ކަޝްމީރުގެ ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް އިންޑިޔާއާއި ޕާކިސްތާނުގެ ސިފައިން ހަމަލާތަކެއް ބަދަލުކޮށްފި

Kashmir ge 2 falhi vakikuraa Line of Conrol (LOC)

އިންޑިޔާއާއި ޕާކިސްތާނުގެ ދަށުގައިވާ ކަޝްމީރުގެ ދެ ފަޅީ ވަކިކުރާ ވަގުތީ ސަރަހައްދީ ރޮނގު، ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް ދެ ގައުމުގެ ސިފައިން ހަމަލާތަކެއް ދީފިއެވެ.

އިންޑިޔާގެ ގާނުނު އަސާސީން ކަޝްމީރުގެ އިންޑިޔާ ފަޅިއަށް ދީފައި އޮތް ޚާއްސަ އިމްތިޔާޒުތައް ނިގުޅައިގަނެ، އިންޑިޔާ ސަރުކާރުން ކަޝްމީރު 'ބަންދުކުރި' ފަހުން ހިނގި އެންމެ ނުރައްކާތެރި ކުރިމަތިލުމުގައި ދެފަރާތުން ވެސް ސިފައިންނާއި އާއްމުން މަރުވެފައެވެ.

އިންޑިޔާގެ ދިފާއީ ބައެއް މަސްދަރުކަތުން ޚަބަރުދީފައިވާ ގޮތުގައި އިންޑިޔާ ސިފައިން ދީފައިވަނީ ރައްދު ހަމަލާއެވެ. އެއީ، ޕާކިސްތާނު ސިފައިން ކަޝްމީރުގެ އިންޑިޔާ ފަޅީގެ ކުޕްވާރާ ޑިސްޓްރިކްޓްގެ އަވަށެއް ކަމުގައިވާ ތަންގްދާރްގެ އަސްކަރީ އަދި މަދަނީ ތަންތަނަށް ހަމަލާ ދިނުމުންނެވެ.

އެ މަސްދަރުތަކުން ޚަބަރުދޭ ގޮތުގައި އިންޑިޔާ ސިފައިން ވަނީ އެލްއޯސީ ހުރަސްކޮށް ބޮޑުބަޑިން ހަމަލާދީ ޖައިޝޭ މުޙައްމަދު އަދި ޙިޒްބުލް މުޖިހިދީންގެ 35 'ޓެރަރިސްޓުން' މަރާލާފައެވެ.

"އެމީހުންނާ ދެކޮޅަށް އެއްވެސް ކަމެއް (އިންޑިޔާ ސިފައިން) ނުކުރާއިރު، ޕާކިސްތާނުން ބޮޑުބަޑީގެ ހަމަލާދީ ސިފައިންގެ  ދެ މީހުންނާއި، އާއްމުންގެ މީހަކު މަރާލާފައިވޭ." އިންޑިޔާގެ ޑިފެންސް މިނިސްޓްރީގެ މަސްދަރަކުން ހާމަކޮށްފައި ވެއެވެ.

އެހެންނަމަވެސް ޕާކިސްތާނުން ވަނީ އިންޑިޔާގެ ވާހަކަތައް ދޮގުކޮށް، އިސްވެ ހަމަލާދިނީ އިންޑިޔާއިން ކަމަށް ބުނެފައެވެ.

ޕާކިސްތާނުން ބުނެފައިވާ ގޮތުން އެލްއޯސީ ހުރަސްކޮށް އިންޑިޔާ ސިފައިން ބަޑިޖެހުމުން، އޭގެ ރައްދުގައި ޕާކިސްތާނު ސިފައިން ވަނީ އިންޑިޔާ ސިފައިންނަށް ހަމަލާދީ، ސިފައިންގެ ނުވަ މީހުން މަރާލާފައެވެ.

ޕާކިސްތާނުގެ އިންޓަ ސާވިސް ޕަބްލިކް ރިލޭޝަންސް ގެ ޑިރެކްޓަ ޖެނެރަލް، މޭޖާ ޖެނެރައް ޢާޠިފު ޝަކޫރު ވިދާޅުވީ އެލްއޯސީ ހުރަސްކޮށް އިންޑިޔާ ސިފައިން ބަޑިޖެހުމު ސަބަބުން ސިފައިންގެ ދެ މީހުންނާއި އާއްމުންގެ މީހަކު މަރުވެފައިވާ ކަމުގައެވެ.

ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ކުރިން ބުނެފައިވާ ގޮތުގައި ވަގުތީ ސަރަހައްދީ ރޮނގު ހުރަސްކޮށް މި މަހުގެ 15 ވަނަ ދުވަހު އިންޑިޔާ ސިފައިން ބަޑިޖެހުމުގެ ސަބަބުން އާއްމުންގެ ތިން މީހުން މަރުވެ، އަށް މީހުން ވަނީ ޒަޚަމްވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.