ވެރިކަމާމެދު ހިތްހަމަ ނުޖެހުނަސް އެހެންދީން ވެއްދުމަށް ފުރުސަތު ނުދީ: އުމަރު

ރާއްޖޭގެ ވެރިކަމާ މެދު ކިތަންމެ ވަރަކަށް ހިތްހަމަ ނުޖެހިފައި ތިބިނަމަވެސް އިސްލާމްދީން ނޫން އެހެންދީންތައް ރާއްޖެއަށް ވެއްދުމަށް ކުރަމުންދާ މަސައްކަތަށް ހުރަސް އަޅަންޖެހޭ ކަމަށް ކުރީގެ ހޯމްމިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

"ވެރިކަމާމެދު ކިތަންމެ ހިތްހަމަނުޖެހިފައި ތިބި ނަމަވެސް ރާއްޖެއަށް އެހެންދީންތަކާއި ފިކުރު ވެއްދުމަށް އެތެރެއިންނާއި ބޭރުންކުރެވޭ ހުރިހާ މަސައްކަތަކަށް ހުރަސްއެޅުންމަތީ ދިވެހިން ދެމިތިބޭނެ،" އުމަރު ވިދާޅުވިއެވެ.

އޭނާ މިހެން ވިދާޅުވީ ރާއްޖެއަށް އެހެންދީންތައް ތައާރަފް ކުރުމާބެހޭ ގޮތުން އީޔޫއަށް ހުށަހެޅުނު މައްސަލައާ ބެހޭގޮތުން ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ރާއްޖެއަށް އެހެން ދީންތައް ތައާރަފް ނުކުރެވިގެން އީޔޫއިން ދޭތެރެ ދޭތެރެއިން ރިޕޯޓު ނެރުމަކީ ކަންބޮޑުވާ ކަމެއްކަމަށެވެ.

މިދުވަސްވަރަކީ ރާއްޖޭގެ ވެރިކަމާމެދު އެތައްބަޔަކު ހިތްހަމަނުޖެފައި ތިބި ދުވަސްވަރެއް ކަމަށާއި، އެދުވަސްވަރުގެ ބޭނުން ހިފައިގެން ސަރުކާރަށްއޮތް ނަފުރަތުގެ އޮއިވަރުގެ ތެރެއިން ލާފައި ރާއްޖެއަށް އެހެންދީންތައް ވެއްދުމަށް އީޔޫއިން ކުރަމުންދާ މަސައްކަތަކަށް ފާރަވެރިވާންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖެއަށް އެހެންދީންތައް ތައާރަފް ކުރުމަށް ކުރަމުންދާ މަސައްކަކަތަކީ ވަރަށް ޒަމާންވީ މަސައްކަތެއް ކަމަށާއި، ލާދީނީ ފިކުރުގައިތިބި ސިޔާސީ ލީޑަރުންނަށް އެކި ގޮތްގޮތުން އޭހީތެރިވެދީގެން ރާއްޖެއަށް އެހެންދީންތައް ވައްދާ ކަމަށް އުމަރުވަނީ ތުހުމަތު ކުރައްވައިފައެވެ. އަދި ބަނގުރާއި، އަފިހުން (މަސްތުވާތަކެތި) ޑިސްކޯ ނައިޓް ކުލަބުތައް ހުއްދަކޮށް، ދިވެހި މުޖުތަމައު ދީނުން ބޭރު ކުރުމަށް ކުރަމުންދާ މަސައްކަތަކީ ކޮންމެ ދިވެއްސަކުވެސް އެކަމަށް ސަމާލުވާންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އުމަރު ވިދާޅުވީ "މަރުގެ އަދަބު ދިނުމަށް ގޮވާލާ ބައެއް ގައުމުތަކަކީ އެމީހުންގެ ބޮމްއަޅާ ކެޓުތަކުން ކުށެއްނެތް މައުސޫމް އެތައް ބަޔަކު، ޝަރީއަތެއްނެތި މަރުގެ އަދަބު ކޮންމެ އަހަރަކު ދެމުންގެންދާ ގައުމުތަކެއް،" ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.