ކުށްކުރަން އެއްވެސް ބަޔަކަށް ފުރުސަތު ނުދޭނަން: އުމަރު

އޭނާގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އަމާން މުޖްތަމައުއެއް ގާއިމު ކުރުމަށް ކަމަށާއި ކުށްކުރަން އެއްވެސް ބަޔަކަށް ފުރުސަތު ނުދެއްވާނެ ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު މިހެން ވިދާޅުވީ، އުމަރުގެ ގޯތި ގެދޮރުގެ ސިޔާސަތު އިއުލާންކުރުމަށް ބޭއްވި އިވެންޓުގައި ވާހަކަ ދައްކަވަމުން ނެވެ.

އުމަރު ވިދާޅުވީ ރެ އާއި ދުވާލު ބިރެއް ނެތި ކުށްވެރީން ދަނީ ތަފާތު އެކި ކުށްތަކަށް އަރައިގަންނަމުން ކަމަށާއި އޭނާގެ ވެރިކަމެއްގައި އެފަދަ އެއްވެސް ކަމަކަށް ކުޑަވެސް ފުރުސަތެއް ނުދެއްވާނެ ކަމަށެވެ.

އުމަރު ވިދާޅުވީ، ރާއްޖޭގެ ވެރިއަކަށް ގެންނަން ޖެހެނީ ފުލުހެއް ކަމަށާއި ފުލުހުންނަކީ ފަސްޖެހުމެއް ނެތި ގާނޫނު ތަންފީޒު ކުރާނެ، ކުރަން ކެރޭނެ ބައެއް ކަމަށެވެ.

"އަޅުގަނޑަކީ އެފަދަ ވެރިއަކަށް ވާނެ. ހޯމް މިނިސްޓަރުކަން ކުރިއިރުވެސް އެކަންވާނީ ސާބިތުކޮށްދީފަ." އުމަރު ވިދާޅުވި އެވެ.

އުމަރު ނަސީރު ވިދާޅުވީ އޭނާއަކީ އިލްމުވެރިއެއް ނޫން ކަމަށާއި ޚަލީފާއެއް ކަމަށް ދެކި ވެރިކަމަށް ކުރިމަތިލައްވައިގެން އުޅުއްވާ ބޭފުޅެއް ވެސް ނޫން ކަމަށެވެ. ނަމަވެސް އޭނާއަކީ މި ރާއްޖޭގައި އިސްލާމީ ޝަރީއަތް ގާއިމު ކުރައްވާ ހަގީގީ އިސްލާމީ ވެރިކަމެއް ކުރައްވާނެ ވެރިއަކަށް ވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

މިއަހރު ބާއްވާ ރިޔާސީ އިންތިޚާބުގައި އުމަރުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީޕީއެމް/ ޕީއެންސީ ގެ ފަރާތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވާދަކުރައްވާނެކަން މިހާރުވަނީ ހާމަކުރައްވާފަ އެވެ.

އަދާލަތު ޕާޓީ އާއި އެމްޑީއޭއިން މިހާރު ނިންމާފައިވަނީ ރައީސް ސާލިހާއި އެކު ކޯލިޝަން ހެދުމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.