އިދިކޮޅު އެއްވުންތަކުގައި މިޕާޓީގެ މެމްބަރުން ބައިވެރިވެގެންނުވާނެ: އެމްޑީޕީ

އެމްޑީޕީއާ ވާދަވެރި ސިޔާސީ ފަރާތްތަކުން ބާއްވާ ސިޔާސީ ހަރަކާތްތަކުގައި އެޕާޓީގެ އެއްވެސް މެމްބަރަކު ބައިވެރި ނުވުމަށް އަންގައިފިއެވެ.

އެމްޑީޕީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އިދިކޮޅު ސިޔާސީ ފަރާތްތަކަށް "ހިތްވަރު ލިބޭ ޝިޔާރުތައް އެމްޑީޕީގެ އެއްވެސް މަޖިލިސް މެމްބަރެއްވެސް، ކައުންސިލަރެއްވެސް، އެމްޑީޕީގެ އެއްވެސް ޤައުމީ މަޖިލިސް މެމްބަރަކުވެސް އަދި އާއްމު މެމްބަރަކުވެސް ބޭނުން ނުކުރުމަށް ވަރަށް ދަންނަވާ" ކަމަށެވެ.

އެމްޑީޕީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިދިކޮޅު ހަރަކާތްތަކަށް ބާރުލިބޭ އަދި ވާގިވެރިވުމުގެ ބަޔާން ނެރުމަކީވެސް ޕާޓީގެ އަސާސީ ޤަވާޢިދާ ޚިލާފުކަމެއް ކަމަށެވެ. އަދި އިދިކޮޅު މުޒާހަރާގައި ބައިވެރިވުމަކީ ވެސް އެފަދަ ކަމެއްކަމަށް ބުނެފައިވެއެވެ. އެއީ "އެމްޑީޕީގެ އަސާސީ ޤަވާއިދާއި، ދުރޫސުލް އަޚްލާޤުގެ ހަމަތަކުން ބޭރު ކަމެއް ކަމުގައި މެނުވީ ނުވާނެކަމަށްޓަކައި އެކަން ހަނދުމަފުޅުކޮށް އަރުވާ" ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީޕީން މި ބަޔާން ނެރުނީ އެމްޑީއެންގެ ރިޕޯޓު ކުށްވެރިކޮށް ބައެއް ކައުންސިލްތަކުން ނޫސްބަޔާން ނެރެމުންދާ ދަނޑިވަޅެއްގައެވެ. އަދި މާލެއާއި ބައެއް ރަށްރަށުގައި އެޖަމާޢަތާ ދެކޮޅަށް މުޒާހަރާވެސް ކުރަމުންދާ ދަނޑިވަޅެއްގައެވެ. ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރޭވެސް ވަނީ އެމްޑީއެން އުވާލައި އޭގައި އިސްކޮށްތިބި މީހުންނާމެދު ފިޔަވަޅު އެޅުމަށް ގޮވާލައިފައެވެ.

އެމްޑީޕީ އާއި ވާދަވެރި ސިޔާސީ ފަރާތްތަކުގެ ސިޔާސީ ހަރަކާތްތަކަށް ހިތްވަރު ލިބޭ ޝިޔާރުތައް އެމްޑީޕީގެ އެއްވެސް މެމްބަރަކު ބޭނުން ނުކުރުމަށް އެޕާޓީން އަންގައި ނެރެފައިވާބަޔާނުގައި އެމްޑީއެންގެ ވާހަކައެއް ނެތެވެ. އަދި އެޖަމިއްޔާއާ ދެކޮޅަށް ހިންގާ ޙަރަކާތްތަކުގައި ބައިވެރި ނުވުމަށް ވެސް ބުނެފައެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.