އެންމެ ކުޑަ އުޖޫރަ ދިވެހިންނާ ބިދޭސީންނަށް ހަމަހަމަކޮށް ކަނޑައަޅާނަމަ ރާއްޖޭގެ އިޤްތިޞާދު ހަލާކުވެދާނެ: މެމްބަރުން

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެންމެ ކުޑަ އުޖޫރަ ދިވެހިންނާ ބިދޭސީންނަށް ހަމަހަމަކޮށް ކަނޑައެޅާނަމަ ރާއްޖޭގެ އިޤްތިޞާދު ހަލާކުވެދާނެކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ފާޅުކުރައްވައިފިއެވެ. މެމްބަރުން ވިދާޅުވި އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމަކީ މުހިންމުކަމެއްކަމުގައެވެ. ނަމަވެސް އެންކުޑަ އުޖޫރަ ކަނޑައޅުމުގައި ދިވެހިންނަށް އިސްކަންދީ، ދިވެހިނަށް އެކަށީގެންވާ އުޖޫރައެއް ލިބެންޖެހޭނެކަމުގައެވެ. އެ އުޖޫރައަކީ ދިވެހިން ވަޒީފާތަކަށް ނުކުތުމަށް އިތުރު ބާރަކަށް ވާވަރުގެ އުޖޫރައަކަށް ވާން ޖެހޭނެކަމުގައެވެ.

މިނިވަން ވޭޖެއް ނުވަތަ އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅިގެންދާއިރު އެއީ ރައްޔިތުން އުއްމީދު ކުރިވަރުގެ، އެންމެ އަސާސީ ކަންކަން ފުއްދޭވަރުގެ އުޖޫރަކަށް ވާންޖެހޭނެކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރ އާދަމް ޝަރީފް ވިދާޅުވިއެވެ. ބައިނަލް އަޤްވާމީ މިންގަނޑުތަކުން ބިދޭސީންނަށް އަދާކޮށްދޭން ޖެހޭ ޙައްޤުތަކެއް އަދާކުރަން ޖެހުނުކަމުގައިވިއަސް ދިވެހިނާ ބިދޭސީންނަށް އެންމެ ކުޑަ އުޖޫރަ ދިނުމުގައި ތަފާތު ތަކެއް ގެންގުޅެން ޖެހޭނެކަމަށް ވިދާޅުވިއެވެ. ޤައުމުގެ އިޤްތިޞާދަށް ލޮޅުމެއް އަންނަ ގޮތަށް އެންމެ ދަށް އުޖޫރަ ކަނޑައެޅިގެންނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ދ، މީދޫ ދާއިރާގެ މެމްބަރ އަޙްމަދު ޝިޔާމު ވިދާޅުވީ ތަފާތު ކުރުމެއް ނެތި އެންމެ ދަށް އުޖޫރައެއް ކަނޑައަޅައިފިނަމަ އެއުޖޫރަ އެކަނޑައެޅެނީ ބިދޭސީންނަށް ކަމުގައެވެ. އެގޮތަށް އެންމެ ދަށް އުޖޫރައެއް ކަނޑައެޅިއްޖެނަމަ ރާއްޖޭގެ އިޤްތިޞާދު ހަލާކުވެގެންދާނެކަމުގައެވެ.

"އިޤްތިޞާދަކީ އަބަދުވެސް ސަޕްލައި އެންޑް ޑިމާންޑަށް ދައުރުކުރާ އެއްޗެއް. މިނޫން ގޮތަށް އިޤްތިޞާދުގެ އެއްވެސް އެއްޗެއް ކަނޑައަޅައިފި ކަމަށް ވާނަމަ، އެ އިޤްތިޞާދު ހަލާކުވެގެންދާނެކަމީޝައްކެތް އޮތް ކަމެއް ނޫން. ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ ރާއްޖެއަށް ވުރެ މާމުއްސަނދި ޤައުމުތަކުގައި އަދިވެސް އެންމެ ދަށް އުޖޫރައެއް ކަނޑައަޅައިފައި ނުވާކަމަށެވެ. މިހާރުވެސް މުޅި ދުނިޔޭގައި ޓެކްސްނުނަގާ ވަރަށް ރާއްޖޭގައި ޓެކްސްނަގާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ވިޔަފާރިކޮށްގެން ލިބޭ އެއްޗެއްގެ 65 އިންސައްތަ އާއި 70 އިންސައްތަ ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާބެހޭ ބިލް އެކުލަވާ ލައްވާއިރު ދިވެހިންނަށް ރަނގަޅު އުޖޫރައެއް ލިބޭ ގޮތަށް އެބިލް ބައްޓަން ކުރަންޖެހޭކަމަށް މެމްބަރުން ވިދާޅުވިއެވެ. އެންމެ ދަށް އުޖޫރަ ކަނޑައެޅުމަކީ ވަރަށް ބޮޑަށް ދިރާސާކުރުމަށްފަހު ގޮތެއް ނިންމަން ޖެހޭނެކަމެއް ކަމަށްވެސް ބައެއް މެމްބަރުން ވިދާޅުވިއެވެ.

އެންމެ ދަށް އުޖޫރަކަނޑައެޅުމުގެ ޤަރާރު ސަރުކާރު ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ދުވާފަރު ދާއިރާގެ މެމްބަރ ޢިސްމާޢީލް އަޙްމަދެވެ. އޭނާވިދާޅުވީ ސަރުކާރުގެ ރިޔާސީ ވަޢުދުތަކުގެ ތެރެއިން އެންމެ މުހިންމު އެއްވަޢުދަކީ އެންމެ ދަށްއުޖޫރަ ކަނޑައެޅުންކަމުގައެވެ. މިހާރު ވަރަށް ބާރަށް އެމަސައްކަތް ކުރެވެމުންދާކަން ފާހަގަ ކުރައްވާ އަންނަ އަހަރު އެވަޢުދު ތަންފިޒުކުރުމަށްޓަކައި ދެމަހެއްހާ ދުވަސް ތެރޭގައި އެންމެ ކުޑައުޖޫރަ ކަނޑައެޅުމާ ބެހޭ ބިލް މަޖިލީހަށް ހުށަހެޅޭނެކަމަށް އޭނާ ވިދާޅުވިއެވެ. މެމްބަރ އިސްމާޢީލް ވިދާޅުވީ ބިލް އެކުލަވާލެވޭއިރު ކަނޑައޅާ އެންމެ ކުޑަ އުޖޫރަ ނުދޭ ފަރާތްތަކަށް ދެވޭނެ އަދަބުވެސް ކަނޑައެޅިފައި އޮތުމަކީ މުހިންމުކަމެއްކަމަށެވެ. އެންމެ ކުޑަ އުޖޫރަ ކަނޑައެޅިގެންދާއިރު، އެކަށީގެންވާ އުޖޫރައަކާއެކު ދިވެހިންނަށް ވަޒީފާގެ ފުރުޞަތު ފަހިވެގެން ދާނެކަމަށް އޭނާ ވިދާޅުވިއެވެ. ޚާއްޞަކޮށް ވަޒިފާ ހޯދުމަށް ބޭނުންވާ ދިވެހިންނަށް ފުރުޞަތު ފަހިވެގެން ދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެންމެ ދަށް އުޖޫރަ ކަނޑައެޅުމުގެ ޤަރާރު މަޖިލީހުން ވަނީ ބަލައިގެންފައެވެ. މި ޤަރާރު މަޖިލީހުން ބަލައިގަތީ 62 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. މި ޤަރާރާ ދެކޮޅަށް ވޯޓް ދެއްވީ ދ. މީދޫ ދާއިރާގެ މެމްބަރ އަޙްމަދުޝިޔާމު އެކަންޏެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.