އިތުބާރު - 5

(24 އޮކްޓޯބަރ 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ޞަބާ. އަނގަ މަޑުންލައިގެން އިނދޭ. ކޮން ކޫސަނި ވާހަކައެއް ތިޔަ ފެށީ؟ ދަރިފުޅާ ޢާރިފީން. އޭނާ ތަޅާ އަނގަޔަށް ސަމާލުކަން ނުދޭތި." ޞަބާގެ މަންމަ ކުޑަކޮށް ބިރުން ހުރެ ބުންޏެވެ.

ޢާރިފީން އިނީ ވަރަށް ޝައުގުވެރިކަމާއެކު ޞަބާއާ ދިމާއަށް ބަލާށެވެ.

"ކާކު ބޭރަށް ނުކުތުން މަނާވީ؟"

"އަހަރެން." ޞަބާ ބުނެލިއެވެ.

"ޞަބާ މިހާރު އެފްއޭ ފާސް ނަގައިފީމު. އިތުރަށް ކިޔަވަން ބޭނުމީ ކޯޗެއް؟ އިތުރަށް ކިޔަވައިގެން ކުރާނީ ކީއް؟"

"ޢާރިފީން އިތުރަށް ކިޔަަވައިގެން ކުރާނީ ކީއް؟" އޭނާގެ ސުވާލުގައި ސުވާލަކަށް ވުރެ ބޮޑަށް މަލާމާތުގެ އަސަރު ހުއްޓެވެ.

"ބަލަ އަހަރެން މިއީ ފިރިހެނެއްނު؟ އަހަރެން އާމްދަނީ ހޯދަން މަސައްކަތް ކުރަން ޖެހޭނެ. ގޭގެ ޚަރަދުބަރަދު ބަލަހައްޓަން ޖެހޭނެ." ޢަރިފީން ކުޑަކޮށް ހިނިތުންވެލިއެވެ.

"އެހައި މޮޅަށް ކިޔެވުމުގެ ހަމައެކަނި ބޭނުމަކީ އާމްދަނީ ހޯދުންތަ؟"

ޢާރިފީން އަނގައިންވެސް ނުބުނެ ޞަބާގެ މޫނަށް ބަލަހައްޓައިގެން އިނީއެވެ.

"އެހެން މީހުންގެ ގޮތެއް އަހަންނަކަށް ނޭނގޭ. އަހަރެން ކިޔަވަން ބޭނުން ވަނީ ހަމައެކަނި އާމްދަނީ ހޯދާކަށް ނޫން. އަހަރެން ބޭނުން ވަނީ އަހަރެންގެ ޝުޢޫރަށް ބަދަލެއް ގެންނަން. ވިސްނުން ރަނގަޅު ކުރަން. ބުއްދި އަރާއަރަފޯދުވަން." ޞަބާގެ ސީރިއަސްކަމާއެކު ވާހަކަ ދެއްކިއެވެ.

"ބުއްދި އަރާއަރަފޯދުވަން ކުރާނީ ކޮން ކަމެއް؟" ބޭއިޚްތިޔާރުގައި ޢާރިފީން އަށް އަހައިލެވުނެވެ.

"ދުނިޔެ ދަސްކުރާނީ. އިންސާނުން މުއާއިނާ ކުރާނީ."

ޢާރިފީން ހައިރާން ވެފައި ބަލަން އިނީއެވެ.

"މިހާރު ބޭނުން ވަނީ ބީއޭ ގެ ދާޚިލާ ހޯދާކަށްނު؟ ހޯދާ. އަހަރެން ބައްޕަޔާ ވާހަކަ ދައްކާނަން. ބައްޕަ ދެކޮޅެއް ނުހައްދަވާނެ."

ޢާރިފީން މިހެން ބުނީމާ އޭނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އެކަމަކު އަނގައިން ނުބުނެ އެތެރެއަށް ވަދެގެން ހިނގައްޖެއެވެ.

ޢާރިފީން އެ ވާހަކަ ދެއްކީމާާ ބޮޑުދައިތަ އައީ ރުޅިއެވެ. ވިސްނައިދޭން ލައްކަ މަސައްކަތް ކުރާން ޖެހުނެވެ. އެކަމަކު ބޮޑުބޭބޭ ދެކޮޅެއް ނުހެދިއެވެ. އެއީ ޞަބާގެ ކިޔެވުމާ ދެކޮޅު ނުހަދާތީއެއް ނޫނެވެ. އެ ދުވަހުން ފެށިގެން ބޮޑުބޭބޭ ޞަބާއަކާ ވާހަކައެއް ނުދައްކައެވެ. އެކަމަކާ ޞަބާ މާބޮޑު ފަރުވާލެއް ނުބަަހައްޓައެވެ. އެއީ އޭނާ އެހައި ކަންބޮޑުވާ ކަމެއް ނޫނެވެ.

"މަންމާ. ބަޔަކު ކުރާ ތައުރީފަކުން އަހަންނަކަށް އެއްވެސް ފައިދާއެއް ނުކުރާނެ. ބަޔަކު ރުހުނީމާ ލިބޭ ފައިދާއެއް ނެތް. ނުރުހުނީމާ ލިބޭނޭ ގެއްލުމެއްވެސް ނެތް. އަހަރެން ބޭނުން ވަނީ އެއްވެސް މީހަކު އަހަރެންގެ ކިޔެވުމުގެ ތެރެއަށް އަތް ބާނައިގެން ނޫޅެން."

އޭނާގެ ފަލްސަފާއާއި ދަލީލުތައް މަންމައަކަށް ވިސްނޭ ވަރެއް ނުވެއެވެ. މަންމަ ދެރަ ވަނީ މިހައިތަނަށް އާއިލާއިން ޞަބާއާ އިންނާން އެއްްވެސް މީހަކު އަހައިފައި ނުވާތީއެވެ. ޞަބާގެ ކަންތައްތައް ހުންނަ ގޮތުން މީހަކު އަހާނޭ ކަމަކަށްވެސް މަންމައަކަށް ގަބޫލެއް ނުކުރެވެއެވެ.

އެކަމަކު ކުއްލިއަކަށް އާދަޔާ ޚިލާފު ކަމެއް ވެއްޖެއެވެ.

ޢާރިފީން ޞަބާއާ އިންނަން ބޭނުން ވާާހަކަ ބުނީމާ އޭނާގެ މައިންބަފައިންގެ ދުނިޔެއަށް ހޮނު އެޅި ކަހަލައެވެ. މުޅި އާއިލާގެ އެންމެންގެ ކަޅި ހުއްޓިފައި ހުރީ ޢާރިފީންއާ ދިމާއަށެވެ. އެކަމަކު އޭނާއަށް ކަމުދާާގޮތް މިވީ އޭނާގެ މަންމަގެ ބަހުން ނަމަ "މުޅި ދުނިޔެއަށް ލަދަކަށް ވެފައިވާ" އަންހެން ކުއްޖެކެވެ. މަންމަގެ އިޚިތިޔާރުގައި އޮތް ކަމެއް ނަމަ މިހާރު ޞަބާގެ ގަޔަށް ބަޑި ޖަހައި މަރައިލީހެވެ. ބޮޑުބޭބެގެ ވިސްނުންވެސް ވަކި ސަހަލެއް ނޫނެވެ. އާއިލާއިން އެންމެ ބޮޑަށް ޞަބާއާ ނުރުހެނީ ބޮޑުބޭބެއެވެ. މިހާރު އޭނާއަށް މި ޖެހެނީ ޞަބާާ ޅީދަރިއެއްގެ ގޮތުގައި ގެއަށް ގެންނާށެވެ. އެއީ އޭނާގެ ލަގޮނޑިއަށް ކެތްވާ ވަރުގެ ކަމެއް ނޫނެވެ. ޢާރިފީންއަށް ވިސްނައި ދެވޭތޯ އޭނާ މަސައްކަތް ކުރިއެވެ. އެކަމަކު ކާާމިޔާބެއް ނުވިއެވެ. ޢާރިފީން އަކީ ބޯހަރު، ގޮތް ދޫނުކުރާ މީހެއް ނޫނެވެ. އެކަމަކު މިކަމުގައި ފަހަތަށް ފިޔަވަޅެއް އަޅާކަށް އެއްގޮތަކަށްވެސް އެއްބަހެއް ނުވިއެވެ. ޞަބާގެ ކިބަޔަކުން އޭނާއަކަށް އެއްވެސް އުނި ސިފައެއް ނުފެނެއެވެ. ކިޔަވަން މަސައްކަތް ކުރުންވެސް އޭނާއަށް ފެނުނީ ރަނގަޅު ކަމެއްގެ ގޮތުގައެވެ. ބޮޑުބޭބެވެސް ޢާރިފީންގެ އެއްވެސް ވާހަކައަކާ މާ ބޮޑަކަށް ދެކޮޅެއް ނުހަދައެވެ. އެއީ އެނާގެ ހުރި ހަމައެކަނި ފިރިހެން ދަރިކަަމުގައި ވާތީ ދަރިފުޅުގެ ހިތުގައި ޖައްސާކަށްވެސް ނުކެރެއެވެ. އެހެންވީމާ ނުރުހުނު ކަމުގައި ވިޔަސް ޞަބާއާއި ޢާރިފީންގެ ކާވެންޏަށް އެދި ޞަބާގެ ގެއަށް އަތުވެއްޖެއެވެ.

"މަންމާ. އެންމެ ފުރަތަމަ އަހަންނަށް ކިޔެވިޔަ ދޭނަންތޯ ޢާރިފީން ކުރެން އަހާ. ކިޔެވިޔަ ދެންޏާ އަހަރެންގެ މައްސަލައެއް ނެތް. އިންނަން އެއްބަސް."

ކާވެންޏާމެދު ޞަބާ ދެކޭ ގޮތް އޭނާ ހާމަ ކުރި އެންމެ ދެތިން ޖުމުލައިންނެވެ. މަންމައަކަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. އޭނާގެ ދަރިފުޅު ޞަބާގެ ސިކުނޑި ހަލާކު ވެއްޖެކަން އޭނާއަށް ޔަގޫނެވެ. އެހެން ނޫންނަމަ އެހައި ރަނގަޅު ކާވެންޏަކަށް ކޫސަނި ޝަރުތެއް ކަނޑައެއް ނާޅާނެއެވެ. ﷲ އަށް ޙަމްދުކޮށްފައި ލޮލާއި ބޮލުން ރުހި ގަބޫލު ވާނީއެވެ. ކުރާނޭ ކަމެއް ނެތުމާއެކު އޭނާ ޞަބާގެ ޝަރުތު ޢާރިފީންއާ ހަަމައަށް ފޮނުވައިފިއެވެ. ޞަބާގެ ކިޔެވުމަކާ ޢާރިފީން ދެކޮޅެއް ނޫނެވެ. ކިޔަވާން ބޭނުން ވަރަކަށް ކިޔެވުމަކާވެސް ދެކޮޅެއް ނުހަދައެވެ.

ވަރަށް އާދައިގެ ގޮތަކަށް ދެމީހުންގެ ކާވެނި ކުރެވިއްޖެއެވެ. އެކަމަކު އަނބި ގެންދިއުން ދެ އަހަރު ދުވަހަށް ލަސް ކުރާން ދެ އާއިލާއިން އެއްބަސް ވެގެންނެވެ.

ޞަބާ އަނެއްކާވެސް އާއިލާގެ އެންމެން ނުރުހޭ ކަހަލަ ކަމެއް ކޮށްފިއެވެ. ބީއޭ ނިންމުމަށް ފަހު އެމްއޭ ދާޚިލާއަށް އެދިއްޖެއެވެ. މިހަހަރު ދެކޮޅު ހެދުން ބޮޑު ވެގެން ދިޔަ އެހެން ސަބަބެއްވެސް އޮތެވެ. ޞަބާ ވަނީ ދެ ޖިންސުގެ ކުދިންނަށް އެކީގައި ކިޔަވައިދޭ ޔުނިވަރުސިޓީއަކަށެވެ. އެހެންވީމާ ކިޔަވަން އުޅޭނީ ފިރިހެން ކުދިންނާވެސް އެކުގައެވެ. ކިޔެވުން މަނާ ނުކުރެވޭނޭކަން އެނގޭތީ ބޮޑުބޭބޭ ޝަރުތެއް ކަނޑައެޅިއެވެ. އެއީ ބުރުގާ އަޅައިގެން ކިޔަވާން ދިއުމެވެ. ގޭގެ ޅީދަރިއަށް ވާތީ ދެބައިކުޅަ އެއްބަޔަށް އޮރިޔާމުން ހުރެގެން ފިރިހެން ކުދިންނާއެކީ އުޅުމަކީ އޭނާ ރުހޭ ކަމަކަށް ނުވާތީ ކަމަށް ބޮޑުބޭބެ ބުންޏެވެ. އެކަމަކު މި ފަހަރުވެސް ޞަބާގެ ދަލީލުތައް އޮއްސައިލިއެވެ. "އަޅުގަނޑު ޔުނިވަރުސިޓީއަށް ދަނީ ކިޔަވަން. އަމިއްލަ އަބުރު ރައްކާތެރި ކުރަން އަޅުގަނޑަށް އެނގޭ. އެތަނަށް ދަނީއަކީ ދެބައިކުޅަ އެއްބަޔަކަށްވެސް އަދި ހަތަރުބައިކުޅަ އެއްބަޔަކަށްވެސް އޮރިޔާމަކުންނެއް ނޫން. ބުރުގާ ނޭޅިޔަސް ސާލު އޮޅައިގެން އައުރަ ނިވައިކޮށްގެން އަޅުގަނޑު ހުންނަނީ. ބުރުގާ އަޅަން މަޖުބޫރު ކުރައްވައިފިއްޔާ ގެއިން ނުކުމެގެން ދާނީ ބުރުގާ އަޅައިގެން. އެތަނަށް ގޮސް ނަގާނީ. އެ ގޮތަށް ބުރުގާ އެޅުމުގެ ފައިދާއަކީ ކޮބައިތޯ؟"

ބޮޑުބޭބެއާއި ބޮޑުދައިތަގެ ދަލީލުތައް ހުސް ވެއްޖެއެވެ. އެމީހުން ދެން މަސައްކަތް ކުރީ ޢާރިފީންއަށް ލިޔެގެން އޭނާ ރުޅި އެރުވޭތޯއެވެ. އެކަމަކު އޭނާވެސް ފަރަންސޭސި ވިލާތަށް ގޮސް އެތާގެ އާބުހަވާއަށް ދިރުނީކަން ނޭނގެއެވެ. އެމީހުން ފޮނުވާ ހަތަރުފަސް ސިޓީގެ ޖަވާބަކަށް ޢަރިފީން ފޮނުވަނީ އެންމެ ސިޓީއެކެވެ. އޭގައިވެސް ލިޔެފައި އޮންނަނީ ޞަބާ ބުރުގާ އަޅާން ބޭނުން ނޫނިއްޔާ މަޖުބޫރު ނުކުރާށޭ ލިޔެފައެވެ. ޞަބާއަށް ފޮނުވާާ ސިޓީގައިވެސް ލިޔަނީ އެ ވާހަކައެވެ.

ޞަބާއާއި ޢާރިފީންއާ ދެމެދު ސިޓީބިޓީ އޮންނަނީ ހިނގަހިނގައެވެ. އެކަމަކު އެއީ އާދައިގެ ސިޓީއެއް ނޫނެވެ. ލޯތްބާއި ވަޢުދާއި ލޯބި ފައުޅު ކުރުން ފިޔަވައި އެހެން ހުރިހައި ވާހަކައެއް އެ ސިޓީތަކުގައި ހުރެއެވެ. މި ބުނެވުނު ކަންތައްތަކަކީ އެ ދެމީހުންނަށް މާ މުހިއްމު ކަންކަމަށް ނުވަނީ ކަހަލައެވެ. ޞަބާގެ ސިޓީ ޢާރިފީންއަށް ފެންނަނީ ފޮތެއްގެ ގޮތުގައެވެ. ކޮންމެ ލަފުޒަކަށް އައު މަފުހޫމެއް، އައު މާނައެއް އޮވެއެވެ. ބައެއް ޖުމުލައިން ހައިރާން ކުރުވައެވެ. ބައެއް ޖުމުލައިން ވިސްނަން މަޖުބޫރު ކުރުވައެވެ. ސިޓީ ކިޔަމުން ދާއިރު އެި ކަހަލަ މައުލޫމާތުގެ ދޮރުތައް ހުޅުވެމުންދެއެވެ. ބައެއް ފަހަރަށް ދުނިޔޭގައި ލެއްވިހައި ތަކެއްޗާ މެދު ނުވިސްނާށޭ، ދިރިއުޅޭން އުނދަގޫ ވެދާނެއޭ ލިޔެފާނަމޭ އޭނާގެ ހިތަށް އަރައެވެ. އެކަމަކު ނުއެއް ލިޔެއެވެ. އެކި އެއްޗިއްސާ މެދު ވިސްނައި ފިކުރުކުރާ ގޮތާ ބެހޭ ގޮތުން ދިގު ސިޓީ ލިޔާއިރު، އޭނާއާ ބެހޭ ގޮތުން ވިސްނާ ގޮތް އެއް ފަހަރު ނަމަވެސް ލިޔެލާނެ ނަމައޭވެސް ޢާރިފީންގެ ހިތަށް އެތައް ފަހަރަކު އަރައެވެ.

ހިތްވަރު ކޮށްފައި އެއް ފަހަރަކު އެހެން ލިޔެފިއެވެ. އޭނާއަށް ލިބުނު ޖަވާބު މިހާރުވެސް ހަނދާން އެބަހުއްޓެވެ.

"އިންތިހާއަށް ލޯބިވާ އެއްޗަކާމެދު މާބޮޑަށް ވިސްނާކަށް ނުވާނެއެވެ. ވިސްނުމަކީ ޝައްކު އުފައްދާ ކަމެކެވެ. ޝައްކަކީ ލޯބި މަރައިލާ ވިހައެކެވެ. އަހަރެންގެ ހިތުގައި ޢާރިފީންގެ މައްޗަށް އޮތް ލޯބި މަރައިލާން ބޭނުން ވަނީ ހެއްޔެވެ؟"

* * *

"ސާރާ. މި އުޅެނީ މާދަމާާ ނޫން އަނެއް ދުވަހު ސާރާގެ މަންމަގެ މައްޗަށް ފޮތްފޮށިކިޔެވުން ބާއްވަން ކަމަށް. އާއިލާގެ އެންމެން އަންނާނެ. އަދި އެހެން ބައެއް މީހުންވެސް އަންނާނެ. ހުރިހައި ކަމެއް އިންތިޒާމު ކުރަން އަހަރެން ނޯކަރުން ގާތު ބުނެފިން. އެކަމަކު ސާރާ އަމިއްލައަށް ހުރިހައި ކަމެއް ބަލަހައްޓާތި." ހެނދުނު ނާސްތާ ކުރާން ތިބެފައި ޢާރިފީން ބުންޏެވެ.

ޙައިދަރަށް އޭނާގެ ބައްޕަގެ މޫނުމަތީން ހިތާމައިގެ އަސަރު ފާހަގަ ކުރެވުނެވެ. ލޯ ހުރީ ރަތް ވެފައެވެ. ރޭގަނޑު ނުނިދައި އޮތީ ކަމަށް ވެދާނެއެވެ. އެހެންވީމާ ކުރާން ބޭނުންވާ ކިތަންމެ ސުވާލެއް ހުރި ކަމުގައި ވިޔަސް މި ވަގުތު ނުކުރާނަމޭ ހިތައި ޙައިދަރު ހިމޭނުން ހުރެއްޖެއެވެ.

ޙައިދަރު ސާާރާާއާ ދިމާއަށް ބަލައިލިއެވެ. ސާރާ އިނީ ސައިތަށިގެ އުޅަކުގައި އިނގިލި ކާއްތާލަކާއްތާލާ، ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. އިރުކޮޅެއް ވާންދެން އޭނާ ސާރާގެ މޫނަަށް ބަލަން އިނެވެ. އެ ވަގުތު އޭނާއަށް ފާހަގަ ކުރެވުނީ ސާާރާގެ މޫނުގައި އާދަޔާ ޚިލާފު ދަމާބާރެއް ހުރި ކަމުގައެވެ. ޚާއްސަކޮށް އޭނާގެ ކުރަނގިލޮލުގައި ޚާއްސަ އަސަރެއް ހުއްޓެވެ. "އޭނާގެ މަންމަވެސް އޭނާހައި ރީތިވާނެހެން ހީވެއެވެ. އެހެން ނޫންނަމަ ބައްޕަ ކަހަލަ މީހަކު އޭނާގެ ލޯބީގައި ހައްޔަރުވާނެ ހެއްޔެވެ؟ ބައްޕަ އޭނާ ދެކެ އެހައި ބޮޑަށް ލޯބިވީ ހަމައެކަނި ރީތި ބުރުސޫރައިގެ ސަބަބުންބާވައެވެ؟ މަންމައަށް ވުރެވެސް އޭނާ ރީތީ ބާވައެވެ؟" ސާރާގެ މޫނަށް ބަލަހައްޓައިގެން އިނދެ އޭނާ ވިސްނަމުން ދިޔައެވެ. ކުއްލިއަކަށް އޭނާއަށް ފެނުނީ ސާރަ ކުޑަކޮށް ސިއްސައިގެން ދިޔަ ތަނެވެ. އޭނާ ބަލާކަން ސާރާއަށް އެނގުނީކަން ގައިމެވެ.

ޙައިދަރު ހަމަޖެހިލުމަށް ފަހު ނާސްތާ ތަށްޓަށް ނަޒަރު ބަދަލު ކޮށްލިއެވެ. ސާރާ ޢާރިފީން އާ ދިމާއަށް ބަލައިލިއެވެ. އޭނާ ޕާންފޮތީގައި ބަޓަރު ޖަހަނީއެވެ. އޭނާ އަނެއްކާވެސް ޙައިދަރާ ދިމާއަށް ބަލައިލިއެވެ. ދެން އަނެއްކާވެސް ވިސްނުމެއްގެ ތެރެއަށް ގެއްލިއްޖެއެވެ.

"ޢާރިފީން ޢައްބާސްގެ ހިތުގައ މަންމަގެ މައްޗަކަށް ޝަކުވާއެއް ނުރުހުމެއް ނެތްކަން އެބަ އެނގެއެވެ. އެކަމަކު އޭނާގެ އާއިލާގެ އެހެން މީހުންގެ ފަރާތުން ފެންނާނީ ކޮން ކަހަލަ ރައްދު އަމަލެއް ބާވައެވެ؟"

މި ސުވާލު އޭނާގެ ހިތަށް އުނދަގޫ ކުރަނީއެވެ. މަންމަގެ އާއިލާގެ އެހެން މީހުންނާ ބައްދަލުވާކަން އެނގުނީމާ އޭނާ ވަރަށް ބޮޑަށް ބިރުވެސް ގެންފިއެވެ.

އެ ދުވަހު ހަމަ އެއްގޮތަކަށްވެސް ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ.

މެންދުރު ޢާރިފީންވެސް އަދި ޙައިދަރުވެސް ގެއަކަށް ނާދެއެވެ. ޢާރިފީން އޭނާއަށް ފޯނުކޮށްފައި ގެއަށް ނާދެވޭނެ ވާހަކަ ބުންޏެވެ. އަދި ކާށޭވެސް ބުންޏެވެ. އޭނާ އަޖައިބެއް ފަދަ މިނިވަންކަމެއްގެ އިހުސާސް ކުރެވުނެވެ. އޭނާވެސް މެންދުރަކު ނުކައެވެ. ފެންޑާގައި އިށިނދެގެން އިނީއެވެ.

"މަންމަ ޢާރިފީން ޢައްބާސް ކަހަލަ މީހަކު ދޫކޮށްލީ އަހަރެންގެ ބައްޕަގެ ކިބައިގައި ކޮން ކަހަލަ ޚާއްސަ ސިފައެއް ހުރެގެން ހެއްޔެވެ؟ މި ގޭގައި މަންމައަށް ވަރަށް އުފާވެރި ދިރިއުޅުމެއް ވޭތުކުރެވުނީހެވެ. އޭނާގެ ގޭގައި މަންމަ އުޅުނު އުޅުމަށް ވުރެ މިގޭގައި އުޅޭ އުޅުން މާ އުފާވެރި ވީހެވެ."

އެންމެ ކޮޓަރިއެއްގެ އެ ދަތި އުނދަގޫ ގޭގެ މަތީން އޭނާއަކަށް ހަނދާން ނައްތައެއް ނުލެވުނެވެ. ވާރޭ ވެހިއްޖެއްޔާ އެ ގޭ ތެރެއަށް ވާރޭ ވެހެއެވެ. ގޭގައި ފެން ބޮޑު ވެއެވެ.

"ދެން އަންނަ ވާރޭ މޫސުމެއް އައުމުގެ ކުރީން ފައިސާކޮޅެއް ޖަމާ ކޮށްގެން ފުރާޅު މަރާމާތު ކުރާނީ."

މިއީ ކޮންމެ ވާރޭ މޫސުމަކު މަންމަ ބުނާ ވާހަކައެކެވެ. އެކަމަކު އެ ބުނާ ފައިސާ ޖަމާ ކުރެވުނު ދުވަހެއް ނާދެއެވެ. ގެއާއި ގޭގައި ހުރި ތަކެއްޗާމެދު ވިސްނައި ފިކުރު ކުރަނީ ސާރާ އެކަންޏެވެ. އެއިން އެއްވެސް ކަމަކާ މަންމަ ފިކުރު ބޮޑުވެގެން އުޅޭތަނެއް އޭނާ ދުވަހަކުވެސް ނުދެކެއެވެ. މަންމަ ކިރިޔާވެސް ފިކުރެއް ކުރިއްޔާ ކުރަނީ އޭނާޔާ މެދުގައެވެ. އޭނާ ރީތިކޮށް ހަނދާން އެބަހުއްޓެވެ. ކުޑައިރު އިސްކޫލަށް ގެންގޮސް ގެނެސް ހަދަނީ މަންމައެވެ. އެހެން ކުދިންނާއެކު އެއްވެސް ތަނަކަށް ދުވަހަކުވެސް ދިޔަކަ ނުދެއެވެ. އިސްކޫލު ނިމުނީމާ އޭނާ ގޮވައިގެން ދަނީ ސީދާ މަންމަ މަސައްކަތް ކުރާ ކާރުޚާނާއަށެވެ. އެއީ އަންނައުނު އުފައްދާ ކާރުޚާނާއެކެވެ. މަންމަ މަސައްކަތް ކުރަނީ އެތަކެތި ފޮށިފޮށްޓަށް އަޅައި ބަންދުކުރާ ބައިގައެވެ. މަންމަ މަސައްކަތް ކުރާއިރު އޭނާ އެއް ކަނެއްގައި އިށިނދެގެން އިނދެ ގޭގައި ދަސްކުރާން ދީފައި ހުންނަ ފިލާވަޅުތައް ދަސްކޮށް ތަމްރީނުތައް ހަދަނީއެވެ.

އޭނާގެ މަންމަ ކާރުޚާނާގެ މީހަކާވެސް މަސައްކަތު ބޭނުމެއް ނެތި އަނގައިންވެސް ބުނެހަދާތަނެއް އޭނާ ދުވަހަކުވެސް ނުދެކެއެވެ. މަންމަ މުޅި ސަމާލުކަން ހުއްޓިފައި ހުންނަނީ މަސައްކަތުގެ މައްޗަށެވެ. އެއްވެސް އިސް މީހަކު މަންމަޔާ ދިމާއަށް އަޑުލާ މަންޒަރުވެސް ނުފެންނަނީ އެހެން ވެގެން ކަމަށް ވެދާނެއެވެ. މަންމަ މެސެނެއްހެން ގަމީސް ފަޓުލޫނު ކޮތަޅަށް ލައި، ފަހުން ފޮށިގަނޑަށް އަޅައި ބަންދުކޮށްކޮށް ހުންނަނީއެވެ. ސާރާއަށް އެ މަސައްކަތް އޭރު ވަނީ މަޖާ ކުޅިވަރަކަށެވެ. އެކަމަކު ބޮޑުވަމުން ދިޔަ ވަރަކަށް އެ ކުޅިވަރުގެ ޝައުގުވެރިކަން ގެއްލި ފޫހިވާން ފަށައިފިއެވެ. މެޓްރިކް ފާސް ނެގުމާ ހަމައަށް ކޮންމެ ދުވަހަކު އޭނާ މަންމަޔާއެކު ކާރުޚަނާއަށް ދެއެވެ.

މެޓްރިކް ފާސް ނެގުމަށް ފަހު ކިޔެވުން ހުއްޓާލައިފައި ކޮންމެވެސް މަސައްކަތެއް ކުރާން ބޭނުން ވާހަކަ އޭނާ މަންމަ ގާތު ބުންޏެވެ. މަންމަ ހަރުކަށިކަމާއެކު އެކަމާ ދެކޮޅު ހެދިއެވެ. އޭނާ ކޮލެޖަށް ވަނެވެ. އެކަމަކު ހިތެއް ހަމައެއް ނުޖެހެއެވެ. އުފަލެއް ނުވެއެވެ.

މަންމަގެ ސިއްހަތު ދުވަހުން ދުވަހަށް ދެރަވާން ފަށައިފިއެވެ. ކޮންމެ ދުވަހަކުވެސް އޭނާ ހުންނަނީ މަންމައަށް ކަމެއް ވެދާނެތީ ބިރުންނެވެ. އޭނާ ހަތަރު ވަނަ އަހަރު ކިޔަވަމުން ދަނިކޮށް މަންމަ ވަރަށް ބޮޑަށް ބަލި ވެއްޖެއެވެ. މަސައްކަތްކޮށް ނޫޅެވޭ ވަރު ވެއްޖެއެވެ.

(ނުނިމޭ)

4 ޚިޔާލު

  1. ކުލަކުލައިގެ ހަރުހިލަ ވިދާބަބުޅަނީ ދަންނަމީހަކު އަރިއަރި އަށް އެ ކަނޑާލުމުންނެވެ. ކޮންމެ މީހަކަށް އޭގައި ވަކިތަރުތީބަކުން ކަނޑާފައި ހުންނަ ކެނޑުމެއް ނުގެނެވޭނެއެވެ. ގިނަ މީހުންނަށް ފެންނާނީ އޭގައި ހުންނަ ވިދުމެވެ.
    ލިޔުންތެރިކަންވެސް ހަމަ އެފަދައެވެ.

    ވަރަށް ގަޔާވެއްޖެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.