ބުދަ ދުވަހު ކަޝްމީރުގެ ޕާކިސްތާނު ފަޅިއަށް ހަމަލާދޭން ވަދެއުޅިކޮށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ވައްޓާލި އިންޑިޔާގެ ވައިގެ ސިފައިންގެ މަތިންދާބޯޓުގެ ޕައިލެޓު މިއަދު ދޫކޮށްލާނެކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވަނީ އެގައުމުގެ ގާނޫނުހަދާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އިއްޔެ އިއުލާންކުރައްވާފައެވެ.
ސުލްހައަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުގައި އެކަންކުރަން ޕާކިސްތާނުން ނިންމި ނަމަވެސް، އިންޑިޔާއިން ބުނެފައި ވަނީ އެގައުމުން އަދި ދޫދޭން ތައްޔާރުނޫން ކަމަށެވެ.
ވައްޓާލި ބޯޓުގެ ޕައިލެޓު ވިންގް ކޮމާންޑަރ އަބީނަންދަން ވަރްތަމާން ދޫކޮށްލަން ނިންމި ކަމަށްޓަކައި އިންޑިޔާގެ ވައިގެ ސިފައިންގެ ފަރާތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕާކިސްތާނަށް ޝުކުރު އަދާކުރިނަމަވެސް، އިންޑިޔާއިން ބުނީ އެގައުމު އޮތީ 'އެންމެ މަތީ ދަރަޖައިގެ ތައްޔާރީ ހާލަތު'ގައި ކަމަށެވެ. އަދި މިހާރު ދިމާވެގެން އުޅޭ މައްސަލައިގައި އިސްވެ ހަމަލާދިނީ ޕާކިސްތާނުން ކަމަށެވެ.
"ލައިން އޮފް ކޮންޓްރޯލްގެ އަނެއް ފަރާތަށް ވެއްޓި މިހާރު ޕާކިސްތާނުން ހައްޔަރުކޮށްފައި ހުރި އަހަރުމެންގެ ޕައިލެޓު ދޫކޮށްލާތީ އަހަރުމެން އުފާވޭ." "އޭނާ އެނބުރިއަންނާތީ އަހަރުމެން މިތިބީ ވަރަށް އުފާވެފައި. އޭނާ އެނބުރި އަންނަތަން ދެކެން އަހަރުމެން ބޭނުން." އިންޑިޔާގެ ވައިގެ ސިފައިންގެ އެއާ ވައިސް މާޝަލް އާރް. ޖޭ. ކޭ. ކަޕޫރު އިއްޔެ ވިދާޅުވިއެވެ.
އެހެންނަމަވެސް، ކަޕޫރުގެ އަރިހުގައި ހުންނަވައިގެން އިންޑިޔާގެ އެއްގަމު ސިފައިންގެ މޭޖާ ޖެނެރަލް ސުރެންދްރަ ސިންގް ބާލް ދެއްވީ އިންޒާރެކެވެ. "އަހަރުމެން މިތިބީ ފުރިހަމައަށް ތައްޔާރުވެގެން. ޕާކިސްތާނުގެ ކޮންމެ އުދުވާނަކަށް ރައްދު ދިނުމަށް އަހަރުމެން ތިބީ އެންމެ މަތީ ދަރަޖައިގެ ތައްޔާރީ ހާލަތުގައި." އޭނާ ވިދާޅުވިއެވެ. "އަހަރުމެންގެ ގައުމުގެ މީހުންނަށް އަހަރެން ޔަގީންކޮށްދެން އަހަރުމެން މިތިބީ ފުރިހަމައަށް ތައްޔާރަށްކަން."
"އިންޑިޔާ އޮތީ ވަޔާއި، އެއްގަމާއި، ކަނޑުގައި ފުރިހަމައަށް ތައްޔާރުވެގެން." އިންޑިޔާގެ ކަނޑުގެ ސިފައިންގެ ރިޔާ އެޑްމިރަލް ޑީއެސް ގުޖްރާލް ވިދާޅުވިއެވެ.
އަންނަ މޭ މަހުގެ ތެރޭގައި އާންމު އިންތިޚާބާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ދޫދެއްވުމަކީ ފަސޭހަފުޅު ކަމެއް ނޫންކަމަށް މަސްރަހު ދިރާސާކުރާ މީހުން ދެކެއެވެ. ޕާކިސްތާނުގެ ކުރިމަތީގައި އިންޑިޔާ ނިކަމެތިކަމަށް ފެނުމަކީ އާއްމުންގެ މެދުގައި މޯދީގެ މަގްބޫލުކަން ދަށްވެގެންދާނެ ކަމެކެވެ. އެހެންކަމުން މޯދީ އަދިވެސް ހުންނެވީ ހަރުކަށިކަން ދައްކަވާށެވެ.
"ޓެރަރިސްޓް ހަމަލާދީގެން އިންޑިޔާގެ ހަމަޖެހުން ނަގާލަން ދުޝްމަނުން މަސައްކަތްކުރާއިރު، އެމީހުންގެ މަގުސަދަކީ އިންޑިޔާގެ ކުރިއެރުން ހުއްޓުމަކަށް ގެނައުން. އަހަރުމެން ޖެހެނީ އެމީހުންގެ މަގުސަދުގެ ކުރިމަތީގައި ފާރެއްހެން ތިބެން." ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ މެންބަރުންތަކަކާ މުޚާޠަބުކުރައްވަމުން މޯދީ ވިދާޅުވެފައި ވެއެވެ.