ޕާރުސަލް ބޮން ފޮނުވި ފަރާތެއް އެނގޭތޯ ފްލޮރިޑާގެ މެއިލް ސެންޓަރެއް ފާސްކޮށްފި

ސީއައިއޭގެ ކުރީގެ ޑިރެކްޓަރު ޖޯން ބްރެނަންއަށް އެޑްރެސްކޮށް ސީއެންއެންއަށް ފޮނުވާފައިވާ ބޮމެއް

އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީ އިސް ބައެއް ފަރާތްތަކަށާއި، ރައީސު ޑޮނާލްޑް ޓްރަމްޕަށް ފާޑުކިޔާ ބައެއް ފަރާތްތަކަށް 10 'ޕައިޕް ބޮން' ފޮނުވި ފަރާތެއް އެނގޭތޯ ފްލޮރިޑާގެ މިޔާމީ ކައިރީގައި ހުންނަ މެއިލް ސެންޓަރެއް ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ފާސްކޮށްފިއެވެ.
ޕޯސްޓުން ފުނުވާފައިވާ ބޮންތަކުގެ ދެރެއިން ދެބޮން ލިބުނު ނިއުުޔޯކުގެ ޕޮލިސް ކޮމިޝަނަރު ޖޭމްސް އޮނީލް ވިދާޅުވި ގޮތުގައި ތަހުގީގުކުރާ ފަރާތްތަކުން ބުނެފައިވަނީ އެ ބޮންތަކަކީ ގޮވުމުގެ ގާބިލުކަން ލިބިފައިވާ ބޮންތަކެއް ކަމަށް އެމީހުން ބަލާކަމަށެވެ.
ސަލާމަތީ ބާރުތަކާ ގުޅުންހުރި މަސްދަރަކުން ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދިން ގޮތުގައި ޕާރުސަލުގައި ފޮނުވާފައިވާ ބޮންތައް ހަަދާފައިވަނީ އެފަދަ ބޮން ހެދުމާ ގުޅޭގޮތުން އިންޓަނެޓުގައި އާއްމުކޮށްފައިވާ މައުލޫމާތު ބަަލައިގެންނެވެ. ތަހުގީގުކުރާ ފަރާތްތަކުން ގަބޫލުުކުރާ ގޮތުގައި، އެ ލިބެންވާ ފަރާތްތަކާ ހަމައަށް ދިއުމުގެ ކުރިން ހުއްޓުވިފައިވާ އެ ޕާރުސަލުތައް ކޮންވެސް ހިސާބަކުން ދަތުރުކޮށްފައިވަނީ ޔޫއެސް ޕޯސްޓަލް ސާވިސްގެ ތެރެއިންނެވެ. އެއިން އެެއްވެސް ޕާރުސަލެއް ގޮވާފައި ނުވެއެވެ. އަދި އެެއްވެސް މީހަކަ އަނިޔާވެފައި ނުވެއެވެ.
ފޮކްސް ނިއުސް ޗެނެލްގައި ވާހަކަފުޅުދައްކަވަމުން ހޯމްލޭންޑް ސެކްރެޓަރީ ކްރިސްޓްޔެން ނެލްސަން ވިދާޅުވިގޮތުގައި އޭގެ ތެރެއިން ބައެެއް ޕާރުސަލް ޕޯސްޓްކުރެވިފައިވަނީ ފްލޮރިޑާއިންނެވެ.
"ބައެއް ޕާރުސަލްތައް ފޮނުވިފައިވަނީ ޕޯސްޓުން. އެ ޕާރުސަލްތައް، އެއިން ބައެއް، އައިސްފައިވަނީ ފްލޮރިޑާއިން. މިކަން ކުރި މީހަކު ނުވަތަ ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނެވޭނެކަން އަހަންނަށް ޔަގީން." އޭނާ ވިދާޅުވިއެވެ.
މިޔާމީ ފުލުހުން ބުނި ގޮތުގައި، ފޮނުވުނު ޕާރުސަލުތަކުގެ ތެރެއިން ބައެެއް ޕާރުސަލް ޕޯސްޓްކުރިކަމަށް ބެލެވޭ ފްލޮރިޑާގެ މެއިލް ސެންޓަރެއް ބޮމްބް ސްކްއާޑުން ވަނީ ބަލާފައެވެ.
ގިނަ މަސްއޫލުވެރިން ދެކޭގޮތުގައި ދައުރުގެ މެދުތެރޭގައި ބާއްވާ އިންތިޚާބަށް ދެހަފަތާއަށް ވެފައިވަނިކޮށް މިފަދަ ބޮންތަކެއް ފޮނުވުމަކީ ޓެެރަރިޒަމްގެ އަމަލެކެވެ. ބޮންހެދުމާ ބެހޭ މާހިރުން ދެކޭ ގޮތުގައި މި ބޮންތަކަކީ ބަޔަކު މެރުމަށްވުރެ ބޮޑަށް ބިރުވެރިކަމް ފެތުރުމަށް އަމާޒުކޮށް ހަދާފައިވާ ބޮންތަކެކެވެ.
މި ބޮންތައް އެޑްރެސްކުރެވިފައިވާ ބޭފުޅުންގެ ތެރޭގައި ޑިމޮކްރެޓިކް ޕާޓީއަށް އެންމެ ގިނައިން ޚަރަދުކުރާ އެއް ފަރާތްކަމުގައިވާ މަޝްހޫރު ވިޔަފާރިވެރިޔާ ޖޯޖް ސޮރޯސްއާއި، ކުރީގެ ރައީސު ބަރަކް އޮބާމާއާއި، ކުރީގެ ޚާރިޖީ ވަޒީރު ހިލަރީ ކްލިންޓަންއާއި، ކުރީގެ އެޓާނީ ޖެނެރަލް އެރިކް ހޯލްޑާއާއި، ސީއައިއޭގެ ކުރީގެ ޑިރެކްޓަރ ޖޯން ބްރެނަންއާއި، ހައުފް އޮފް ރެޕްރެޒެންޓެޓިވްސްގައި ކެލިފޯނިޔާގެ މެންބަރު މެޒީން ވޯޓާސް ހިމެނިވަޑައިގަންނަވައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.