ސީރިޔާއަށް ހަނގުރާމައަށް ދިޔަ 70 ދިވެހިން ވަނީ އަމިއްލައަށް މަރުވެފަ: ރައީސް ސާލިހު

ސިރިޔާއަށް ހަނގުރާމައަށް ދިޔަ ދިވެހިންގެ ތެރެއިން 70 ދިވެހިން ވަނީ އަމިއްލައަށް މަރުވެފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ފެއްޓެވި ކެމްޕެއިން ދަތުރުފުޅުގައި ށ އަތޮޅަށް ވަޑައިގެން އެއަތޮޅު ކޮމަންޑޫ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސާލިހު ވިދާޅުވީ ސީރިއާގައި ތިބި ދިވެހި އަންހެނުންނާއި ކުޑަކުދިން އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމަށއެވެ. އަދި މި ފެށޭ އޮގަސްޓް މަސް ނިމުމުގެ ކުރިން އެމީހުން ރާއްޖެއަށް ގެނެސްދެއްވާނެ ކަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ ހަނގުރާމައިގައި ބައިވެރިވުމަށް ރާއްޖެއިން 100 އަށްވުރެ ގިނަ ދިވެހިން ސީރިއާއަށް ގޮސްފައިވާ ކަމަށެވެ. ނަމަވެސް މިއަދު ހިސަބު ބެލިއިރު، އޭގެ ތެރެއިން 70 މީހުން އަމިއްލައަށް މަރުވެފައިވާ ކަމަށެވެ.

މި ދަތުރުފުޅުގެ ތެރެއިން ކޮމަންޑޫއާއި އެ އަތޮޅު މަރޮށީގެ އިތުރުން، ނޫމަރާ އަދި ފޯކައިދޫއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަންނަ ރިޔާސީ އިންތިޚާބަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެމްޕޭން ރަސްމީކޮށް ލޯންޗްކުރުން މިރޭ އޮންނާނެއެވެ. މި ޖަލްސާ އޮންނާނީ ށ. ފޯކައިދޫގައެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.