ގާދޫކޮލުން ބޭރުގައި ތަނެއްހިއްކާފައި އެތަނަކަށް ރާއްޖޭގެ ހުރިހާ ރައްޔިތުން ގެންނާނެ ކަމެއްނެތް: ރައީސް ނަޝީދު

ދިވެހިރާއްޖޭގެ ޑިމޮކްރެޓިކު ޕާޓީން ދިވެހިރާއްޖޭގެ ރައްޔިތުންނަށް އެންމެ ރަނގަޅަށް އެންމެ ބޮޑަށް ހޯދާދޭނެ ހައްޤަކީ ލާމަރުކަޒީ ނިޒާމް ކަމުގައި ރާއްޖޭގެ ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އެމް.ޑީ.ޕީ. ގެ ރައީސް މުހައްމަދު ނަޟީދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް ގެ މާސްޓަރ ޕްލޭން އިފްތިތާހުގެ ކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޟީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ ރަށްތައް ތަރައްޤީ ކޮށް ރިސޯޓު ހެދުން އެންމެ ބޮޑަށް ގުޅިފައި އޮތީ ލާމަރުކަޒީ އުސޫލުން ހިންގާ ވެރިކަމުގެ ނިޒާމާ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެނިޒާމް ހޯއްދަވާ ދެއްވާނެ ކަމަށް ރައީސް ނަޟީދު ވިދާޅުވިއެވެ.

ވާހަކަ ކުރިއަށް ގެންދަވަމުން މިސަރުކާރު އުފެދިފައި އޮތީ ވަރަށް ފޮނި އުއްމީދެއް ގައި ކަމަށާއި އެ އުއްމީދު ހަޤީޤަތަކަށް ހަދާދިނުމަށް ޓަކައި މިއަދާއި މާދަމާވެސް އެޖަލްސާ އަށް ވަޑައިގެންފައިވާ ބޭފުޅުން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވަމުން ދަރިވަރުންގެ ލޯނުގެ ކަންތައް ވެސް މިސަރުކާރުން ހަމަޖައްސާދޭނެ ކަމަށާއި ދަތުރުފަތުރު ކުރުމުގެ ނިޒާމުވެސް ހަމަޖައްސާދޭނެ ކަމުގައި ރައީސް ނަޟީދު ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން ރައީސް ނަޟީދު ވިދާޅުވި ގޮތުގައި ފަތުރުވެރިކަން ބިނާވެފައި މިއޮތީ ފަޅުރަށެއްގެ އެކަނިވެރި ދިރިއުޅުމުގެ މައްޗަށެވެ. އަދި މުޅި ސިނާޔަތު ވެސް ބިނާވެފައިވަނީ މިގޮތުގައެވެ. އަނބިދަރިންނާއި ގާތްތިމާގެ މީހުންވެސް ނެތް އެކަނިވެރި ދިރިއުޅުމުގެ މައްޗަށެވެ. އަދި މިދިރިއުޅުން އިތުރަށް ތަފްސީލް ކޮށްދެއްވަމުން ރިސޯޓުގެ މަސައްކަތްތެރިން ހޭލީއްސުރެ ރޭގަނޑުގެ އެތައް ދަމެއްވަންދެން ދެފައި އެއްތާކު ނުޖަހާ މަސައްކަތް ކުރަމުންދާ ކަން ފާހަގަކުރައްވަމުން އަމިއްލަ ވަޒަނެއް ހެދުމުގެ އުއްމީދުގައި ފުރަތަމަ ލިބޭ ސާރވިސް ޗާޖުން ހޭދަކޮށްގެން އަޅާ ބިންގަލުގެ މަތީގައި ވިދިގެން އަންނަ އަހަރު 4 ގަޑުބިތް ރޭނޭ އިރު ސިމިންތިޖެހޭ ވަރުވަނީ އޭގެ ފަހުގެ އަހަރުއެވެ. އަމިއްލަ ދަރިފުޅުގެ ހާލަތު ފެންނަނީ ދިގުމުއްދަތެއް ހޭދަކުރުމަށް ފަހު ގެއަށް ވަދެވުމުންނެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެޖެންޑާ 19 އަށް ބިނާކޮށް މިސަރުކާރު ވުޖޫދަށް ގެނައީ މިދެންނެވި ހާލަތު ބަދަލުކުރުމަށެވެ. އަނބިދަރިންނާ ވަކިން އުޅޭ ދިރިއުޅުމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދާދިނުމަށެވެ. އަދި ރާއްޖޭގެ ވެރިކަން ހޯދުމަށް މަސައްކަތް ކުރަނީ ވެސް މި މަގުސަދު ފުރިހަމަ ކުރުމަށެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މިދަންނަވާ ބޭނުން ފިޔަވައި އެހެން އިތުރުބޭނުމެއް ނެތްކަމުގައި ވެސް ރައީސް ނަޟީދު ވިދާޅުވިއެވެ. އަދި ރިސޯޓުތަކުގައި ސީދާ ގޮތުން ވަޒީފާ އަދާކުރާ 12،000 މީހުންނާއި 16،000 ބިދޭސީންގެ އިތުރަށް 35،000 މީހުންނަށް ވަޒީފާގެ ފުރުސަތު މިސިނާޔަތުގެ ތެރެއިން ހޯދިދާނެ ކަމަށް ރައީސް ސޯލިހް އާއި ހަވާލާދެއްވައި ރައީސް ނަޟީދު ވިދާޅުވިއެވެ. އެޖެންޑާ 19 ގެ ސަރުކާރުގެ ކެބިނެޓުގެ އެންމެ ބޮޑު ބޭނުމަކީ ވަޒީފާގެ ފުރުސަތުތައް ހޯދާދިނުމާއި މިހާލަތުން އަރައިގަތުން ކަމުގައި ވިދާޅުވަމުން ފެންބިލް ނުދެއްކިގެން ކަރަންޓްބިލް ނުދެއްކިގެން ގޭގެ ކުލި ނުދެއްކިގެން ގެއިން ނިކުންނާން ނުޖެހުން ކަމުގައި ވެސް ރައީސް ނަޟީދު ވިދާޅުވިއެވެ.  

ރާއްޖޭގެ ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދެނީ ފަތުރުވެރިކަމުން ކަމުގައި ވިދާޅުވެ ބޭސްފަރުވާގެ ހިލޭ އެހީ އާއި ތައުލީމުގެ ލޯން އާއި ކުޑަކުދިންގެ ނާސްތާ އަދި ބޯހިޔާވަހިކަމުގެ އިތުރުން ސަރުކާރުގެ އެހެނިހެން އެހީ އަކީ މިރިސޯޓު ވިޔަފާރީގެ ފައިދާގެ ތެރެއިން ދެވޭއެހީ ކަމުގައި ރައީސް ނަޟީދު ވިދާޅުވިއެވެ.

ރައީސް ނަޟީދުވިދާޅުވި ގޮތުގައި ގާދޫކޮލުން ބޭރުގައި ތަނެއް ހިއްކާފައި އެތަނަކަށް ރާއްޖޭގެ ހުރިހާ ރައްޔިތުން ގެނެސް އެމީހުން އެތަނުގައި އަވަދިކުރަން އުޅޭނެ ކަމެއްނެތެވެ. ރާއްޖެ އަކީ އެއްބައްރަކަށް އޮންނަ ތަނެއް ނޫނެވެ. ރަށްތަކެއްގެ މައްޗަށް އެކުލެވޭ ރާއްޖެއެކެވެ.  

އިބްރާހީމް ޠާހިރު
އިބްރާހީމް ޠާހިރަކީ ނޫސްވެރިކަމުގައި ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ކުޅަދާނަ، ހީވާގި ނޫސްވެރިއެކެވެ. މީގެ އިތުރަށް ރާއްޖޭގެ ސިޔާސީ ދާއިރާގެ ތަޖުރިބާކާރެކެވެ. ރައްޔިތުންގެ ޚާއްސަ މަޖިލީހުގައިވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.