އިތުބާރު - 23 (އެންމެ ފަހުބައި)

(11 ނޮވެމްބަރ 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އެ އަޑު އަންނަ ދިމާއަށް އިސް އުފުލައި ބެލުމުގެ ބަދަލުގައި އޭނާ އިސް ދަށަށް ޖަހައިގެން އިނދެ އެ ދިމާއަށް ނަޒަރު އަމާޒު ކުރާން މަސައްކަތް ކުރިއެވެ. އެ ސެންޓުގެ ވަހަކީވެސް އޭނާއަކަށް އައު ވަހެއް ނޫނެވެ. ވަސް ހުރި ދިމާއަށް އޭނާ އިސް އުފުލައި ބަލަައިލިއެވެ. އެއީ ކޮޓަރީގެ އެއް ކަނުގައި ފައިވާން ބަހައްޓައިފައި ހުރި ދިމާއެވެ. އޭނާ ހުރީ ފާރަށް ލެނގިލައިގެން ހަށަން ބަނދެގެންނެވެ. ކަޅު ޖީންސަކާ ހަމަ އެ ކުލައިގެ ކޯޓެއް ލައިގެންނެވެ. ސީދާ އޭނާޔާ ދިމާއަށް ބަލަހައްޓައިގެންނެވެ. ސާރާ އޭނާޔާ ދިމާއަށް ބަލައިލީ އެންމެ ފަހަރަކުއެވެ. އެއަށް ފަހު އިސް ދަށަށް ޖަހައިލިއެވެ. އަދި ކޮނޑުމަތީގައި އޮތް ސާލު ރަނގަޅުކޮށް ބޮލާއެއްކޮށް އަޅައިލިއެވެ.

"ސާރާ. މިއީ ކަލެޔާ ބައްދަލު ކޮށްލާން އައި މީހެއް. ހުންނަތާ މިހާރު ލައްކަ ގިނަ އިރު ވެއްޖެ. ކަލެއަކީ އާމިނާއެއް ނޫނޭ ސާރާއޭ ބުނީ އޭނާ. އަދި ކަލެޔަކީ ތިމަންގެ އަނބިމީހާއެއްވެސް އޭނާ އެބަ ބުނޭ." ކޮޓަރި ތެރެއަށް ވެރިވީ ގުލްއާއި ޢަޒްރާގެ އަޑެވެ. އެ ދެމީހުން ކުރެ މީހަކާ ދިމާއަށް ބަލައިލާކަށް އޭނާ ބޭނުމެއް ނުވިއެވެ.

"އަހަރެމެން ބޭރަށް ޖެހިލާފައި އެބަ އަންނަން. ކަލޭމެން ދައްކާ ވާހަކައެއް ދައްކާ." ސާރާއަށް ޢަޒްރާގެ އަޑު އިވުނެވެ. ދެން އިވުނީ ދޮރު ލެއްޕުނު އަޑެވެ.

"އަހަރެން އައީ ފިލައިގެން ދިއުމަކީ މައްސަލައިގެ ހައްލެއް ނޫނޭ ބުނެލަންވެގެން." ދެން އިވުނީ ޙައިދަރުގެ އަޑެވެ. ސާރާ އިސް އުފުލައި ބަލައިލިއެވެ. މިހާރު ޙައިދަރު ދެތިން ފިޔަވަޅެއް ކުރިއަށް ޖެހިލައިފިއެވެ.

"އެއްވެސް ކަމަކާ ބެހޭ އެއްވެސް ވާހަކައެއް ދައްކާކަށް އަދި އަޑު އަހާކަށްވެސް އަހަރެން ބޭނުމެއް ނޫން. ޙައިދަރު ގެއަށް ދޭ." ޙައިދަރުގެ މޫނުން ނަޒަރު އެއްކިބާ ކުރަމުން އޭނާ ބުނެލިއެވެ.

"އެކަމަކު އަހަރެން ދައްކަން ބޭނުން ވާހަކަ އެބަހުރި. އަހަރެން މި ތަނަކުން ނުއެއް ދާނަން." އޭނާ ހުރީ ވަރަށް ހަަމަަޖެހިފައެވެ.

ސާރާ ކުއްލިއަކަށް ހަޅޭއް ލަވައިގަތެވެ. "މި ބުނީނު. މި ތަނުން ދާށޭ."

"ހޫނ... ހަޅޭއް ލަވާ. ޑިޕެރްޝަން ކުޑަވެދާނެ. ޑަކްޓަރުން ބުނާ  ގޮތުގައި ހަޅޭއް ލެވީމާ އިންސާާނާގެ ނާރުތަކަށް ލުއިވާނެ. މި ވަގުތު ސާރާއަށް އެންމެ ބޭނުންވާ ކަމަކީ އެއީ." ޙައިދަރު ބުންޏެވެ. "އަހަރެން ކޮށްލަން ބޭނުންވާ ބައެއް ސުވާލު އެބަހުރި."

"ކުރަން ބޭނުންވާ ސުވާލެއް ޙައިދަރުގެ ބައްޕަޔާ ކުރޭ. އެއްވެސް ސުވާލަކަށް އަހަރެން ދޭނޭ ޖަވާބެއް ނެތް."

"ބައްޕަޔާ ކުރަންވާ ސުވާލުތައް އަހަރެން ކޮށްފިން. ދެން އޮތީ ސާރާޔާ ސުވާލު ކުރުން. ސާރާ އަހަރެންގެ ކިބައިން  ތިޔަ ހިފީ ކޮން ކަމެއްގެ ބަދަލެއް؟ އަހަރެން ސާރާއަށް ކުރީ ކޮން އަނިޔާއެއް؟ ދިނީ ކޮން ގެއްލުމެއް؟"

"އަހަރެންގެ މަންމަ ގެއްލުމެއް ދިނީ ކާކަށް؟ މަންމަގެ ކިބައިން ޙައިދަރުގެ ބައްޕަ ހިފީ ކޮން ބަދަލެއް؟" އޭނާ އެނދުގައި އިށީނދެއްޖެއެވެ.

"ތިޔައީ ސާރާ ބައްޕަޔާ ކުރަންވާ ސުވާލެއް. ސުވާލު ކުރަންވެސް ވާނެ. އަހަންނާއެކު ގެއަށް ގޮސް ބައްޕަޔާ ސުވާލު ކުރޭ. އެކަމަކު އަހަންނަށް އެނގޭ. ބައްޕަގެ ކުރިމަތީގައި ހުރެ ވާހަކަ ދައްކާނޭ ހިތްވަރެއް ސާރާގެ ކިބަޔަކު ނެތް." ޙައިދަރު ބުނެލިއެވެ.

"އަހަރެން ތިޔަ ގެއަކަށް ދާކަށް ބޭނުމެއް ނޫން. އަދި ޙައިދަރުގެ ބައްޕަގެ ކުރިމަތީގައި ހުއްޓޭކަށްވެސް އަދި އޭނާޔާ ދިމާއަށް ބަލައިލާކަށްވެސް ބޭނުމެއް ނޫން. އަހަރެން އޭނާޔާ ދައްކާނޭ ވާހަަކައެއް ނެތް." އޭނާގެ ރުޅިގަނޑު އަދިވެސް މައިތިރިއެއް ނުވެއެވެ.

"ބައްޕަޔާ ދިމާއަށް ބަލައިލަންވެސް ނުރުހޭ ކަމަށް ވަންޏާ އަހަންނާ އިންނަން އެއްބަސްވީ ކީއްވެގެން؟ އަހަންނާ އިނީ ކީއްވެގެން؟ ކޫސަނި ވާހަކަ ނުދައްކާ އަހަންނާ އެކީ ގެއަށް..."

ސާރާ އޭނާގެ ވާހަކަ މެދުކަނޑައިލިއެވެ. "އޭރަކު އަހަންނަކަށް ހަގީގަތެއް ނޭނގޭ. ކުރިން ހަގީގަތް އެނގިފައި އޮތް ނަމަ ކާވެނި ކީއްކުރަން... ޙައިދަރުމެން ފެންނަ ހިސާބަކަށްވެސް އަހަރެން ނުދިޔައީމުސް. އަހަރެންގެ މަންމަގެ އަބުރު ނަގާލައި ދިރިއުޅުން ބަރުބާދު ކޮށްލި މީހެއްގެ ގާތަށް ދިއުމަކީ އަހަރެން ކުރާނޭ ކަމެއް ނޫން."

"ސާރާ ތިޔަ ކަހަލަ ވާހަކަ ނުދައްކާ. ތިޔަ ވާހަކަ ދެއްކުމުގެ ހައްގެއް ސާރާއަކަށް ނެތް. ޞަބާދައްތައަށް ތޔަ ވާހަކަ ދެއްކޭނެ. އެކަމަކު ޞަބާދައްތަ އެއްވެސް މީހެއްގެ ކިބަޔަކުން ބަދަލެއް ނުހިފާ. ބަދަލު ތިޔަ ހިފީ ސާރާ. ސާރާ އަހަރެންގެ އަބުރު ނަގާލައިފި. ސާރާގެ މަންމަގެ ކުށެއް ނެތް ވާހަކަ އެބަ ބުނަމެއްނު؟ ނިކަން ބުނެބަލަ. އަހަރެންގެ އޮތީ ކޮން ކުށެއް؟ ސާރާ ކަންތައް ކުރި ގޮތުން މީހުންގެ ކުރިމަތީގައި އަހަރެން ބޮޑު ޖޯކަރަކަށް ވެދާނެއޭ އެއް ފަހަރުވެސް ހިތަށް އެރިތަ؟ ހިތަކަށް ނާރާާކަން ގައިމު. އަހަރެންގެ ކާފަޔާއި މާމަ ކުރިކަމެއް ކުރި އިރަކު އެމީހުންގެ ހިތަކަށްވެސް އެކަހަލަ އެއްޗެއް ނާރާ. އަހަރެންގެ ބައްޕަވެސް އެ ކަހަލަ ގޮތަކަށް ނުވިސްނާ. ދެން ނިކަން ބުނެބަލަ... ސާރާޔާ އެމީހުންނާ ހުރީ ކޮން ތަފާތެއް؟"

ޙައިދަރު ގޮނޑިއެއް ކައިރިކޮށްގެން އެނދުގެ ކައިރީގައި އިށީނދެއްޖެއެވެ.

"އަމިއްލަ މަރު ވެގެންފާނަމޭ ސާރާގެ މަންމަގެ ހިތަށްވެސް އަރާނެކަން ގައިމު. އަހަރެންގެ ހިތަށްވެސް އެހެން އެރި. ޞަބާދައްތައަކީ މަޒުލޫމެއް. އަނިޔާ ލިބުނު މީހެއް. އެކަމަކު ސާރާއަކީ އެއްވެސް އަނިޔާއެއް ލިބުނު މީހެއް ނޫން."

"އަހަރެން ޙައިދަރުގެ ކިބަަޔަކުންވެސް އަދި އެހެން މީހެއްގެ ކިބަޔަކުންވެސް ބަދަލެއް ނުހިފަން. އަހަރެން ޙައިދަރާ އިނދެގެން އުޅެން ބޭނުން ނުވީ. ތިޔަ ގޭގައި އުޅެން ބޭނުން ނުވީ. ފިލައިގެން އައީ އެހެން ވެގެން. ފިލައިގެން އައީމާ ވާނޭ ގޮތެއް އަހަންނަށް ވިސްނުނީ..."

ޙައިދަރު އޭނާގެ ވާހަކަ މެދުކަނޑައިލުމަށް ފަހު ވާހަކަ ދައްކާން ފެށިއެވެ. "ސާރާގެ މަންމައަށް އަނިޔާ ކުރެވިއްޖެ ކަމުގެ އިހުސާސް ކާފަޔަށްވެސް ކުރެވުނީ ފަހުން. ޞަބާދައްތަގެ އަބުރު ނަގައިލެވިއްޖެ ކަމުގެ އިހުސާސް މާމަޔަށްވެސް ކުރެވުނީ ފަހުން. އިނދެގެން ގެއަށް ގެނައި ހަލާލު އަނބިމީހާގެ ދިރިއުޅުން ބަރުބާދު ކޮށްލެވުނުކަމުގެ އިހުސާސް ބައްޕަޔަށް ކުރެވުނީވެސް ފަހުން. ސާރާ ތިޔަ އެޅި ފިޔަވަޅަކީ ޖާއިޒު ފިޔަވަޅެއް ކަމަށް ގަބޫލު ކުރަންޏާ އެމީހުން ކުރި ކަންތައްވެސް ޖާއިޒު ކަމަށް ގަބޫލު ކުރޭ. އެއްވެސް މީހަކު ނުބައި ކަމެއް ކުރާއިރު އެ ކުރަނީ ނުބައި ކަމެއް ކަމަކަށް ނުދެކޭ. ކޮންމެ މީހަކަށްވެސް ވިސްނެނީ ފަހުން. ސާރާއަށް ވިޔަސް... ބައްޕަޔަށް ވިޔަސް... ކާފައަށް ވިޔަސް... މާމައަށް ވިޔަސް..."

ސާރާ ކަރުނަ ހިފެހެއްޓޭތޯ މަސައްކަތް ކުރަމުން އަހައިލިއެވެ. "ޙައިދަރު ބޭނުން ވަނީ ކޮން ކަމެއް؟"

"ވަރަށް ގިނަ ކަންތައް ބޭނުން. އެންމެ ފުރަތަމަ ކަމަކަށް ބައްޕައަށް މައާފު ކޮށްފައި ގެއަށް ހިނގާ."

"ތިޔަ ދެ ކަމުން ކުރެ ކަމެއް އަހަންނަކަށް ނުކުރެވޭނެ." އޭނާ އަޒުމާއެކު ބުނެލިއެވެ.

"އެހެން ވެއްޖެއްޔާ ތިންވަނަ ކަމަކީ އަހަރެން ކުރަން އޮތް ކަމެއް. އެއީ ސާރާ ވަރި ކުރުން."

ސާރާއަށް ބޭއިޚުތިޔާރުގައި އޭނާޔާ ދިމާއަށް ބަލައިލެވުނެވެ. އެއަށްފަހު ބަލިކަށި އަޑަކުން ބުނެލިއެވެ. "ކޮށްލާ."

ޙައިދަރު އޭނާގެ މޫނަށް ބަަލަހައްޓައިގެން އިރުކޮޅަކު އިނުމަށް ފަހު އަހައިލިއެވެ. "ވަރިވެގެން ކުރާނީ ކީއް؟ ދިރިއުޅޭނީ ކިހިނެއް؟"

"މަންމަވެސް އުޅުނު ގޮތަށް އަހަރެން އުޅެފާނަން."

"މައްސަލަޔަކީ ތިޔައީތާ ސާރާ. ސާރާއަކަށް މަންމަ އުޅުނު ގޮތަކަށް ނޫޅެވޭނެ. އަހަންނަށް ޞަބާދައްތަޔާ ބެހޭ ގޮތުން އެނގެނީ މީހުން ދައްކާފައި ހުރި ވާހަކަތައް. އެކަމަކު ސާރާއަށް މާ ރަނގަޅަށް މަންމަ އެނގޭނެ. އަހަންނަކީ ނަފްސާނީ އިލްމުވެރިއެއް ނޫން. މީސްމީހުންގެ ވިސްނުމާއި އާދަތައް ދެނެގަތުމުގެ ޝައުގުވެރިކަމެއްވެސް އަހަރެންގެ ކިބަޔަކު ނުހުރޭ. އެކަމަކު ވޭތުވެދިޔަ ދެމަހެއްހައި ދުވަހުގެ ތެރޭގައި ޞަބާދައްތަޔާ ބެހޭ ގޮތުން އަހަރެން ވަރަށް ބޮޑަށް ވިސްނައިފިން. ޞަބާދައްތަ ކެތްކުރި ވަރަށް އެހެން އެއްވެސް އާދަމުގެ ދަރިއަކަށް ކެތް ކުރެވިދާނެ ބާވައޭ އަހަރެންގެ ހިތަށް އަރާ. ބައްޕަ ދެކެލައްވާ ގޮތުގައި ޞަބާދައްތަ ބައްޕަ ދެކެ ވަރަށް ބޮޑަށް ލޯބިވި. ބައްޕަ ކަންތައް ކުރެއްވި ގޮތުގެ ސަބަބުން ޞަބާދައްތަ ދިރިއުޅުން ދޫކޮށްލީ ކަމަށް ބައްޕަ ބުނުއްވި. އެކަމަކު އަހަރެން ދެކޭ ގޮތުގައި ކަންތައް ވީއަކީ އެހެންނެއް ނޫން. އަހަންނަށް ފާހަގަ ކުރެވުނު ގޮތުގައި ޞަބާދައްތައާއި ﷲ އާ ދެމެދު ޚާއްސަ ގުޅުމެއް އޮތް. ހަމައެކަނި ﷲ އަށް އިތުބާރު ކުރީކީއެއް ނޫން. ޞަބާދައްތަ ގަބޫލު ކުރި ގޮތުގައި ލިބުނު ކޮންމެ އެއްޗަކީ އެ އިތުބާރުގެ ސަބަބުން ލިބުނު އެއްޗެއް. ﷲ ވަނީ ޞަބާ ދައްތަގެ ވަށައިގެން ސަލާމަތީ ފާރެއް ލައްވައިފައި. ﷲ ޞަބާދައްތަ އަށް އޮއްސެވި ރަހުމަތާއި ލޯތްބަކީ ދުވަހަކުވެސް އުނިވެގެން ނުދާނޭ ކަންތައްތަކެއް ކަމަށް ޞަބާދައްތަ ގަބޫލު ކުރި. އިލާހޫހިމާޔަތުގެ ފާރު ދުވަހަކުވެސް ނުވެއްޓޭނޭ ކަަމަށް ޔަގީން ކުރި. އެކަމަކު ކަންތައް ވީ ކިހިނެއް؟ އަހަރެންގެ ކާފަޔާއި މާމަޔަކަށް ސާރާގެ މަންމަ ކަމަކު ނުދިޔަ. ކާވެންޏަށް އެއްބަސްވީ ބައްޕަގެ ގޮތްދޫނުކުރުމުގެ ސަބަބުން. އެކަމަކު މާމަގެ ހިތެއް ސާފެއް ނޫން. އަންހެނަކަށް ދެވޭނޭ އެންމެ ބޮޑު ގެއްލުން ޞަބާދައްތައަށް ދޭން މާމަ ރޭވީ. އެ ރޭވުމުގައި ކާމިޔާބީވެސް ހޯދީ. އޭނާާޔާމެދު އެ ކަހަލަ ގޮތަކަށް ކަންތައް ވެގެން ހިނގައިދާނޭ ކަމަކަށް ޞަބާދައްތައަކަށް ގަބޫލެއް ނުކުރެވުނު. އެންމެ ފަހުގެ އުއްމީދުގެ ރޮދިފަށް ކަނޑައިލީ އަހަރެންގެ ބައްޕަ. ޞަބާދައްތަ ވަރިކޮށްލީ. ދެން ވީ ކިހިނެއްކަން އެނގޭތަ؟ ޢަރިފީން ޢައްބާސް އޭނާއަށް ގެއްލުމެއް ދިނީ ކަމަކަށް ޞަބާދައްތައަކަށް ގަބޫލެއް ނުކުރެވުނު. ގަބޫލު ކުރެވުނީ ﷲ އާއި އޭނާޔާ މެދު އޮތް ގުޅުން ކެނޑުނީ ކަމަށް. ﷲ އޭނާ މަގުމަތި ކޮށްލެއްވީ ކަމަށް. އޭގެ ފަހުންް ޞަބާދައްތަ މުޅި ދިރިއުޅުން ހޭދަކޮށްލީ ﷲ ގެ ރުއްސެވުން ހޯދުމުގައި. ގެއްލުނު އިތުބާރު ހޯދުމުގައި. އެކަހަލަ މީހުންގެ ކިބައިން އަހަންނާއި ސާރާ ކަހަލަ މީހުންނަށް އޮންނަ އެންމެ ބޮޑު ނުރައްކަލަކީ ކޮބައިކަން އެނގޭތަ؟ އެކަހަލަ މީހުން ރުއްސައިގެން އުޅުނީމާ އަޅަކަށް ވެގަތުމުގެ އެދުން ހިތުގައި ހިނގައިގަނޭ. އެކަމަކު އެފަދަ މީހެއްގެ ހިތުގައި ޖައްސައިފިއްޔާ ﷲ އެ ކަމެއް ކުރި މީހެއްގެ ހިތްހަމަޖެހުމާއި ސުކޫން އުފުއްލަވާ. އަހަރެންގެ ބައްޕައަށް މެދުވެރިވީ އެ ހާލަތު. އަހަރެންގެ އާއިލާގެ އެހެން މީހުން ކުރިމަތިލާން ޖެހުނީ ﷲ ގެ ބަދަލުހިއްޕެވުމާ. އެހެންމީހުންހެން ބައްޕަ ހަމަޖެހިލައްވައިގެން ހުންނެވި އެންމެ ދުވަހެއްވެސް އަހަރެން ހޭލައިގަތީއްސުރެ ނުދެކެން. ބައްޕައަކަށް މަދު އެއްވެސް އެއްޗެއް ނެތް. އެއީ ކާމިޔާބު ބޭންކަރެއް. ރީތި އަނތްބެއް ހުރި. ދަރިއަކު ލިބުނު. އިއްޒަތާއި މުދަލާއި ފައިސާ އެބަހުރި. ނެތް އެއްވެސް އެއްޗެއް ނެތް. އެކަމަކު ހަަމަޖެހުމެއް ނެތް. އޭރަކުވެސް ނެތް. މިހާރަކުވެސް ނެތް."

ޙައިދަރު ވާހަކަ ދައްކަމުން ދިޔައީ ހެޔޮ އެދޭ ރަހުމަތްތެރިއަކު ވާހަކަ ދައްކާނޭ ގޮތަށެވެ. ހީވަނީ އޭނާ އައުމުގެ ބޭނުމަކީވެސް އެއީ ހެންނެވެ. ސާރާ ބޭނުން ނުވިޔަސް އޭނާގެ ވާހަކަ ކަނުލައި އަޑު އަހާން އިނެވެ.

"ގެއްލުމާއި ފަނާވުމުގެ ޝިކާރައަކަށް ވީ ބައްޕަ އެކަންޏެއް ނޫން. އަހަރެެންގެ އާއިލާގެ ކޮންމެ މީހަކީ އެ އަޒާބާ ކުރިމަތިލީ މީހެއް. ކާފަޔާއި މާމަޔާއި ބޮޑުދައިތައާއި ޚުދު އަހަރެންގެ މަންމަވެސް... އެންމެ ފަހުން މިހާރު މި ޖެހެނީ އަހަންނާ. އަހަރެން ބޭނުން ވަނީ މި ސިލްސިލާއަށް ނިމުމެއް ގެންނަން. ޞަބާދައްތަ ﷲ ދެކެ ލޯބިވީ އިންތިހާ ދަރަޖައަށް. ﷲ ފިޔަވައި އެހެން އެއްވެސް އެއްޗެއް، ކަމެއް ޞަބާ ދައްތަ ބޭނުމެއް ނުވި. އެކަމަކު ސާރާ... ސާރާއަކާއި ﷲ އަކާ އެ ކަހަލަ އެއްވެސް ގުޅުމެއް ނެތް. ސާރާއަކަށް ޞަބާ ކަރީމް އެ ހާސިލު ކުރި މަގާމެއް ހާސިލެއް ނުކުރެވޭނެ. ސާރާއަށް ގެ ދޫކޮށްލެވިދާނެ. އެކަމަކު ދުނިޔެ ދޫކޮށެއް ނުލެވޭނެ. ސާރާ މަސައްކަތް ކުރީ ސަނަދުތައް ހުރި ތަނަކުން ހޯދަން. ޞަބާދައްތަ ސަނަދެއް އޮތްކަންވެސް ހަނދާން ނައްތައިލީ. އެއީ މާއްދީ އެއްވެސް އެއްޗެއްގެ އެދުމެއް ހިތުގައި ނެތީމާ. ސާރާއަކަށް ދުނިޔެއެއްވެސް ދޫކޮށެއް ނުލެވޭނެ. އަދި ﷲ އާ ދުރަކަށްވެސް ނުދެވޭނެ. ދުވަސްކޮޅަކުން ހިތާމަ ކުރަން ފަށާނެ. އެޅުނު ކަތިފިޔަވަޅުގެ މަތީން ހަނދާންކޮށް ރޯން ފަށާނެ. އަހަރެން ބުނަން ބޭނުން ވަނީ އެކަހަލަ ހިތާމައެއް ކުރާނޭ ފުރުސަތު އަމިއްލައަށް ހުޅުވާނުލައި އެނބުރި ގެއަށް އަންނާށޭ. ސާރާ އަހަރެންގެ ބައްޕަގެ ގާތަށް ފޮނުވީ ސާރާގެ އުފަން މަންމަކަން ހަނދާން ކުރޭ. މަންމަ ދިރިއުޅުނު ގޮތް ނޫން އެހެން ގޮތަކަށް... އާއްމު އެހެން މީހުން ދިރިއުޅޭ ގޮތަށް ސާރާ ދިރިއުޅުމަކީ މަންމަގެ އެދުން. އެހެން ނޫން ނަމަ ބައްޕަގެ ގާތަކަށް ނުފޮނުވާނެ. ސާރާގެ އާއިލާގެ މީހުންގެ ގާތަށް ފޮނުވިނަމަ މާޒީގެ ވާހަކަތައް ސިއްރު ވެފައެއް ނޯންނާނެ. އެއީ ޞަބާދައްތަ ގަތް ބިރަކީ. ޞަބާދައްތަ ބޭނުމެއް ނުވި އޭނާގެ ދަރިފުޅު މުޅި އުމުރު ދުވަހު ތަކުލީފުގައި އުޅޭ ގޮތް ވާކަށް. ޞަބާ ދައްތައަށް ގަބޫލު ކުރެވުނީ މާޒީ ހާމަވީމާ ވާނީ އެހެން ކަމަށް. ބައްޕަގެ ގާތަށް ފޮނުވީމާ އެ ބިރެއް ނޯންނާނެ. ބައްޕަ އެ ވާހަކަތައް ސިއްރު ކުރައްވައިގެން މުޅި އުމުރު ދުވަހު ހުންނަވަފާނެ. ޞަބާދައްތައަށް އެ ޔަގީންކަން އޮތް. ސާރާގެ ކާފަޔާއި ބޮޑުބޭބެއާއި ބޮޑުދައިތަ ސާރާ ފެނޭތޯ ވަރަށް ހޯދި. އެންމެ ފަހުން އެނބުރި އެމެރިކާއަށް ހިނގައްޖެ. މިހާރު ސާރާ ނުފެނިގެން އުޅެނީ ޢާރިފީން ޢައްބާސްގެ ދެބަފައިން އެކަނި..."

ސާރާާ ކަކޫ އަނގަޔަށް ލައިގެން އަނގައިން ނުބުނެ އިނީއެވެ.

"އަދިވެސް އެއް ފަހަރު އަހަރެން މި ބުނަނީ. އަހަންނާ އެކީ ގެއަށް ހިނގާ. ބައްޕަ ދެކެ ރުޅި އައިސްފައި ހުއްރިއްޔާ ގެއަށް ގޮސް ބައްޕަޔާ އަރައިރުންވޭ. ހަޅޭއް ލަވާ. ދައްކަން ބޭނުން ކޮންމެ ވާހަކައެއް ދައްކާ. ޝަކުވާ ކުރޭ. ކޮންމެ ކަމެއް ކުރިޔަސް ހެޔޮ. ގެއަށް ހިނގާ."

އޭނާާ މޫނު ފޮރުވައިގެން އިނދެ އަޑެއް ނީއްވައި ރޮމުން ގެންދިޔައެވެ.

"އާނ... ޙައިދަރު ތިޔަ ބުނީ ތެދަށް. މަންމަ އުޅުނު ގޮތަކަށް އުޅޭކަށް އަހަންނަކަށް ނޭނގޭނެ. އެހެން އުޅޭކަށް ދަހެއްވެސް ނުވާނެ. އެގޮތަށް ދިރިއުޅުމަކީ ވަރަށް އުނދަގޫ ކަމެއް. އަހަންނަކީ ވަރަށް ބަލިކަށި މީހަކީން." އޭނާ ރޮމުން ރޮމުން އިއުތިރާފު ވިއެވެ.

ބަންގި ގޮވައިފިއެވެ. އިރު އޮއްސުނީއެވެ. ޙަދިދަރު ތެދުވެގެން ގޮސް މޭޒުމަތީގައި ހުރި ކޮތަޅުތައް ހާވާން ފަށައިފިއެވެ. އަދި އެއިން ކޮތަޅަކުން ކަދުރު އޮށެއް ނަގައިގެން ރޯދަ ވީއްލައިފިއެވެ.

ގުލްއާއި ޢަޒްރާއާ ދެމީހުން އެނބުރި އަތުވެއްޖެއެވެ.

"އަނެއްކާ ބަލިގަނޑު ހިލިގަތީތަ؟" ސާރާ ފެނުނީމާ ގުލްއަށް ބޭއިޚުތިޔާރުގައި ބުނެލެވުނެވެ.

ޙައިދަރު ކޮތަޅުން ދޮންކެޔޮވަކެއް ނަގައިގެން ކާން ފަށައިފިއެވެ.

"ސާރާ. ރޯދަ ވީއްލަންވީނު؟" ޢަޒްރާ ތަށްޓަކަށް ކަދުރާއި މޭވާކޮޅެއް ލައިގެން އައިސް ސާރާއަށް ދިއްކޮށްލިއެވެ.

އޭނ ދެ އަތުން ލޯ ފޮހެލުމަށް ފަހު ތަށިން ކަދުރު އޮށެއް ނަގައިގެން އަނގަޔަށް ލައިފިއެވެ. އަދި ތެދުވެ އެނދުމަތީގައި އޮތް ދަބަސް ނަގައި ކޮނޑުގައި އަޅުވައިލިއެވެ. ޙައިދަރު ހިނިތުން ވެލައިފައި އަތް ދިއްކޮށްލިއެވެ. ސާރާ އޭނާގެ އަތުގައި ހިފިއެވެ.

"ދަންޏާ ކަލޭގެ ސާމާނު ބޮނޑިކޮށްގެން ހިފައިގެން ދޭ." ޢަޒްރާ ވަރަށް ބާރަށް ބުންޏެވެ.

"އަހަރެން އެއްވެސް އެއްެޗެއް ބޭނުމެއް ނޫން." ސާރާ ދޮރުން ނުކުންނަމުން ކުރެހިފައިވާ އަޑަކުން ބުނެލިއެވެ.

އޭނާ ޙައިދަރުގެ އަތުގައި ހިފައިގެން ކުޑަކުއްޖެއްހެން މަޑުމަޑުން ހިނގައިގަތެވެ.

"އަހަންނަށް މި ދިޔަ ދެ މަހު ލިބުނު މުސާރަ އެކީގައި ހޭދަކުރަން ޖެހުނީ ސާރާ ހޯދަން ކުރި މަސައްކަތަށް. އެކައުންޓުގައި ހުރި ކުޑަ ފައިސާކޮޅުވެސް ޚަރަދުކޮށް ހުސްވެއްޖެ. އެހެންވީމާ ދުވަސްކޮޅަކު ދެމީހުންނަށްވެސް އުޅެން ޖެހޭނީ ބައްޕަގެ އެހީގައި. އޮފީހުން މާ ގިނައިން ޗުއްޓީ ނެގީމާ އިންޒާރުގެ ސިޓީވެސް އަހަންނަށް ލިބިއްޖެ. މި ހުރިހައި ކަމެއް މި ޖެހުނީ ސާރާޔާ ހެދި. އެކަންކަން ފޫބައްދައިދޭން ވާނެ." ސާރާގެ އަތުގައި ހިފަހައްޓައިގެން ހުރެ ސިޑިން ފައިބަމުން ޙައިދަރު ގެންދިޔައީ ހުއްޓާނުލައި ވާހަކަ ދައްކަމުންނެވެ.

"މިތަނަށް އަންނަން ޙައިދަރަށް އެނގުނީ ކިހިނެއް؟" ސާރާ ކުއްލިއަކަށް އަހައިލިއެވެ.

"ދަނާލުގައި ނޫޅެންޏާ ސާރާ އުޅޭނީ މިކަހަލަަ ތަނެއްގައިކަން އަހަންނަށް އެނގޭ. ކުލީ ގެ ހޯދައިދޭ މީހެއްގެ ގާތަށް ދިޔަޔަސް މާ ބޮޑު މީހެއްގެ ގާތަށް ނުދާނެކަން އެނގުނު. ދާނީ މި ފެންވަރުގެ ތަންތަން ހޯދައިދޭ މީހެއްގެ ގާތަށްތާ. އެހެންވީމާ އެކަހަލަ މީހުންގެ ފަރާތުން މައުލޫމާތު ހޯދަން މަސައްކަތް ކުރީ. ފުލުހުން އެފަދަ މީސްމީހުންނާ ގުޅައިގެން ބަލަމުން ގެންދިޔައީ. އެންމެ ފަހުން ސާރާ އުޅޭތަން ބުނެދޭނޭ މީހަކާ ދިމާވީ. އެއީ މިތަނަށް އާދެވުނު ގޮތަކީ. ސާރާޔާއެކު އެ އުޅޭ ދެ ސަރަކައަކަށް ސާރާ މަސައްކަތް ކުރާ ކާރުޚާނާގެ އެޑުރެހެއް ނޭނގޭ. އެނގުނު ނަމަ އަހަރެން ދިޔައީހީ ސީދާ އެތަނަށް." ޙައިދަރު ވާހަކަ ދައްކަމުން ދިޔައެވެ.

ސާރާގެ ހަނދާާނަށް އައީ އެއް ދުވަހަކު ޢާރިފީން ޢައްބާސް އޭނާ ގާތު ބުނި ވާހަކައެކެވެ.

"ޙައިދަރު މާ ގިނަ ވާހަކައެއް ނުދައްކާނެ. ވަރަށް އަނގަ މަޑު ވާނެ. މީހުނާ މާ ރައްޓެހި ވެގަނެގެންނެއް ނޫޅޭނެ. އެއީ އޭނާގެ މިޒާޖު."

ސާރާ އެ "އަނގަމަޑު" މީހާޔާ ދިމާއަށް ބަލައިލިއެވެ. ކޮޓަރި ތެރެއިން ފެށިގެން އަނގަތަޅާން ފެށި ގޮތަކަށް އަދި ސިކުންތަކަށްވެސް ހުއްޓައެއް ނުލައެވެ.

"ގިނަ ކަންތައްތައް އަހަންނަށް އެނގޭގޮތް ވަނީ ތަންކޮޅެއް ފަހުން." އޭނާާ ވާހަކަ ދައްކަމުން ދިޔައެވެ. "މިސާލަކަށް ޞަބާދައްތައާއި ބައްޕަގެ އޮތީ ކޮން ކަހަަލަ ގުޅުމެއްކަން އަހަންނަށް އެނގުނީ ފަހުން. ޞަބާދައްތައާ މެދު ކަންތައް ކުރެވުނު ގޮތް އެނގުނީ ފަހުން. ކޮންމެ ފަހަރަކު ސާރާއާ ހަމައަށް ދެވިފައި ބައްދަލު ނުވާ ސަބަަބަކީ އަހަރެންގެ ކާރު. އެކަންވެސް އަހަންނަށް ވިސްނުނީ ފަހުން. ކޮންމެ ފަހަރަކު ސާރާ ޚަބަރުދާރު ކުރާ މީހަކަށް މި ވަނީ ޚުދު އަހަރެން. ދެން... އަހަރެން ސާރާ ދެކެ ލޯބިވާ ކަމާއި އެއީ ހަމައެކަނި އެއް ފަރާތުން ވާ ލޯތްބެއް ނޫންކަންވެސް މި އެނގުނީ ފަހުން... ތަންކޮޅެއް ފަހުން."

ސާރާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

"އަދި އެހެން ކަމެއްވެސް އެނގުނީ ތަންކޮޅެއް ފަހުން. އެއީ ސާރާ ފަރަންސޭސިބަސް ދަންނަކަން." އޭނާ ކުއްލިއަކަށް ފަރަންސޭސި ބަހުން ވާހަކަ ދައްކާން ފެށިއެވެ. "އޭގެ ސަބަބުން އަހަންނަށް ލިބުނު ގެއްލުމުގެ ވާހަކަ ދައްކާނީ ގެއަށް ގޮސް." ދެމީހުން އިމާރާތުން ބޭރަށް ނުކުެއްޖެއެވެ.

"އޮހޮހޯ... އެތިބަގެން ދަނީ ޓައިޓޭނިކްގެ ބަޠަލާއާއި ބަޠަލު..."

އެހެން ލައިފައި ދިޔަ ލާނެތް ފިރިހެން ކުއްޖަކު ތުނބުން ފުމެލައިފައި ބުނެލިއެވެ.

ޙައިދަރު ސިއްސައިގެން ގޮސްފައި ސާރާގެ އަތުން ދޫކޮށްލިއެވެ. ސާރާ ބާރަށް ހީނގެންފިއެވެ. މަގުމަތީގައި ވަރަށް މީހުން ގިނައެވެ. އެކަމަކު ދިރިއުޅުމުގެ މަގު މިހާރު ވަރަށް ސާފުކޮށް ފެންނާން ފަށައިފިއެވެ. އޭނާ އުޑުމައްޗަށް ބަލައިލިއެވެ. ޢީދު ހަނދު ފެނޭތޯއެވެ.

(ނިމުނީ)

22 ޚިޔާލު

  1. ނަޢީމާ ބައްދަލުކޮށްލަން ވަރަށް ބޭނުން.ޢާއްމު ދިރިއުޅުމުގަވެސް ނަޢީމުގެ ބަސްމަގު ހުންނަނީ ހަމަމިހެންބާއޭ ހިތަށްއަރާ.
    ނަޢީމުގެ މަސައްކަތަށް 100 އަކުން 99 ދޭނަން.
    ވަރަށް ފުރިހަމަ.މާޝާﷲ

  2. ނައީމްބޭބެ އަށް ބުނެލަން އޮތީ ވާހަކަ ހަމަ ވަރަށް ވަރަށް ރީއްޗޭ. މުސްލިމް މުޖުތަމައަކަށްްބަރާބަރު ރަހަހެޔޮވަރު ވާހަކައެއް.ދެންވެސް ފެންނާނީ މިކަހަލަ ނަލަ ވާހަކައެއްކަމަށް އުއްމީދުކުރަން

  3. މާޝާﷲ!އާދަވެގެން ނޫސްތަކުން މިފެންނަ ވާހަކަތަކާ ވަރަށް ތަފާތު،ޢިބްރަތްތެރި ވާހަކައެއް.ވަރަށް ރީތިވެސްމެ. އެހާމެ އަސަރުގަދަ.ޢިބްރަތް ހޯދާމީހަކަށް މިވާހަކައިން މަންފާކުރާނެ.މުސައްނިފަށް ހައްގު ޝުކުރާއެކު ނަޢީމަށް ސާބަސް ދަންނަވަން.ނަޢީމުގެ މަސައްކަތްޕުޅުގައި ﷲ ވާގިދެއްވައި ބަރަކާތްލައްވައި އަދަށްވުރެ ފަހި މާދަމައެއް ދައްކަވާށި!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.