1978 ވަނަ އަހަރު އަނިޔާވެރިގޮތަކަށް އަންހެނަކާއި އޭނާގެ 4 އަހަރުގެ ފިރިހެން ދަރިފުޅު މަރާލުމުގެ ކުށް ސާބިތުވެ 38 އަހަރު ޖަލުގައި ހޭދަކުރި މީހަކަށް 21 މިލިއަން އެމެރިކާ ޑޮލަރު ބަދަލުގެ ގޮތުގައި ދޭން ކެލިފޯނިޔާގެ ސިމީ ވެލީ ސިޓީން އެއްބަސްވެއްޖެއެވެ.
މިހާރު އުމުރުން 70 އަހަރުވެފައިވާ ކްރޭގް ރިޗަޑް ކޯލީ ޖަލުން ދޫކޮށްލީ 2017 ވަނަ އަހަރުގެ ނޮވެންބަރު މަހުގައި، ކެލިފޯނިޔާގެ އޭރުގެ ގަވަރުނަރު ޖެރީ ބްރައުން މާފުދެއްވުމުންނެވެ. މާފުދެއްވަމުން އޭނާ ވިދާޅުވީ އެ މައްސަލައިގެ އުނދަގޫ ތަހުގީގެއް ފަހުން ކުރިއިރު ޑީއެންއޭ ހެކިން ކޯލީގެ ކުށެއް ނެތްކަން ސާބިތުވީމައެވެ. ކޯލީގެ މައްޗަށް ހުކުމް ކުރި އިރު ޑީއެންއޭ ހެކި ބޭނުންކޮށްފައި ނުވެއެވެ.
އުމުރުން 24 އަހަރުގެ ރޮންޑާ ވިކްޓްއާއި އޭނާގެ 4 އަހަރުގެ ފިރިހެން ދަރިފުޅު އެމީހުންގެ އެޕާޓްމަންޓްގައި މަރާލާފައި ތިއްބާ ފެނުނީ 1978 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އެ މަރުގެ މައްސަލައިގައި ފުލުހުން ހައްޔަރުކުރީ ރޮންޑާއާއި ރައްޓެހިވެގެން 2 އަހަރު އުޅުމަށް ފަހު އޭރު ރުޅިވެ ވަކިވެފައި ހުރި ކްރޭގް ކޯލީއެވެ. އޭނާގެ މައްޗަށް ދައުވާކޮށް ކުށް ސާބިތުވެ އުމުރަށް ޖަލަށްލާން ހުކުމްކުރީ 1980 ވަނަ އަހަރުއެވެ.
އޭރު ކްރޭގް ކޯލީގެ މައްޗަށް ކުށް ސާބިތު ކުރީ ރޮންޑާގެ އަވަށްޓެރިއެއްގެ ހެކިބަހުގެ މައްޗަށް ބިނާކޮށެވެ. އެއަވަށްޓެރިޔާ ހެކިބަސް ދެމުން ބުނެފައިވާ ގޮތުގައި އެ ހާދިސާ ހިނގިރޭ ރޮންޑާގެ އެޕާޓްމަންޓް ދޮރުގައި ވަރަށް ބާރަށް ތަޅާ އަޑު އިވުނެއެވެ. ކޯލީ ދުއްވާ ޓްރަކް އެ ގެޔާ ދިމާއަށް ޕާކްކޮށްފައި އޮއްވާ ފެނުނެވެ. އަދި ކޯލީ ވައްތަރު ޖަހާ މީހަކު އެ ގެއިން ނުކުމެގެން ދާތަން ފެނުނެވެ.
ކުރިން އެމެރިކާ ސިފައިންގެ މީހެއްގެ ގޮތުގައި ވިއެޓްނާމް ހަނގުރާމައިގައިވެސް ބައިވެރިވި ކޯލީ އޭރު މަސައްކަތްކުރަމުން ދިޔައީ ރެސްޓޯރެންޓެއްގެ ނައިޓް މެނޭޖަރެއްގެ ގޮތުގައެވެ.
ކްރޭގް ކޯލީގެ ކުށެއް ނެތްކަން ސާބިތުކުރަން އެންމެ ބޮޑަށް މަސައްކަތްކުރީ ސިމީ ވެލީގެ ޕޮލިސް ޑިޓެކްޓިވެއް ކަމުގައިވާ މައިކް ބެންޑާއެވެ. އޭނާ ވަނީ ކޯލީގެ މައްޗަށް ކުރި ހުކުމް ރަނގަޅު ނޫންކަމަށް 1989 ވަނަ އަހަރުވެސް ބުނެފައެވެ. އޭނާގެ މަސައްކަތުން ތަހުގީގު އަލުން ފަށައި، ހާދިސާ ހިނގި ތަނުން ނަގާފައިވާ ޑީއެންއޭ ސާމްޕަލްތައް ޗެކްކުރި އިރު އެއްވެސް ސާމްޕަލެއް ކްރޭގް ކޯލީއާގެ ޑީއެންއޭއާ ދިމާނުވެއެވެ.
ދިގު ދެމިގެން ދިޔާ ގާނޫނީ މައްސަލަތަކަކަށް ފަހު، ސިމީ ވެލީ ސިޓީން އެއްބަސްވެފައި ވަނީ ކޯލީ ޖަލުގައި ހޭދަކުރި ކޮންމެ ދުވަހަކަށް އޭނާއަށް 145 ޑޮލަރު ދިނުމަށެވެ.
ދޭން އެއްބަސްވި ފައިސާގެ ތެރެއިން 4.9 މިލިއަން ޑޮލަރު ދޭނީ ސިޓީ ކައުންސިލުންނެވެ. ބާކީ ފައިސާ ދޭނީ އިންޝޫރެންސް ކުންފުނިތަކުންނެވެ.
"މިސްޓަރ ކޯލީއަށް ދިމާވިކަށް ފައިސާއިން ބަދަލެއް ނުދެވޭނެ. މިމައްސަލަ މި ގޮތަށް ނިންމުމަކީ ކޯލީއަށާއި، އަހަރުމެންގެ މުޖްތަމައަށް އެންމެ ރަނގަޅު ގޮތް." ސިމީ ވެލީ ސިޓީކައުންސިލުން ނެރުނު ބަޔާނެއްގައި ވެއެވެ.