އައްޑު އަތޮޅުގެ އާސާރީ ތާރީޚީ ބިނާތަކާ ނުލައި ރާއްޖޭގެ އާސާރީ ތާރީޚީ ބިނާތަކެއް ފުރިހަމައެއް ނުވާނެ: އަޙްމަދު ރަޝީދު

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އައްޑު އަތޮޅުގެ އާސާރީ ތާރީޚީ ބިނާތަކާ ނުލައި ރާއްޖޭގެ އާސާރީ ތާރީޚީ ބިނާތަކެއް ފުރިހަމައެއް ނުވާނެ ކަމަށް އައްޑު އަތޮޅު ހިތަދޫ މެދުދާއިރާގެ މެމްބަރ އަޙްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

އައްޑު އަތޮޅުގެ އާޘާރީ ތާރީޚީ އެތައް ބިނާތަކެއް މިހާރު ނެތި ގޮސްފައިވާ ކަމަށް ޘަޤާފީ ތަރިކައިގެ ބިލްގެ ބަހުސްގައި ވާހަކަ ދައްކަވަމުން ހިތަދޫ މެދު ދާއިރާގެ މެމްބަރ އަޙްމަދު ރަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު ހިތާމަ ކުރަން މިފަދަ ބިލެއް ޤާނޫނަކަށް ވެގެންދާއިރު އެޤާނުނުގެ ރައްކާތެރިކަމާއި ހިމާޔަތް އެރިކަން ލިބެންޖެހޭ އައްޑުއަތޮޅު އަސާރީ، ތާރީޚި އެތައް ބިނާތަކެއް ފެންނަން ނެތީތީ،" އަޙްމަދު ރަޝީދު ވިދާޅުވިއެވެ.

އައްޑޫން ނެތިގޮސްފައިވާ މުހިންމު އާސާރީ ތަންތަން އަޙުމަދު ރަޝީދު ވަނީ ފާހަގަ ކުރައްވައިފއެވެ. އެތަންތަނުގެ ތެރޭގައި ހިތަދޫ ކޯއްޓޭ އާއި ގަމާ ގުޅިފައިވާ ތާރީޚީ އެތައް ބިނާތަކާއި އިނގިރޭސީން ހިންގި ހޮސްޕިޓަލުގެ އިމާރާތާއި އިނގިރޭސީންގެ އިސް ބޭފުޅުންގެ އޮފީސް އިމާރާތާއި އާރް އެފް ރާޑާ ސިސްޓަމް ހިންގި އޮފީސް ޢިމާރާތްވެސް މިއަދު ފެންނަށް ނެތްކަން އޭނާ ފާހަގަ ކުރެއްވިއެވެ. ދެވަނަ ބޮޑު ހަނގުރާމައިގައި އިނގިރޭސީންގެ ދީފާޢި ބަޑިތައް ބެހެއްޓައިފައިވާ ކަނޑިހެރަ ފެންނަން އޮތީ ފައުންޑޭޝަންތައްކަން ފާހަގަ ކުރެވިއެވެ. ފުރަތަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ހިތަދޫ ރުއްޖެހެރާގައި އިނގިރޭސީން ތިބި ޢިމާރާތްތަކުގެ ބިންގާތައް ގެއްލިގެންދިޔައީ ލިންކްރޯޑް ހެދި ދުވަސް ވަރުކަމަށް އޭނާ ވިދާޅުވިއެވެ.

އަޑުއަތޮޅުގެ ދީނީޢިލްމުގެ  ދެވަނަ ބާބުގެ ފެށުން ކަމުގައިވާ އައްސޭޙް ޙުސައިން ރަހާ އިސްލާމްދީނާއި ފިގުހު ޢިލްމާއި އެނޫން ވެސް އެތައް ދާއިރާތަކުން މީހުން ތަމްރީންކުރި ޙުސޭނިއްޔާ ސްކޫލުވެސް މިހާރު ފެންނަން ނެތްކަން ހިތާމަޔާއެކު އޭނާ ފާހަގަ ކުރެއްވިއެވެ.

ތާރީޚީ އިލުމުގެ ނަޒަރުގައި ރާއްޖޭން ފުރަތަމަ އިސްލާމްވީ އައްޑު އަތޮޅުކަމަށް އަޙްމަދު ރަޝީދު ފާހަގަކުރެއްވިއެވެ. އައްޑޫ މީދޫ ކޯގަންނެ ގަބުރުސް ތާނުގައި ހުރި މެދުޒިޔާރަތަކީ އައްޑޫ އިސްލާމްކުރެއްވި ސުލައިމާން ޤާދިރު ކަލޭގެފާނުގެ ގަބުރު އޮތް ޒިޔާރަތްކަމަށް ފާހަގަ ކުރެއްވިއެވެ. ކޯގަންނެ ގަބުރުސްތާނަކީ ތާޜީޚީ އެތައް މިސްކިތަކާއި މަހާނަ ގާތަކެއް ހުރި ތަނެއް ކަން ފާހަގަ ކުރައްވާ މިހާތަނަށް އެތަނުގެ ތާރީޚީ ފުންމިން ހޯދިފައި ނުވާކަން އަޙްމަދު ރަޝީދު ފާހަގަ ކުރެއްވިއެވެ.

ދެވަނަ ފަހަރަށް ހިތަދޫ ރަށްވެހިވެގެން ދިޔައިރު އެކުއެކީގައި ބިނާކުރެވިފައިވާ ހުކުރު މިސްކިތާއި ތަކުރުފާނު މިސްކިތާއި މެދުމިސްކިތަކީ ޘަޤާފީ ތަރިކައިގެ ޤާނޫނުގެ ހިމާޔަތުގެ ދަށަށް ދާންޖެހޭ ތަންތަންކަމަށް އޭނާ ފާހަގަކުރެއްވިއެވެ. 

ދިވެހި ރާއްޖޭގެ ފުރަތަމަ ބޭންކް ކަމުގައިވާ އައްޑޫ ޓްރޭޑިންގ ކޯޕަރޭޝަން (އޭޓީސީ) އަކީ ރާއްޖޭގެ ފުރަތަމަ ބޭންކް ކަމަށް ވެފައި، އެ ބޭންކް ހިންގި ޢިމާރާތަކީ އެތަނުގައި ޖިމް އެއް ހިންގުމުގެ ބަދަލުގައި ޘަޤާފީ ތަރިކައިގެ ބިލްގެ ދަށުން ހިމާޔަތް ކުރެވެން ޖެހޭނެ ތަނެއް ކަމަށް ވިދާޅުވިއެވެ. އެ ޢިމާރާތަކީ އެ ބޭންކަގެ އިތުރުން ހިތަދޫ ރަށު އޮފީހާއި ކޯޓްވެސް އެތަނުގައި ހިންގި ތާރީޚީ އާސާރީ ތަނެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

 އައްޑުއަތޮޅުން ކިރިޔާވެސް ފެންނަން ހުރި އާސާރީ ބިނާތަކުގެ ގާފޮޅުތަކަށް ދާންދެން ޤާނޫނުގެ ބެލެނިވެރިކަމުގެ ދަށަށް ގެނެސް އެ ތަންތަން ހިމާޔަތް ހުރުމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު ގޮވާލެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.