ޝުކްރު ކުރުން (3)

(18 އޮކްޓޯބްރ 2019 ވީހުކުރު ދުވަހުގެ ލިޔުމާ ގުޅޭ)

މާތް ﷲއަށް ޝުކްރު ކުރުމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައި

ޙަޤީޤީ ޝުކްރުގެ އަސަރު ދުލުންނާއި ގުނަވަނުން ފާޅުވާން ޖެހޭނެ

މާތް ﷲ އެކަލާނގެ އަޅުންނަށް ޝުކްރު ކުރައްވަނީ ކިހިނެއް؟

ގުނަވަނުގެ ޝުކްރު

މާތް ﷲ ދެއްވާ ނިޢުމަތްތަކަށް އަޅުގަނޑުމެންގެ ގުނަވަންތަކުން ވެސް ޝުކްރު އަދާކުރަންޖެހޭނެއެވެ. އެއްދުވަހަކު އަބޫ ޙާޒިމުގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. ދެ ލޮލޮގެ ޝުކްރަކީ ކޮބައިތޯއެވެ؟ ޖަވާބުގައި ވިދާޅުވިއެވެ. އެއީ ހެޔޮ ކަމެއް ފެނިއްޖެނަމަ އެކަން ހާމަކުރުމާއި ނުބައި ކަމެއް ފެނިއްޖެނަމަ އެ ކަން ވަންހަނާކުރުމެވެ. ދެން ދެންވުނެވެ. ދެ ކަންފަތުގެ ޝުކްރަކީ ކޮބައިތޯއެވެ؟  ޖަވަބުގައި ވިދާޅުވިއެވެ. އެއީ ހެޔޮ ކަމެއްގެ ވާހަކަ އިވިއްޖެނަމަ އެކަމަށް ހޭލުންތެރިވުމާއި ، ނުބައި ކަމެއްގެ ވާހަކަ  އިވިއްޖެނަމަ އެ ކަމެއް ވަންހަނާކުރުމެވެ. ދެން ދެންނެވުނެވެ. ދެ އަތުގެ ޝުކްރަކީ ކޮބައިތޯއެވެ؟ ވިދާޅުވިއެވެ. އެއީ އެ ދެ އަތަށް  ލިބިގެންނުވާ އެއްޗެއް ނުނެގުމާއި މާތް ﷲގެ ޙައްޤެއް މަނާ ނުކުރުމެވެ. ދެން ދެންނެވުނެވެ. ބަނޑުގެ ޝުކްރަކީ ކޮބައިތޯއެވެ؟ ވިދާޅުވިއެވެ. އެއީ ތިރީ ބައިގައި ކާބޯތަކެތި މަތީ ބައިގައި ޢިލްމު ބެހެއްޓުމެވެ. ދެން ދެންނެވުނެވެ. ލަދުވެތި ގުނަވަންތަކުގެ  ޝުކްރަކީ ކޮބައިތޯއެވެ؟ ވިދާޅުވިއެވެ. އެއީ މާތް ﷲ އަންގަވައިފައިވާ ފަދައިން އަނބީންނަށް މެނުވީ އެ ގުނަވަންތައް ރައްކައުތެރިކުރުމެވެ. ދެން ދެންނެވުނެވެ. ދެ ފައިގެ ޝުކްރަކީ ކޮބައިތޯއެވެ؟ ވިދާޅުވިއެވެ. އެއީ މީހަކު ރަނގަޅު ކަމެއް ކުރާނަމަ އެ ކަމެއް ކުރުމާއި  ނުބައި ކަމެއް ކުރާނަމަ އެ ކަމަކާ ދުރުހެލިވުމެވެ.

އޭނާ ވިދާޅުވިއެވެ. ގުނަވަންތަކުން ޝުކްރުނުކޮށް  ހަމައެކަނި ދުލުން ޝުކްރުކުރާ މީހާގެ މިސާލަކީ ރަނގަޅު ހެދުމެއް ލިބި އެ ހެދުން ނުލައި ،  އެ ހެދުމުގެ ފަސްބައިގައި ހިފައިގެން ހުންނަ މީހާގެ މިސާލެވެ. އެހެންކަމުން އޭނާއަށް މި ހެދުމުން  ފައދާއެއް ނުލިބޭނެތެވެ.

ޝުކްރުގެ ރުކުންތައް

ޝުކްރު ޝުކްރަކަށް ވާނީ އެއިގައި ކަންތައްތަކެއް ފުރިހަމަވުމުންނެވެ. މިއަށް ޝުކްރުގެ ރުކުންތަކޭ ކިޔެއެވެ.

ލިބުނު ނިޢުމަތަކީ ﷲ ދެއްވި ނިޢުމަތެއްކަމަށް އިޢުތިރާފުވުން. އޭގެ މާނައަކީ ތިބާއަށް އެ ލިބުނު ނިޢުމަތެއް ތިބާއަށް ދެއްވީ ﷲކަމަށް އިޢުތިރާފުވުމެވެ. ޤަބޫލުކޮށް ބަލައިގަތުމެވެ. ތިބާއާ ހިސާބަށް އެ ނިޢުމަތް އައުމަށް މީހަކު ނުވަތަ ފަރާތެއް މެދުވެރިވެދާނެއެވެ. އެއީ އެކަމުގެ ސަބަބެވެ.އެހެންކަމުން އެ ނިޢުމަތް އެ ސަބަބަށް ނިސްބަތްކޮށްގެން ނުވާނެއެވެ. ﷲގެ މަތިން ހަނދުމަކުރަންވާނެއެވެ. އެކަލާނގެއަށް ޝުކްރު ދެންނެވުމަށްފަހު އެ ނިޢުމަތުގެ ސަބަބަށް ޝުކްރުވެރިވުމަކީ ދީން މަނާކުރާ ކަމެއް ނޫނެވެ. އޭނާއަށް ވެސް ޝުކްރު އަދާކުރަންވާނެއެވެ. އެ ވާހަކަ ފަހުން ދައްކާނަމެވެ. މާތް ﷲ ރުއްސުންލެއްވި  ޒައިދު ބުނު ޚާލިދުލް ޖުހަނީގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ  ޙަދީސް ކުރެއްވިއެވެ." أَصْبَحَ مِنْ عِبَادِي مُؤْمِنٌ بِي وَكَافِرٌ. فَأَمَّا مَنْ قَالَ: مُطِرْنَا بِفَضْلِ اللَّهِ وَرَحْمَتِهِ فَذَلِكَ مُؤْمِنٌ بِي كَافِرٌ بِالْكَوْكَبِ. وَأَمَّا مَنْ قَالَ مُطِرْنَا بِنَوْءِ كَذَا وَكَذَا فَذَلِكَ كَافِرٌ بِي مُؤْمِنٌ بِالْكَوْكَبِ - ހެނދުންވީއިރު ތިމަންރަސްކަލާނގެ އަޅުންކުރެ ތިމަން ރަސްކަލާނގެއަށް އީމާންވީ ބަޔަކާއި ކާފިރުވި ބަޔަކު ވެއެވެ. ﷲގެ ދަރުމަވަންތަކަމާއި ރަޙްމަތްފުޅުން އަހަރެމެންގެ މައްޗަށް ވާރޭ ވެހިއްޖެޔޭ ބުނި މީހާ އެއީ ތިމަންރަސްކަލާނގެއަށް އީމާންވެ ، ތަރިތަކަށް ކާފިރުވި މީހާއެވެ. އެހެނެއްކަމަކު އަހަރެމެންނަށް ވާރޭ ވެއްސާދިނީ މިވެނިއެވެނި  ތަރިއެކޭ ބުނިމީހާ ފަހެ އެ ވަނީ  ތިމަންރަސްކަލާނގެއަށް ކާފިރުވެ ތަރިތަކަށް އީމާންވެފައެވެ. "

އެ ނިޢުމަތަކާމެދު ވާހަކަ ދައްކައި ނިޢުމަތް ދެއްވި ފަރާތަށް ތާރީފުކުރުން. ނިޢުމަތް ދެއްވީ ﷲކަން ޤަބޫލުކުރާތީ އެ ވާހަކަ ދައްކައި ﷲއަށް ސަނާއާއި ތާރީފު ދަންނަވަން ޖެހޭނެއެވެ. ނަބިއްޔާ   މުޅި ރޭ ﷲއަށް ސަނާ ދެންނެވުމުގައި ހޭދަކުރައްވައިފައި ވެއެވެ. މާތް ﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނު ވިދާޅުވިއެވެ. " އެއް ރެއަކު ރަސޫލާ ފެނިވަޑައިނުގަންނަވައިގެން ހޯއްދަވަނިކޮށް ތިމަންކަމަނާއަށް އެކަލޭގެފާނު ފެނިވަޑައިގަތީ ސަޖިދައިގައި ދުޢާ ކުރައްވަން އޮންނަވަނިކޮށްނެވެ. އެކަލޭގެފާނު ކުރެއްވި ދުޢާއަކީ " اللَّهُمَّ إِنِّي أَعُوذُ بِرِضَاكَ مِنْ سَخَطِكَ، وَبِمُعَافَاتِكَ مِنْ عُقوبَتِكَ، وَأَعُوذُ بِكَ مِنْكَ، لاَ أُحْصِي ثَنَاءً عَلَيْكَ، أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ - ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާނގެ ރުހިވޮޑިގަތުމުން ، އިބަރަސްކަލާނގެ ކޯފާއިން މިއަޅާ ޙިމާޔަތާއި ރައްކައުތެރިކަން ހޯދަމުއެވެ. އަދި އިބަ ރަސްކަލާނގެ މާފުކުރެއްވުމުން ، އިބަރަސްކަލާނގެ ޢުޤޫބާތުން މިއަޅާ ޙިމާޔަތާއި ރައްކައުތެރިކަން ހޯދަމުއެވެ. އިބަރަސްކަލާނގެއަށް ލިބިވޮޑިގެންވާ ތާރީފާއި ސަނާ މިއަޅާއަށް ގުނާ ޢަދަދު ނުކުރެވޭ ނެތެވެ. އިބަރަސްކަލާނގެއީ އިބަރަސްކަލާނގެ ޛާތުފުޅަށް ތާރީފާއި ސަނާ ލެއްވި ފަދައިން ތާރީފާ ސަނާ ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ. "

ދެއްވި ނިޢުމަތް ﷲއަށް ކިޔަމަންގަތުމުގައި ބޭނުންކުރުން. މާތް ﷲ ވަޙީ ކުރެއްވިއެވެ."  اعْمَلُوا آلَ دَاوُودَ شُكْرًا - އޭ داود ގެފާނުގެ آل ންނޭވެ! (އެކަލާނގެއަށް) شكر ވެރިވުމުގެގޮތުން ތިޔަބައިމީހުން (ހެޔޮ) عمل ކުރާށެވެ! "  މި ބަސްފުޅުގެ މާނައަކީ މާތްﷲ ކަލޭގެފާނަށް ދެއްވި ނިޢުމަތްތައް ﷲއަށް ޝުކްރުވެރިވުމަށް ބޭނުން ކުރައްވާށެވެ! މާތްﷲ ދަވޫދުގެފާނަށް  މި އަންގަވަނީ ޝުކްރުވެރިވެ ވަޑައިގަތުމަށް ޓަކައި ﷲ ރުހިވޮޑިގަންނަވާ ޢަމަލުތައް ކުރައްވާށެވެ! މިއިން ބަހުގެ ޝުކްރާ ޢަމަލުގެ ޝުކްރުގެ ތަފާތު އެނގެއެވެ.ބަހުގެ ޝުކްރަށް ޙަމްދު ކުރުމޭ ކިޔެއެވެ. ޢަމަލުގެ ޝުކްރަށް ޝުކްރޭ ކިޔެއެވެ. މާތް ﷲ ތިބާއަށް މުދަލެއް ދެއްވައިފިނަމަ އެ މުދާ ﷲ ޙަރާންކުރެއްވި ކަމެއްގައި ހޭދަނުކުރާށެވެ. މާތްﷲ ތިބާއަށް މޯބައިލްފޯނެއް ދެއްވައިފިނަމަ މީހުންނާ ފޮށުމަށް އެ ފޯނު ބޭނުންނުކުރާށެވެ! މީހުންނަށް ފުރައްސާރަ ކުރުމަށާއި ނެތިމޮށުމަށް ބޭނުން ނުކުރާށެވެ! އެއިން މީސްތަކުންނަށް ހެޔޮބަސް ބުނުމަށާއި ، ރަޙިމުގެ ގުޅުމާއި ރަޙްމަތްތެރިކަމުގެ ގުޅުން ހަރުދަނާ ކުރުމަށް ބޭނުންކުރާށެވެ! ނެޓަށް ވަދެ ﷲގެ ދީނަށް ގޮވައިލުމަށް އެ ޞަފްޙާތައް ބޭނުން ކުރާށެވެ! މީސްމީޑިޔާއިން މީހުންނަށް ގޯނާކުރުމަށް ބޭނުން ނުކުރާށެވެ!އެއީ ނިޢުމަތެކެވެ. އެ ނިޢުމަތް ބޭނުން ކުރަން ވާނީ ﷲއަށް ކިޔަމަންގަތުމުގައެވެ . ފަސާދަ އުފެއްދުމަށާއި ފިތުނައިގެ ދަރުތައް އަންދާ އުދުނަކަށް ނަހަދާށެވެ! މާތްﷲ ތިބާއަށް ދަރިން ދެއްވައިފިނަމަ އެ ދަރިންނަށް ރަނގަޅު ތަރްބިޔަތެއްދީ އެ ދަރިންނަކީ ދީނަށާއި މުޖްތަމައަށާއި ވަޠަނަށް ފައިދާ ހުރި ބަޔަކަށް ހެދޭތޯ މަސައްކަތް ކުރާށެވެ! ޝައިޠާނާގެ ނުބައިކަމުން އެ ދަރިން ރައްކައުތެރިކޮށް ދެއްވުމަށް ﷲއަށް ދުޢާ ދަންނަވާށެވެ! ޢިމްރާނުގެފާނުގެ އަނބިކަނބަލުންނަށް ދަރިކަނބަލަކު ލިބިވޑައިގަތުމުން ކުރެއްވި ދުޢާގެ މަތިން ހަނދުމާކުރާށެވެ! މަތް ﷲ ވަޙީ ކުރެއްވިއެވެ. " وَإِنِّي أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ الشَّيْطَانِ الرَّجِيمِ  - އަދި، ހަމަކަށަވަރުން، رحمة ން ބޭރުކުރައްވާފައިވާ شيطان އާގެ ކިބައިން، އެ ދަރިކަނބަލުންނާއި، އެ ދަރިކަނބަލުންގެ ދަރިފަސްކޮޅު، ރައްކާތެރިކޮށްދެއްވުމަށްއެދި، އިބަރަސްކަލާނގެ حضرة އަށް ދަންނަވަމެވެ."

ޝުކްރުކުރުމަކީ ނަބީބޭކަލުންގެ ސިފަފުޅެއް

 މާތް ﷲ ނޫޙުގެފާނާ ބެހޭގޮތުން ވަހީ ކުރެއްވިއެވެ. " ذُرِّيَّةَ مَنْ حَمَلْنَا مَعَ نُوحٍ إِنَّهُ كَانَ عَبْدًا شَكُورًا  -  ތިމަންރަސްކަލާނގެ نوح ގެފާނާ އެކުގައި އުފުއްލެވި ދަރިފަސްކޮޅުގެ މީހުންނޭވެ! ހަމަކަށަވަރުން، شكر ވެރިވާ އަޅަކު ކަމުގައި އެކަލޭގެފާނުވިއެވެ.. "

މާތް ﷲ  އިބްރާހީމުގެފާނާ ބެހޭގޮތުން ވަހީ ކުރެއްވިއެވެ. " إِنَّ إِبْرَاهِيمَ كَانَ أُمَّةً قَانِتًا لِلَّهِ حَنِيفًا وَلَمْ يَكُ مِنَ الْمُشْرِكِين ، شَاكِرًا لِأَنْعُمِهِ اجْتَبَاهُ وَهَدَاهُ إِلَى صِرَاطٍ مُسْتَقِيمٍ - ހަމަކަށަވަރުން، إبراهيم ގެފާނީ، اللَّه އަށް ކިޔަމަންތެރިވެވަޑައިގެން، باطل މަގުން އެއްކިބާވެ، ސީދާމަގުގައި ހުންނެވި، ހެޔޮކަމުގެ ހުރިހާކަމެއް އެކުލެވިގެންވާ أمّة އެއް ކަމުގައިވިއެވެ. އަދި شريك ކުރާމީހުންގެ ތެރެއިން، އެކަލޭގެފާނު ނުވެތެވެ. އެކަލާނގެ ދެއްވި نعمة ތަކަށް، شكر ކުރައްވާ ބޭކަލަކު ކަމުގައި އެކަލޭގެފާނު ވިއެވެ. އެކަލާނގެ، އެކަލޭގެފާނު خيار ކުރެއްވިއެވެ. އަދި ސީދާވެގެންވާ މަގަށް، އެކަލޭގެފާނަށް މަގު ދެއްކެވިއެވެ. "

އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލާ  އަކީ ޝުކްރުވެރީންގެ އެންމެ ނަމޫނާ ސާހިބާއެވެ. އެކަލޭގެފާނު ޝުކްރު ކުރައްވާ މިންވަރާ ބެހޭގޮތުން މިހާރު ވާނީ ވާހަކަ ދައްކައިފައެވެ. (ނުނިމޭ)

އިބްރާހީމް ރަޝީދު މޫސާ
އިބްރާހީމް ރަޝީދު މޫސާއަކީ ދީނީ ރޮނގުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ޚިދުމަތްތެރި ލިޔުންތެރިއެކެވެ. މީގެ އިތުރަށް އޭނާ ވަނީ ހިތްވަރު ދިނުމުގެ ގައުމީ ތިން އިނާމުވެސް ހޯއްދަވައިފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުންނާއި، ތަރުޖަމާކުރުމުގެ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.