އެޕްރީލް 4 ވަނަ ދުވަހު ބާއްވާ ލޯކަލްކައުންސިލް އިންތިޚާބުގައި ކައުންސިލަރުން އިންތިޚާބު ކުރާއިރު ލާމަރުކަޒީރި ނިޒާމުގެ ތަސައްވުރު ގަބޫލުކުރާ ފިކުރުގެ ކައުންސިލަރުން އިންތިޚާބު ކޮށްދެއްވުމަށް އެމްޑީޕީން އެދިވަޑައިގެންފިއެވެ.
އެޕާޓީން މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި މި އިންތިޚާބާ ބެހޭ ސްޕޯކްސް ޕާސަން އަދި އެމްޑީޕީގެ ޑެޕިޔުޓީ ސެކްރެޓަރީޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ އެމްޑީޕީން ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާނީ އެފަދަ ކައުންސިލަރުން ކަމަށެވެ. އެހެންކަމުން އެމްޑީޕީގެ ޓިކެޓުގައި ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ވޯޓުދެއްވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.
އަފްޝަން ވިދާޅުވީ އެޖެންޑާ 19 އަށް ދެއްވި ވޯޓުން މިހާރުވާނީ ލާމަރުކަޒީ ނިޒާމް ބާރުވެރިކޮށް އަންހެނުން ބާރުވެރި ކުރެވޭނެކަން ޔަގީންކޮށްދެއްވާފައި ކަމަށެވެ. އަދި އެނިޒާމުގެ ދަށުން އެއްގަމާއި ކަނޑާއި ފަޅުގެ ރައޫސުލްމާލު ތަކުގެ ބާރުވެރިކަން ވެސް ސަރުކާރުންވާނީ ކައުންސިލްތަކަށް ހޯދައިދޭނެކަން ސާބިތުކޮށްދެއްވާފައި ކަމަށެވެ.
އޭނާ ވިދާޅުވީ އަތޮޅު ކައުންސިލާއި ރަށު ކައުންސިލާއި ސިޓީ ކައުންސިލްތަކުގައި އަންހެނުންގެ ބާރު މިހާރުވާނީ ލާމަރުކަޒީ ޤާނޫނޫގެ ދަށުން ހިމެނިފައި ކަމަށެވެ. އަންހެނުންގެ ބާރު ހިމެނުމުން ތަރައްގީގައި އެމީހުންގެ ހިއްސާ ހިމެނިގެންދާނެކަން ވެސް މިހާރު މިވަނީ ޔަގީންވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.
"ލާމަރުކަޒީ ނިޒާމު ވަރުގަދަކޮށް ފުރިހަމަ ކުރުމަށް ސަރުކާރުގެ މަޝްރޫއުތައް ކުރިއަށް ގެންގޮސް ތަންފީޒު ކުރުމުގައި އެންމެ ފުރިހަމައަށް އަމަލުކުރެވޭނީ އަޅުގަނޑުމެން ދެކޭ ގޮތުގައި މި ތަސައްވުރު (ލާމަރުކަޒީ ނިޒާމް) ވިސްނާ ގަބޫލުކޮށްގެން ތިބި ކައުންސިލަރުން ހޮވައިގެން. އެހެންވީމާ ކައުންސިލްއިންތަކުގެ މެޖޯރިޓީވެސް އެމްޑީޕީއަށް ދެއްވާނެ ކަމަށް އުންމީދު ކުރަނީ،" އަފްޝަން ވިދާޅުވިއެވެ.
ރަށްވެހި ފަތިހުގެ ސިޔާސަކީ ވެސް ކައުންސިލްތަކަށް ބާރުދޫކޮށްލުން ކަމަށާއި، ކައުސިލްތަކަށް މިހާރު ލިބިދީފައިވާ މާލީ ރައުސުލްމާލާއި ބާރުވެރިކަމާއެކު، ސަރުކާރަށް އެންމެ ފުރިހަމައަށް އެއްބާރުލުންދީ ސަރުކާރުގެ މަޝްރޫއުތައް ހިންގަވައި އަދި ކައުންސިލްތަކުން އަމިއްލައަށް ހޯއްދަވާ މަޝްރޫއުތައް ހިންގަވާނެ ފަދަ ކައުންސިލަރުން މިފަހަރު އިންތިޚާބު ކޮށްދެއްވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.