ލާދީނީ މީހުން ބޭނުންވަނީ ދީނަށް ފުރައްސާރަ ކުރުމަކީ ޢާއްމު ކަމަކަށް ހަދަން: ޢުމަރު

ލާދީނީ މީހުން ބޭނުންވަނީ ދީނަށް ފުރައްސާރަ ކުރުމަކީ ޢާއްމު ކަމަކަށް ހަދަން ކަމަށް ރާއްޖޭގެ ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ. ޢުމަރު ވިދާޅުވީ ފާއިތުވި އެއް އަހަރު ދުވަހުގެތެރޭގައި އިސްލާމް ދީނަށް ފުރައްސާރަ ކޮށްގެން ފުލުހަށް ހާޒިރުކޮށް ސުވާލު ކުރި މީހުންގެ ތެރެއިން އެއްވެސް މީހެއްގެ މައްސަލަ އަދި ދަޢުވާ ކުރުމަށް ފޮނުވާފައި ނުވާކަމަށެވެ.

އެމްޑީއެންގެ ރިޕޯރޓް ލިޔުނު މީހުނާ މެދުވެސް އަމަލު ކުރެވޭނީ ހަމަ އެ ގޮތަށް ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ވެއެވެ. އެމްޑީއެން އުވާލާ އެ ރިޕޯރޓް ލިޔުނު މީހުން ޝަރީއަތުގެ ކުރިމައްޗަށް ނުގެނެވޭނަމަ، ލަހެއްނުވެ "މިއީ އާންމު ކަމަކަށް ވެގެންދާނެ،" ކަމަށް އޭނާ ވިދާޅުވިއެވެ.

"ލާދީނީ މީހުންގެ ބޭނުމަކީ މިއީ އެވެ. ދީނަށް ފުރައްސާރަ ކުރުމީ އާންމު ކަމަކަށް ހެދުމެވެ. ދިވެހިން މަޑުމަޑުން މި ކަމަށް ހޭނުވުމެވެ. ސަރުކާރުން ޤާނޫނީ ފިޔަވަޅު ނާޅާނަމަ މިކަން މި ގޮތަށް ވާނެއެވެ." ޢުމަރު ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވީ އެހެން ދީންތައް ރާއްޖެ އަށް އަޔަނުދިނުމަށް ޒަމާނުއްސުރެ ބަދެފަހުރި ވާތަށް މިހާރު ގެންދަނީ މަޑުމަޑުން ދޫކޮށް އެވާތައް ކަނޑަމުންނެވެ.

މި ވޭތުވި އެއް އަހަރު ތެރޭގައި ފާހަގަވި ބައެއްކަންކަން ޢުމަރުވަނީ ވިދާޅުވެފައެވެ.

އެކަންކަމަކީ:

  1. ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މިންވަރު އެތައް ގުނައެއް އިތުރުވި އިރު އެކަން ކުރި އެއްވެސް މީހަކާ މެދު ޤާނޫނީ ފިޔަވަޅު ނޭޅުން.
  2. ދީނީ ޢިލްމުވެރިންގެ އަގު ވައްޓާލުމުގެ ކެމްޕޭން އެއް ހިންގަމުން ގެންދިއުން.
  3. ޢިސްލާމް މުޤައްރަރު ކަމުނުދާ ކަމަށް ބުނެ ވަކާލާތު ކުރުން.
  4. ބައެއް މިސްކިތް ތަކުގައި ބަންގި ގޮވާ އަޑު މަޑު ކުރުން.
  5. ދިވެހި ފިލްމްތައް ސެންސަރު ކުރާ ކުރުމުގެ މިންގަޑު ދަށް ކޮށް، އެއްޖިންސުން ގުޅުން ހިންގުން އާންމު ކުރާފަދަ މަންޒަރުތައް ފިލްމު ތަކުގައި ހިމަނަން ފެއްޓުން.
  6. ބަނގުރާ އިތުރަށް އާންމުވުން.

ޢުމަރު ވިދާޅުވެފައިވަނީ އަބަދުވެސް ރާއްޖޭގައި ލާދީނީ މީހުން އުޅޭ ކަމަށެވެ. އެހެންނަމަވެސް ދައުލަތުން ގެންދިޔައީ އެ ފަދަ މީހުން ހަމަ މަގަށް އަޅުވަމުން ކަމަށް ވިދާޅުވިއެވެ. ނަމަވެސް ލާދީނީ މީހުން ދައުލަތުގެ އެތެރޭގައި ތިބެގެން މި ނިޒާމް ބަދަލު ކުރުމުގެ މަސައްކަތް ކުރުމަށް ފުރުސަތު ލިބުނު މިއީ ދެވަނަ ފަހަރު ކަމަށްވެސް ވިދާޅުވިއެވެ. "ދިވެހިން ހޭލާ ތިބެގެން މެނުވީ މި ޤައުމާ ދީން ހިމާޔަތް ނުކުރެވޭނެ" ޢުމަރު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

3 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.