(11 އޮކްޓޯބްރ 2019 ވީހުކުރު ދުވަހުގެ ލިޔުމާ ގުޅޭ)
މާތް ﷲއަށް ޝުކްރު ކުރުމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައި
ޙަޤީޤީ ޝުކްރުގެ އަސަރު ދުލުންނާއި ގުނަވަނުން ފާޅުވާން ޖެހޭނެ
މާތް ﷲ އެކަލާނގެ އަޅުންނަށް ޝުކްރު ކުރައްވަނީ ކިހިނެއް؟
ޙަޔާތަށް ބޭނުންވާ މަދަދު ދެއްވުން
މާތް ﷲ އިންސާނާ ހެއްދެވުމަށްފަހު އޭނާގެ ޙަޔާތަށް ބޭނުންވާ ހުރިހާ އެއްޗެއް ދެއްވިއެވެ. އޭނާއަށް ރަނގަޅު ޙަލާލު ރިޒްޤު ތަނަވަސްކޮށް ދެއްވިއެވެ. އޭނާއަށް ގިނަގުނަ ޚައިރާތުތައް ދެއްވިއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. " وَمَا بِكُم مِّن نِّعْمَةٍ فَمِنَ اللَّـهِ [1] - އަދި ތިޔަބައިމީހުންނަށް ލިބިފައިވާހައި نعمة އެއް ވަނީ، اللَّه ގެ حضرة ންނެވެ. "
މި ނިޢުމަތްތަކަށް ޓަކައި އިންސާނާ ، ނިޢުމަތް ދެއްވި ފަރާތަށް ޝުކްރުވެރިވާން ޖެހޭނެއެވެ. މާތް ﷲ މި ކަމަށް އަމުރުކުރައްވައި ވަޙީ ކުރެއްވިއެވެ. " يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِن طَيِّبَاتِ مَا رَزَقْنَاكُمْ وَاشْكُرُوا لِلَّـهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ [2] - އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި ހެޔޮ ރިޒްޤުން ކައިއުޅޭށެވެ! އަދި ތިޔަބައިމީހުން ހަމައެކަނި اللَّه އަށް އަޅުކަންކުރާ ކަމުގައިވާނަމަ، އެކަލާނގެއަށް ޝުކުރު ކުރާށެވެ!"
ޝުކްރު ކުރުމަކީ މާތް ﷲގެ ރުހިވޮޑިގަތުން ޙާޞިލުކުރުމަށް ލިބިގެންވާ އެއް މަގެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސް ކުރެއްވިއެވެ. " إِنَّ اللَّهَ لَيَرْضَى عَنِ الْعَبْدِ أَنْ يَأْكُلَ الأَكْلَةَ فَيَحْمَدَهُ عَلَيْهَا أَوْ يَشْرَبَ الشَّرْبَةَ فَيَحْمَدَهُ عَلَيْهَا [3] - ހަމަކަށަވަރުން އެކަލާނގެ އަޅާ ކެއުމެއް ކައި އެކަމަށް ޓަކައި ﷲއަށް ޙަމްދުކުރާ އަޅާއަށް ، ނުވަތަ ބުއިމެއް ބޮއި އެކަމަށް ޓަކައި އެކަލާނގެއަށް ޙަމްދުކުރާ އަޅާއަށް ރުހިވޮޑިގަންނަވައެވެ."
މާތް ﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނު އަރިހުން ރިވާވެގެން ވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސް ކުރެއްވިއެވެ. " މާތް ﷲ އެކަލާނގެ އަޅަކަށް ނިޢުމަތެއް ދެއްވުމުން އެ ކަން އޭނާ ދެނެގެންފިނަމަ އެކަމަށް އޭނާ ޝުކްރުކުރިކަމުގައި ލިޔުއްވާނެއެވެ. އެއީ އޭނާ އެކަމަށް ﷲއަށް ޙަމްދު ކުރުމުގެ ކުރިންނެވެ. އަދި އެކަލާނގެ އަޅަކު އޭނާއަށް ކުރެވުނު ފާފައަކަށް ދެރަވެއްޖެނަމަ އޭނާ ފާފަ ފުއްސަވާ ދެއްވުމަށް އެދި ދެންނެވުމުގެ ކުރިން އޭނާއަށް ފާފަ ފުއްސަވާ ދެއްވާނެއެވެ. ހަމަކަށަވަރުން މީހަކު ފައިސާ ދީފައި ހެދުމެއް ގަނެ މާތްﷲ އަށް ޙަމްދުކޮށް އެ ހެދުން ލައިފިނަމަ އޭނާގެ ކަކުލާ ހަމައަށް އެ ހެދުން ފައިބާ ތިރިނުވަނިސް މާތް ﷲ އޭނާއަށް ފާފަ ފުއްސަވާ ދެއްވާނެއެވެ. " [4]
މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރަތުގެފާނު އަރިހުން ރިވާވެގެން ވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. " އަރަހުށި މާތް ﷲ ޤިޔާމަތްދުވަހު ވަޙީ ކުރައްވާނެއެވެ. އޭ އާދަމުގެ ދަރިޔާއޭވެ!ތިމަންރަސްކަލާނގެ ތިބާ އަހާއި ޖަމަލު މަތީގައި އުފުއްލެވީމެވެ. އަދި އަންހެނުންނާ ކާވެނިކޮށް ދެއްވީމެވެ. މި ކަންތައްތަކަށް ތިބާ ކުރި ޝުކްރު ކޮބައި ހެއްޔެވެ؟ " މި ޤުދްސީ ޙަދީސުގައި މާތް ﷲ މި ވަނީ އިންސާނާއަށް އެކަލާނގެ ދެއްވި ބައެއް ނިޢުމަތްތައް ހަނދާންކޮށް ދެއްވާނެކަމުގެ އިންޒާރު ދެއްވައިފައެވެ. މިއިން އެނގެނީ ޤިޔާމަތް ދުވަހު މި ނިޢުމަތްތަކާމެދު އިންސާނާއާ ސުވާލު ކުރެވޭނެ ކަމެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. " ثُمَّ لَتُسْأَلُنَّ يَوْمَئِذٍ عَنِ النَّعِيمِ [5] - ދެން އެދުވަހުން ހަމަކަށަވަރުން (ދުނިޔޭގައި ތިޔަބައިމީހުންނަށް ލިބުނު) نعمة ތަކާމެދު ތިޔަބައިމީހުންނާ ސުވާލު ކުރައްވާނެކަން ކަށަވަރެވެ. " މާތް ﷲގެ އަޅުތަކުންގެ ތެރެއިން އެކަލާނގެ ނިޢުމަތްތަކަށް ވަރަށް މަދު ބަޔަކު މެނުވީ ޝުކްރު ނުކުރެތެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. " إِنَّ اللَّـهَ لَذُو فَضْلٍ عَلَى النَّاسِ وَلَـٰكِنَّ أَكْثَرَ النَّاسِ لَا يَشْكُرُونَ [6] - ހަމަކަށަވަރުން، اللَّه އީ، މީސްތަކުންގެ މައްޗަށް ދަރުމަ ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. އެހެނެއްކަމަކު، މީސްތަކުން ކުރެ ގިނަ މީހުން شكر އެއް ނުކުރެތެވެ."
އެންމެ ޝުކްރުވެރި މީހުން
އެންމެ މަތިވެރި ޝުކްރަކީ މާތް ﷲ ދެއްވި އެއްޗަކަށް ރުހުމެވެ. އެއީ ކިތަންމެ ކުޑަ މިންވަރެއް ކަމުގައިވިޔަސް އެ ކަމާމެދު ހިތްހަމަޖެއްސުމެވެ.ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ މިތުރު ޞަޙާބީއެއް ކަމުގައިވާ އަބޫ ހުރައިރަތުގެފާނަށް ނަސޭހަތް ދެއްވަމުން ޙަދީސް ކުރެއްވިއެވެ. " يَا أَبَا هُرَيْرَةَ كُنْ وَرِعًا تَكُنْ أَعْبَدَ النَّاسِ وَكُنْ قَنِعًا تَكُنْ أَشْكَرَ النَّاسِ وَأَحِبَّ لِلنَّاسِ مَا تُحِبُّ لِنَفْسِكَ تَكُنْ مُؤْمِنًا وَأَحْسِنْ جِوَارَ مَنْ جَاوَرَكَ تَكُنْ مُسْلِمًا وَأَقِلَّ الضَّحِكَ فَإِنَّ كَثْرَةَ الضَّحِكِ تُمِيتُ الْقَلْبَ [7] - އޭ އަބޫ ހުރައިރާއޭވެ! ތިބާ ވަރަޢަވެރިވާށެވެ! އެއިރުން ތިބާ އެންމެ އަޅުވެރި މީހާ ކަމުގައި ވާނެއެވެ. އަދި ތިބާ ފުދުންތެރިވާށެވެ! އެއިރުން ތިބާ އެންމެ ޝުކްރުވެރި މީހާ ކަމުގައިވާނެއެވެ. އަދި ތިބާގެ އަމިއްލަ ނަފްސަށް ލިބުމަށް ލޯބިކުރާ ކޮންމެ ކަމެއް މީސްތަކުންނަށް ލިބުމަށް ލޯބިކުރާށެވެ! އެއިރުން ތިބާ މުއުމިނެއްކަމުގައި ވާނެއެވެ. އަދި ތިބާ ތިބާގެ އަވަށްޓެރިޔާއަށް ހެޔޮކޮށް ހިތާށެވެ.އެއިރުން ތިބާ މުސްލިމެއް ކަމުގައި ވާނެއެވެ. އަދި ތިބާ ހުނުން މަދުކުރާށެވެ! ހަމަކަށަވަރުން ގިނަގިނައިން ހުނުމަކީ ހިތް މަރައިލާނޭ ކަމެކެވެ. "
ޝުކްރު ކުރުމަކީ ﷲގެ ޙައްޤެއް
މާތްﷲއަށް ޝުކްރު ކުރުމަކީ އެކަލާނގެ އަޅުންގެ މައްޗަށް އަދާކުރުން ވާޖިބުވެގެންވާ ޙައްޤެކެވެ. ﷲ މި ޝުކްރަށް ބޭނުންވެވޮޑިނުގަނަވަތެވެ. އެކަމަކު އިންސާނާއަކީ މި ކަމަށް ބޭނުން ޖެހިފައިވާ މީހެކެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. " وَمَن شَكَرَ فَإِنَّمَا يَشْكُرُ لِنَفْسِهِ ۖ وَمَن كَفَرَ فَإِنَّ رَبِّي غَنِيٌّ كَرِيمٌ [8] - شكر ކުރާމީހާ ފަހެ، އޭނާ شكر ކުރާކަން ކަށަވަރީ، ހަމައޭނާގެ އަމިއްލަ نفس އަށެވެ. އަދި ޙަރާންކޯރުވާ މީހާ ދަންނަށެވެ! ފަހެ، ހަމަކަށަވަރުން،ތިމަން ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ފުދިވޮޑިގެންވާ، ދީލަތިވަންތަ ރަސްކަލާނގެއެވެ. "
ޝުކްރުކުރުމުގެ މުހިއްމުކަން ކީރިތި ޤުރްއާނުގައި އެކަމާ ބެހޭގޮތުން އައިސްފައިވާ ގިނަގުނަ އާޔަތްތަކުން އެނގެއެވެ. ކީރިތި ޤުރްއާނުގައި ހަތް ދިހަ ވަރަކަށް އާޔަތުގައ ޝުކްރު ކުރުމާ ބެހޭގޮތުން ބަސް ވަޙީ ކުރައްވައިފައި ވެއެވެ.
ޝުކްރަކީ ﷲއާ އެކު ގުޅުން ބަދަހިކުރުމުގެ ވަސީލަތެއް
ޝުކްރަކީ ﷲ ސުބްޙާނަހޫ ވަ ތަޢާލާ އެކަލޭގެ ޙަޟްރަތާ އެކަލާނގެ އަޅުންނާ ދެމެދުގައިވާ ގުޅުން ބަދަހިކޮށް ދެއްވުމަށް ޓަކައި ހުޅުވައި ދެއްވައިފައިވާ ދޮރެކެވެ.އެއީ ﷲގެ ދަރުމަވަންތަކަމަށް އިޢުތިރާފުވުމުގެ އަސާސު ދެމެހެއްޓުމަށް ބޭނުންވާ ވަސީލަތެކެވެ. މާތްﷲ އަމުރު ކުރައްވަނީ އެކަލާނގެ ދެއްވާ ނިޢުމަތްތަކަށް ޝުކްރު ކުރުމަށެވެ. ޝުކްރުކުރާ މީހުންނަށް އެކަލާނގެ ނިޢުމަތްތައް އިތުރުކޮށް ދެއްވާނެކަމަށް އަންގަވައެވެ. އަދި މި ނިޢުމަތްތަކަށް ޙަރާންކޯރުވާ މީހުންގެ ކިބައިން އެ ނިޢުމަތްތައް ނިގުޅައިގަންނަވާނެކަމުގެ އިންޒާރުވެސް ވަނީ ދެއްވައިފައެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. " لَئِن شَكَرْتُمْ لَأَزِيدَنَّكُمْ وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ [9] - ހަމަކަށަވަރުން، ތިޔަބައިމީހުން شكر ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (شكر ނުކޮށް) كافر ވެއްޖެނަމަ ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عذاب ގަދަފަދަވެގެންވާކަން ކަށަވަރެވެ. " އަލްއިމާމު ބާޤިރު ވިދާޅުވާގޮތުގައި ﷲގެ އަޅާ އޭނާގެ ވެރިރަސްކަލާނގެއަށް ޝުކްރު ކުރުން ހުއްޓައިލައިފުމަށް ދާންދެން ﷲ ގެ ނިޢުމަތް އެކަލާނގެ އަޅާއަށް އިތުރުކޮށްދެއްވުން ހުއްޓައި ނުލައްވާނެތެވެ. ﷲއަށް ޝުކްރު ނުކުރާ މީހުންގެ ވެށިން ބޭރަށް ނުކުތުމަށް ޓަކައި، އަދި ﷲއަށް ޝުކްރުކުރާ މީހުންގެ ދަފްތަރަށް އެރުމަށް ޓަކައި ﷲގެ ނިޢުމަތްތަކަށް ޝުކްރުކުރުން މަތީ އޭނާ ދެމިހުންނަންވާނެއެވެ.
ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޝުކްރު އަދާކުރުމުގައި ފެންވަރުތަކެއް ވެއެވެ.
ފުރަތަމަފެންވަރު : ދުލުން ޝުކްރުކުރުން
އަޅުގަނޑުމެންގެ ދުލުން މާތް ﷲއަށް ހެދުނާއި ހަވީރު ޝުކްރު ދެންނެވުމަކީ ވާޖިބު ކަމެކެވެ. މި ކަމަކީ މާތް ﷲ ގެ ދަރުމަވަންތަކަމަށް ޓަކައި ކުރަން ޖެހިފައިވާ ކަމެކެވެ. މާތް ﷲއަށް ދާއިމީ ސިފައެއްގައި ޝުކްރު ދެންނެވުމަކީ އެކަލަނގެ ދެއްވާދެއްވުންތަކަށް ބޭނުންވެފައިވާ ކަން ހާމަކޮށްދޭ ކަމެކެވެ. الله جل جلاله އަށް ދުލުން ޝުކްރު ކުރުމަކީ ﷲގެ އަޅާ އޭނާގެ ދުލުން ﷲއަށް ޝުކްރު ދެންނެވުމެވެ. އެއިގެ ތެރޭގައި ﷲގެ ނިޢުމަތްތަކާމެދު ތާރީފުކޮށް ވާހަކަ ދެއްކުން ހިމެނެއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ.” وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ [10] - އަދި ދަންނާށެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެއްވި نعمة ގެ ވާހަކައިން، ފަހެ، ކަލޭގެފާނު ވާހަކަ ދައްކަވައި އުޅުއްވާށެވެ! " ތިބާއަށް މާތް ﷲ ދެއްވައިފައިވާ ނިޢުމަތްތަކާ ބެހޭގޮތުން ވާހަކަދައްކާއިރު އެ ނިޢުމަތްތައް އެކަނލާގެއަށް ނިސްބަތް ކުރަންވާނެއެވެ. ޢާއްމުގޮތެއްގައި ގިނަ ބަޔަކު އެ ފަދަ ވާހަކަތައް ދައްކާއިރު ދެއްކެނީ ކޮންމެވެސް އިންސާނަކަށް ނިސްބަތް ކޮށެވެ. މާތްﷲ ބައެއް ނިޢުމަތްތައް އިންސާނަކު މެދުވެރިކުރައްވައި ދެއްވި ނަމަވެސް ނިޢުމަތުގެ ޙަޤީޤީ ވެރި ފަރާތަކީ ﷲއެވެ. މެދުވެރިވި ފަރާތަކީ ސަބަބެވެ. ނުވަތަ ވަސީލަތެވެ.
ދެވަނަ ފެންވަރު: ޢަމަލީ ޝުކްރު
އެއީ ޢަމަލީގޮތުން މާތް ﷲއަށް ޝުކްރު ދެންނެވުމެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މުއުމިނުން ކުރާ ޝުކްރު އެމީހުންގެ ޢަމަލުން ފާޅުވާން ޖެހޭނެއެވެ. އެހެނެއްކަމަކު މުނާފިޤުންގެ ޝުކްރު އެމީހުންގެ ދޫ ފަހަނަޅައި ނުދާނެއެވެ. ޢަމަލީގޮތުން ޝުކްރު ކުރުމުގެ މިސާލަކީ މާތްﷲ މީހަކަށް ތަނަވަސްކަން ދެއްވުމުން އެ ތަނަވަސްކަމުން ﷲގެ މަގުގައި ހޭދަކުރުމާއި މުހުތާދުވެރީންގެ ބޭނުންތައް ފުއްދައިދިނުމާއި ގާތްތިމާގެ މީހުންނަށް ހެޔޮފޯރުވުމެވެ. ދެވަނަ މިސާލަކީ މާތް ﷲ ޢިލްމެ ދެއްވި މީހުން މީސްތަކުންނަށް އެ ޢިލްމު އުނގަންނާދިނުމާއި އެ ޢިލްމު ފެތުރުމަށް ޓަކައި ފޮތްތައް ލިޔެ ޝާއިޢު ކުރުމެވެ. މާތްﷲ އަށް ޝުކްރުކުރުމުގެ ނިޔަތުގައި ކުރާ ކަންކަން ވާނީ އެންމެ މަތީ ދަރަޖައިގ ޢަމަލުތަކުގެ ތެރޭގައެވެ. އެފަދަ ޢަމަލުތައް އަމިއްލަ އެދުމާ ދުރުގައި ވާން ޖެހޭނެއެވެ. ހަވާނަފްސަށް ތަބާވާ ކަމަކަށް ވިޔަދީގެން ނުވާނެއެވެ. ސަލާމްލެއްވި ދާވޫދުގެފާނު މާތް ﷲއަށް ދެންނެވިއެވެ. " ޝުކްރަކީ އިބަރަސްކަލާނގެ ދެއްވާ ނިޢުމަތަކަށްވާއިރު އިބަރަސްކަލާނގެއަށް މި އަޅާ ޝުކްރު ދަންނަވާނީ ކިހިނަކުންތޯއެވެ؟ އެހިނދު މާތް ﷲ ވަޙީ ކުރެއްވިއެވެ. ކަލޭގެފާނު ތިމަންރަސްކަލާނގެއަށް މިހާރު ޝުކްރު ދަންނަވައިފީމުއެވެ. އެހެނީ ޝުކްރަކީ ތިމަންރަސްކަލާނގެ ދެއްވާ އެއްޗެއްކަން ކަލޭގެފާނަށް ދެނެވަޑައިގެންފީމުއެވެ. އެހިނދު ދާވޫދުގެފާނު ދެންނެވިއެވެ. މި އަޅާގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މި އަޅާއަށް ދެއްވާ ނިޢުމަތްތައް ވަންހަނާކުރާނެގޮތް މި އަޅާއަށް ދައްކަވާނދޭވެ! ޖަވާބުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. އޭ ދާވޫދުގެފާނޭވެ! ނޭވާފުޅު ލައްވާށެވެ! އެހިނދު ދާވޫދުގެފާނު ނޭވާފުޅު ލެއްވިއެވެ. ދެން މާތް ﷲ ވަޙީ ކުރެއްވިއެވެ. ރޭގަނޑާއި ދުވާލު ތިމަން ﷲ މި ދެއްވާ ނިޢުމަތްތައް ގުނައިޢަދަދުކުރައްވާނީ ކިހިނަކުންތޯއެވެ؟
ޘާބިތުލް ބަނާނީ ވިދާޅުވާ ގޮތުގައި މާތް ﷲ ނަމާދު ކުރާ ގަނޑިތައް ދާވޫދުގެފާނުގެ އަނބިއަނބިކަނބަލުންނަށާއި ދަރިކަލުންނަށް ބެއްސެވިއެވެ. މި ކަމުގެ ސަބަބުން ދާވޫދުގެފާނުގެ ގަނޑުވަރުތެރޭގައި ނަމާދު ނުކުރެވޭ ވަގުތުކޮޅެއް ނުދެއެވެ.
ސަލާމާއި ޞަލަވާތް ލެއްވި ރަސޫލުﷲގެފާނު ޙަދީސް ކުރެއްވިއެވެ. " މާތް ﷲ ތިން ކަމެއް ދެއްވި މީހަކަށް ދާވޫދުގެފާނުގެ އާލުންނަށް ދެއްވި އެއްޗެހި ދެއްވައިފިއެވެ. ދެންނެވުނެވެ. އޭ ﷲގެ ރަސޫލާއޭވެ! އެއީ ކޮން އެއްޗެއްސެއްތޯއެވެ؟ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސް ކުރެއްވިއެވެ. " އެއީ ރުޅިވެރިކަމާއި ރުހުމުގެ ވަގުތުގައި ޢަދްލުވެރިވުމާއި، ފަޤީރުކަމާއި މުއްސަނދިކަމުގައި މެދުމިންވަރުގައި ހިފެހެއްޓުމާއި، ސިއްރާޢި ފާޅުގައި ﷲގެ މަތން ހަނދުމަ ކުރުމެވެ. " [11]
ތިންވަނަ ފެންވަރު : ހިތުގެ ޝުކްރު
އޭނާގެ ހިތުގެ އަޑިން ކުރާ ޝުކްރަކީ އޭނާއަށް ލިބުނު ނިޢުމަތެއް ލިބުމުގައި އެހެން ފަރާތެއް ބައިވެރި ނުކުރުމެވެ. އެކަމުގެ އެންމެ ކުޑަ މިންވަރަކީ އޭނާއަށް ލިބުނު ނިޢުމަތަކީ އެއްވެސް ޢިއްލާއަކާނުލައި ﷲގެ ޙަޟްރަތުން ލިބުނު އެއްޗެއްކަން ޤަބޫލުކުރުމެވެ.
އަލްއިމާމު އައްޞާދިޤު ވިދާޅުވިއެވެ. " މާތްﷲ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ.އޭ މޫސާގެފާނޭވެ! ކަލޭގެފާނު ތިމަންރަސްކަލާނގެއަށް ޙައްޤު ޝުކްރު އަދާކުރައްވާށެވެ! އެކަލޭގެފާނު ދެންނެވިއެވެ. މި އަޅާގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެއަށް މި އަޅާ ޙައްޤު ގޮތުގައި ޝުކްރު ދަންނަވާނީ ކިހިނަކުންތޯއެވެ؟ މި އަޅާ އިބްރަސްކަލާނގެއަށް ދަންނަވާ ކޮންމެ ޝުކްރެއް މި އަޅާއަށް ދެއްވި ނިޢުމަތެއްގެ ސަބަބުން މެނުވީ ނުދެންނެވެއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. އޭ މޫސާގެފާނޭވެ! އެ ނިޢުމަތަކީ ތިމަންރަސްކަލާނގެ ޙަޟްރަތުން ކަލޭގެފާނަށް ލިބިވަޑައިގެންނެވި ނިޢުމަތެއް ކަން ކަލޭގެފާނަށް އެނގިވަޑައިގަތުމަކީ ޙައްޤު ގޮތުގައި ޝުކްރު ކުރުމެވެ. "
الله جل جلاله ގޮވައިލައްވަނީ އަޅުގަނޑުމެންގެ ނަފްސަށް ހެވާއި ލާބަހުރި ކަންތަކަށެވެ. އެކަލާނގެ އަޅުގަޑުމެންގެ ޝުކްރަށް ބޭނުންވެ ވޮޑިނުގަންނަވަތެވެ. އެކަލާނގެއީ އެއްވެސް އެހެން ފަރާތަކާނުލައި ހުސްދުރުވެ ވޮޑިގެންވާ ރަސްކަލަނގެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސް ކުރެއްވިއެވެ. " ޤިޔާމަތްދުވަހު ގޮވައިލައްވާ ބޭކަލަކު ގޮވައިލައްވާނެއެވެ. ޙައްމާދުން ކޮބައިހެއްޔެވެ؟ އެހިނދު ބަޔަކު މީހުން ތެދުވާނެއެވެ. އަދި އެމީހުންނަށް ޓަކައި ދިދައެއް އުފުލައިލެވޭނެއެވެ. އަދި އެމީހުން ސުވަރުގެ ވަންނާނެއެވެ. ދެންނެވުނެވެ. ޙައްމާދުންނަކީ ކޮން ބައެއް ތޯއެވެ؟ ރަސޫލާ ޙަދީސް ކުރެއްވިއެވެ. އެއީ ހުރިހާ ޙާލަތެއްގައި ވެސް ﷲއަށް ޝުކްރު ދަންނަވާ މީހުންނެވެ."
[1] - އައްނަޙްލު : 53
[3] - ރިވާކުރެއްވީ މުސްލިމާއި އަލްތިރްމިޛީއާއި، އައްނަސާއީއާއި އަޙްމަދެވެ.
[4] - އައްދުއްރުއް މަންޘޫރު
[5] - އައްތަކާޘުރު : 8
[6] - އަލްބަޤަރާ : 243
[7] - ރިވާ ކުރެއްވީ އިބްނު މާޖާ
[8] - އައްނަމްލު : 40
[9] - އިބްރާހީމު : 7
[10] - އައްޟުޙާ : 11
[11] - އައްދުއްރުލް މަންޘޫރު ، އައްސުޔޫޠީ