ޝުކްރު ކުރުން (4)

(25 އޮކްޓޯބްރ 2019 ވީހުކުރު ދުވަހުގެ ލިޔުމާ ގުޅޭ)

މާތް ﷲއަށް ޝުކްރު ކުރުމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައި

ޙަޤީޤީ ޝުކްރުގެ އަސަރު ދުލުންނާއި ގުނަވަނުން ފާޅުވާން ޖެހޭނެ

މާތް   ﷲ އެކަލާނގެ އަޅުންނަށް ޝުކްރު ކުރައްވަނީ ކިހިނެއް؟

 

ޝުކްރު ކުރުމަށް  އަމުރު ކުރެއްވުން

މާތް ﷲ އެ ކަލާނގެ އަޅުންނަށް އެކަލާނގެއަށް ޝުކްރު ކުރުމަށް އަމުރު ކުރެއްވިއެވެ. ތިރީގައި މި ދަންނަވަނީ އެ ފަދަ ބައެއް ބަސްފުޅުތަކެވެ.

(1) މާތް ﷲ ވަޙީ ކުރެއްވިއެވެ. " فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُوا لِي وَلَا تَكْفُرُونِ [1]- ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން شكر ކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން كافر ނުވާށެވެ! "

(2) މާތް ﷲ ވަޙީކުރެއްވިއެވެ. "وَوَصَّيْنَا الْإِنْسَانَ بِوَالِدَيْهِ حَمَلَتْهُ أُمُّهُ وَهْنًا عَلَى وَهْنٍ وَفِصَالُهُ فِي عَامَيْنِ أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ [2]- އިންސާނާއަށް، އޭނާގެ މައިންބަފައިންނަށް (ހެޔޮކޮށް ހިތުމަށް) ތިމަންރަސްކަލާނގެ وصية ކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލި ނިކަމެތިކަމުގެ މައްޗަށް، ބަލި ނިކަމެތި ކަމާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާ ކިރު ތުނބުން ވީއްލުންވަނީ، ދެއަހަރުގައެވެ. (ތިމަންރަސްކަލާނގެ أمر ކުރެއްވީމެވެ.) ތިމަންރަސްކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށް شكر ކުރާށެވެ! އެނބުރި رجوع ވުން ވަނީ، ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ."  

(3) މާތް ﷲ ވަޙީކުރެއްވިއެވެ. " لَقَدْ ءَاتَيْنَا لُقْمَـٰنَ ٱلْحِكْمَةَ أَنِ ٱشْكُرْ لِلَّـهِ وَمَن يَشْكُرْ فَإِنَّمَا يَشْكُرُ لِنَفْسِهِۦ وَمَن كَفَرَ فَإِنَّ ٱللَّـهَ غَنِىٌّ حَمِيدٌ[3]-ހަމަކަށަވަރުން، ތިމަންރަސްކަލާނގެ لقمان ގެފާނަށް حكمة ދެއްވީމެވެ. އަދި اللَّه އަށް شكر ކުރުމަށް އެންގެވީމެވެ. އަދި شكر ކުރާމީހާ ފަހެ، އެމީހާ شكر ކުރާކަން ކަށަވަރީ، އޭނާގެ އަމިއްލަ نفس އަށްޓަކައެވެ. އަދި كافر ވި މީހާ ދަންނާށެވެ! ހަމަކަށަވަރުން، اللَّه އީ، ފުދިވޮޑިގެންވާ، حمد ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ."

(4) މާތް ﷲ  އެކަލާނގެ ނަބިއްޔާއަށް  ޝުކްރު ކުރެއްވުމަށް އަމުރު ކުރައްވައި ވަޙީކުރެއްވިއެވެ. " وَلَقَدْ أُوحِىَ إِلَيْكَ وَإِلَى ٱلَّذِينَ مِن قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ ٱلْخَـٰسِرِينَ  ، بَلِ ٱللَّـهَ فَٱعْبُدْ وَكُن مِّنَ ٱلشَّـٰكِرِينَ [4] - ހަމަކަށަވަރުން، ކަލޭގެފާނަށާއި، ކަލޭގެފާނުގެ ކުރީގެ رسول ންނަށް وحى ކުރައްވައިފައިވެއެވެ. ކަލޭގެފާނު شريك ކުރައްވައިފިނަމަ، ކަލޭގެފާނުގެ عمل ތައް باطل ވެއްޖައީސްކަން ކަށަވަރެވެ. އަދި އޭރުން ކަލޭގެފާނު ވާ ހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިން ކަން ކަށަވަރެވެ. އަދި ކިއެއްތަ! ހަމައެކަނި اللَّه އަށް ކަލޭގެފާނު އަޅުކަންކުރައްވާށެވެ! އަދި شكر ކުރާމީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ! "

(5) މާތް ﷲ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ. " قَالَ يَـٰمُوسَىٰٓ إِنِّى ٱصْطَفَيْتُكَ عَلَى ٱلنَّاسِ بِرِسَـٰلَـٰتِى وَبِكَلَـٰمِى فَخُذْ مَآ ءَاتَيْتُكَ وَكُن مِّنَ ٱلشَّـٰكِرِينَ [5]-އެކަލާނގެ وحى ކުރެއްވިއެވެ. އޭ موسى ގެފާނެވެ! ތިމަންރަސްކަލާނގެ رسول ކަމާއި، އަދި ބަސް وحى ކުރެއްވުމުން މީސްތަކުންގެ މައްޗަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނު خيار ކުރައްވައިފީމެވެ. ފަހެ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދެއްވި ކަންކަމުގައި ހިފަހައްޓަވާށެވެ! އަދި شكر ކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ! "

(6) މާތްﷲ މުއުމިނުންނަށް އެކަމަށް އަމުރު ކުރެއްވިއެވެ. "  يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواكُلُوامِن طَيِّبَـٰتِ مَا رَزَقْنَـٰكُمْ وَٱشْكُرُوا لِلَّـهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ [6]- އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި ރަނގަޅު ތަކެތިން ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި ތިޔަބައިމީހުން ހަމައެކަނި اللَّه އަށް އަޅުކަންކުރާ ކަމުގައިވާނަމަ، އެކަލާނގެއަށް ޝުކުރުވެރިވާށެވެ. "

(7) މާތް ﷲ ދެއްވާ ތަފާތު ނިޢުމަތްތައް ބަޔާންކުރައްވައި ބާވައިލެއްވި ބަސްފުޅުގައި އެކަލާނގެއަށް ޝުކްރު ކުރުމަށް އަންގަވައިފައި ވެއެވެ. މަތް ﷲ ވަޙީ ކުރެއްވިއެވެ. " وَءَايَةٌ لَّهُمُ ٱلْأَرْضُ ٱلْمَيْتَةُ أَحْيَيْنَـٰهَا وَأَخْرَجْنَا مِنْهَا حَبًّا فَمِنْهُ يَأْكُلُونَ وَجَعَلْنَا فِيهَا جَنَّـٰتٍ مِّن نَّخِيلٍ وَأَعْنَـٰبٍ وَفَجَّرْنَا فِيهَا مِنَ ٱلْعُيُونِ لِيَأْكُلُوا۟ مِن ثَمَرِهِۦ وَمَا عَمِلَتْهُ أَيْدِيهِمْ ۖ أَفَلَا يَشْكُرُونَ [7]- އަދި މަރުވެފައިވާ ބިމަކީ، އެއުރެންނަށްޓަކައި (އަލުން ދިރުމަކަށް ފޮނުއްވާނޭކަމުގެ) ހެތްކެކެވެ. ތިމަންރަސްކަލާނގެ އެ ބިންގަނޑު ދިރުއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެ ބިމުން އޮށްޓަރު ނެރުއްވީމެވެ. ފަހެ، އެއުރެން ކައިއުޅެނީ އެއިންނެވެ. އަދި ކަދުރުރުއްތަކާއި، މޭބިސްކަދުރުގެ ބަގީޗާތައް ތިމަންރަސްކަލާނގެ އެ ބިމުގައި ލެއްވީމެވެ. އަދި ފެންއާރުތައް އެބިމުގައި ހިންގެވީމެވެ. (އެއީ) އެތާނގެ މޭވާއިންނާއި، އެއުރެންގެ އަތްތަކުން މަސައްކަތްކޮށްގެން ހޯދިތަކެތިން އެއުރެން ކައިއުޅުމަށްޓަކައެވެ. ފަހެ، އެއުރެން شكر ނުކުރަނީ ހެއްޔެވެ؟ "

 ޝުކްރު ކުރަނީ ކިހިނެއް

ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި މާތް ﷲއަށް  ޝުކްރު ދަންނަވަންވާނީ އެކަލާނގެ އެމީހަކަށް  ދެއްވި ނިޢުމަތަކާ އެއްފަދަ ކަމަކުންނެވެ. މާތް ﷲ މީހަކަށް މުދާ ދެއްވިނަމަ އެކަމަށް ޝުކްރު ކުރެވޭނީ ޞަދަޤާތާއި ، ޒަކާތް ދީގެންނެވެ. ފަޤީރުންނަށާއި މިސްކީނުންނަށް ހެޔޮ ފޯރުވައިގެންނެވެ. ޖަމާޢަތަށް ޓަކައި ހޭދަކޮށްގެންނެވެ. ރަށުގެ މަޝްރޫޢުތަކުގައި ބައިވެރިވެގެންނެވެ.

މާތް ﷲ މަޤާމެއް ދެއްވި މީހާ އެހެންމީހުންގެ ބޭނުންތައް ފުއްދައިދެވޭތޯ މަސައްކަތް ކުރަންވާނެއެވެ. ގަޑިއަށް މަސައްކަތަށް ނުކުމެ ޚިދްމަތަށް އެދިގެން އަންނަ މީހުންނަށް އެމީހުން އެދޭ އެ ޚިދްމަތެއް ދެވޭތޯ ބަލަންވާނެއެވެ.

ޝުކްރު ކުރުމަކީ ﷲގެ ޚދްމަތުގައި ނިޢުމަތްތައް ބޭނުންކުރުން

ޙަޤީޤަތުގައި ޝުކްރު ކުރާމީހާ  އޭނާއަށް ދެއްވި  ނިޢުމަތްތައް އެކަލާނގެ ރުހިވޮޑިގަތުމާއި، އެކަލާނގެއަށް  ކިޔަމަންގަތުމަށް ޓަކައި މެނުވީ ބޭނުންކޮށްގެން ނުވާނެއެވެ. އެކަލާނގެއަށް އުރެދުމުގައި އެ ނިޢުމަތުން ވާގި ހޯދައިގެން ނުވާނެއެވެ. ޝުކްރު ކުރުމަކީ ކޮބައިތޯ އަލްޖުނައިދަށް ދެންނެވުމުން ވިދާޅުވިއެވެ. " އަހުރެންގެ ގާތުގައި ޝުކްރުވެރިވުމަކީ އެކަލާނގެ ދެއްވި އެއްވެސް ނިޢުމަތެއް އުރެދުމަކަށް ޓަކައި ބޭނުން ނުކުރުމެވެ. "

އަލްއިމާމުލް ޣަޒާލީ ވިދާޅުވިއެވެ. " ބައެއް މީހުންގެ ގާތުގައި  ޝުކްރު ކުރުމަކީ  الحمد لله ނުވަތަ  الشكر لله އޭ ދުލުން ބުނުމެވެ. އެހެނެއްކަމަކު  ޝުކްރު ކުރުމަކީ ﷲއަށް ކިޔަމަންގަތުމުގައި އެ ނިޢުމަތުގެ ބޭނުން ކުރުމެވެ. އެއްވެސް ޝައްކެއް ނެތްގޮތުގައި  ޝުކްރު ދެންނެވުމަކީ ޝައިޠާނާއަށް  ކުރެވޭ އިހާނެތި ކަމެކެވެ. "

އެހެން މީހުންނަށް ޝުކްރު ކުރުން

މާތްﷲއަށް ޝުކްރުދެންނެވުމަކީ  ވާޖިބުވެގެންވާ ކަމެއް ކަން މިހާރު އެނގިއްޖެއެވެ. ހަމަ އެފަދައން އެ ބައެއްގެ އަތްމަތިން ލައފައި  އަޅުގަނޑުމެންނާ ހަމައަށް ހެވާއިލާބަ އަންނަ ފަރާތްތަކަށް ވެސް ޝުކްރު އަދާކުރަން ޖެހޭނެއެވެ. ކީރިތި ރަސޫލާ r ޙަދީސް ކުރެއްވިއެވެ. " لاَ يَشْكُرُ اللَّهَ مَنْ لاَ يَشْكُرُ النَّاسَ[8] -  މީސްތަކުންނަށް ޝުކްރު ނުކުރާ މީހާ ﷲއަށް ޝުކްރު ނުކުރެތެވެ. "

އެހެންމީހުން ތިމާއަށް ކޮށްދޭ  ހެޔޮ ކަންތައްތަކަށް ހަރާންކޯރުވުމަކީ މުސްލިމުންގެ ކިބައިގައި ހުރެގެންވާނޭ ސިފައެއް ނޫނެވެ. އެއީ މުސްލިމުންގެ އަޚްލާޤިއްޔާތާ  އަރާރުންވާ ކަމެކެވެ.

މީސްތަކުންގެ ތެރެއިން އެންމެ ފުރަތަމަ ޝުކްރު އަދާކުރަން ޖެހޭ ބަޔަކީ މައިންބަފައިންނެވެ.މާތް ﷲ ވަޙީ ކުރެއްވިއެވެ. "  وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ[9] - އިންސާނާއަށް، އޭނާގެ މައިންބަފައިންނަށް (ހެޔޮކޮށް ހިތުމަށް) ތިމަންރަސްކަލާނގެ وصية ކުރެއްވީމެވެ. "  ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި އެންމެ ފުރަތަމަ ޝުކްރު ދަންނަވަން ޖެހޭ ފަރާތަކީ މާތް ﷲއެވެ. އެކަލާނގެ ދެއްވި  އެންމެ ބޮޑު ނިޢުމަތްކަމުގައިވާ ﷲއަށް އީމަންވުމުގެ ނިޢުމަތް ދެއްވީތީއެވެ.

ދެވަނައަށް އޮތީ މައިންބަފައިންނެވެ. އެމީހުންނަކީ އަޅުގަނޑުމެން ވުޖޫދަށް އައުމުގެ އަޞްލު ކަމުގައިވާތީއެވެ. މައިންބަފައިންނަށް ޝުކްރުކުރަންވީ ދެވަނަ ސަބަބަކީ ތަރްބިޔަތާޢި ބަލައިބޮޑުކުރުމުގެ ނިޢުމަތަށް ޓަކައެވެ. މައިންބަފައިންގެ ލޯތްބާއި ކުލުނަށް ޓަކައެވެ.އެމީހުންގެ އަޅައިލުމާޢި އެމީހުން އުފުލައިފައިވާ  ބުރަތަކަށް ޓަކައެވެ. އިންސާނާއަށް އެންމެ ބޮޑަށް  އެހީއަށާއި  އޯގާވެރިކަމަށާއި އަޅައިލުމަށް ބޭނުންވީ ވަގުތު  އޭނާއަށް މި އެހީ ލިބުނީ މަންމައާއި ބައްޕާގެ ފަރާތުންނެވެ. ރަސޫލާ r ޙަދީސް ކުރެއްވިއެވެ. " لاَ يَجْزِى وَلَدٌ وَالِدَهُ إِلاَّ أَنْ يَجِدَهُ مَمْلُوكًا فَيَشْتَرِيَهُ فَيُعْتِقَهُ[10] – ދަރިއަކަށް އޭނާގެ ބައްޕަ އަޅުވެތިކޮށްފައިވާ ވަނިކޮށް ފެނިގެން  އޭނާ  ގަނެ މިނިވަންކުރިޔަސް ، އޭނާގެ ބައްޕައަށް އަދާކޮށްދޭން ޖެހޭ ޙައްޤު އަދާކޮށް ނުދެވޭނެތެވެ. "

ސުފްޔާނު ބުނު ޢުޔައިނާ  ވިދާޅުވިއެވެ. " ފަރްޟު ފަސްނަމާދު ކުރި މީހާ މާތް ﷲއަށް ޝުކްރުއަދާކޮށްފިއެވެ. ފަރްޟު ފަސްނަމާދު ކުރުމަށްފަހު މައިންބަފައިންނަށް ހެޔޮ ދުޢާ ކުރިމީހާ  އެ ދެމީހުންނަށް ޝުކްރު އަދާކޮށްފިއެވެ. [11]

މައިންބަފައިންނަށް ޝުކްރުކުރުމުގެ ތެރޭގައި އެ ދެމީހުންނަށް ކިޔަމަންތެރިވުން ހިމެނެއެވެ. ޛުއްނޫރައިނިލް މިޞްރީ ވިދާޅުވިއެވެ. " ތިބާއަށްވުރެ  މަތީ މީހާއަށް ޝުކްރު އަދާކުރާނީ  ކިޔަމަން ގަތުމުންނެވެ. ތިބާއާ އެއްވަރު މީހުންނަށް ޝުކްރު އަދާކުރާނީ އިނާމާއި ހަދިޔާއިންނެވެ. ތިބާއަށްވުރެ ދެރަ މީހުންނަށް  ޝުކްރު އަދާކުރާނީ އިޙްސާންތެރިކަމުންނެވެ. [12]

އިސްލާމްދީން އަބަދުވެސް ގޮވައިލަނީ ހެޔޮ ކަމެއް ކޮށްދިން މީހާއަށް ތެޔޮހަމެއް ނުދީ އެފަދަ ރަނގަޅު ކަމަކުން ބަދަލު ދިނުމަށެވެ. އަޅުގަނޑުމެންގެ ތަނަވަސްކަން ހުރި ވަރަކުން ހެޔޮ ފޯރުވުމަށެވެ. އަތްމަތި ނުތަނަވަސްކަމުން އެފަދަ ކަމެއް ކޮށްނުދެވިއްޖެނަމަ  އޭނާއަށް  ހެޔޮ ދުޢާކޮށް ރިވެތި ބަހެއް ބުނުމަށެވެ. މުހާޖިރުން ރަސޫލާ r އަށް ދެންނެވިއެވެ. " އަންޞާރީން ދަރުމައާއި ސަވާބު ގެންގޮސް ހުސްކޮށްލައިފިއެވެ. އެހިނދު ރަސޫލާ r ޙަދީސް ކުރެއްވިއެވެ. ނޫނެކެވެ. ތިޔަބައިމީހުން އެބައިމީހުންނަށް ހެޔޮ ދުޢާކޮށް ތާރީފުގެ ބަސް ބުނެފީމުއެވެ. "

މާތް ﷲ ރުއްސުންލެއްވި ޖާބިރު ބުނު ޢަބްދުﷲގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލާ r ޙަދީސް ކުރެއްވިއެވެ. " مَنْ أُعْطِىَ عَطَاءً فَوَجَدَ فَلْيَجْزِ بِهِ فَإِنْ لَمْ يَجِدْ فَلْيُثْنِ فَمَنْ أَثْنَى بِهِ فَقَدْ شَكَرَهُ وَمَنْ كَتَمَهُ فَقَدْ كَفَرَهُ [13]- މީހަކަށް އެއްޗެއް ދެވުމުން އޭނާއަށް ދޭނެ އެއްޗެއް ލިބުނު މީހާ އެފަދަ އެހެން  އެއްޗަކުން އޭނާއަށް ޝުކްރު އަދާކުރާށެވެ! ފަހެ، ޢޭނާއަށް ދޭނެ އެއްޗެއް ނުލިބުނު މީހާ އޭނާއަށް ތާރީފުކުރާށެވެ! އޭނާއަށް ތާރީފުކޮށްފިނަމަ ހަމަކަށަވަރުން އޭނާ ޝުކްރު އަދާކޮށްފިއެވެ. އޭނާ ޝުކްރު އަދާ ނުކޮށްފިނަމަ  ހަމަކަށަވަރުން އޭނާ އެ ނިޢުމަތަށް ކާފިރުވެއްޖެއެވެ "

އުސާމަތު ބުނު ޒައިދުގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލު ﷲ r ޙަދީސް ކުރެއްވިއެވެ. " مَنْ صُنِعَ إِلَيْهِ مَعْرُوفٌ ، فَقَالَ لِفَاعِلِهِ : جَزَاكَ اللهُ خَيْرًا ، فَقَدْ أَبْلَغَ فِي الثَّنَاءِ [14]-  ( ތިމާއަށް )ހެޔޮ ކަމެއް ކޮށްދިން މީހާއަށް " މާތްﷲ ތިބާއަށް ހެޔޮ ޖަޒާ ދެއްވާށި" އޭ ބުނެފިނަމަ ތާރީފު ކުރުން ފުރިހަމއަށް އަދާކޮށްފިކަން ކަށަވަރެވެ. "

މުސްލިމުން  ހެޔޮ ކަންތައް ކުރަނީ މާތްﷲއަށް އަޅުކަން ކުރުމަށް ޓަކައެވެ. ﷲ ކުރަން އެންގެވި ކޮންމެ ކަމަކީ އަޅުކަމުގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެމީހުން ކުރާ ހެޔޮ ޢަމަލުތަކަށް ބަދަލު ނުލިބުނަސް ކީރިތިވަންތަ ﷲ އެމީހުންނަށް ބަދަލު ދެއްވާނެކަން އެނގޭތީއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. " إِنَّمَا نُطْعِمُكُمْ لِوَجْهِ اللَّـهِ لَا نُرِيدُ مِنكُمْ جَزَاءً وَلَا شُكُورًا  [15]- ތިމަންމެން ތިޔަބައިމީހުންނަށް ކާންދޭކަން ކަށަވަރީ، اللَّه ގެ وجه ފުޅަށްޓަކައެވެ. ތިމަންމެން ތިޔަބައިމީހުންގެ ކިބައިން އެކަމުގެ އުޖޫރައެއް،އަދި شكر އެއްވެސް ނޭދެމުއެވެ."

ޝުކްރުގެ ވަފްދު

އެއްފަހަރަކު  ޢުމަރު ބުނު ޢަބްދިލް ޢަޒީޒުގެ އަރިހަށް ވަފްދެއް އައެވެ. މި ވަފަދުގެ މެންބަރުންކުރެ އެންމެ ހަގު މެންބަރު އިސްވެ ވާހަކަ ދައްކަން ފެށުމުން ޢުމަރުބުނު ޢަބްދިލްޢަޒީޒު ވިދާޅުވިއެވެ. ބޮޑުމީހާއަށް އިސްކަން ދޭށޭވެ! އެހިނދު އެ ޒުވާނާ ދެންނެވިއެވެ. މިއީ ޢުމުރާ ގުޅިފައިވާ ކަމެއްކަމުގައިވާނަމަ ކަލޭގެފާނަށްވުރެ ބޮޑަށް ޚަލީފާކަން ޙައްޤުވާ މީހުން އެބަ ތިއްބެވެ. އެހިނދު ޢުމަރު ބުނު ޢަބްދިލްޢަޒީޒު އެ ޒުވާނާއަށް ވާހަކަ ދެއްކުމުގެ ހުއްދަ ދެއްވިއެވެ. އެހިނދު އޭނާ ދެންނެވިއެވެ. " އަޅުގަނޑުމެންނަކީ  އެދުމަކާއިގެން ނުވަތަ ބިރަކާހެދި އައި ބަޔަކީމުއެއްނޫނެވެ. މަނިކުފާނުގެ ހެޔޮކަން  އަޅުގަނޑުމެންނާ ހަމަޔަށް  ފޯރުމުން އަޅުގަނޑުމެންގެ އެދުން ވަނީ ޙާޞިލުވެފައެވެ. މަނިކުފާނުގެ އިންސާފުވެރިކަމުގެ ސަބަބުން އަޅުގަނޑުމެންގެ ބިރު  ވަނީ ފިލައިގެން ގޮސްފައެވެ.  އަޅުގަނޑުމެންނަކީ  ޝުކްރުގެ  ވަފްދެކެވެ. އަޅުގަނޑުމެން މި އައީ  މަނިކުފާނަށް ޝުކްރު ދަންނަވައިފައި ދިއުމަށެވެ. "  (ނިމުނީ)

  


[1]  - އަލްބަޤަރާ : 152

[2]  - ލުޤްމާން : 14

[3]  - ލުޤްމާން : 12

[4]  އައްޒުމަރު : 65-66

[5]  -އަލްއަޢުރާފު : 144

[6]  - އަލްބަޤަރާ : 172

[7]  - ޔާސީން : 33، 34 ، 35

[8]  - ރިވާ ކުރެއްވީ : އަލްބައިހަޤީއާއި އައްޠަބަރާނީއާއި އަބޫ ދާވޫދާއިއައްތިރްމިޛީއާއި  އަޙްމަދު

[9]  - ލުޤްމާނު : 14

[10]  - ރިވާކުރެއްވީ : މުސްލިމައި އަލްބައިހަޤީއާއި އައްޠަބަރީއާއި، އަބޫދާވޫދާއި އިބްނު މާޖާއާއި  އައްތިރްމިޛީއާއި، އަޙްމަދެވެ

[11]  - އަލްޖާމިޢު ލިއަޙްކާމިލް ޤުރްއާނި

[12]  - އައްދުއްރުލް މަންޘޫރު

[13]  -  ރިވާކުރެއްވީ : އަލްބައިހަޤީއާއި އަލްތިރްމިޛީއާއި އަބޫ ދާވޫދާއި އަބޫ ޔަޢުލާއެވެ.

[14]  -  ރިވާކުރެއްވީ : އައްޠަބަރާނީ އާއި، އައް ތިރްމިޛީއާއި، އައްނަސާއީއާއި ، އިބްނު ޙިއްބާނިއާއި ، އަލްބައްޒާރެވެ.

[15]  - އަލްއިންސާނު : 9

އިބްރާހީމް ރަޝީދު މޫސާ
އިބްރާހީމް ރަޝީދު މޫސާއަކީ ދީނީ ރޮނގުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ޚިދުމަތްތެރި ލިޔުންތެރިއެކެވެ. މީގެ އިތުރަށް އޭނާ ވަނީ ހިތްވަރު ދިނުމުގެ ގައުމީ ތިން އިނާމުވެސް ހޯއްދަވައިފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުންނާއި، ތަރުޖަމާކުރުމުގެ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.