ޝުކްރު ކުރުން (1)

މާތް ﷲއަށް ޝުކްރު ކުރުމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައި

ޙަޤީޤީ ޝުކްރުގެ އަސަރު ދުލުންނާއި ގުނަވަނުން ފާޅުވާން ޖެހޭނެ

މާތް ﷲ އެކަލާނގެ އަޅުންނަށް ޝުކްރު ކުރައްވަނީ ކިހިނެއް؟

މާތް ﷲ ގެ އަޅުން އެބައިމީހުންގެ ވެރި ޚާލިޤަށް އަދާކުރަން ޖެހިފައިވާ ޙައްޤުތަކުގެ ތެރޭގައި އެކަލާނގެއަށް ޝުކްރު ކުރުން ވެއެވެ. އަރަހުށި މާތް ﷲ ކީރިތި ޤުރްއާނުގެ ވަރަށް ގިނަ އާޔަތްތަކެއްގައި މި ކަމަށް އަމުރުކުރައްވައިފައި ވެއެވެ.  މާތް ﷲ ވަޙީ ކުރެއްވިއެވެ. " فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُوا لِي وَلَا تَكْفُرُونِ [1] - ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން شكر ކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން كافر ނުވާށެވެ! "

މާތް ﷲ ރުއްސުންލެއްވި އަލްމުޣީރަތު ބުނު ޝުޢުބާގެ އަރިހުން ރިވާވެގެން ވެއެވެ. " އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ ދެ ފައިންޕުޅު ދުޅަވެއްޖައުމަށް ދާންދެން ރޭއަޅުކަން ކުރެއްވުމުގައި ދެމިހުންނަވައެވެ. އެކަލޭގެފާނުގެ ޞަޙާބީންނަށް މި ތަން ފެނިވަޑައިގެންނެވުމުން  ދެންނެވިއެވެ. މާތް ﷲ ވަނީ ކަލޭގެފާނުގެ ކުށް ފާފައިގެ ތެރެއިން އިސްވެދިޔަހާ ފާފަތަކާއި ފަސްވެދިޔަހާ ފާފަތައް ފުއްސަވާ ދެއްވާފައި ނޫންތޯއެވެ؟  އެހިނދު ޙަދީސް ކުރެއްވިއެވެ. " أَفَلَا أَكُونُ عَبْدًا شَكُورً ا- ފަހެ ތިމަންކަލޭގެފާނު ޝުކްވެރި އަޅަކަށް ނުވަންވީ ކީއްވެ ހެއްޔެވެ؟"[2]

ކީރިތި ރަސޫލާ r ގެ ދުޢާފުޅުތަކުގެ ތެރޭގައި "  اللَّهُمَّ أَعِنِّي عَلَى ذِكْرِكَ وَشُكْرِكَ وَحُسْنِ عِبَادَتِكَ [3] - ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާނގެއަށް ޒިކްރުކުރުމަށާއި، ޝުކްރުކުރުމަށާއި ،ރިވެތި ގޮތުގައި އަޅުކަން ކުރުމުގައި މި އަޅާއަށް ވާގިދެއްވާނދޭވެ!" ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ ފަރްޟު ފަސް ނަމާދަށްފަހު މި ދުޢާ ކުރުމަށް މުސްލިމުންނަށް އަމުރު ކުރައްވައިފައެވެ.

މާތް ﷲ އެކަލާނގެއަށް ޝުކްރު ކުރާ އަޅުންނަށް މަތިވެރި ދަރަޖަ ދެއްވައެވެ. އެމީހުންނަށް ތާރީފުގެ ބަސް ވަޙީ ކުރައްވައެވެ. މާތް ﷲގެ ޚާއްޞަ ޚަލްޤުންގެ ތެރޭގައި އެކަލާނގެއަށް ޝުކްރުކުރާ މީހުން ލެއްވިއެވެ.ޝުކްރު ކުރާ މީހުންނަށް  ސަވާބު އިތުރު ކޮށްދެއްވާނެކަން އެންގެވިއެވެ.

ޝުކްރުގެ މާނަ

     ލިސާނުލްޢަރަބި ބަސްފޮތް ބުނާގޮތުގައި ޝުކްރުގެ މާނައަކީ : ތިބާއަށް އެހެން މީހަކު ކޮށްދިން ހެޔޮކަމެއް ދަނެ އެ ކަމަށް ތާރީފުކޮށް އެކަން ފާޅުކޮށް ފެތުރުމެވެ. ނިޢުމަތަކަށްނޫނީ ޝުކްރެއް ނުކުރެވޭނެއެވެ. އެކަމަކު މީހަކު  ކޮށްދޭ ކަންތައްތަކަށާއި ކޮށްނުދޭ ކަންތައްތަކަށް ޙަމްދު ކުރެވިދާނެއެވެ. މިހެންވެ ޝުކްރަށްވުރެ ޙަމްދުގެ މާނަ ފުޅަލެވެ. މީހެއްގެ  ރަނގަޅު ސިފަތަކަށާއި  ހެޔޮ ކަންތައްތަކަށް ޙަމްދު ކުރެވިދާނެއެވެ. އެކަމަކު ޝުކްރުކުރެވޭނީ ހެޔޮ ކަންތައްތަކަށް އެކަންޏެވެ.

ﷲގެ އިސްމުފުޅުތަކުގެ ތެރޭގައި އައްޝަކޫރު

     އިބްނު މަންޡޫރު ވިދާޅުވާ ގޮތުގައި " އައްޝަކޫރު " އަކީ ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ނަންފުޅެކެވެ. އޭގެ މާނައަކީ އެކަލާނގެ އެކަލާނގެ އަޅުންގެ މަދު އަމަލުތައް ގިނަކުރައްވައި ސަވާބު އިތުރު ކޮށްދެއްވައެވެ. މާތް ﷲ އެކަލާނގެ އަޅުންނަށް ޝުކްރުކުރެއްވުމުގެ މާނައަކީ  އެމީހުންނަށް ފާފަފުއްސަވައިދެއްވުމެވެ.

الشكور ގެ މާނައަކީ، އެފަރާތެއްގެ ޝުކުރު ދާއިމަށް ދެމިގެންވާ ފަރާތެވެ. އެކަލާނގެއީ ޝުކުރު ދެމިވޮޑިގެންވާ، ނިޢުމަތްތައް ޢާއްމުވެގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ އެކަލާނގެ އަޅުން ކުރާ ކުދިކުދި ހެޔޮކަންތައްތަކަށް ގިނަގުނަ ސަވާބާއި، ދާއިމީ ނިޢުމަތް ދެއްވައެވެ. އެކަލާނގެ އަޅުން ޠާޢަތުގައި ދެމި ތިބޭތޯއެވެ.

ކީރިތި ޤުރްއާނުގައި މިއިސްމުފުޅާ حليم އާ ގުޅިގެން ނުވަތަ غفور އާ ގުޅިގެން އައިސްފައި ވެއެވެ. މިއިން އެނގެނީ އެބައިމީހުންގެ އެރުދެންތަކަށް ޖަޒާ ދެއްވުމުގައި އެކަލާނގެ އަވަސްވެ ވޮޑިނުގަންނަވާ ކަމެވެ. މާތްﷲ އަޅުގަނޑުމެންނަށް އަންގަވަނީ އެކަލާނގެ ނިޢުމަތްތަކަށް ޝުކްރު ދެންނެވުމަށެވެ. އެކަލާނގެއަށް ޝުކްރުކުރާނަމަ އެ ނިޢުމަތްތައް އިތުރު ކޮށްދެއްވާނެކަން އަންގަވައެވެ.

ޝުކްރުވެރިން ވަރަށް މަދު                                 

     ﷲގެ އަޅުންގެ ތެރެއިން ޝަކޫރުންނަކީ ވަރަށް މަދު ބަޔެކެވެ.  ޝަކޫރުންނަކީ ﷲގެ އަޅުންގެ ތެރެއިން ﷲއަށް ޝުކްރު ދެންނެވުމަށް ޓަކައި އެކަލާނގެއަށް ކިޔަމަންގަނެ  އެކަލާނގެ އެންގެވި ކަންތައްތައް  ކުރުމަށް ގަދައަޅައި މަސައްކަތްކުރާ  މީހުންނެވެ. މާތް ﷲ ވަހީ ކުރެއްވިއެވެ. "  وَقَلِيلٌ مِّنْ عِبَادِيَ الشَّكُورُ [4] - އަދި ތިމަންރަސްކަލާނގެ އަޅުތަކުންގެ ތެރެއިން ގިނައިން شكر ވެރިވާ މީހުން ވަރަށްމަދެވެ. "

ޝުކްރުކުރުން : އީމާންކަމުގެ ދެބައި ކުޅަ އެއް ބައި

     މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ  ބުނު މަސްޢޫދު ވިދާޅުވިއެވެ. އީމާންކަން ދެ ބަޔަކަށް ބެހިގެން ވެއެވެ. އޭގެ ދެ ބައި ކުޅަ އެއްބަޔަކީ ކެތްތެރިކަމެވެ. އަނެއް ދެބައިކުޅަ އެއް ބަޔަކީ ޝުކްރުވެރިވުމެވެ. މާތް ﷲ އެއް އާޔަތެއްގައި ކެތްތެރިވުމަށާއި ޝުކްރުވެރިވުމަށް އަންގަވައިފައި ވަނީ މިހެންވެގެންނެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. " إِنَّ فِي ذَٰلِكَ لَآيَاتٍ لِّكُلِّ صَبَّارٍ شَكُورٍ [5] - ހަމަކަށަވަރުން، ކެތްތެރިކަން ބޮޑު، ޝުކުރު ވެރިވުން ގިނަ ކޮންމެ މީހަކަށް، އެކަންތަކުގައި ހެކިތަކެއް ވާކަން ކަށަވަރެވެ. "

އިންސާނާގެ ޢަމަލުތަކަށް މާތް ﷲ ޝުކްރު އަދާކުރައްވާ

     ކުރިން ވެސް ބަޔާންކުރި ފަދައިން މާތް ﷲ އިންސާނާގެ ހެޔޮ ޢަމަލުތަކަށް  ޝުކްރު ކުރައްވައެވެ. އެކަލާނގެ ޝުކްރު ކުރައްވަޔޭ ބުނުމުން އެއިން ދޭހަވާ މާނައަކީ އިންސާނާގެ ހެޔޮ ޢަމަލުތަކަށް ޖަޒާ ދެއްވުމެވެ. އެމީހުންގެ ރަނގަޅު ޢަމަލުތަކަށް ތާރީފު ކުރެއްވުމެވެ.

     އިންސާނާގެ ޢަމަލުތަކަށް ­­­ﷲ ޝުކްރު އަދާކުރައްވާކަން ބަޔާންކުރައްވައި ވަޙީ ކުރެއްވިއެވެ. " إِنَّ هَـٰذَا كَانَ لَكُمْ جَزَاءً وَكَانَ سَعْيُكُم مَّشْكُورًا [6] - ހަމަކަށަވަރުން، މިކަންތައްވަނީ، ތިޔަބައިމީހުންނަށް (ހެޔޮ) ޖަޒާއެއް ކަމުގައެވެ. އަދި ތިޔަބައިމީހުންކުޅަ މަސައްކަތަކީ، ޝުކުރު ލިބެނިވި ކަމެއް ކަމުގައި ވެއެވެ. "

     މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނު އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސްކުރެއްވިއެވެ. " بَيْنَمَا رَجُلٌ يَمْشِي بِطَرِيقٍ اشْتَدَّ عَلَيْهِ الْعَطَشُ ، فَوَجَدَ بِئْرًا فَنَزَلَ فِيهَا ، فَشَرِبَ ثُمَّ خَرَجَ فَإِذَا كَلْبٌ يَلْهَثُ يَأْكُلُ الثَّرَى مِنَ الْعَطَشِ ، فَقَالَ الرَّجُلُ : لَقَدْ بَلَغَ هَذَا الْكَلْبَ مِنَ الْعَطَشِ مِثْلُ الَّذِي كَانَ بَلَغَنِي ، فَنَزَلَ الْبِئْرَ فَمَلأَ خُفَّهُ ، ثُمَّ أَمْسَكَهُ بِفِيهِ حَتَّى ارتَقَى فَسَقَى الْكَلْبَ فَشَكَرَ اللَّهُ لَهُ فَغَفَرَ لَهُ [7] - އެއްދުވަހަކު ފިރިހެނަކު  މަގުމަތީގައި ހިނގާފައި ދަނިކޮށް އޭނާގެ މައްޗަށް ކަރުހިއްކައިގަތުން ގަދަވެގެން ދިޔައެވެ. ފަހެ އޭނާއަށް ވަޅެއް ފެނުނެވެ.ފަހެ އޭނާ އެ ވަޅަށް ފައިބާ ފެން ބުއެވެ. އެއަށްފަހު ވަޅުން އެރިއެވެ. އެހިނދު ކުއްތާއެއް ކަރުހިއްކައިގަނެގެން ވެލީގައި ދޫ ކާތަމުންދިޔައެވެ. އެ ފިރިހެނާ ބުންޏެވެ. ހަމަކަށަވަރުން މި ކުއްތާ މި ވަނީ އަހަރެން ކަރުހިއްކައިގެން މިންވަރަށް ކަރުހިއްކައިގެންފައެވެ.ފަހެ އޭނާ ވަޅަށް ފައިބައި އޭނާގެ ޚުއްފަށް ފެން ފުރައިގެން އޭތި ތުނބުލައިގެން މައްޗަށް އަރައި ކުއްތާއަށް ފެން ދިނެވެ. ފަހެ، މިކަމަށް ޓަކައި ﷲ އޭނާއަށް ޝުކްރު އަދާކުރައްވައި، އޭނާގެ ފާފަ ފުއްސަވާ ދެއްވިއެވެ. "

އުފެއްދެވުމުގެ ނިޢުމަތް

     މާތް ﷲ އަޅުގަނޑުމެން ހެއްދެވީ ނެތުމުގެ ތެރެއިންނެވެ. އެކަލާނގެ އިންސާނާ އެންމެ ރިވެތި  ސިފައިގައި ހެއްދެވިއެވެ. އަޅުގަނޑުމެންނަށް ވިސްނުމަށާއި ޙަރަކާތްތެރިވުމަށް  ގުނަވަންތައް ދެއްވިއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. " وَاللَّـهُ أَخْرَجَكُم مِّن بُطُونِ أُمَّهَاتِكُمْ لَا تَعْلَمُونَ شَيْئًا وَجَعَلَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ  لَعَلَّكُمْ تَشْكُرُونَ [8]-  ތިޔަބައިމީހުންނަށް އެއްވެސް އެއްޗެއް ނޭނގޭގޮތުގައިވާ حال، ތިޔަބައިމީހުންގެ މައިންގެ ބަނޑުން، ﷲ ތިޔަބައިމީހުން ނެރުއްވި އެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް އިވުމާއި، ފެނުމާއި، ހިތްތައް ލެއްވިއެވެ. އެއީ ތިޔަބައިމީހުން، شكر ކުރުމަށްޓަކައެވެ. "  ނަމަވެސް މި ނިޢުމަތްތަކުގެ އަގު ވަޒަންކޮށް މާތް ﷲއަށް ޝުކްރު ދަންނަވާ މީހުން ވަރަށް  މަދެވެ.

     ކީރިތި ޤުރްއާނުގައި މާތް ﷲ އިންސާނާއަށް ދެއްވި ބައެއް ނިޢުމަތްތައް ހަނދުމަކޮށްދެއްވައި އެ ނިޢުމަތްތަކަށް ޓަކައި އަރަހުށި ﷲއަށް  ޝުކްރު ދެންނެވުމަށް އަންގަވައިފައި ވެއެވެ. އެކަލާނގެއަށް ޝުކްރު ދަންނަވާނެ ގޮތާ ބެހޭގޮތުން  ބައެއް އިރްޝާދުތައް  ދެއްވިއެވެ. މިސާލަކަށް އެކަލާނގެ ވަޙީ ކުރެއްވިއެވެ. " قَالَ رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَىٰ وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَصْلِحْ لِي فِي ذُرِّيَّتِي  إِنِّي تُبْتُ إِلَيْكَ وَإِنِّي مِنَ الْمُسْلِمِينَ [9] - އިންސާނާ ބޮޑުވެ ބުއްދި ފުރިހަމަވިހިނދު އޭނާ ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި نعمة އަށް شكر ކުރުމަށާއި، އިބަރަސްކަލާނގެ ރުހިވޮޑިގަންނަވާ ޞާލިޙު ޢަމަލު  ކުރުމަށް މިއަޅާއަށް إلهام ކުރައްވާނދޭވެ! އަދި މިއަޅާގެ ދަރިފަސްކޮޅު، މިއަޅާއަށްޓަކައި إصلاح ކޮށްދެއްވާނދޭވެ! ހަމަކަށަވަރުން، ތިމަންއަޅާ އިބަރަސްކަލާނގެޔަށް توبة ވެއްޖައީމެވެ. އަދި ހަމަކަށަވަރުން، ތިމަންއަޅާ ވަނީ مسلم ންގެ ތެރެއިންނެވެ. "   ( ނުނިމޭ)


[1]  -  އަލްބަޤަރާ : 152

[2]  - ރިވާ ކުރެއްވީ : އަލްބުޚާރީ އާއި މުސްލިމު

[3]  - ރިވާކުރެއްވީ އަލްބައިހަޤީއާއި އަލްޙާކިމާއި އަބޫދާވޫދާއި އިބްނު ޙިއްބާން

[4]  - ސަބައު : 13

[5]  -  އިބްރާހީމު : 5

[6]  - އަލްއިންސާނު :  22

[7]  -  މުއްތަފަޤު ޢަލައިހި ޙަދީސެއް

[8]  - އައްނަޙްލު : 78

[9]  - އަލްއަޙްޤާފު : 15

އިބްރާހީމް ރަޝީދު މޫސާ
އިބްރާހީމް ރަޝީދު މޫސާއަކީ ދީނީ ރޮނގުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ޚިދުމަތްތެރި ލިޔުންތެރިއެކެވެ. މީގެ އިތުރަށް އޭނާ ވަނީ ހިތްވަރު ދިނުމުގެ ގައުމީ ތިން އިނާމުވެސް ހޯއްދަވައިފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުންނާއި، ތަރުޖަމާކުރުމުގެ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.