ފާނޫޒު - 82 (އެންމެ ފަހު ބައި)

(17 އޮކްޓޯބަރ 2019ގައި ޝާއިއުކުރ ބަޔާ ގުޅޭ) 

ސާލާރް މަޣްރިބް ނަމާދުން އައި އިރު ނައުޝީން އާއެކު އިމާމާ ކާން ހަދަނީ އެވެ. ނައުޝީން އެކަނި ކާން ހަދަން އުޅުމުން 'އާމިނާ' އެކަމަށް އިންކާރު ކުރީއެވެ.

ނައުޝީން އޭރު ހުރީ ގެެއަށް ދާން ތައްޔާރުވެގެންނެވެ. "މިހާރު ދަރިންކޮޅު އުޅޭނެ ބަނޑުހައިވެގެން." އޭނާ ދެއްކި ބަހަނާ އަކީ އެއީއެވެ.

"ގޮވައިގެން އާދޭ މިގެއަށް." ސާލާރް ބުންޏެވެ.

"ނޫން. ތީ ބޮޑު ތަކުލީފެއްނު. އެހެން ނޫނަސް އަހަރެންގެ ދަރިފުޅު އިމާމާ ގެ ގޮތް އެނގެއެއްނު. މިގެއަށް އައިސްފަ ގެއަކަށް ނުދާނެ." ނައުޝީން ބޭނުންވީ ގެއަށް ދާށެވެ. "ސާލާރް އިމާމާ ދެކެ ވަރަށް ލޯބިވާނެ." ނައުޝީން ބުންޏެވެ.

އެވަގުތު އިމާމާ އާއި ސާލާރްގެ ހަތަރުކަޅި ބައްދަލުވިއެވެ. ސާލާރް އަވަސް އަވަހަށް އަނެއް ފަރާތަށް އެނބުރިފައި މޭޒުމަތީގައި ހުރި ޖަގުން ތަށްޓަކަށް ފެން އެޅިއެވެ. އިމާމާގެ މޫނަށް ޖަންބުކުލަ އެރިތަން ނައުޝީން އަށް ފެނުނެވެ. އޭނާއަށް ބުނެވުނު ވާހަކައިން އިމާމާ އެހައި ލަދުގަންނަންވީ ސަބަބެއް ނައުޝީނަކަށް ނުވިސްނުނެވެ.

"ދެ މީހުން ކައި. ހާރަށް އެއްޗެއް ހަދާނެ ކަމެއް ނެތް. އަހަރެން ފޮނުވާނަން." އެހެން ބުނެފައި ނައުޝީން ހިނގައްޖެއެވެ.

ސާލާރް ގޭގެ ދޮރު ލެއްޕިއެވެ. މަޑުމަޑުން ގޮސް ކާމޭޒުދޮށުގައި އިށީނެވެ. އޭނާ އިމާމާ އާ ވާހަކައެއް ނުދައްކައެވެ، ކާކަށްވެސް ނުފަށައެވެ، އިމާމާ ވެސް ލަދުން ހުރެފައި މޭޒުދޮށުގައި އިށީނެވެ. ސާލާރް ތަށްޓަށް ކާން އެޅީ އޭނާ އިށީނުމުންނެވެ. ބަތް ސަމުސަލެއް ނަގައިގެން ކާން ފެށިތަން ބަލަން އިނެވެ. އިމާމާ އޭނާއަށް ބަލާން އިމާމާ އިންކަން ސާލާރް އަށް އެނގެއެވެ. އެކަމަކު އޭނާ އިމާމާއަކަށް ނުބަލައެވެ. އަނގައިންވެސް ނުބުނެއެވެ. ކައި ނިންމީ އަނގައިން ނުބުނެ އިނދެއެވެ. އެ ހިމޭންކަމުން މިހާރު އިމާމާއަށް އުނދަގޫވާން ފެށިއެވެ. ސާލާރް އޭނާއާ ވާހަކަ ނުދައްކަނީ ކީއްވެހެއްޔެވެ؟

"އަހަރެން ފެނުމުން ހަމަ ހަގީގަތުގައިވެސް ޝޮކެއް ލިބުނީ ހެއްޔެވެ؟" އޭނާ ހިތަށް އެރިއެވެ. އިމާމާ ކާ ހިތް ކެނޑުނެވެ. ތަށި ހުސްނުކުރެވިފައި އޭނާ އިނެވެ. ސާލާރް ހަމަޖެހިލައިގެން އިނދެ ކަނީއެވެ. ކައި ނިމުނު އިރު ޢިޝާ ނަމާދަށް ބަންގި ގޮވަނީއެވެ. އިމާމާއަށް މަޑުނުކޮށް ސާލާރް ތެދުވިއެވެ. އިމާމާ އޭނާ ކާން އިން ތަށި ދުރަށް ޖެއްސިއެވެ. އެއަށް ފަހު މޭޒުމަތި ސާފުކުރަން ފެށިއެވެ. ސާލާރް ކޮޓަރިން ނުކުތީ އެއްޗެހި ބަދަލުކޮށްެގެންނެވެ. އިމާމާ އާއި އަނގައިން ނުބުނެ ނުކުމެގެން އޭނާ ދިޔައީ މިސްކިތަށެވެ.

އިމާމާ މޭޒުމަތިގައި ހުރި ކާއެއްޗެހި ފްރިޖަށް ލިއެވެ. އަދި މޭޒުމަތީގައި ހުރި ތަށިތައް ސިންކު ތެރޭގައި ބެހެއްޓިއެވެ. މޭޒުމަތި ދޮވެ ސާފުކުރުމަށް ފަހު ކޮޓަރިއަށް ގޮސް ނަމާދުކުރިއެވެ.

***

މިސްކިތުން އައިސް ސާލާރް ދޮރު ހުޅުވީ އަތުގައި އޮތް ތަޅުދަނޑިންނެވެ. އޭނާ އެތެރެއަށް ވަން އިރު އިމާމާ ހުރީ ތަށި ދޮންނާށެވެ. އޭނާ ހުރީ ސާލާރަށް ފުރަގަސްްދީގެންނެވެ. އޭނާ ގެ ދޯޕައްޓާ އޮތީ ސިޓިންރޫމުގައި ހުރި ސޯފާގައެވެ. އިމާމާ ދޯޕައްޓާ ނާޅައި ހުއްޓާ އޭނާއަށް ފުރަތަމަ ފެނުނީ ސަޢީދައްތަ މެންގެއިންނެވެ. އޭގެ ފަހުން މި ފެނުނީއެވެ. މީގެ ނުވަ އަހަރު ކުރިން އިމާމާ ވުޟޫކުރިއިރު ބަލަން އޭނާ ހުއްޓެވެ. ދޯޕައްޓާ ނަގާތޯ ކެތްމަދުވެފައެވެ. ނުވަ އަހަރު ފަހުން އޭނާގެ ދުޢާ އިޖާބަކުރެއްވީއެވެ. ގަބޫލުކުރަން ވެސް ދައްޗެވެ. އިމާމާގެ އިސްތަށިގަނޑު އޮތީ ފަހަތަށް އަައްސާފައެވެ. އޭނާ ހުރީ ހުދުކުލައިގެ ސްވެޓަރެއް ލައިގެންނެެވެ.

ކާވެނީގެ ލިޔުންތަކުގައި ސޮއިކުރި އިރު ހާޝިމް މުބީންގެ ދަރި އާމިނާ މުބީން އަކީ އިމާމާ އެކޭ އޭނާގެ ހިތަކަށް ނާރައެވެ. ނުވަތަ އެއީ އިމާމާގެ ބައްޕަ ހާޝިމް މުބީން އެކޭވެސް ހިތަކަށް ނާރައެވެ. އޭނައަށް އެނގިފައި އޮތް ގޮތުގައި އެއީ ސަޢީދައްތަގެ ދަރިއެވެ. އެ ކުއްޖާގެ ނަމަކީ އިމާމާ ހާޝިމް ކަމަށްވީ ނަމަވެސް އެއީ އިމާމާ ކަމަކަށް ސާލާރް ޝައްކެއް ނުކުރީހެވެ. އެކަމަކު ސަޢިދާއްތަގެ ބަގީޗާތެރެއިން އާމިނާ ފެނުމުން އޭނާގެ އަންހެނުންނަކީ އިމާމާކަން ކަށަވަރުވިއެވެ.

***

"އިމާމާ. ނުވަ އަހަރު އެއީ ކިތައް ދުވަސް، ކިތައް ގަޑިއިރު، ކިތައް މިނެޓުކަން އެނގޭތަ؟"

އޭނާގެ އަޑު ޖެހުމުން މީހަކު ގަނޑުވެދާނެއެވެ. ތިރީ ތުންފަތުގައި ބާރަށް ދަތް އަޅައިގެން ހުރެ އިމާމާ އިސްކުރު ބަންދުކުރިއެވެ. ސާލާރް ހުރީ އޭނާގެ ފަހަތުގައެވެ. ފަހތަށް އެނބުރޭ އިރު ގައިގައި ޖެހޭ ހިސާބުގައެވެ. އޭނާ ނޭނބުރެއެވެ. އިމާމާގެ ކަރުދޮށުން އޭނާގެ ނޭވާގެ ހޫނުކަން އިހުސާސް ކުރެވެއެވެ. ސާލާރް ހުރީ އޭނާ ކުރި ސުވާލުގެ ޖަވާބުގެ އިންތިޒާރުގައެވެ. އެ ސުވާލުގެ ޖަވާބެއް އިމާމާއަކަށް ނޭނގެއެވެ. އިސްކުރުގައި ބާރަށް ހިފަހައްޓައިގެން އިސްކުރުން ފައިބާ ފެންތިކިތަކަށް ބަލަން އޭނާ ހުއްޓެވެ.

"އަހަރެންގެ މަތިން ހަނދާން ކުރިންތަ؟ އެންމެ ފަހަރަކުވިޔަސް... ސާލާރް ސިކަންދަރްގެ މަތިން؟"

އެއީ ވަރަށް އުނދަގޫ ސުވާލެކެވެ. އިމާމާ ހިމޭނުން ހުރީއެވެ. ޖަވާބަށް އިންތިޒާރުކުރުމެއް ނެތި ސާލާރް ދެވަނަ ސުވާލުކުރިއެވެ. "ވަޖިދާއި ޖެހިގެން އޮންނަނީ ކޮން އެއްޗެއް؟ ބުނީމެއްނު ތަދޭ؟ އެއީ ރަނގަޅު ވާހަކައެއް. އެއީ ހަމަ ތަދު."

ސާލާރް އިރުކޮޅަކު ހިމޭނުން ހުއްޓެވެ. "އަހަންނަށް މިގޭގެ ހުރިހާ ތަނަކުން އިމާމާ ފެނުނު. މިހާރު ތިހިރީ މިގޭގައި. އަހަންނަކަށް ގަބޫލެއް ނުކުރެވޭ އަދިވެސް."

ތުރުތުރު އެޅުން ހުއްޓުވުމަށްޓަކައި އިމާމާ ސިންކުގެ ކަނުގައި ދެއަތުން ބާރަށް ހިފިއެވެ.

"ހީވަނީ ހުވަފެނެއްހެން. ލޯ ހުޅުވާލައިފިއްޔާ..." އޭނާ ވާހަކަ ހުއްޓައިލިއެވެ. އިމާމާ މިހާރު ހުރީ ލޯ މަރާލައިގެންނެވެ. "...ހުރިހާ އެއްޗެއްވެސް މިތާ ހުންނާނެ... އިމާމާ ނޫން ހުރިހާ އެއްޗެއް... އަދި އަހަރެން އަނެއްކާ ލޯ މަރާލައިފިނަމަ..."

އިމާމާ ލޯ ހުޅުވިއެވެ. ލޮލުން ފަައިބާ ކަރުނައިން އޭނާގެ ކޯތާފަތް މަތި ތެމިފޯވެއްޖެއެވެ.

"...އަަހަންނަށް އެ ހުވަފެން ނުފެނިދާނެ. އިމާމާ މިތާ ނުހުރެދާނެ. އިމާމާ ގައިގައި އަތްލާން ވެސް އަހަރެން ބިރުގަނޭ. އަހަންނަށް ހީވަނީ އިމާމާ ގައިގައި އަތްލާން އަހަރެން އުޅެފިނަމަ އިމާމާ ގެއްލިދާނެހެން." އޭނާ ހުރީ އިމާމާ އާ ވަރަށް ކައިރީގައެވެ. ކުޑަކޮށް ގުދުވެލާ އިރަށް އޭނާގެ ތުންފަތް އިމާމާގެ އިސްތަށިގަނޑުގައި ޖެހޭ ހައި ކައިރީގައެވެ. އޭނާ ގުދެއްނުވެއެވެ. އެ ތަސްވީރު ގެއްލޭކަށް އޭނާ ބޭނުމެއް ނުވެއެވެ. "ތީ ކާކު؟ އިމާމާތަ؟ އާމިނާތަ؟ ތަސްވީރެއްތަ؟ ހިޔަންޏެއްތަ؟ ބުނަންތަ، އަހަރެން... އަހަރެން..." އޭނާ ވާހަކަ ހުއްޓައިލިއެވެ.  

އިމާމާގެ ލޮލުން ފައިބަން ފެށި ކަރުނަ އޭނާގެ ދަތްދޮޅިން ތިރިއަށް އޮހެން ފަށައިފިއެވެ. ސާލާރް ވާހަކަ ދެއްކުން ހުއްޓައިލީ ކީއްވެެގެން ކަމެއް އިމާމާއަކަށް ނޭނގެއެވެ. ހިމޭންކަމުގެ ސަބަބުން އޭނާއަށް މީގެ ކުރިން އުނދަގުލެއް ނުވެއެވެ. ސާލާރް އެހައިގިނަ އިރު ހިމޭނުން ހުރުމުން އިމާމާ ފަހަތަށް އެނބުރެނެވެ. އޭނާ ހިމޭންވީ ކީއްވެގެންކަން އިމާމާއަށް އެނގުނެވެ. ސާލާރްގެ ލޮލުންވެސް ކަރުނަ ފައިބަނީއެވެ. މިއީ އިމާމާ އާއި ސާލާރް މިހައި ގައިގޯޅިވީ ފުރަތަމަ ފަހަރެވެ. ދެމީހުން ތިބީ އެކެއްގެ ލޮލުން އަނެކަކު ފެންނަހައި ކައިރީގައެވެ. ސާލާރް ފަހަތަށް ޖެހިލިއެވެ. އަދި ލޮލުން ކަރުނަ ފޮހެލިއެވެ.

"އަހަންނަށް ކޯޗެއް ފޮރުވަން ތިއުޅެނީ؟ އަހަރެންވެސް ސާލާރް އަށް ފޮރުވާނެ އެއްޗެއް ނެތް. ދެމީހުންނަށް އެކަކު އަނެކަކު ނުލާހިކު ރަނގަޅަށް އެނގޭ." އިމާމާ ބުންޏެވެ.

ސާލާރް އިސް އުފުލައިލިއެވެ. "ނުފޮރުވަން އެކައްޗެއްވެސް. ލޮލުން ފޭބި ކަރުނަ ފޮހެލީ. އޭރުން އަހަންނަށް ރީތިކޮށް އިމާމާ ފެންނާނީ." ސާލާރް ހުރީ އޭނާގެ ކަންފަތުލާ އެއްޗަށް ބަލަހައްޓައިގެންނެވެ. ކުރިންވެސް އޭނާ ފުރަތަމަ އަޅައިގަތް އެއްޗަކީ އެއެވެ. މިއަދުވެސް އޭނާއަށް ފެންނަނީ އެއެވެ.

"އަހަރެން ހިއެއް ނުކުރަން މިހައި ކައިރިން ބައްދަލުވާނެއެކޭ. މިގޮތަށް ވާހަކަ ދައްކާލެވޭނެއެކޭ." ސާލާރް ބުންޏެވެ. އޭނާ ހިނިތުންވެލިއެވެ. ލޯ ހުރީ އަދިވެސް ތެމިފައެވެ. އިމާމާއަށް އޭނާގެ ކޮލުގައި ހުރި އަޑިކޮޅު ފެނުނެވެ. އެ ޑިމްޕަލް ފެނުމުން ކުރިން އޭނާ ވަރަށް ރުޅި އައެވެ. މިހާރު އޭނާއަށް އެ އަޑިކޮޅު ވަރަށް ކަމުދިޔައެވެ.

"އަހަރެން ހިއެއް ނުކުރަން، ކަންފަތުލާ އެތީގައި އަތްލެވޭ ވަރަށް ދުވަހަކުވެސް ކައިރިވެވޭނެކަމަކަށް..." އޭނާ އޭގައި އަތް ޖައްސައިލިއެވެ. "... އަހަރެންގެ ގައިގައި އެތިފަހަރެއް ނުޖަހާނެ ކަމަކަށް..."

އިމާމާ ހައިރާންވެފައި އޭނާއަށް ބަލައިލިއެވެ. ސާލާރް ހުރީ ވަަރަށް ސީރިއަސްވެފައެވެ. އިމާމާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އޭނާގެ ލޯ ވެސް ހުރީ ތެމިފައެވެ. "އަދިވެސް ހަނދާން އެބަހުރިތަ އެ އެތިފަހަރު މަތިން؟ އެއީ ގަސްތުގައި ކުރި ކަމެއް ނޫން." ކަރުނަ ފޮހެލަމުން އޭނާ ބުންޏެވެ. ސާލާރް ހީނލިއެވެ. ކޮލުގައި ހުރި އަޑިކޮޅު ބޮޑަށް ފާޅުވިއެވެ. ސާލާރް މަޑުމަޑުން އިމާމާގެ ދެއަތް ނަގައި އޭނާގެ އަތުތެރެއަށް ލިއެވެ.

"އަހަރެން މި ހުރިހައި ދުވަހު އުޅުނު ތަނެއް އެނގޭތަ؟ ކުރިކަމަކާ؟ މި ނުވަ އަހަރު؟"

ނޫނެކޭ ބުނުމުގެ ގޮތުން ސާލާރް ބޯ ހޫރައިލިއެވެ. އަދި އިމާމާގެ ދެއަތް ނަގައި އޭނާގެ މޭގައި ޖެއްސިއެވެ.

"ނޫން. އެއްވެސް ކަމެއް ބަލާކަށް ބޭނުމެއް ނޫން. އެއްވެސް ކަމެއް. އަހަރެންގެ އެއްވެސް ސުވާލެއް ނެތް. މިހާރު ތިހިރީ އަހަރެންގެ އަތު ތެރޭގައި. އެވަރުން ފުދޭ. އެހެން ނޫނަސް އަހަރެން ކަހަލަ މީހަކު މީހެއްގެ ކައިރިން އަހަން އޮންނާނީ ކޮން ވާހަކައެއް؟"

އޭނާ ހުރީ އަދިވެސް އިމާމާގެ އަތުގައި ހިފަހައްޓައިގެންނެވެ. އޭނާގެ މޭގައިި އިމާމާގެ ދެއަތުން ފިއްތާލައިގެންނެވެ. ސިންކު ދޮށުގައި އެހައި ގިނައިރު ހުރުމުގެ ސަބަބުން އިމާމާގެ އަތްތިލަ ހީވަނީ ގަނޑުފެން ހެންނެވެ. ސާލާރް އޭނާގެ އަތުގައި އެގޮތަށް ހިފަހައްޓައިގެން ހުރީ ކީއްވެގެން ކަން އިމާމާއަށް އެނގެއެވެ. ގަސްތުގައި ނުވަތަ ނޭނގިނަމަވެސް އޭނާ އިމާމާގެ އަތް ހޫނުކޮށްދެނީއެވެ. ސްވެޓަރުގެ ތެރެއިން ސާލާރްގެ ހިތުގެ ވިންދު އޭނާއަށް އިހުސާސް ކުރެވެއެވެ. ސާލާރްގެ ހިތް އާދަޔާ ޚިލާފަަށް ބާރަށް ތެޅެއެވެ. ސާލާރްގެ ހިތުގައި އަތް ބާއްވާލާފައި އޮތުމުން އޭނާ އާ ސާލާރް އާ ވަނީ ގުޅިފައެވެ.

މި މީހާ އޭނާ ދެކެ ލޯބިވެއެވެ. އެއީ ކީއްވެގެން ކަމެއް އޭނާއަކަށް ނޭނގެއެވެ. އެ ވާހަކަ ސާލާރް އަށް ވެސް ބުނެދެވޭނެހެން އިމާމާއަކަށް ހިއެއްނުވެއެވެ. ސާލާރް ހުރީ އިމާމާގެ އަތް އޭނާގެ މޭގައި ޖައްސާލައިގެން ލޯ މަރައިލައިގެންނެވެ. އޭނާ ލޯ ހުޅުވައިގެން ހުއްޓަސް މިހާރު އިމާމާގެ މައްސަލައެއް ނެތެވެ.

"އަހަރެމެން މީ ކޮން ބައެއް؟ އަހަރެެމެން މިވަނީ ކޮން ލޯތްބެއް؟ އަހަރެމެން ބޭނުންވަނީ ކޮންކަމެއް؟ އަހަރެމެންނަށް ލިބެނީ ކޯޗެއް؟" އިމާާމާގެ ލޯ އަނެއްކާވެސް ކަރުނައިން ފުރިއްޖެއެވެ. "ޖަލާލް އަންޞާރް އާއި ސާލާރް ސިކަންދަރް... ހުވަފެނަކާއި ހަގީގަތެއް... ހަގީގަތަށް ބަދަލުވީ ހުވަފެން... ދިރިއުޅުމަކީ މި ނޫން ކޯޗެއްހެއްޔެވެ؟"

އިމާމާ މަޑުމަޑުން އޭނާގެ އަތް ދަމައިގަތެވެ. ސާލާރް ލޯ ހުޅުވިއެވެ. އޭނާގެ ލޮލުން އެ ފެންނަ ޖަޒުބާތު އިހުސާސްކުރެވޭނީ ހަމައެކަނި އިމާމާއަށެވެ. ކަންބޮޑުވުމާއި، ބިރުވެރިކަމާއި، ހާސްކަމެވެ. އިމާމާގެ ނަޒަރު ހުއްޓުނީ ސާލާރްގެ ކަޅުކުލައިގެ ސްވެޓަރުގެ ތެރެއިން ފެންނަ ހުދުކު ގިރުވާނަށެވެ.

އޭނާ ސާލާރްގެ ކޮނޑުމަތީން ކަރުގައި އަތް އަޅުވައިލިއެވެ. އަދި މޭމަތީގައި ބޯ އަޅައިލިއެވެ. ސާލާރްގެ ގައިން މަޑުމަޑު މީރު ސެންޓުވަހެއް ދުވައެވެ. މީގެ ކުރިން އޭނާ ބޭނުންކުރަނީ ވަރަށް ވަސްގަދަ ސެންޓެވެ. މިހާރު؟

ސާލާރް ހުރީ ހިރިލާން ވެސް ނުކެރިފައެވެ. ވަނީ ކީއްކަން ނޭނގޭތީއެވެ. ދެން އޭނާ އިމާމާ ގަޔާއި ކައިރިކޮށްލާފައި ބާރަށް ބައްދައިލިއެވެ. "މިއީ އަހަންނަށް ލިބޭ ފަޚުރެއް" އޭނާ ވައި އަޑުން ބުންޏެވެ. އަދި އިމާމާގެ ދެ ލޮލުގައި ބޮސްދިނެވެ.

***

އިމާމާ އިނީ ސާލާރް އާއެކު ކަޢުބަތުﷲ ގެފުޅު އަރިހުގައެވެ. ސާލާރް އިށީނދެނގެން އިނީ އޭނާގެ ކަނާތްފަރާތުގައެވެ. މިއީ އެ މީހުން މިތަނުގައި ހޭދަކުރާ އެންމެ ފަހު ރެއެވެ. އެ މީހުން މިތަނަށް އައީ މީގެ ދެ ހަފްތާ ކުރިންނެވެ. އެ މީހުން ދަމު ނަމާދުކޮށް ނިމުނީއެވެ. އެހެން ރޭރޭ ދަމު ނަމާދުކޮށް ނިމުމުން ދަނީ ގެއަށެވެ. މިރޭ އެ މީހުން މަޑުކުރީއެވެ. އެމީހުންނާ ކަޢުބާ އާއި ދެމެދު އެތައް ބަޔަކު ތިއްބެވެ. އެހެންނަމަވެސް އިށީނދެގެން ތިބި ތަނުން ގެފުޅުގެ ދޮރުކޮޅު އެމީހުންނަށް ފެނެއެވެ.

އެތަނުގައި އިށީނދެ ތިބި އިރު އެ ދެމީހުންގެ ޚިޔާލަށް ގެނައީ އެއް ހުވަފެނެކެވެ. ދެ މީހުން ތިބީ ހުވަފެނީ ދުނިޔެއަށް ގެއްލިފައެވެ. ޙަރަމްފުޅުގެ ތަޅުންމަތީގައި ދެފައި ވަށްކޮށްގެން އިނދެ ސާލާރް އައްރަޙްމާން ސޫރަތް ކިޔަވަނީއެވެ. އިމާމާ އިނީ އޭނާއަށްވުރެ ތަންކޮޅެއް ފަހަތުގައެވެ. ޤުރްއާން ކިޔަވަމުން ސާލާރް ފަހަތަށް އެނބުރިލާފައި އިމާމާގެ އަތުގައި ހިފައި އޭނާގެ ކައިރިއަށް އަންނަން އިޝާރާތް ކުރިއެވެ. އޭނާ އިމާމާގެ އަތުން ދޫކޮށްލިއެވެ. އޭނާގެ ސަމާލުކަން ހުރީ ކަޢުބާ އަށެވެ. އިމާމާވެސް އިނީ ކަޢުބާއަށް ބަލަހައްޓައިގެންނެވެ. އޭނާ އިނީ ފިރިމީހާގެ ރީތި އަޑުން ޤުރްއާން ކިޔަވާ އަޑު އަހާށެވެ.

فَبِأَيِّ آَلَاءِ رَبِّكُمَا تُكَذِّبَانِ

"ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް އިންކާރު ކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟"

ނުވަ އަހަރު ކުރިން ހާޝިމް މުބީން ބުންޏެވެ. "ތި ނިންމުމާ މެދު ފަހުން ދަރިފުޅު ހިތާމަކުރާނެ. ދަރިފުޅަށް މި ދުނިޔެއިން ލިބޭނެ އެއްވެސް އެއްޗެއް ނޯންނާނެ." ހާޝިމް މުބީން އޭނާގެ މޫނުމަތީގައި ޖެހިއެވެ. "ހިތާމަ އާއި އެކަނިވެރިކަން ފިޔަވައި އެއްވެސް އެއްޗެއް ނުލިބޭނެ. ތިކަހަަލަ އަންހެން ދަރިންނަށް ކަލާނގެ މުޞީބާތް ޖައްސަވާނެ؛ މީހުންނަށް ތި މޫނު ދައްކާކަށް ދުވަހަކުވެސް ނުކެރޭނެ." އޭނާ ދެވަނަ ފަހަރަށް އިމާމާގެ ގައިގައި ޖެހިއެވެ.

އިމާމާގެ ދެލޯ ކަރުނައިން ފުރުނެވެ. އޭނާގެ ކަންފަތުގައި ގުގުމައިގަތީ ހާޝިމް މުބީންގެ އަޑެވެ. "އަދި އެނބުރި އަންނާނެ. ރޮއި އާދޭސް ކުރަމުން އަންނާނެ. ގެއަށް ނާދެވިގެން ރޯނެ. މާފަށް އެދޭނެ. އަދި ގޯސް ހެދުނު ކަމަށް އިއުތިރާފުވާނެ..." އިމާމާގެ ތުންފަތަށް ހިތި ހިނިތުންވުމެއް ވެރިވިއެވެ.

"ބައްޕާ. އަހަރެން އެދެނީ..." އޭނާ ސިއްރުސިއްރުން ބުންޏެވެ. "ކޮންމެވެސް ދުވަހަކުން ބައްޕައާއި ބައްދަލުކުރަން. އެ ދުވަހަކުން މޫނުމަތިން ލަދުވެތި ކަމުގެ އެއްވެސް އަސަރެއް ނުފެންނާނެ. ﷲ އާއި އެކަލާނގެ ރަސޫލާ އަހަންނަށް ޙިމާޔަތް ދެއްވައިފި. މި ދުނިޔެ މަތިން އަހަރެންނަށް ވަނީ ރައްކާތެރިކަން ދެއްވާފައި. ޤިޔާމަތް ދުވަހުން ލަދުގަންނާނެ އެއްވެސް ކަމެއް ނެތް؛ މިއަދު އަހަރެން މިތާ މީނީ ހެޔޮ މަގުގައި ހުރެވުނީތީ. މިތާ އިށީނދެ އިނދެވެސް މުޙައްމަދުގެފާނާ ހަމައިން ނަބީކަން ޚަތިމުކުރައްވާފައިވާ ކަމަށް އަހަރެން ގަބޫލުކުރަން. އެކަލޭގެފާނަށް ފަހު އިތުރު ނަބިއްޔަކު ނުފޮނުއްވާ. ނުވެސް ފޮނުއްވާނެ. ފުރިހަމަ މުރައްބީ އަކީ އެއީކަން އަހަރެން ޔަގީންކުރަން. އަދި ރަސޫލާއަށް ވުރެ ފުރިހަމަ އެއްވެސް އިންސާނަކު ނުވާނެ ކަމަށް އަހަރެން ކަށަވަރުން ކުރަން. އެކަލޭގެފާނުގެ އާއިލާ އިންވެސް، އަދި ގާތް ތިމާގެ މީހުންގެ ތެރެއިންވެސް އެކަލޭގެފާނާ އެއްވަރު އެހެން ދެވަނަ މީހަކު ނުވޭ. އެކަލޭގެފާނާ އެހެން މީހަކު އެއްވަރުނުކުރާނެ ކަމަށް އަހަރެން ވަޢުދުވަން. އަދި އެކަހަލަ ހިތްވަރެއް ނުދެއްވަތްތޯ އަހަރެން ދުޢާކުރަން. އަހަރެންގެ ދުޢާ އަކީ ހެޔޮ މަގުގައި ސާބިތުކަމާއެކު އަހަރެން ލެހެއްޓެވުން. އަހަރެން ދުވަހަކުވެސް ﷲ ގެ ރަޙްމަތާއި ނިޢުމަތުގެ މަތީން ހަނދާން ނައްތައެއް ނުލާނަން."

ސާލާރް ރަޙްމާން ސޫރަތް ކިޔަވައި ނިންމިއެވެ. އިރުކޮޅަކު މަޑުކުރުމަށްފަހު އޭނާ ސަޖިދައަށް ތިރިވިއެވެ. ސަޖިދައިން ތެދުވެފައި ކޮޅަށް ތެދުވަން އުޅެފައި އޭނާ މަޑުކުރިއެވެ. އިމާމާ އިނީ ލޯ މަރާލައިގެންނެވެ. ދުޢާއަށް ދެ އަތް އުފުލައިގެންނެވެ. އިމާމާ ނިމެންދެން އޭނާ އިށީނެވެ.

އިމާމާ ދުޢާ ނިންމައިލިއެވެ. ސާލާރް ތެދުވަން އުޅުނެވެ. އެކަމަކު އޭނާއަކަށް ނުތެދުވެވުނެވެ. އިމާމާ އޭނާގެ ކަނާތުގައި ހިފިއެވެ. ސާލާރް ހައިރާންވެފައި އޭނާއަށް ބަލައިލިއެވެ.

ރޭގަނޑުގެ މި ވަގުތުގައި، ދެ ލޯ ކަރުނައިން ފުރިފައި ހުރި އިރުވެސް އިމާމާގެ މޫނުން އުފާވެރިކަން ފާޅުވެއެވެ. އިމާމާ ބުނެލިއެވެ. "މީހުން ބުނޭ އެ މީހަކު ލޯބިވާ މީހަކު އެމީހަކަށް ނުލިބޭނެއޭ. އެއީ ކީއްވެގެން ކަން އެނގޭތަ؟ އެއީ ލޯބީގައި ވެސް އިހުސާންތެރިކަން އޮންނާތީ. އިހުސާންތެރިކަމެއް ނެތިއްޔާ ލޯތްބެއް ނޯންނާނެ. ޖަލާލް ދެކެ އަހަރެން ލޯބިވިން. އަހަރެން އޭނައަށް ތެދުވެރިވިން. އޭނާ ލިބޭތޯ ނަމާދުކޮށް ދުޢާކުރިން. އެކަމަކު އަހަންނަށް އެ ހުވަފެން ހާސިލެއް ނުކުރެވުނު."

އޭނާ އިނީ ބިންމަތީގައި އިށީނދެގެންނެވެ. ސާލާރްގެ އަތުގައި މަޑުމަޑުން ހިފަހައްޓައިގެން އޭނާގެ ކަކޫ މަތީގައި ސާލާރްގެ އަތް ބާއްވާލައިގެންނެވެ.

ސާލާރް އޭނާގެ އަތަށް ބަލައިލިއެވެ. އިމާމާގެ ލޮލުން ފައިބާ ކަރުނަ އޮހެނީ އޭނގެ އަތަށެވެ. އޭނާ އިމާމާއަށް ބަލައިލިއެވެ.

"މިހާރު އިހުސާސްކުރެވޭ އަހަރެން އުފައްދަވާފައިވަނީ އަޅާލުން ލިބޭ ގޮތަށް ކަން. އަހަންނަށް އިހްތިރާމް ނުކުރާ، އަހަރެން ބަލައިނުގަންނަ މީހަކާ އަހަރެން ހަވާލުނުކުރެއްވީ އެހެންވީމަ. ޖަލާލް އާއެކު އުޅެން ޖެހުނު ނަމަ އަހަރެން އުޅެންޖެހޭނީ އަޅާލުން ނުލިބި. މީހުންގެ ކިބައިގައި ހުންނަ އެދެވޭ، ނޭދެވޭ ހުރިހާ ސިފައެއް އަހަންނަށް ތަޖުރިބާ ކުރެވެނު. އެ ހަގީގަތަށް ފަހު އަހަރެންގެ ކާވެނި ސަލާރް ސިކަންދަރް އާ ކުރެވުނީ އަހަރެން ދެކެ ހަގީގީ ލޯބިވާ ހަމައެކަނި މީހަކީ އޭނާއަށް ވީތީ. އަހަރެން މިތަނަށް ގެންނާނީ އެހެން ކާކު؟ އަހަރެން ދެކެ ހަގީގީ ލޯބިވާ ކަމަށް ސާލާރް ބުނީ އެއީ ހަމަ ރަނގަޅު ވާހަކައެއް."

ސާލާރް އިމާމާ އަށް ބަލަން އިނެވެ. އިމާމާ އޭނާގެ ކަކޫމަތިން ސާލާރް ގެ އަތް ނަގައި ބޮސް ދިނެވެ. އަދި އޭނާގެ ލޮލުގައި ސާލާރްގެ އަތް ޖައްސައިލިއެވެ.

"އަަހަންނަށް ސާލާރް ދެކެ ލޯބި ވެވޭނީ ކިހައިވަރަކަށް ކަމެއް ނޭނގޭ. އަހަރެންގެ ހިތުގެ ކޮންޓްރޯލު އަހަންނަކަށް ނެތް. އެކަމަކު އެއްކަމެއް އަހަންނަށް ޔަގީން. އަހަންނާއެކު ސާލާރް ހުރިހައި ދުވަހަކު އަހަރެން ސާލާރަށް ކިޔަމަންތެރިވާނަން، ވަފާތެރިވާނަން. ދިމާވާ ކޮންމެ ދައްޗެއްގައި ސާލާރާއެކު ވާނަން. ކޮންމެ ކަމަކާ ކުރިމަތިލާން ޖެހުނަސް އެކަމަކަށް އެއްބާރުލުން ދޭނަން. އުފަލާއި ހިތާމަ ހިއްސާކުރާނަން. ސާލާރް އާއެކު އަބަދުވެސް ވާނަން." އޭނާ މަޑުމަޑުން ސާލާރް ގެ އަތުން އަތް ދޫކޮށްލިއެވެ. ސާލާރް އިނީ އިސްދަށަށް ޖަހައިގެންނެވެ.

އަނގައިން ނުބުނެ ސާލާރް ތެދުވިއެވެ. އޭނާ ގެފުޅުގެ ދޮރުކޮޅަށް ބަލައިލިއެވެ. އޭނާއަށް ލިބިފައި މިވަނީ ހެޔޮލަފާ، ޚުލްގު ހެޔޮ އަތްނބެކެވެ. އޭނާ ދުޢާކުރި ފަދަ އަތްނބެކެވެ. އޭނާއަށް ނުދެއްވަނީ ކޮން ނިއުމަތެއް ހެއްޔެވެ؟ އިމާމާ ވެސް އޭނާ އާއެކު ތެދުވިއެވެ. އޭނާގެ ބޮލުގައި އެޅިފައިވަނީ ކިހައި ބޮޑު ޒިއްމާއެއްކަން އެވަގުތު ސާލާރް އަށް އިހުސާސްވިއެވެ.

ސާލާރް އިމާމާގެ އަތުގައި ހިފިއެވެ. އެ މީހުން އެތަނުން ދާން ތައްޔާރުވަނީއެވެ. އޭނާއަށް ބަލަހައްޓަން ޖެހިފައިމިވަނީ ތެދުމަގު ޚިޔާރުކުރުމަށް މައިންބަފައިންނާ ގެދޮރު ދޫކޮށްލި އަންހެނެކެވެ. އަންހެނަކަށް ވިޔަސް ދުނިޔަވީ އެއްވެސް ކަމެއްގެ އަވައިގައި ނުޖެހި ކުރިއަށް ދިޔަ އަންހެނެކެވެ. އޭނާގެ އަތުގައި ހިފައިގެން މީހުންގެ ތެރެއިން ސާލާރް މަޑުމަޑުން ހިނގަން ފެށިއެވެ. ހިނގަމުން ދިޔައިރު ތަގުވާވެރިކަމާއި، ކިޔަމަންތެރިކަމާއި، ޒާހިދުކަމުގެ މާނަ އޭނާއަށް އިހުސާސް ކުރެވުނެވެ. އިމާމާ ހުރީ އޭނާއަށް ވުރެ ދެ ތިން ފޫޓު ކުރީގައެވެ. އެ މީހުން މަޑުމަޑުން ހިނގާފައި ގޮސް އެތަނުން ނުކުތެވެ.

ސާލާރް އަށް ހީވީ އޭނާގެ ކުރިމަތީގައި އޭނާގެ މާޒީ ނިއުޅުވެމުން ދިޔަހެންނެވެ. އޭނާގެ ހިތަށް ބިރުވެރިކަން ވަނެވެ. ކުރެވުނު ފާފަ އާއި ނުބައިކަމުގެ ބަދަލުގައި އޭނާ އަށް ލިބިފައިވާ ނިއުމަތްތައް ގިނަގުނައެވެ. އޭނާ އަކީ އައިކިއު 150 ގައި ހުރި މީހެކެވެ. ލިބިފައިވަނީ ފޮޓޯގްރެފިކް މެމަރީ އެކެވެ. އެ ފަދަ ނިއުމަތްތައް ލިބިފައިވީ ނަމަވެސް މީހަކު ހެޔޮ މަގުން އެއްކިބާ ވެ އަނދިރި ވަޅުގަނޑަަކަށް ވެއްޓިދާނެއެވެ. އޭނާ ކިތަންމެ ފަހަރަކު އަނދިރި ވަޅުގަނޑަކަށް ވެއްޓުނެވެ. އެތައް ގޮތަކުންނެވެ. ލިބިފައިވާ އެތަކެއް ހުނަރެއްގެ ބޭނުން ނުހިފި ވެސް ދިޔައެވެ. އައިކިއު އާއި ފޮޓޯގްރެފިކް މެމަރީގެ ބޭނުން ނުހިފި ދާ ފަހަރު ވެސް ދިޔައެވެ.

އޭނާގެ ކުރިމަތިން ހިނގާފައި އެ ދާ އަންހެން މީހާއަކީ އެފަދަ އެއްވެސް ނިއުމަތެއް ލިބިފައިވާ މީހެއް ނޫނެވެ. އެކަމަކު އޭނާއަށް ފުރަތަމަ ފެނުނީ ފާނޫޒެއް ކަހަލަ އައްޔެކެވެ. އެ އަލީގެ އެހީގައި ކުރިއަށް ގޮސް އޭނާ އަނދިރި މަގުން އަލިމަގު ޚިޔާރުކުރީއެވެ. އަނދިރި ވަޅުގަނޑަށް އެއްފަހަރުވެސް ނުވެއްޓެއެވެ. އޭނާގެ ކުރިމަތީން ފެންނާން ހުރި ފާނޫޒުގެ އަލީގެ އެހީގައި ކުރިއަށް ދިޔައީއެވެ. އެ ފާނޫޒަކީ ﷲ ތަޢާލާ ދެއްކެވި ހެޔޮ މަގެވެ. މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްއެވެ.

(ނިމުނީ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

16 ޚިޔާލު

  1. މިއީ މިހާތަނަށް އަހަރެން ކީ އެންމެ ރީތި ވާހަކަ. އަސްލު ވާހަކައަކީ މިއީ. ނޫސްނޫހުގައި މިހާރު ހުންނަ ވާހަކަތައް ކީމާ ލިބޭ ފިލާވަޅެއް ނެތް. މީހާއަށް އަންނަ ބަދަލެއް ނެތް. މިއީ ވާހަކައިގެ ރީތި މިސާލެއް. ތަރުޖަމާާ ކުރުމުގެވެސް ރީތި މިސާލެއް. އައިމިނަތު ސައީދަށް މަރުހަބާއާއި ސާބަސް. އަނެއްކާވެސް މިކަހަލަަ ރީތި މޮޅު ވާހަކައެއް ގެނެސްދޭނެކަމަށް އުއްމީދު ކުރަން. މި އަސަރު ދިވެހި ބަހުން ގެނެސްދޭން އެގޭނީ ވަރަށް މަދު މީހަކަށް. އައިމިނަތު ސައީދާާ ބައްދަލު ކުރަން ވަރަށް ބޭނުން. މިފަދަ ރީތިކޮށް ލިޔުނު ބޭފުޅަކާ ސަލާން ކޮށްލުމަކީ ލިބޭނޭ ފަހުރެއް.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.