ފިޑެލް ކާސްޓްރޯ އާއި އެމެރިކާގެ 11 ރައީސުން

ޑްވައިޓް އައިސަންހޯވަރ އިން ފެށިގެން ބަރަކް އޮބާމާޔާ ހަމައަށް އެމެރިކާގެ 11 ރައީސަކު ވަނީ ކިއުބާގެ އިންގިލާބީ ލީޑަރު ފިޑެލް ކާސްޓްރޯއާ އެކި ސސިފަސިފައިގައި ކުރިމަތި ލައްވައިފައެވެ. ފިޑެލް ކާސްޓްރޯ އަވަހާރަވީ މިދިޔަ ހުކުރު ދުވަހުއެވެ.

ޑްވައިޓް އައިސަންހޯވަރ (ރިޕަބްލިކަން، 1953-1961): އައިސަންހޯވަރ ވަނީ ކިއުބާގެ ޑިކްޓޭޓަރަށް ހަތިޔާރު ފޯރުކޮށް ދެއްވައިފައެވެ. އެއީ އޭރުގެ ބާޣީން ކަމުގައި ބެލެވުނު ކާސްޓްރޯގެ ލަސްކަރާ ހަމަލާ ދޭށް ފޯރުކޮށްދެއްވި އެހީތެރި ކަމެކެވެ. އަދި ކިއުބާގެ ބޭ އޮފް ޕިގްސް ހިސާރު ކުރައްވަން ތައްޔާރުވެސް ކުރެއްވިއެވެ. 1961 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ކިއުބާއާއި ސިޔާސީ ގުޅުން ކަނޑުއްވައިލެއްވީވެސް އައިސަންހޯވަރެވެ.

ޖޯން އެފް. ކެނެޑީ (ޑިމޮކްރަޓް، 1961-1963): ބޭ އޮފް ޕިގްސް ހިސާރު ކުރުމުގެ އަމުރު 1961 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ދެއްވީ ކެނެޑީއެވެ. ކިއުބާއަށް ދަތި ކުރުމުގެ ފިޔަވަޅު 1962 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެޅުއްވިއެވެ. އެއީ އެ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ކިއުބާގެ މިސައިލް މައްސަލަގަނޑު ހިލިގަތުމުގެ ކުރިންނެވެ. ކެނެޑީ އަވަހާރަ ކޮށްލީ ކިއުބާއާއި ދެމެދު އޮންނަ ގުޅުން ކޮންމެވެސް ވަރަކަށް ރަނގަޅު ކުރެއްވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް 1963 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ.

ލިންޑަން ޖޯންސަން (ޑިމޮކްރަޓް، 1963-1969): ދަތިކުރުމުގެ ފިޔަވަޅުތައް އަލުން ބާރު ކުރައްވައި، އިރުމަތީ ޔޫރަޕުގެ ކޮމިއުނިސްޓު ގައުމުތަކަށް ކިއުބާގެ ކެމިކަލް ވިއްކުން ހުއްޓުވަން މަސައްކަތް ކުރެއްވީ ޖޯންސަނެވެ. ކާސްޓްރޯ އަވަހާރަ ކޮށްލަން ރާވާ ރޭވުންތައް ތަންފީޒު ކުރުމުގެ ހުއްދަ ސީއައިއޭއަށް ދެއްވިއެވެ. އަދި ކާސްޓްރޯ އާ ދެކޮޅު ކިއުބާގެ ގެރިއްލާ ގްރޫޕުތަކަށް އެހީތެރިކަން ފޯރުކޮށް ދެއްވިއެވެ.

ރިޗަރޑް ނިކްސަން (ރިޕަބްލިކަން، 1969-1974): ކާސްޓްރޯ އާ ދެކޮޅަށް ކުރެވޭ ކަންތައްތަކަށް އިތުރު ފޯރިއެއް ލެއްވިއެވެ. އޭގެ ތެރޭގައި ކިއުބާގެ މަސްވެރިން ހައްޔަރު ކުރެއްވުން ހިމެނެއެވެ. އަދި ރޫސީ ބާރު އޮންނަ ގައުމުތަކަށް ކިއުބާގެ ކެމިކަލް ވިއްކުން ހުއްޓުވުމަށް މަސަްކަތް ކުރެއްވިއެވެ.

ޖެރަލްޑް ފޯރޑް (ރިޕަބްލިކަން، 1974-1977): އެކި ގައުމުތަކުގައި ހުންނަ ކިއުބާގެ އެންބަސީތަކަށް ހަމަލާ ދިން ދުވަސްވަރާއި ކިއުބަން އެއަރލައިންގެ ބޯޓަކަށް ހަމަލާއެއް ދީ 73 މީހުން މަރާލި އިރު ރައީސް ކަމުގައި ހުންނެވީ ފޯރޑެވެ. ދަތިކުރުމުގެ ފިޔަވަޅުތަކެއް ލުޔެއް ދެއްވުމަށް ފަހު އެމެރިކާގެ ވިޔަފާރިވެރިންނަށް ކިއުބާއަށް ދިއުމުގެ ހުއްދަ ދެއްވިއެވެ. މިއީ ކިއުބާއަށް ވިޔަފާރިވެރިންނަށް ދެވޭ ގޮތްވީ ފުރަތަމަ ފަހަރެވެ.

ޖިމީ ކާރޓަރ (ޑިމޮކްރަޓް، 1977-1981): ދަތިކުރުމުގެ ފިޔަވަޅު ކުރިއަށްވުރެ ލުއި ކުރައްވައި އެމެރިކާގެ ކަންތައްތައް ބަލަހައްޓާ އޮފީހެއް ކިއުބާގެ ވެރި ރަށް ހަވާނާގައި ގާއިމު ކުރައްވައި، ކިއުބާގެ ކަންތައްތައް ބަލަހައްޓާ އޮފީހެއް ވޮޝިންގޓަނުގައި ހުޅުވުމުގެ ހުއްދަ ދެއްވިއެވެ. އެމެރިކާާގައި އަމިއްލައަށް އަރުވާލެވިގެން ތިބި ކިއުބާގެ މީހުން އެނބުރި ރަށަށް ދިއުމުގެ ހުއްދަ ދެއްވިއެވެ. ކަނޑުގެ ސަރަހައްދާ ގުޅޭ މުޢާހަދާއެއްގައި ކިއުބާއާއެކު ސޮއި ކުރެއްވިއެވެ. ކިއުބާގެ މަރިއެލް ބަނދަރުން ފުރައިގެން އެމެރިކާއަށް ކިއުބާގެ އެތައް ހާާސް ބަޔަކު ދަތުރު ކުރި ހާދިސާ ހިނގީ ކާރޓަރުގެ ވެރިކަމުގައެވެ. ކުރީގެ ރައީސެއްގެ ހައިސިއްޔަތުން 2002 ވަނަ އަހަރާއި 2011 ވަނަ އަހަރު ކިއުބާއަށް ވަޑައިގަތެވެ.

ރޮނަލްޑް ރޭގަން (ރިޕަބްލިކަން، 1981-1989): ކިއުބާއާއެކު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރު ވެގެން ދިޔައެވެ. އަލުން ބަލުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުއްވިއެވެ. އެމެރިކާއަށް ހިޖުރަ ކުރާ މިއުބާ މީހުނާ ބެހޭ ޖަމްއިއްޔާ، ކިއުބަން އެމެރިކަން ނޭޝަނަލް ފައުންޑޭޝަން އުފެދުނެވެ. އަދި ކާސްޓްރޯ އާ ދެކޮޅު ވާހަކަތައް ފަތުރާ ރޭޑިއޯ ސްޓޭޝަންތަކެއް ކަމަށްވާ ރޭޑިއޯ އާއި ޓީވީ މާރޓި އުފެދުނެވެ. މީހުން ހިޖުރަ ކުރުމާ ބެހޭ އެއްބަސްވުމެއްގައި 1984 ވަނަ އަހަރު ސޮއި ކުރެވުނެވެ.

ޖޯރޖް އެޗް. ޑަބްލިޔޫ. ބުޝް (ރިޕަބްލިކަން، 1989-1993): ސޯވިއެޓް ޔޫނިއަން ރޫޅުމުން ކިއުބާއަށް ދަތިކުރުުމުގެ ފިޔަވަޅުތައް ހަރުކަށިކުރެއްވިއެވެ. އަދި ތިންވަނަ ދުނިޔޭގެ ގައުމުތަކުގައި ހުރި އެމެރިކާގެ ކުންފުނިތަކުން ކިއުބާޔާ އެކު އެއްވެސް ކަހަލަ ވިޔަފާރީގެ މުއާމަލާތެއް ހުންގުން މަނާ ކުރެއްވިއެވެ.

ބިލް ކްލިންޓަން (ޑިމޮކްރަޓް، 1993-2001): ކިއުބާއާ ދެކޮޅަށް ފިޔަވަޅު އަޅާން އެމެރިކާގައި ފާސް ކުރި ގާނޫނު (ޓޮރިސެލީ ގާނޫނޫ) ތަންފީޒު ކުރެއްވިއެވެ. އޭގެ ފަހުން އެ ފިޔަވަޅުތަކަށް ލުޔެއް ދޭން ފާސް ކުރި ގާނޫނު (ބާރޓަން ގާނޫނު) ހިންގުމުގެ ހުއްދަ ދެއްވިއެވެ. 1994 ވަނަ އަހަރު ކިއުބާއިން އެމެރިކާއަށް 3600 މީހުން ވަގަށް ހިޖުރަ ކުރިއެވެ. އިމިގްރޭޝަނާ ގުޅޭ އައު އެއްބަސްވުމެއްގައި ދެ ގައުމުގެ ދެމެދުގައި ސޮއި ކުރެވުނެވެ. ކާސްޓްރޯ އާ ދެކޮޅަށް މަސައްކަތް ކުރާ އެކްޓިވިސްޓުންނަށް ކްލިންޓަން އެހީތެރިކަން ފޯރުކޮށް ދެއްވިއެވެ.

ޖޯޖް ޑަބްލިޔޫ. ބުޝް (ރިޕަބްލިކަން، 2001-2009): ދަތިކުރުމުގެ ފިޔަވަޅުތައް އަނެއްކާވެސް ވަރުގަދަ ކުރައްވައި ކާސްޓްރޯއާ ދެކޮޅަށް މަސައްކަތް ކުރާ ޖަމާއަތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދެއްވިއެވެ. އެމެރިކާއަށް އަމިއްލައަށް އަރުވާލެވިގެން ތިބި ކިއުބާގެ މީހުންނަށް ރަށަށް ދެވޭ ގޮތަށް ހުޅުވިފައި އޮތް ފުރުސަތު ކުޑަކޮށް ހަނި ކުރައްވައި ރަށަށް ފޮނުވޭ ފައިސާގެ އަދަދުވެސް މަދު ކުރެއްވިއެވެ. ވަކި އިމެއްގެ ތެރޭގައި ކާބޯތަކެތީގެ ވިޔަފާރި ކުރުން ހުއްދަ ކުރެއްވިއެވެ. ކާސްޓްރޯގެ ކޮއްކޯފުޅު ވެރިކަން ހިންގުމާ ހަވާލުވެ ވަޑައިގަތެވެ.

ބަރަކް އޮބާމާ (ޑިމޮކްރަޓިކް، 2009 ވަނަ އަހަރުން ފެށިގެން މިހާރުވެސް ވެރިކަމުގައި): އަރުވާލެވިގެން ތިބި މީހުން ރަށަށް ދިއުމަށް އޮތް ހުރަސްތަކާއި ފައިސާ ފޮނުވާން އޮތް ހުރަސްތައް އުވައިލެއްވިއެވެ. އިމިގްރޭޝަނާ ބެހޭ ގޮތުން ދައްކާ ވާހަކަތަކަށް ފުރުސަތު ހުޅުވައި ލެއްވިއެވެ. އަދި ދަތިކުރުމުގެ ފިޔަވަޅުތައް މުޅީން އުވައިލުމުގެ ކުރީން ޑިމޮކްރަސީގެ ފުރުސަތުތައް ކިއުބާގައި ހުޅުވުމާއި، އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުން އާލާވާން ޖެހޭނެ ކަމަށް ވިދާޅު ވިއެވެ.

2014 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ބަރަކް އޮބާމާއާއި ރައުލް ކާސްޓްރޯ ވަނީ ދެ ގައުމުގެ ގުޅުން އާދަިގެ ހާލަތަކަށް ރުޖޫއަ ކުރައްވާނޭ ކަމަށް އިއުލާނު ކުރެއްވިއެވެ. 2015 ވަނަ އަހަރު ކިއުބާގައި އެމެރިކާގެ އެންބަސީއެއް އަދި އެމެރިކާގައި ކިއުބާގެ އެންބަސީއެއް ހުޅުވުނެވެ.

2016 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ބަރަކް އޮބާމާ ކިއުބާއަށް ދަތުރުފުޅެއް ކުރެއްވިއެވެ. މި ތާރީޚީ ދަތުރުފުޅަކީ 1928 ވަނަ އަހަރުގެ ފަހުން އެމެރިކާގެ ރައީސަކު ވެރިކަމުގައި ހުންނަވައިގެން ކިއުބާއަށް ދަތުރުފުޅެއް ކުރެއްވި ފުރަތަމަ ފަހަރެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.