ކަޝްމީރުގައި ހިންގާ ލާއިންސާނީ އަމަލުތަކަށް ދުނިޔެއިން އިންޑިޔާ ޒިންމާދާރުކުރުވަންޖެހޭ: އިމްރާން ޚާން

ކަޝްމީރުގެ އިންޑިޔާ ފަޅީގައި އިންޑިޔާއިން ހިންގާ އިންސާނީ ހައްގުތަކާ ޚިލާފުތަކަށް އިންޑިޔާ ޒިންމާދާރުކުރުވުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ދުނިޔެއަށް ގޮވައިލައްވައިފިއެވެ. އަދި އޭނާ ވަނި ޕާކިސްތާނުގެ "ދެގޮތެއްނުވާ" ތާއީދު އަބަދުވެސް ކަޝްމީރުގެ ރައްޔިތުންނާއެކު ވާކަން ހާމަކުރައްވާފައެވެ.

އިމްރާންޚާން މިކަން ހާމަކުރައްވާފައި ވަނީ މިއަދު ޕާކިސްތާނުގައި ފާހަގަކުރަމުންދާ 'ކަޝްމީރާ އެއްބައިވަންތަވުމުގެ' ދުވަހުގެ މުނާސަބަތުގައި ނެރުއްވި ބަޔާނެއްގައެވެ. ކޮންމެ އަހަރެއްގެ ފެބުރުވަރީ މަހުގެ 5 ވަނަ ދުވަހު ޕާކިސްތާނުގައި މި ދުވަސް ފާހަގަކުރަމުން  ދާއިރު، މިއީ އެގައުމުގައި ރަސްމީ ބަންދު ދުވަހެކެވެ.

5 އޮގަސްޓު 2019 އިން ފެށިގެން އިންޑިޔާ ވަނި ކަޝްމީރު ހިސާރުކޮށް، އެ ސަރަހައްދުގެ މުވާސަލާތީ ޚިދުމަތްތައް ކަނޑާލާފައެވެ. މިހާރު ކޮންމެވެސް ވަރަކަށް ހިސާރަށް ދޫދީ، މުވާސަލަތީ ޚިދުމަތްތައް ދިން ނަމަވެސް، ކަޝްމީރުގެ ރައްޔިތުން އަދިވެސް ދަނީ ހިސާރުގެ ދަތީ އުނދަގޫ ދުވަސްތައް ގުނަމުންނެވެ.

"ކަޝްމީރު މީހުންގެ ހައްގުތައް އަނިޔާވެރި ގޮތުގައި ނިގުޅައިގަތުން އިންޑިޔާއިން ހުއްޓާލައި، ބައިނަލްއަގުވާމީ ހިއްސާނީ ހައްގުތައް ލާޒިމުކުރާ ކަންކަން ފުރިހަމަކުރަން ޖެހޭ. އަދި އދ. ގެ ބެލުމުގެ ދަށުން އިންސާފުވެރި މިނިވަން ޚިޔާލު ހޯދުމުގެ ވޯޓެއްގައި އެމީހުންގެ މުސްތަގުބަލު ކަނޑައެޅުމުގެ ފުރުސަތު ކަޝްމީރު މީހުންނަށް ދޭން ޖެހޭ." އިމްރާން ޚާންގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

އިންޑިޔާގެ ކަޝްމީރު ފަޅީގައިި ފެންނަ ނުފެންނަ ވޯޓެއް ބާއްވައި އެމީހްން އިންޑިޔާގެ ދަށުގައި ތިބެން ބޭނުންވޭތޯ ނުވަތަ ނޫންތޯ ބެލެމަށް އދ.ން ގޮވާލާފައި ވީ ނަމަވެސް އިންޑިޔާއިން ވަނީ އެ ވޯޓު ބޭއްވުމަށް ދެކޮޅުހަދާފައެވެ.

އިމްރާން ޚާންގެ ބަޔާން ފަށްޓަވަމުން އޭނާ ވަނީ ކަޝްމީރު މައްސަލައިގެ ފެށުމަށްވެސް އިޝާރާތްކުރައްވާފައެވެ.

"ކަޝްމީރު މީހުންގެ ބަދުނަސީބީ ހާލަތު ފެށެނީ 70 އަހަރަށްވުރެ ވެސް ކުރިން. އެ މުއްދަތުގައި އެމީހުން ވަނީ މެދުކެނޑުމެއް ނެތް އަނިޔާއި، އަސާސީ ހައްގުތަކުން ތަކުރާރުކޮށް މަހުރޫމު ކުރުމާ ކުރިމަތިލާފަ." ޕާކިސްތާނުގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

ބޮޑުވަޒީރުގެ ބަޔާން ނިންމަވާލައްވާފައި ވަނީ ކަޝްމީރުގެ ރައްޔިތުންނަށް ހިތްވަރުދެއްވަމުންނެވެ.

"އެންބައިވަންތަވުމުގެ ދުވަސް ފާހަގަކުރަމުން ދާއިރު، އިންޑިޔާއާއި ޕާކިސްތާނާއި، ބައިނަލްއަގުވާމީ މުޖުތަމައުން ކަޝްމީރުގެ ރައްޔިތންނަށް ވައުދުވެފައިވާ އަމިއްލަ މުސްތަގުބަލު އަމިއްލައަށް ކަނޑައެޅުމުގެ ހައްގު ހޯދުމަށް އެމީހުން ކުރަމުންދާ ހިތްވަރުގަދަ މަސައްކަތަށް ސާބަސްދެން." ބަޔާން ނިންމަވާލައްވަމުން އިމްރާން ޚާން ވިދާޅުވެފައި ވެއެވެ.

1947 ވަނައ އަހަރު އިންޑިޔާ ދެބައިވެ އިންޑިޔާއާއި ޕާކިސްތާނު އުފެދުނު އިރު ކަޝްމީރު ގުޅެންވީ ގައުމަކާމެދު އުފެދުނު ދެބަސްވުމުގައި ދެ ގައުމުން ހަނގުރާމަކޮށް ހަނގުރާމަ ހުއްޓުނު އިރު ދެގައުމުގެ ސިފައިން ތިބި ރޮނގާ އެއްގޮތަށް މިއަދު ކަޝްމީރު ވަނީ ދެބައިފައެވެ. ވަގުތީ ސަރަހައްދީ ރޮނގެއް ކަމުގައިވާ ލައިން އޮފް ކޮންޓްރޯލް (އެލްއޯސީ) ގެ ޕާކިސްތާނު ފަޅިއަށް ޕާކިސްތާނުން އާޒާދް ކަޝްމީރުގެ ނަން ދީފައިވާއިރު، އިންޑިޔާ ފަޅިއަށް އިންޑިޔާއިން ވަނީ ޖައްމޫ އެންޑް ކަޝްމީރްގެ ނަން ދީފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.