(28 އޮކްޓޯބަރ 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ސާރާ ޙައިރާން ވެފައި ޙައިދަރާ ދިމާއަށް ބަލައިލިއެވެ. އަދި ބަރުހެލި ގޮތަކަށް އިށިނދެއްޖެއެވެ.
"މިއަދު އަހަރެން ކާރުޚާނާތައް ހުންނަ ސަރަހައްދުން ސާރާ ދަނިކޮށް ދުށިން. އެ ހިސާބަށް ދިޔައީ ކީއްކުރަން؟" ފެންތަށި ހިފަހައްޓައިގެން އިން ޙައިދަރުގެ ނަޒަރު ހުއްޓިފައި ހުރީ ސީދާ ސާރާގެ މޫނަށެވެ. އެއީ ސާރާ ހީކޮށްގެން ހުރި ކަހަލަ ސުވާލެއް ނޫނެވެ. ކުޑައިރުކޮޅަކު ވިސްނައިލުމަށް ފަހު އޭނާ ޖަވާބެއް ކަނޑައެޅިއެވެ.
"ކާރުޚާނާ ސަރަހައްދަކަށް އަހަރެން ނުދަން." އޭނާ ނިތްކުރިއަށް ރުލެއްވެސް އަރުވައިނުލައި ދޮގެއް ހަދައިލިއެވެ.
ޙައިދަރު ހައިރާން ވިއެވެ. އޭނާ އެ ހެދީ ދޮގެއްކަން ޙައިދަރަށް ޔަގީން ވަނީ ކަހަލައެވެ. "އެކަމަކު މިއަދަކު ގެޔަކު ނެތީމެއްނު؟ އަހަރެން ނޯކަރުންނާ ސުވާލު ކުރިން."
"އާނ. ގެޔަކު ނެތިން. އަހަރެން ދިޔައީ ރައްޓެއްސަކާ ބައްދަލު ކޮށްލަން. އެކަމަކު ކާރުޚާނާ ސަރަހައްދަކަށް ނުދަން." އެހައި ފަސޭހައިން ދޮގު ހެދޭތީ ޚުދު ސާރާވެސް ހުރީ ހައިރާން ވެފައެވެ.
"އެހެން ވެއްޖެއްޔާ އަހަންނަށް ހީވި ގޮތެއްތާ! މާފު ކުރޭ." އޭނާގެ ވާހަކަ ގަބޫލު ނުކުރާކަން ޙައިދަރު ވާހަކަ ދެއްކި ގޮތުން ވަރަށް ސާފުކޮށް އެނގެއެވެ. އެކަމަކު މުރުއްވަތްތެރިކަން ހިފެހެއްޓުމުގެ ގޮތުން މައާފަށް އެދުނީއެވެ.
ސާރާ ތެދުވެގެން ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ޙައިދަރުގެ ތަހުގީގީ ސުވާލު އޭނާއަކަށް ކަމަކު ނުދިޔައެވެ. އެ ސުވާލުގެ ސަބަބުން ހާހެއްވެސް ނުމެވޭމެއެވެ. އެކަމަކު ދެތިން ދުވަސްވާންދެން އޭނާ ގެއިން ބޭރަށް ނުނުކުމެ މަޑުކުރިއެވެ. އެއަށްފަހު އަނެއްކާވެސް ވަޒީފާއެއް ލިބޭތޯ ހިނގާން ފަށައިފިއެވެ.
އެ ދުވަހުވެސް ދެ ތަނަކަށް އިންޓަވިއުއަށް ގޮސްފައި ތިންވަނަ ތަނަށް ދާން އޭނާ ބަސް ހުއްޓާ ތާނގައި ހުރީއެވެ. ކުއްލިއަކަށް ކާރެއް އައިސް އެތަނަށް މަޑުކޮށްފިއެވެ.
"ހިނގާ. ތިޔަ ދާާން އުޅޭތަނަކަށް އަހަރެން ގެންގޮސް ދީފާނަން." އޭނާގެ ކަންފަތުގައި ޖެހުނީ ދަންނަ އަޑެކެވެ.
"މިއަދު އޮތް އެންމެ ފަހުގެ އިންޓަވިއުގެ ކުރިން މީނާޔާ ދިމާވީކަން ވަރަށް ދެރައެވެ." ސާރާގެ ހިތަށް އެރިއެވެ. އޭނާ ކާރުގެ ފަހަތު ދޮރާ ދިމާއަށް ހިނގައިގެންފިއެވެ.
"ސާރާ. އަހަންނަކީ ސާރާގެ ޑްރައިވަރެއް ނޫން. ކުރިއަށް އަރައި އިށީނދޭ."
އޭނާ ދެކޮޅު ނުހަދައި ގޮސް ކުރިއަށް އަރައި އިށީނދެއްޖެއެވެ.
"ކޮން ތަނަކަށް ދާންވީ؟" ޙައިދަރު ކާރު ދުއްވައިލަމުން އަހައިލިއެވެ.
"ގެއަށް." އޭނާ ދޮގު ހެދިއެވެ.
ޙައިދަރު އޭނާޔާ ދިމާއަށް ބަލައިލިއެވެ. "އެހެން ތަނަކަށް ދާން އޮތަސް އަހަރެން އެތަނަކަށް ގެންގޮސް ދީފާނަން."
"އަހަރެން ދާން ބޭނުން ވަނީ ގެއަށް."
ކުޑަ އިރުކޮޅަކަށް ކާރު ތެރެއަށް ހިމޭންކަން ވެރިވެފައި އޮތެވެ.
"ދުވާލު ހަތަރު ދަމު ތިޔަ އުޅެނީ ކޮންތާނކު؟ ކޮންމެ ދުވަހަކު ދާނީކީ ރައްޓެއްސެއްގެ ގެއަކަށް ނޫންކަން ގައިމު." ޙައިދަރު އޭނާޔާ ދިމާއަށް ބަލައިވެސް ނުލައި އަހައިލިއެވެ.
ހުރިހައި ވާހަކައެއް ތެދަށް ބުނާން ސާރާ ނިންމިއެވެ. "އަހަރެން މިއުޅެނީ ވަޒީފާއެއް ލިބޭތޯ. އެހެން ވެގެން ތަންތަނަށް ދަނީ."
ޙައިދަރު ހުރީ އެ ޖަވާބުގެ އިންތިޒާރުގައި ކަހަލައެވެ. "އެއްކަލަ ދުވަހު ކާރުޚާނާ ސަރަހައްދުގައި އުޅުނީ އެހެން ވެގެން ދޯ؟ އެ ތަނުން..."
އޭނާާ ޙައިދަރުގެ ވާހަކަ މެދުކަނޑައިލިއެވެ. "އަހަރެން އެ ދުވަހަކު އެ ސަރަހައްދަކަށް ނުދަން."
"ސާރާ. އެ ދުވަހު ސާރާ އެ ސަރަހައްދަށް ދިޔަ. އަހަންނަކަށް ނޯޅޭ. ކާރުޚާނާއަކުން ސާރާ ނުކުތްތަން އަހަރެން ދުށިން. އެ ދުވަހު އަހަރެން ސުވާލު ކުރީމާ ސާރާ ބުނީ ނުދަމޭ. ސާރާ އެހެން ބުނީމާ އަހަރެން އެ ކާރުޚާނާއަށް ފޯނު ކޮށްފައި އެހިން. އެ ދުވަހު އަހަރެން ދިޔައީ ރައްޓެއްސަކާ އެކީގައި. އެހެން ނޫން ނަމަ ގެއަށް އައީހީ ސާރާ ގޮވައިގެން."
ޙައިދަރުގެ އަޑުގައި ހަރުކަށިކަން ހުރި ކަމުގައި އޭނާއަށް އިހުސާސް ކުރެވުނެވެ. އެކަމަކު އަނގަޔަކުން ނުބުނެއެވެ.
"ސާރާ ކިޔެވީ ކިހައި ހިސާބަކަށް؟" ކުޑަ އިރުކޮޅަކު ހިމޭނުން ހުރުމަށް ފަހު ޙައިދަރު އަހައިލިއެވެ.
"ފުރަތަމަ ޑިގްރީ ނިންމައިފިން."
"ކޮން މާއްދާާތަކެއް ހެދީ."
"އިކޮނޮމިކްސްއާއި ފަ... އުރުދޫ ބަސް." ފަރަންސޭސި ބަހޭ އޭނާއަށް ނުބުނެވުނީ ކިރިޔާއެވެ.
"ސާރާ ވަޒީފާއެއް ހޯދަން އުޅޭކަން ބައްޕައަށް އެނގިލައްވާތަ؟" ޙައިދަރު ސުވާލު ކޮށްލިއެވެ.
"އަހަރެން ފަހުން ނަންގަންނާނަން."
މިފަހަރު ޙައިދަރު ކުޑަކޮށް އެނބުރިލައިފައި ސާރާއާ ދިމާއަށް ބަލައިލިއެވެ. އޭނާގެ މޫނުމަތީން ނުރުހުމުގެ އަސަރު ފެންނާން ހުއްޓެވެ. "ސާރާ. ސާރާ ތިޔަ އުޅެނީ އަހަރެމެންގެ ގޭގައި. އެހެންވީމާ ސާރާގެ ޒިންމާދާރުންނަކީ އަހަރެމެން. ސާރާ ކުރާ ކަންތައްތައް ބައްޕައަށް އެނގިލައްވަން ވާނެ. ފަހުން މައްސަލައެއް ދިމާވެއްޖެއްޔާ ހުރިހައި އިލްޒާމެއް އެޅޭނީ ބައްޕަގެ ބޮލުގައި. ސާރާ ގެއަށް ގެންނެވީ ބައްޕަ. އެހެން މީހުންގެ ޒާތީ ކަންތައްތަކުގެ ތެރެއަށް ވަނުމަކީ އަހަރެން މާ ގަޔާވާ ކަމެއް ނޫން. އެކަމަކު މީގެ ފަހުން ސާރާ ވަޒީފާއެއް ހޯދަން ބޭރަށް ދަންޏާ ބައްޕައަށް ނަންގަންނާތި. އެހެން ނޫނީ އަހަރެން ބައްޕައަށް ނަންގަންނާނަން. އަހަރެންގެ ވާހަކައާ މެދު ފުންކޮށް ވިސްނާނެ ކަމަށް އުއްމީދު ކުރަން."
ޙައިދަރު އުރުދޫ ބަހުން ވާހަކަ ދެއްކީވެސް ފަރަންސޭސި ބަހުން ވާހަކަ ދައްކާހައި ފަސޭހަކަމާއެކުއެވެ. އެކަމަކު މި ވަގުތު އޭނާގެ ވާހަކަ ސާރާއަށް ވީ ޒަހަރަކަށެވެ.
ޙައިދަރު އޭނާ ދޮރާށިދޮށަށް ބާލައިފައި ހިނގައްޖެއެވެ. އޭނާ ބަރު ފިޔަވަޅުތަކެއް އަޅަމުން ދޮރާށިން އެތެރެއަށް ވަދެއްޖެއެވެ.
* * *
ދޮރު ހުޅުވިއްޖެއެވެ. ބޭރުގައި ތިބި މީހުންނަށް ފެނުނީ އެ ދެމީހުން އެކަނި ކޮޓަރިތެރޭގައި ތިއްބައެވެ.
"ބޮޑުދައިތާ. ކޮޓަރި ބޭރުން..." އޭނާ ދިފާއުގައި ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ.
"ބޭރުން ތަންޑު އެޅުވީ އަހަރެން. ކަލޭމެން ދެމީހުންގެ ކުޅިގަނޑު މީހުނަށް ދައްކަން ވެގެން." ބޮޑުދައިތަ ހުރީ ރުޅި އައިސް ފުފިފައެވެ.
"ބޮޑުދައިތަ ތިޔަ ކިޔުއްވަނީ ކީކޭތޯ؟ ކިހިނެއްވީތޯ؟ މި ކޮޓަރީގެ އެނދު ތަންމަތި އަޅާށޭ ބުނުއްވީ ބޮޑުދައިތައެއް ނޫންތޯ؟" ޞަބާާ ވަރަށް ބާރަށް ބުންޏެވެ.
"އާވާރާ... ގޮތްކުޑަ... ލުއްޗާ... އެނދުތަންމަތި އަޅާށޭ ބުނީ އަހަންނޭ؟ އަހަރެން މޮޔަވީތަ؟ ޢާރިފީންގެ ކޮޓަރީގައި އަހަރެން އެނދުތަންމަތި އަޅުވަނީ ކާކު ނިންދަވަން؟ ހަޔާތްކުޑަ... އަހަރެންގެ ދަރިފުޅުގެ ކޮޓަރީގައި ތިޔަ ހަޔާތްކުޑަ ވަހުޝީ ކުޅިގަނޑު ކުޅޭކަށް ކަލޭ ލަދެއް ނުގަނޭތަ؟ ޢާރިފީން... ދަރިފުޅާ... ދަރިފުޅު އިނދެގެން ތިޔަ ގެނައީ ކޮންފަދަ ލަދު ހަޔާތްކުޑަ މީހަކާ..." ބޮޑުދައިތަ އެތިވަރު ގޮވަމުން އަމިއްލައަށް މޭގައި ތަޅަމުން ގެންދިޔައެވެ.
"ބޮޑުދައިތަ ތިޔަ ހައްދަވަނީ ދޮގު. އަޅުގަނޑުގެ ބޮލުގައި ތިޔަ އަޅުއްވަނީ ދޮގު އިލްޒާމު." ޞަބާގެ މޫނުގެ ކުލަ ބަދަލު ވެގެން ދިޔައެވެ.
"ބޮޑުދައިތަ ތިޔަ ދައްކަވަނީ ކޮން ކަހަލަ ވާހަކައެއް. މި ކޮޓަރީގެ ހޯލްޑަރު ބަދަލު ކުރަން އަޅުގަނޑު ފޮނުއްވީ ބޮޑުދައިތައެއް ނޫންތޯ؟ ހަމަހޭގައި ހުންނަވާ... ﷲ އަށްޓަކައި ތިޔަ ކަހަލަ ވާހަކަަ ނުދައްކަވާ..." ޢާދިލް ދެއަތް ޖޯޑުކޮށްގެން ހުރެ އާދޭސް ކުރިއެވެ.
"ހަމަހޭގައި ހުންނާންވީ އަހަރެންތަ؟ ހޭވަރިކަން ނެތިގެން މި އުޅެނީ އަހަރެންތަ؟ ހަމަހޭގައި ހުރުމަކީ ކޮބާ؟ ކަލޭމެންގެ ހަޔާތްކުޑަ ކުޅިގަނޑުގެ ވާހަކަ މީހުނަށް ނާންގަންވީތަ؟ ކަލޭމެންގެ ފާހިޝްކަން ފޮރުވައިދޭންވީތަ؟ އެއީތަ ހަމަހޭގައި ހުރުމަކީ؟ ޢާރިފީން ދެކެނީ ކަލޭ ތިޔައީ އެއްބަނޑު އެއްބަފާ ކޮއްކޮއެއްގެ ގޮތުގައި. ކަލެއަށް ބެހިގަންނާން ތިޔަ ފެނުނީ އޭނާގެ އަބުރާ. ކަލޭ ތިޔަ ވަޅި ހެރީ ބޭބެގެ ބުރަކަށްޓަށް. މި ދުވަސް ދެއްކެވުމުގެ ކުރިން އަހަރެން މަރުގެންނެވި ނަމަ..."
ބޮޑުދައިތަ ހުއްޓުމެއް ނެތި ހަޅޭއް ލަވަމުން ދިޔައެވެ. ޞަބާ އެތާނގައި ތިބި މީހުންނާ ދިމާއަށް ބަލައިލިއެވެ. އޭނާގެ މަންމަ އަނގައިންވެސް ނުބުނެ އެއް ފަރާތުގައި ހުއްޓިގެން ހުއްޓެވެ. އޭނާގެ ކޮއްކޮ ރޮނީއެވެ.
"ބޮޑުދައިތާ. އަޅުގަނޑު އެއްވެސް ކަމެއް ނުކުރަން. އަޅުގަނޑުގެ ކުށެއް ނެތްކަން ﷲ ދެނެވޮޑިގެން ވާނެ. އަޅުގަނޑަކީ ޢާރިފީންގެ އަނތްބެއް. އަޅުގަނޑު އޭނާއަށް މަކަރު ހަދާނީ..."
ބޮޑުދައިތަ އޭނާގެ ކަންކަށިމަތީގައި އަތްދަމާފައި ޖަހައިފިއެވެ. "މައްކާރު... މީގެ ފަހުން އަހަރެންގެ ދަރިފުޅުގެ ނަން ކަލޭގެ ދޫމައްޗަށް ގެނެސްގެން ނުވާނެ. ޢާރިފީންގެ ނަން ނުކިޔާތި... އެއީ ކަލޭގެ ފިރިއެއް ނޫން. ކަލޭ ކަހަލަ މީހަކު މިގެއަށް ގެންނަން އަހަރެންގެ ދަރިފުޅު މޮޔަވީތަ؟ ކަލޭނޭ... ތިޔަ ތިބީ ކީއްވެފައިތަ..؟ މި ގޭގެ ފިރިހެނުންނަށް ގޮވައި މިތަނަށް ގެނޭ. މި ގޭގައި ކުޅެމުންދާ ކުޅިގަނޑު އެމީހުންނަށް ދައްކަން އެބަ ޖެހޭ..." ބޮޑުދައިތަ އަތް ހޫރަމުން ދިޔައެވެ.
"ބޮޑުދައިތާ... ﷲ އަށް ބިރުވެތިވޭ... ދޮގު ނުހައްދަވާ..." ޢާދިލް އަނެއްކާވެސް ވާހަކަ ދެއްކޭތޯ އުޅުނެވެ.
"ކަލޭމެން ﷲ އަށް ބިރުވެތި ނުވީ ކީއްވެގެން؟ އަހަރެން މިއަދު ކަލޭމެން ދެމީހުން ތުތިމަހަށް ކޮށައިލާނަން. މިއަދަކު ދުލެއް ނުކުރާނަން." ބޮޑުދައިތަ ވިހަ ރާާގަކަށް ބުންޏެވެ.
އެ ވަގުތު ކުއްލިއަކަށް ޢާދިލަށް ވީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ. ރުޅި އައިސް ރަތް ވެފައި އޭނާ ހަޅޭއް ލަވައިގަތެވެ. "ޑަކައިތު... ކަލެއަކީ ހަޔާތްކުޑަ އަންހެނެއް. އަހަރެމެން ދެމީހުން މި މަޅީގައި ޖެއްސީ ކަލޭގެ މުޑުދާރު ރޭވުމަކުން. ކަލޭގެ އަތުން މަރުވާން އަހަރެން މަޑުން ހުންނާނެއޭ ކަލެއަށް ހީވަނީތަ؟ ހަނދާން ކުރާތި! އަހަރެން އެނބުރި އައިސް ކަލޭ ކަރުއަޅައިލާނަން."
ޢާދިލް އަދަބު ސަދަބުގެ މަތީން ހަނދާން ނައްތައިލައިފިއެވެ. ބޮޑުދައިތަ ކޮއްޕައިލުމަށް ފަހު އެހެން މީހަކު އޭނާ ހިފެހެއްޓުމުގެ ކުރީން ސިޑިއާ ދިމާއަށް ދުއްވައިގެންފިއެވެ. ބޮޑުދައިތަ އޭނާ ހުއްޓުވާކަށް އިތުރު މަސައްކަތެއްވެސް ނުކުރެއެވެ.
"ކުށެއް ނުކުރާ ކަމަށް ވަންޏާ ފިލައި ރައްކާވީ ކީއްވެގެން؟ ޢާލިޔާ... ކަލޭގެ ދަރިފުޅުގެ ކަންތައް ހުރި ގޮތް ނިކަން ދެކިބަލަ. މީނާ ހިފަހައްޓާށޭ އަތުން ދޫވެދާނެއޭ އަހަރެން އެތައް ފަހަރަކު ބުނިން. އެކަމަކު ކަލޭ އަޑެއް ނޭހި. މިހާރު މި އޮތީ ކަލޭ ދިން މިނިވަންކަމުގެ ހިިތި ރަހަ ކަރުބުޑުގައި ލާފައި." ޞަބާގެ މަންމަޔާ ދިމާއަށް ބޮޑުދައިތަ ބުންޏެވެ. މަންމަ ގިސްލަގިސްލާފައި ރޮނީއެވެ.
ޞަބާ ފާރަށް ލެނގިލިއެވެ. ގޭ އެންމެންގެ ކުރިމަތީގައި އޭނާ އެހެރީ އެހީތެރިޔަކު ނެތިފައެވެ. ޢާދިލް ހެދިހެން އޭނާއަކަށް ނުއެއް ފިލޭނެއެވެ. ފިލާކަށް އޭނާ ބޭނުމެއްވެސް ނުވެއެވެ. ވެގެން އުޅެނީ ކިހިނެއްކަން ވިސްނައިގަންނާންވެސް އޭނާއަށް އުނދަގުލެވެ. އޭނާއަށް ވިސްނެނީ އޭނާގެ ވަށައިގެން ތިބި މީހުންގެ ނަޒަރު ހުރި ގޮތެވެ. އެ ނަޒަރު އޭނާގެ ހަށިގަނޑު ފޫއަޅުވައިފައި ނުކުމެގެންދާ ތީރުތަކެއް ފަދައެވެ. މިހާރު އޭނާ އިންތިޒާރު ކުރަނީ ބޮޑުބޭބެއާއި ދެން ތިބި މީހުން އަންނާނޭ ވަގުތަކަށެވެ. ބޮޑުބޭބެއަށް ހަގީގަތް ކިޔައިދޭން އޭނާ ބޭނުމެވެ. ބޮޑުބޭބެ އޭނާގެ ވާހަކަ ގަބޫލު ކުރާނެއެވެ.
(ނުނިމޭ)
ވަރުގަދަ ކުޅިގަނޑެއް ކުޅެލައިފި ދޯ؟ ސަބާ ފަކީރަށް ޖެއްސި ހާލު
Bodubeybe gaboolu kuraaneyey??
Sabaa dheke nuruhunvaa meeheh eves.hiyeh nuvey gaboolu kuraane heneh.balamaa vaagotheh
Varah reethi
'Karu alhailaanamey'
Hahahahaa.
Naeem..furihama asaru ebahuri in'gey. beynun kuraa lafuthah gadha.vaahaka hama habeys
އަދި ކިރިޔާ ވާހަކައިގެ ފުރިހަމަ އަސަރު މިފެންނަން ފެށީ.ވަރަށް ރީތި.ކޮންމެ ދުވަހަކު ގެނެސްދެއްވައްޗޭ.
Oh..haadha nubai nulafaa anhenekey.amilla edhumah dhemeehunge aburu kathilaifi.Amilla dharifulhuge ufalakah ves nuvisni.meebaa Saba aa Aarifeen vakivi gothakee.
ހާދަހާ އޮމާނޭ