނޫނު އަސާސީއައުމުގެ އަސްލަކީވެސް ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރަން އޭރު ރައީސް މަޢުމޫނުގެ ސަރުކާރަށް ހުށަހެޅުމުން ޤާނޫނުއަސާސީ އިޞްލާޙު ކޮށްގެން ނޫނީ ޖާގަ ނެތްކަމަށް ކަމަށްބުނެ ދެއްކި ޙުއްޖަތްކަމަށް ރައީސް ނަޝީދު ފާހަގަ ކުރެއްވި އެވެ. ނަމަވެސް އޭރު ޢަމަލުކުރަމުންދިޔަ ޤާނޫނުއަސާސީ މުރާޖާކޮށް، ސިޔާސީ ޕާޓީ އުފެދި ޚިޔާލު ފާޅުކުރުމާއި ސުލްޙަވެރިކަމާއެކު ސިޔާސީ ޙަރަކާތްތައް ހިންގުމުގެ ޙައްޤު ލިބުނުކަން ފާހަގަ ކުރެއްވިއެވެ. ނަތީޖާއަކަށްވީ ދުވަހަކުވެސް ދިވެހިން ކަމެއްގައި ބައިވެރިނުވާ މިންވަރަށް ދިވެހިން ބައިވެރިވެގެން ހަދައިފައިވާ ޤާނޫނުއަސާސީއަކަށް މިހާރު ޢަމަލު ކުރަމުންދާ ޤާނޫނު އަސާސީ ވުންކަމަށް ވިދާޅުވިއެވެ. މިހާރު ޢަމަލުކުރަމުންދަނީ ރާއްޖޭގެ ހުރިހާ ރައްޔިތުން "ވަލުގައި ހިފައިގެން" ހެދިފައި އޮތް ޤާނޫނު އަސާސީއަކަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.