އިތުބާރު - 12

(31 އޮކްޓޯބަރ 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ﷲ އާ އަހަރެން ސުވާލު ކުރާނީ ކިހިނެއް؟ އަހަރެން މީ ރަސޫލުބޭކަލަކީމެއް ނޫން."

"ﷲ ވޮޑިގެން ވަނީ އިންސާނާގެ ހިތުގައޭ ބުނެއެއްނު؟ ޢާރިފީން އަމިއްލަ ހިތާ ސުވާލު ކުރޭ."

"އަހަރެން ހިތާ ސުވާލު ކުރަންވީ ކީއްވެގެން؟ ޞަބާ އާ ސުވާލު ނުކުރަންވީ ކީއްވެގެން؟"

"އަހަރެން މި ބުނަނީ ތެދަށް. ޢާރިފީން އަކަށް އަހަރެންގެ ވާހަކަ ގަބޫލެއް ނުކުރެވޭ. އަހަރެން ދޮގު ހަދައިފިއްޔާ މިހާރުވެސް ގަބޫލު ކުރާާނެ. ދޮގަށް އިތުބާރު ކުރާނެ. މީހުން ދެއްކި ވާހަކަތައް ގަބޫލު ކޮށްފީމޭ ޢާރިފީން އަށް ބުނަން ނުކެރިގެން ތިޔަ އުޅެނީ ކީއްވެގެން؟ އަހަރެން ގާތަށް ތިޔަ އައީ އެމީހުން ދެއްކި ވާހަކަތައް އަހަރެން ލައްވައިވެސް ކިޔުއްވަން. އެމީހުންގެ ވާހަކަ ކަށަވަރު ކުރެވޭނެ ގޮތެއް ހޯދަން."

ޢާރިފީން ތުންފަތް ހަފާލަހަފާލައި ހުރެފައި ކޮޅަށް ތެދުވެއްޖެއެވެ.

"ޞަބާ ބޭނުން ވަނީ އަހަރެން ﷲ އާ ސުވާލު ކުރާކަށްނު؟ ބަލަން ހުރޭ. އަހަރެން ހުރިހައި ކަމެއް ނިންމުވާނީ ﷲ އާއެކު. އަހަރެން ދެން އަންނާނީ ޚަތިމު ހިފައިގެން. ﷲ ގެ ކަލާމުފުޅު ހިފައިގެން. އެ ފޮތުގައި އަތްލައިގެން ހުރެ ކުށެއް ނެތް ކަމަށް ބުނޭ. އެއްވެސް ނަހަމަ ކަމެއް ނުކުރާ ކަމަށް ހުވައި ކުރޭ."

"ފައިސަލާ ކުރުން އޮތީ ޤުރްއާނުގެ ބޭނުން ކޮށްގެން ކަމަށް ވާނަމަ ޢާރިފީންގެ މަންމަވެސް ގޮވައިގެން އާދޭ. ފުރަތަމަ މަންމަ ލައްވައި ހުވައި ކުރުވާ. މަންމަ ގާތު ބުނޭ ކީރިތި ޤުރްއާނުގައި އަތް ލައިގެން ހުރެ އަހަންނާ ޢާދިލާ ދެމީހުން ޢާރިފީންގެ ކޮޓަރިއަށް ފޮނުވީ ތިމަންނާއެއް ނޫނޭ ބުނާށޭ. ހުރިހައި ރޭވުމެއް ރޭވީ ތިމަންނާއެއް ނޫނޭ ބުނާށޭ. މަންމަ އެހެން ހުވައި ނުކުރިއްޔާ އަހަންނަށް ހެދި ގޮތަށް ހަދަން ވާނެ. މީހުންގެ ތެރެއަށް ނެރެ އަހަންނަށް ދިން އަދަބު ދޭންވާނެ. ބޮލުގަޔާއި ކަންކަށިމަތީގަޔާއި ބުރަކަށީގައި ތަޅައި އަނިޔާ ކުރަން ވާނެ. ޢާރިފީންގެ ބައްޕަ ކަންތައް ކުރިގޮތަށް ފިލިން ފިއްޔަށް ކަންތައް ކުރަން ވާނެ. ބުނޭ. މަންމަ ގެންނަން ކެރޭނެތަ؟"

ޢަރިފީން ރުޅި އައިސް ރަތް ވެއްޖެއެވެ. "އާނ. ކެރޭނެ. އަހަރެން މަންމަވެސް ގެންނާނަން." އޭނާ ނުކުމެގެން ދާން ހިނގައިގެންފިއެވެ. ދެން ކުއްލިއަކަށް ހުއްޓިފައި އެނބުރި ޞަބާއާ ދިމާއަށް ބަލައިލިއެވެ.

"ޞަބާ. ޞަބާ ދޮގުވެރިއެއް ކަމަށް ސާބިތު ވެއްޖެއްޔާ އެކި ކަހަލަ ގުޅުމަށް އަހަރެން ކުރާ އިތުބާރު ގެއްލިދާނެ. އެކަކަށްވެސް އިތުބާރެއް ނުކުރާނަން. ﷲ އަކަށްވެސް..." އޭނާ ޠޫފާނެއްހެން ނުކުމެގެން ހިނގައްޖެއެވެ.

* * *

އެ ދުވަހަށް ފަހު އޭނާއަށް ހުންނާން ޖެހުނީ ގޭ ބަންދުގައެވެ. ޓިއުޝަން ދިނުން ހުއްޓާލައިފިއެވެ. އެކަމާ ޙައިދަރު ދެކޮޅު ހަދާތީއެވެ. ޙައިދަރު ދެކޭ ގޮތުގައި އޭނާގެ ރައްޓެއްސެއްގެ ދައްތައެއްގެ ގެއަށް ސާރާ ޓިއުޝަން ދޭން ދިއުމަކީ އޭނާގެ އަބުރު ކިލަނބު ވާނޭ ކަމެކެވެ. އެހެން ތަނަކަށް ޓިއުޝަން ދޭން ދާކަށްވެސް ސާރާ މަސައްކަތެއް ނުކުރެއެވެ. އޭނާ އިންތިޒާރު ކޮށްގެން ހުރީ ޢާރިފީން ކާފަޔާ ވާހަކަ ދައްކާފައި ވީ ގޮތެް ބުނާނޭ ދުވަހަކަށެވެ. އެކަމަކު އެ ދުވަހެއްވެސް ނައެވެ. އޭނާ އެއްވެސް ކަމެއް ނުކޮށް ގޭތެރޭގައި ހިނގާލަހިނގާލާ ހުންނަނީއެވެ. މިހާރަކު ފޮތް ކިޔާ ހިތެއްވެސް ނުވެއެވެ. އަޖައިބެއް ކަހަލަ ނުތަނަވަސްކަމެއް އޭނާގެ ހިތަށް ވަނީ ވެރިވެފައެވެ.

ލަސްލަހުން ފޫހިކަމާއެކު ދުވަސްތައް ގުނަމުން ދަނިކޮށް އެއް ދުވަހަކު ޢާރިފީންގެ އެންމެ ދޮށީ ދައްތަ އޭނާއަށް ފޯނު ކޮށްފިއެވެ. ފޯނުން ވާާހަކަ ދެއްކި އިރުވެސް އޭނާ ހުރީ އަމިއްލައަށް މި ކުރެވޭ ކަމަކާމެދު ހައިރާންވެފައެވެ.

"ސާރާ. ދައްތަ ބުނީމެއްނު މިގެއަށް އަންނާން ވާނެއޭ. އެކަމަކު ނާންނަމެއްނު؟ އެ ދުވަހުން ފެށިގެން އަހަރެން މި ހުންނަނީ އިންތިޒާރުގައި." ދައްތަ ޝަކުވާ ކުރިއެވެ.

"ދައްތާ. އަޅުގަނޑު ދާން ބޭނުން. އެކަމަކު ތިޔަގެ ހުންނަ ތަނެއް އަޅުގަނޑަކަށް ނޭނގޭ. އެހެންވީމާ އެކަނި ދާނީ ކިހިނެއް؟"

"ތިޔައީ ކޮން ކަހަލަ ވާހަކައެއް؟ ޙައިދަރު ގާތު ބުނީމާ އޭނާ ސާރާ ގެނެސް ދީފާނެ."

ސާރާ އިރުކޮޅަކު ހިމޭނުން ހުރުމަށް ފަހު ބުންޏެވެ. "ކޮންމެވެސް ދުވަހަކުން ދާނަން."

"ކޮންމެވެސް ދުވަހެއް ނޫން. މާދަމާ އަންނަން ވާނެ. އަހަރެން އިންތިޒާރު ކުރާނަން." ދައްތަ ކިޔަން ފެށީމާ އޭނާ އެއްބަސްވެއްޖެއެވެ.

ރޭގަނޑު ކާން ތިބެފައި ސާރާ ޢާރިފީން ޢައްބާސް ގާތު އެ ވާހަކަ ދައްކައިފިއެވެ. ޢާރިފީން ހިމޭނުން އިނދެގެން ކަނީއެވެ. އޭނާ ދެއްކި ވާހަކަ އަޑެއް ނާހައޭ ހިތަށް އެރި ވަގުތު ކުއްލިއަކަށް ބުނެފިއެވެ. "އެންމެ ރަނގަޅު. ދޭ. ޙައިދަރު ސާރާ ގެންގޮސް ދޭނެ."

"ބައްޕާ. އަޅުގަނޑު ދާނީ ކިހިނެއްތޯ؟ އަޅުގަނޑު އޮފީހަށް ދާން ޖެހޭނެ." ޙައިދަރު ފެން ބޮއިބޮއި ހުރެފައި ބުންޏެވެ.

"އޮފީހަށް ދަމުން އެ ގެއަށް ސާރާ ލައިދީ. މެންދުރު އެނބުރި އަންނަމުން ގެނޭ."

ހަދަންވާ ގޮތް ޢާރިފީން ޢައްބާސް ކިޔައިދިނީމާ ޙައިދަރަކަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. ޙައިދަރު ކައި ނިމިގެން ތެދުވެގެން ދަމުން ބުންޏެވެ. "ސާރާ. ހެނދުނު އަށްގަޑި ބަޔަށް ތައްޔާރު ވެގެން ހުންނާތި."

އޭނާ ބޯ ޖަހައިލިއެވެ.

ހެނދުނު އަށްގަޑިބައި ވީތަނާ ޙައިދަރު ތައްޔާރު ވެގެން ތިރިއަށްް އަތުވެއްޖެއެވެ. އޭރު އޭނާ އިނީ ނާސްތާއިން އަވަދިވެގެން ތައްޔާރަށެވެ.

"ހިނގާ." ޙައިދަރު ބުންޏެވެ.

"ސައި ނުބޯނަންތަ؟"

"އާނ. ނުބޯނަން." ޙައިދަރު އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން ބުނެލިއެވެ.

އޭނާ ޙައިދަރުގެ ފަހަތުން ގެއިން ނުކުންނާން ހުންނަ މައި ދޮރާ ހަމައަށް އަތުވެއްޖެއެވެ. ޙައިދަރު ދޮރު ހުޅުވުމަށް ފަހު ފުރަތަމަ އޭނާ ނުކުންނާން އަތުން އިޝާރަތް ކުރިއެވެ. ސާރާ ނުކުންނަމުން ހައިރާން ވެފައި ޙައިދަރާ ދިމާއަށް ބަލައިލިއެވެ. އޭނާ ނުކުތީމާ ޙައިދަރުވެސް ނުކުމެއްޖެއެވެ. އޭނާ ގޮސް ހުއްޓުނީ ކާރުގެ ފަހަތު ދޮރު ކައިރިއަށެވެ. ޙައިދަރު ކާރަށް އަރައި ކުރީ ދޮރުފަތް ހުޅުވައިލުމަށް ފަހު ބާރަށް ބުންޏެވެ. "ސާރާ. މީގެ ކުރިންވެސް އަހަރެން ބުނިން އަހަރެން މިއީ ސާރާގެ ޑްރައިވަރެއް ނޫނޭ. އަހަންނާ އެކު ދަންޏާ ކުރީ ގޮނޑިއަށް އަރާ."

ސާރާ އަވަސްއަވަހަށް އައިސް ކުރިއަށް އަރައި އިށީނދެއްޖެއެވެ.

ޙައިދަރު ކާރު ދުއްވާލައިފިއެވެ.

"ޙައިދަރު ވަޒީފާ އަދާ ކުރަނީ ކޮންތަނެއްގައި؟"

"ޓްރޭނީއެއްގެ ގޮތުގައި ސިޓީ ބޭންކްގައި."

އެ ދަތުރަށް ހޭދަވީ ފަނަރަ ވަރަކަށް  މިނިޓުގެ ތެރޭގައިދެމީހުން ދެއްކި ހަމައެކަނި ވާހަކައަކީ މިއީއެވެ. ކާރު ގޮސް މަޑުކޮށްލީ ވަރަށް ބޮޑު އިމާރާތެއްގެ ކައިރިއަށެވެ.

"މި ތަނުން އެތެރެއަށް ވަނީމާ ކަނާތް ފަރާތުން ފެންނަން ހުންނާނީ ބޮޑުދައިތަގެ ގެ. ދެ ބޮޑުދައިތައިންވެސް އުޅެނީ އެ ގޭގައި." ޙައިދަރުގެ އަތުގެ އިޝާރާތުން ދާންވާ ދިމާ ދެއްކިއެވެ.

އޭނާ ޙައިރާން ވެފައި އަހައިލިއެވެ. "ދެ ބޮޑުދައިތައިންނޭ؟"

"އާނ. މިއީ ކާފަގެ ގެ. ބޮޑުދައިތަ ހުވަފަތްވީތާ މިހާރު އެތައް އަހަރެއް ވެއްޖެ. ކުޑާއްތަ އުޅެނީ ވަރަށް ބަލިކޮށް. އެހެންވީމާ ދެމީހުން ދިރިއުޅެނީ އެއް ގޭގައި. ދެމީހުންގެ ދަރިންވެސް އުޅެނީ އެ ގޭގައި." ޙައިދަރު ކިޔައިދިނެވެ.

"އެތެރެއަށް ދާންވީ އަހަރެން އެކަނިތަ؟" ސާރާ ކުޑަކޮށް ހާސްވާން ފަށައިފިއެވެ.

ޙައިދަރު ހައިރާން ވެފައި އޭނާޔާ ދިމާއަށް ބަލައިލިއެވެ. "ކިހިނެއްވީ؟ އެކަނި ދިޔައީމަ ވާނީ ކީއް..؟ އެންމެ ރަނގަޅު.  ހިނގާ އަހަރެން ދާނަން."

ޙައިދަރު ކާރުން ފައިބައިފިއެވެ. ސާރާވެސް މަޑުމަޑުން ފައިބައިފިއެވެ.

ޙައިދަރު ދޮރާށި ހުޅުވުމަށް ފަހު ކުރިއެކޭ އެއްގޮތަށް އޭނާ ފުރަތަމަ ވަންނާން އިޝާރާތް ކުރިއެވެ. އޭނާ އެތެރެއަށް ވަދެ ހަތަރު ފަރާތަށް ނަޒަރު ހިންގައިލިއެވެ. މާސިންގާ ގޯއްޗެއްގެ ހަތަރު ފަރާތުގައި ހުރި ބޮޑު ހަތަރު ގެއަށް އޭނާ ބަލައިލިއެވެ. އަދި ޙައިދަރުގެ ފަހަތުން ކަނާތް ފަރާތުގައި ހުރި އިމާރާތާ ދިމާއަށް ހިނގައިގެންފިއެވެ.

ގޭގެ ދޮރުމަތީގައި ޢާރިފީންގެ ދައްތަ އިންތިޒާރުގައި ހުއްޓެވެ.

"މިއަދު ހެނދުނު ޙައިދަރާއެކު ސާރާ އަންނާނެއޭ ޢާރިފީން ރޭ އަހަންނަށް ގުޅާފައި ބުނި. އޭރުއްސުރެ މި ހުންނަނީ އިންތިޒާރުގައި." އޭނާ ސާރާގެ ގައިގައި ބައްދައިލިއެވެ.

"އަހަރެން މެންދުރު އަންނާނަން ސާރާ ބަލައި." ޙައިދަރު ބުނެލިއެވެ.

"މެންދުރު އަންނާނެ ކަމެއް ނެތް. ސާރާ މިރޭ އޮންނާނީ މި ގޭގައި. މާދަމާ ހަވީރު އާދޭ." ބޮޑުދައިތަ ބުންޏެވެ.

"ތެދެއް ސާރާ؟" ޙައިދަރު އޭނާޔާ ސުވާލު ކޮށްލިއެވެ.

"ދައްތާ. ރޭގަނޑު އަޅުގަނޑަކަށް ނުހުރެވޭނެ."

"ނުހުރެވެންވީ ކީއްވެގެން؟ އަހަރެން މިއަދު ސާރާގެ މަންމަގެ ގެވެސް ދައްކާނަން."

"މަންމަގެ ގެ؟" އޭނާއަކަށް ޔަގީނެއް ނުކުރެވުނެވެ.

"އާނ. ސާރާގެ މަންމަގެ ގެ. މިތާ ކައިރީގައި އެހެރީ." ސާރާގެ ޝައުގުވެރިކަން ދަމައިގަތުގެ ގޮތުން ދައްތަ ބުނެލިއެވެ.

"އެންމެ ރަނގަޅު. މިއަދު އަހަރެން ބަލައި އަންނާނެ ކަމެއް ނެތް. މިރޭ އޮންނާނީ މިގޭގައި." އޭނާ ޙައިދަރާ ދިމާއަށް ބަލައިލިއެވެ.

"އެންމެ ރަނގަޅު ބޮޑުދައިތާ. އަޅުގަނޑު ދަނީ." ޙައިދަރު ގަޑިއަށް ބަލައިލިއެވެ.

"އެހައި އަވަހަށް ދަނީ ކީއްކުރަން؟ ސައި ބޮއިގެން ދާން މަޑު ކުރޭ." ބޮޑުދައިތަ އޭނާ ހުއްޓުވާން އުޅުނެވެ.

"ނޫނޭ. ގަޑި ޖެހިދާނެ. މާދަމާ ހަވީރު އައިސް ސައި ބޯނީ. މިހާރު ދަނީ."

ޙައިދަރު ހިނގައްޖެއެވެ.

ޢާރިފީންގެ ދެވަނަ ދައްތަ އައި އިރު އެމީހުން ތިބީ ސައި ބޯށެވެ. އޭނާވެސް ސާރާއާ ބައްދަލުކުރީ ލޯތްބާއެކުގައެވެ. ސައިބޮއި ނިމިގެން ދައްތަ އަނެއް ދެ ގެ ދައްކާން އޭނާ ގޮވައިގެން ދިޔައެވެ. އެއިން އެކަކުގެ ކިބައިންވެސް އޭނާގެ މަންމަ ދެކެ ނުރުހުން ވެފައި ތިބި ވައްތަރެއް ނުޖަހައެވެ. މަންމަގެ ވާހަކަ ދެއްކީ ނުހަނު ލޯތްބާ އެކީގައެވެ.

"މަންމާއެވެ. އެނބުރި އައީމާ މަންމަ ބަލައެއް ނުގަންނާނެއޭ މަންމަގެ ހިތަށް އެރީ ކީއްވެގެން ހެއްޔެވެ؟ ހުރިހައި އެންމެން މަންމަ ކުރި ކުށް ހަނދާން ނައްތާލައިފިއެވެ. މަންމަ މަރުވުމުގެ ކުރިން އެއް ފަހަރު މި ގެއަށް އައިނަމަ ކިހައި ރަނގަޅު ވީސް ހެއްޔެވެ؟" އޭނާ ވިސްނަމުން ދިޔައެވެ. "މި މީހުން އަހަރެން ދެކެ މިހައި ލޯބިވާ އިރު މަންމަ ދެކެ ލޯބި ނުވާނެ ހެއްޔެވެ؟ ކުށް ހިއެއްގެ މައްޗަށް މަންމަ މުޅި ދިރިއުޅުން ބަރުބާދު ކޮށްލީ ކީއްވެގެން ހެއްޔެވެ؟" އޭނާގެ ހިތުގައި މަންމަގެ މައްޗަށް ނުރުހުމުގެ ޝުއޫރު އުފެދެން ފެށިއެވެ.

މެންދުރު ކައި ނިިގެން ދައްތަ އޭނާ ގޮވައިގެން ދިޔައީ މަންމަގެ ގެ ދައްކާށެވެ.

"ސާރާގެ ކާފައާއި ބޮޑުދައިތަ އެމެރިކާއަށް ދަމުން މި ގެ ވިއްކާލަން އުޅުނު. ބައްޕަ އެކަން ވިޔަ ނުދިނީ. އޭގެ... އޭގެ ފަހުން..." ވާހަކަ ދައްކަމުން ގޮސް އަޅައިގަންނަގޮތްވީ ކީއްވެގެން ކަމެެއް ނޭނގެއެވެ. "ފަހުންވެސް ސާރާގެ ކާފަ މިގެ ވިއްކާލަން އުޅުނު. ކުރު ނުކުރީމާ މި ގެ ގަތީ ޢާރިފީން. އެ ދުވަހުން ފެށިގެން މި ގެ ހުންނަނީ މިހެން ފަޅަށް. މިގޭގައި އެހެން މީހަކު އުޅޭކަށް ޢާރިފީން ހުއްދައެއް ނުދޭ. އޭނާވެސް މި ގެއަކަށް ނާދޭ. ގޭގެ ތަޅުދަނޑި އޮންނަނީ އަހަރެންގެ އަތުގައި. އަހަރެން ހަފްތާއަކު އެއް ފަހަރު މި ގެ ފޮޅައި ސާފު ކުރުވަން."

(ނުނިމޭ)

7 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.