އިތުބާރު - 4

(23 އޮކްޓޯބަރ 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޙައިދަރު ދެމީހުންގެ މޫނަށް ވަކިވަކިން ބަލައިލިއެވެ. ވެގެން އުޅޭ ގޮތް އަމިއްލައަށް ލަފާ ކުރާން މަސައްކަތް ކުރަނީއެވެ.

"ޙައިދަރަށްވެސް ސައިތަށްޓެއް ހަދައިދީ، ސާރާ." ޢާރިފީން ޢައްބާސް ބުނެލިއެވެ.

އޭނާ އަނގައިންވެސް ނުބުނެ އޭނާގެ ސައިތަށި މޭޒުމަތީގައި ބަހައްޓާފައި ސައިތަށްޓެއް ހަދާން ފަށައިފިއެވެ.

"މިހާރު އަޅުގަނޑުމެނަށް ވާހަކަ ދެއްކިދާނެއެއް ނޫންތޯ؟ މި ކުއްޖާ މި ގެއަށް އައި ސަބަބެއް ބައްޕަ ބުނުއްވަބައްލަވާ." ޙައިދަރު އަނެއްކާވެސް ފަރަންސޭސި ބަހުން އޭނާގެ ބައްޕަޔާ ވާހަކަ ދައްކާން ފަށައިފިއެވެ.

"ޙައިދަރު! މީގެ ފަހުން އޭނާ އުޅޭނީ މި ގޭގައި."

"ކީއްވެގެންތޯ؟" ޙައިދަރު ކުޑަކޮށް ހައިރާން ވެފައި ސުވާލު ކުރިއެވެ.

"ސައި..." ސާރާ އެމީހުންގެ ވާހަކަ މެދުކަނޑައިލިއެވެ. ޙައިދަރު ސައިތަށި އަތުލާފައި ރަސްމީ ރާގަކަށް ޝުކުރު އަދާކޮށްފިއެވެ.

"ޞަބާ ނިޔާވެއްޖެ. އޭނާ އެކަނި ގަަނަތެޅެން ދޫކޮށްލެވޭނީ ކިހިނެއް؟"

މި ފަހަރު ޙައިދަރު ސާރާއާ ދިމާއަށް ބަލައިލިއެވެ. "ކޮން އިރަކުތޯ ނިޔާވީ؟"

"މީގެ ފަސް ދުވަސް ކުރިން."

ޙައިދަރު ވަރަށް ފުންކޮށް ބައްޕަޔާ ދިމާއަށް ބަލައިލިއެވެ. ޢާރިފީން ހަތަރުކަޅި ބައްދަލު ނުކުރާން ވެގެން އެހެން ދިމާއަކަށް ބަލާން ފަށައިފިއެވެ.

ޙައިދަރަށް ވިސްނުނު ގޮތުގައި މި ވަގުތު އިތުރު ސުވާލު ކުރުމަކީ ބޭކާރު ކަމެކެވެ.

ސާރާ އިނީ ސައިބޯށެވެ. ފަރަންސޭސި ބަހުން ދެކެވުނު ވާހަކައަކަށް އެއްވެސް ސަމާލު ކަމެއް ނުދެއެވެ. އެވާހަކަތައް އޭނާއަށް ނޭނގެނީއެއް ނޫނެވެ. އެ ދެމީހުން ފަރަންސޭސި ބަހުން ވާހަކަ ދެއްކިހައި ފަރިތަކޮށް ވާހަކަ ދައްކާކަށް އޭނާއަކަށް ނޭނގެއެވެ. އެކަމަކު އޭނާ އެ ބަހުން ވާހަކަ ދައްކަން ދަނެއެވެ. އަދި ލިޔަން ކިޔަންވެސް ދަނެއެވެ. އޭނާގެ މަންމަ އެކަނި ހުންނަ ވަގުތު ފަރަންސޭސި ބަހުން އަމިއްލަ ނަފުސާ މުޚާޠަބްކޮށް ވާހަކަ ދައްކާ އަޑު އޭނާ އަހައެވެ. އެއީ ކޮން ބަހެއް ކަމެއ އޭރަކު އޭނާއަކަށް ނޭނގެއެވެ. އެހެންވީމާ އެއީ ކޮން ބަހެއްތޯ، މަންމަ އެ ބަހުން ކިޔަނީ ކީކޭތޯ އަހައިލާ ކޮންމެ ފަހަރަކު މަންމަ ހިމޭން ވެއެވެ. އެކަމަކުވެސް އަމިއްލަ ނަފުސާ ވާހަކަ ދެއްކުން ހުއްޓައެއް ނުލައެވެ. މަންމަ އެ ވާހަކަ ދައްކަނީ ފަރަންސޭސި ބަހުންކަން އޭނާއަށް އެނގުނީ މާ ފަހުންނެވެ.

"އެ ބަސް މަންމައަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ އެބަހުގެ އިތުރަށް މަންމައަށް އެނގެނީ ކޮން އެއްޗެއް ހެއްޔެވެ؟"

މިއީ އޭނާގެ ހިތުގައި އުފެދޭ ސުވާލެވެ. މި ސުވާލުތަކުގެ ސަބަބުން އޭނާގެ ކަންބޮޑުވުން ވަނީ އިތުރެވެ. އެކަމަކު މަންމަގެ ފަރާތުން ހިމޭންކަން ފިޔަވައި އެހެން ޖަވާބެއް ލިބޭ ގޮތެއް ނުވެއެވެ.

އޭގެ ފަހުން އޭނާ ކޮލެޖަށް ކިޔަވަން ދާން ފެށުމާއެކު އިޚްތިޔާރީ މާއްދާއެއްގެ ގޮތުގައި ނެގީ ފަރަންސޭސި ބަހެވެ. އޭނާ ބޭނުން ވަނީ މަންމަގެ ކަންބޮޑުވުމާއި ހިތާމައާއި ޝަކުވާތައް ދެނެގަންނާށެވެ. އަމިއްލަ ނަފުސާ މުޚާޠަބްކޮށް މަންމަ ދައްކަނީ ކޮން ވާހަކައެއްކަން ދެނެގަންނާށެވެ. މާ ގިނަ ދުވަސްތަކެއް ނުވެ ބައެއް ޖުމުލަތަކުގެ މަފްހޫމު އެނގޭ ވަރު ވެއްޖެއެވެ.  ދައްކާ ވާހަކަތައް ވިސްނައިގަނެވޭ ވަރު ވެއްޖެއެވެ. މި ހުރިހައި ގާބިލުކަމެއް ލިބުނީމާ އޭނާގެ ހައިރާންކަން ވީ އިތުރެވެ. ބަސް ނޭނގި ހުރިއިރު އޭނާއަށް ގަބޫލު ކުރެވުނީ ބަސް އެނގުނީމާ މަންމަގެ މައްސަލަތައް ސާފުކޮށް އެނގިދާނޭ ކަމުގައެވެ. އެކަމަކު ކަންތައް ވީ އެހެންނެއް ނޫނެވެ. އޭނާއަށް ގަބޫލު ކުރެވުނު ގޮތުގައި މަންމަ ދެނެގަތުމަކީ ވާނޭ ކަމެއް ނޫނެވެ. މަންމަގެ ވާހަކައަކުން މާޒީގެ އެއްވެސް ކުލަވަރެއް، އަސަރެއް ނުފެނެއެވެ. މީހެއްގެ ނަމެއް ދުވަހަކުވެސް ނުގަނެއެވެ. ކިޔާހައިވެސް ނަމަކީ ﷲ ގެ ނަންފުޅެވެ. މަންމަގެ ވާހަކަ އެނގެން ފެށީމާ ހީވަނީ ވަލީވެރިއެއްގެ ވާހަކަހެންނެވެ. އިންސާނެއްގެ ވާހަކައަކާ ވައްތަރެއް ނޫނެވެ. އެހެނީ އިންސާނުންގެ ވާހަކައިގައި ޝަކުވާގެ ވާހަކަ އޮންނާނެއެވެ. މަންމަގެ ވާހަކައިގައި ޝަކުވާގެ ކަންފުޅެއްވެސް ނުހުރެއެވެ.

ފަރަންސޭސި ބަސް ދަންނަކަމެއް އޭނާ މަންމައަކަށް ނާންގައެވެ. ފޮތްތައް ގެންގުޅެނީ ފޮރުވައިގެންނެވެ. މަންމަ އަމިއްލަ ނަފުސާ ދައްކާ ވާހަކަތައް ހުއްޓުވާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެއީ އޭނާއަށް އަޒީޒު ވާހަކަތަކެކެވެ. "އަމިއްލަ ނަފުސާ ނަމަވެސް ވާހަކަ ދައްކާ އަޑު އެބަ އިވެއެއް ނޫން ހެއްޔެވެ؟ އަހަރެން ފަރަންސޭސި ބަސް ދަންނަކަން މަންމައަށް އެނގިއްޖެއްޔާ އެ އަޑުންވެސް މަހުރޫމު ވެދާނެއެވެ." މަންމަ ވާހަކަ ދައްކާ އަޑު އަހާން ހުންނައިރު އޭނާގެ ހިތަށް އަރައެވެ.

މިތާގައިވެސް މިވީ ދާދި އެއް ކަހަލަ ގޮތެކެވެ. ޙައިދަރު ފަރަންސޭސި ބަހުން ވާހަކަ ދައްކާން ފެށުމާއެކު، އޭނާ އެބަސް ދަންނަކަން ނާާންގަން އޭނާ ކަނޑައެޅިއެވެ. އެހެންވީމާ ހިމޭންކަމާއެކު އަޑު އަހާން އިނީއެވެ.

ސައި ބޮއި ނިމިގެން އެންމެ ފުރަތަމަ ތެދުވެގެން ދިޔައީ ޙައިދަރެވެ.

"އެއީ ބޭބެގެ އުފަން ދަރިއެއްތޯ؟" ޙައިދަރު ދިޔައީމާ ސާރާ ސުވާލު ކޮށްލިއެވެ.

"އާނ. އަހަރެންގެ ދަރިއެއް. އަހަރެން އިނީ ފަރަންސޭސިއަކާ."

"އޭނާ ކޮބައިތޯ؟"

"މީގެ ތިން އަހަރު ކުރިން މަރުވެއްޖެ."

އޭނާ ޢާރިފީން ޢައްބާސްގެ މޫނަށް ބަލައިލިއެވެ. "އަޅުގަނޑުގެ މަންމަ ފަރަންސޭސި ބަސް ދަސްކުރީ ކިހިނެއްތޯ؟"

ޢާރިފީން ސިހިފައި އޭނާޔާ ދިމާއަށް ބަލައިލިއެވެ. އިރުކޮޅަކު ހިމޭނުން ހުރުމަށް ފަހު ބުންޏެވެ. "ޞަބާ ދަސްކުރާ ހިތުން ދަސްކުރީ."

އެ ޖަވާބަކުން ސާރާގެ ހިތެއް ހަމައެއް ނުޖެހުނެވެ.

"އަހަރެން މި ދަނީ ކޮޓަރިއަށް. ސާރާ ބޭނުމިއްޔާ ގެ ރަނގަޅަށް ބަލައިލާ." ޢާރިފީން ތެދުވެގެން އެތެރެއަށް ވަދެގެން ހިނގައްޖެއެވެ.

ޢާރިފީން އެހައި އަވަހަށް އެ ދިޔައީ އޭނާގެ ސުވާލުތަކަށް ޖަވާބު ދޭން ބޭނުން ނުވާތީ ކަމަށް ވެދާނެއެވެ.

ހަވީރުގެ ވަގުތު ނިމިގެން އިރު އޮއްސުމާ ދިމާއަށް ދަނީއެވެ. އޭނާ ފެންޑާގައި ދެކޮޅަކަށް ހިނގާލަހިނގާލާ ހުއްޓެވެ.

ޢާރިފީން ޢައްބާސް ކޮޓަރިއަށް ވަދެ އެތެރެއިން ދޮރު ތަޅުލިއެވެ. ކުއްލިއަކަށް އޭނާއަށް ވަރުބަލިކަމުގެ އިހުސާސް ކުރެވޭން ފަށައިފިއެވެ. މޭޒުގެ ވަތްގަނޑުން ނެގި ތަޅުދަނޑިއަކުން އަލަމާރިއެއް ހުޅުވުމަށް ފަހު އެ އަލަމާރިން ފޮޓޯ އަލްބަމްތަކެއް ނަގައިފިއެވެ. އެނދުމަތީގައި އިށިނދެ އިނދެގެން މަޑުމަޑުން އެ އަލްބަމްތައް ހުޅުވައިގެން ބަލާން ފަށައިފިއެވެ. އެޔާއެކު އޭނާގެ ކުރިމަތީގައި ސިފަވާން ފެށީ ދާދި ދެންމެއަކު އެ މަހާނައެއްގެ ދޮށުގައި އޭނާ ދުޢާކުރި މަހާނައިގައި ވަޅުލާފައި އޮތް އަންހެން މީހާގެ ރީތި މޫނެވެ.

"ޞަބާ. ޞަބާ މި ދުނިޔެއަށް އައީ ދުނިޔޭގައި އެންމެ ސާޅީސް އަހަރު ހޭދަކުރަން. މިއަދު އަހަރެން މިހިރީ ވަރަށް އުފަލުން. ދިރިއުޅުމުގެ ވޭނުން ޞަބާ މިންޖު ވެއްޖެ. ޞަބާ މިހާރު އުޅޭނީ އުފަލުގައިކަން އަހަންނަށް ޔަގީން." ފޮޓޯތަކުގައި ފިރުމަމުން އޭނާ ވާހަކަ ދައްކަމުން ދިޔައެވެ.

* * *

ޞަބާ އަކީ އޭނާޔާ ދެބެއިންގެ ދެދަރި ކުއްޖެކެވެ. ޞަބާގެ އެއްބަނޑު އެއްބަފާ އިތުރު ދެ އަންހެން ކުދިންނާއި ފިރިހެން ކުއްޖަކު ހުރެއެވެ. އެންމެ ދޮށީ ޞަބާއެވެ. ޢާރިފީންގެ އެއްބަނޑު އެއްބަފާ ތިން އަންހެނުން ތިބެއެވެ. އެންމެ ހަގީ އޭނާއެވެ. ޞަބާގެ ބައްޕައާއި ޢާރިފީންގެ ބައްޕަގެ އިތުރަށް އެ އާއިލާގައި ދެ ފިރިހެނުން ތިބެއެވެ. ހަތަރު ފިރިހެނުންގެ ގެ ހުންނަނީ މާސިންގާ އެއް ގޯތީގެ ހަތަރު ކަނުގައެވެ. ހަތަރު ގޭގެ މެދަށް ވާ ގޮތަށް އޮންނަ ހުސް ތަނަކީ ހަތަރުގެ ހިއްސާވާ ގޮތަށް އޮންނަ، ހަަތަރުގޭގެ މެދުގޯއްޗެވެ. ހަތަރުގޭގެ އިންފާރަކީވެސް ވަށައިގެން އޮންނަ އެއް ފާރެވެ. ހަތަރުގެއަށް ވަންނާން ހުންނަ މައި ދޮރާށްޓަކީވެސް އެއް ދޮރާށްޓެކެވެ.

ހަތަރު ބެއިންގެ ތެރެއިން އެންމެ ދޮށީ ޢާރިފީންގެ ބައްޕައެވެ. އެންމެ ހަގީ ޞަބާގެ ބައްޕައެވެ.

ޞަބާގެ ބައްޕަ ފެށުނީއްސުރެ ދިރިއުޅެނީ އެމެރިކާގައެވެ. އަހަރަކު ދެ ފަހަރު ޕާކިސްތާނަށް އާދެއެވެ. އެކަމަކު ޞަބާާގެ އާއިލާގެ އެކަކުވެސް ގައުމު ދޫކޮށް ބޭރަށް ދާ ޚިޔާލެއް ނުކުރެއެވެ. އެއް ސަބަބަކީ ޞަބާގެ ބައްޕަ އެ މީހުން އެމެރިކާއަށް ގެންދާން މަސައްކަތް ނުކުރުމެވެ. އަނެއް ސަބަބަކީ ޞަބާގެ މަންމަ އެމެރިކާއަށް ދާން މަސައްކަތް ނުކުރުމެވެ. އެހައި ދުރަށް ގޮސް ހުންނާން އޭނާގެ ހިތެއް ހަމައެއް ނުޖެހެއެވެ. އެހެންވީމާ ފިރިމީހާ އެމެރިކާއަށް ދިޔައީމާ ގޭގެ ވަކި ބަޔަކަށް ބަދަލުވެގެން އެތާގައި ދަރިންނާއެކު ފިރިނެތް އެކަނިވެރި ދިރިއުޅުމެއް އުޅެމުން ގެންދަނީއެވެ. އެ އާއިލާއަކީ އަނަހެންކުދިންނަށް މާމޮޅަށް ކިޔަވައިދޭން ރުހޭ އާއިލާއެއް ނޫނެވެ. ލިޔަންކިޔަން އެނގޭވަރަށް ކިޔެވުނީމާ އެނިމުނީ ކަމަށް ގަބޫލުކުރާ އާއިލާއެކެވެ. ޞަބާއަށްވެސް ކުރިމަތިލާން ޖެހުނީ އެ މައްސަލަޔާއެވެ. އިބްތިދާއީ ތައުލީމު ފުރިހަމަ ކުރެވުމާއެކު ބޮޑުބޭބެ އޭނާއަށް އެންގީ ގޭގައި މަސައްކަތް ކުރާން އިންނާށެވެ. މަންމަވެސް ދެކޭ ގޮތުގައި މިހާރު ކިޔެވުނު މިންވަރުން އަންހެން ކުއްޖަކަށް ފުދޭނެއެވެ.

"ނޫން. މަންމާ. އަހަރެން އިތުރަށް ކިޔަވަން ބޭނުން. އަހަރެން އަމިއްލައަށް ބައްޕަޔާ ވާާހަކަ ދައްކަފާނަން. އެކަމަކު ކިޔެވުން ދުލެއް ނުކުރާނަން."

އޭނާގެ ގޮތް ދޫނުކުރުމުގެ ސަބަބުން މަންމަ ކަންބޮޑު ވެއްޖެއެވެ.

"އާއިލާގެ އެކަކުވެސް ތިޔަ ވާހަކަ ގަބޫލެއް ނުކުރާނެ. ދަރިފުޅުގެ ބައްޕަވެސް ގަބޫލެއް ނުވާނެ. އެހެން ނޫނަސް ކިޔަވައިގެން ވަކި ކޮން ކަމެއް ކުރާނީ؟" މަންމަ އޭނާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.

"ކިޔެވުމަކީ މީހަކު ދެކޮޅު ހަދަން ޖެހޭ ކަމެއް ނޫން. ކިޔަވައިގެން ކުރާނޭ ކަމެއް ކަނޑައަޅާނީ ކިޔަވައި ނިމުނީމާ. މިހާރަކު ބުނާކަށް ނޭނގޭނެ." އޭނާ ވަރަށް ހަމަޖެހިލައިގެން ހުރެ ވާހަކަ ދެއްކިއެވެ.

އޭނާ ބައްޕަަށް ފޮނުވި ސިޓީގައި ލިޔުނީ ކީކޭ ކަމެއް އެކަކަށްވެސް ނޭނގެއެވެ. އެނގޭ ވަރަކީ އޭނާގެ ބައްޕަ އޭނާ މަތީ ތައުލީމު ހާސިލު ކުރާން އެއްބަސްވީ ކަމެވެ. ހުއްދަ ދިން ކަމެވެ.

ޢާރިފީން އޭރު ކިޔަވަމުން ދިޔައީ ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސްގައެވެ. އޭނާ ޞަބާއަށް ވުރެ ފަސް އަހަރު ދޮށްޓެވެ. ދެބެއިންގެ ދެދަރި އެހެން ކުދިންނެކޭ އެއްފަދައިން ޞަބާއަކީވެސް އޭނާއަކަށް މާ މުހިއްމު ކުއްޖެއް ނޫނެވެ. އެއިން އެއްވެސް ކުއްޖަކަށް ޢާރިފީން ސަމާލުކަމެއް ނުދެއެވެ. ޞަބާއާ އޭނާއަށް ބައްދަލުވުމެކޭ ބުނާ ކަހަލަ ގޮތަކަށް ބައްދަލުވީ އޭނާ ކިޔަވައި ނިމިގެން ބޭންކުގެ ވަޒީފާ އަދާ ކުރަމުން ދިޔަ ދުވަސްވަރު ޗުއްޓީއަކަށް ޕާކިސްތާނަށް އައިސް ހުރި ހުރމުގައެވެ. ރަށަށް އައިސް އޭނާ ފަރަހަރަކު ބޮޑުބޭބެއެއްގެ ގެއަށް ޒިޔާރަތް ކުރިއެވެ. ޞަބާ އެ ދުވަސްވަރު ގެންދިޔައީ ބީއޭއަށް ދާޚިލާ ލިބޭތޯ މަސައްކަތް ކުރަމުންނެވެ. އެގެއަށް ދިޔައީމާ ސައި ގެނެސްދިނީ ޞަބާއެވެ. ސައިތަށި ޢާރިފީންއަށް ދިނުމަށް ފަހު އޭނާ ސުވާލު ކުރިއެވެ.

"ކިޔެވުމަކީ ކޮން ކަހަލަ ކަމެއް؟"

އެ ސުވާލުގެ ސަބަބުން ޢާރިފީން ހައިރާން ވިއެވެ. "ވަރަށް ރަނގަޅު ކަމެއް."

"ހަމައެކަނި ފިރިހެން ކުދިންނަށްތަ؟ އަންހެން ކުދިންނަށޯ؟" ސުވާލުގެ ޖަވާބު ލިބުމާއެކު އޭނާ އަނެއް ސުވާލު ކޮށްލިއެވެ.

"ޞަބާ. މިހާރު ތިޔަ ފެށީ ކޮން ބޭކާރު ވާހަކައެއް؟" ޞަބާގެ މަންމަ އަޑުލިއެވެ.

"ކިޔެވުމަކީ އަންހެން ކުދިން ކުރަންވެސް ރަނގަޅު ކަމެއް." ބޮޑުދައިތަގެ ވާހަކައަށް ސަމާލުކަމެއް ނުދީ ޢާރިފީން ޖަވާބު ދިނެވެ.

"އެހެން ވެއްޖެއްޔާ ބޮޑުބޭބޭ އެހައި ބޮޑަށް ކިޔެވުމާ ދެކޮޅު ހަދަނީ ކީއްވެގެން؟ އަމިއްލަ ދަރި ކިޔަވަން ލަންޑަނަށް ފޮނުވީ. އެހެން ކުދިން ގެއިން ބޭރަށް ފިޔަވަޅެއް އެޅުންވެސް މަނާ!"

(ނުނިމޭ)

5 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.