ފާނޫޒު - 48

(3 ސެޕްޓެންބަރު 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ބިރު ގަންނަން ޖެހޭ އިތުރު ސަބަބެއް އޮވެގެން ނުވާނެ. ޤުރްއާން ކިޔަވަންޏާ، ކުރިން ކިތަންމެ ގިނައިން ފާފަކޮށްފައި ހުއްޓަސް ގުރްއާން ހިތުދަސް ކުރެވޭނެ. މިހާރު ފާފަކުރުން ހުއްޓާލައިފީމެއްނު. އެވަރުން ފުދޭނެ. ﷲ އިރާދަކުރެއްވިއްޔާ ސާލާރަށް ޤުރްއާން ހިތުދަސްކުރެވޭނެ. ﷲ ގެ ރަޙުމަތްފުޅާ ލައިގެން މެނުވީ ކިތަންމެ މަސައްކަތެއް ކުރިޔަސް ދަހެއް ނުކުރެވޭނެ." ޚާލިދު ސާލާރްގެ މައްސަލަ ހައްލުކޮށްދިނެވެ.

ނިދަން އުޅެއުޅެ ސާލާރަށް އެރޭ ނިދޭގޮތެއްނުވިއެވެ. ރޭ ދެބައިވި ފަހުން ތެދުވެ އޭނާ ޤުރްއާނުގެ ފުރަތަމަ ފޮތް ހުޅުވިއެވެ. އެރޭ އޭނާ ޤުރްއާން ދަސްކުރަން ފެށިއެވެ. ފެށިއިރު އޭނާ ބިރުން ތުރުތުރު އަޅައެވެ. ދަސްކުރަމުން ދިޔައިރު ޚާލިދު އަބްދުލްރަޙްމާން ބުނީ ރަނގަޅު ވާހަކައެއްކަން އޭނާއަށް އެނގުނެވެ. މިހާރުވެސް ޤުރްއާނުގެ ބޮޑުބައެއް އޭނާ ހިތުދަހެވެ. ފަށައިގަތް އިރު ހިތުގައި އުފެދިފައި އޮތް ބިރުވެރިކަން މާގިނަ ދުވަހަކު ނެތެވެ. އޭނާގެ ހިތަށާއި ސިކުނޑިއަށް ހަކަތަ ލިބެމުންދިޔަ ގޮތެއްވެސް ނޭނގެއެވެ. ފަރިތަކަމާއެކު ފަހަރަކު އާޔަތެއް ކިޔަވަމުން ދިޔައެވެ. އޭނާއަށް އެހީތެރިވަނީ ކާކު ހެއްޔެވެ؟ ތުރުތުރު އަޅަމުންދިޔަ އަތް ރަގަނޅުކުރީ ކާކު، ކިހިނެއް ހެއްޔެވެ؟

ފަތިސް ނަމާދަށް ބަންގި ގޮވުމުގެ އިރުކޮޅެއް ކުރިން ސާލާރްގެ ލޮލުން ކަރުނަ އޮހެން ފެށިއެވެ. އެއީ ވޭތެވެދިޔަ ފަސްގަޑިއިރުތެރޭގައި އޭނާ ހިތުދަސްކުރިބައި އެއްކޮށް ހިތުން ކިޔައި ނިމުނު ވަގުތެވެ. ކުށެއް ނުޖެހެއެވެ. އެންމެ އަކުރެއްވެސް ހަނދާން ނުނެތެއެވެ. އޭނާގެ ދޫ ފަރިތަވިޔަސް ގިސްލެވެން ފެށުމުން ކިޔެވޭލެއް ތަންކޮޅެއް ލަސްވިއެވެ.

"ﷲ އިރާދަކުރެއްވިއްޔާ ސާލާރަށް ޤުރްއާން ހިތުދަސްކުރެވޭނެއެވެ. ﷲ ގެ ރަޙުމަތްފުޅާ ލައިގެން މެނުވީ ކިތަންމެ މަސައްކަތެއް ކުރިޔަސް ދަހެއް ނުކުރެވޭނެއެވެ." ޚާލިދް ޢަބްދުލްރަޙްމާން ބުނި ވާހަކަ އޭނާގެ ހިތަށް އެރިއެވެ.

ފަތިސް ނަމާދުކޮށްގެން ހިތުދަސްކުރި ބައި ކެސެޓަކަށް ރިކޯޑު ކުރިއެވެ. މިފަހަރުވެސް ވަރަށް ފަރިތަކަމާއެކު ކިޔާލެވުނެވެ. ރާގުވެސް އެހައި ރީއްޗެވެ.

މިއީ ހަޔާތުގައި ކުރެވުނު މުޅިން އާ ކަމެކެވެ. އެކަމަކު އޭނާގެ ޑިޕްރެޝަން އަދި ރަނގަޅެއް ނުވެއެވެ. ބޭސް ނުކައި އަދިވެސް އޭނާއަށް ނުނިދެއެވެ. ކަނު އަނދިރި ދެކެ ބިރުގަންނާތީ ކޮޓަރީގެ ބޮކި ނިވާލެވޭކަށްވެސް ނޯވެއެވެ.

ހިތުދަސްކުރިބައި ކިޔައިދީ ނިމެންދެން ޚާލިދް ޢަބްދުއްރަޙްމާން އޭނާއަށް ބަަލަން އިނެވެ. ކިޔައިދީ ނިންމާފައި ފެންތަށި ނަގައިގެން ބޯން ފެށިތަނާ ޚާލިދު ބުންޏެވެ. "ސާލާރް ޙައްޖަށް ގޮސްގެން އުޅެނިކޮށް ރޭ ހުވަފެނުން ފެނުނު."

އަނގަޔަށް ލީ ފެންވެސް ސާލާރަށް ނުދިރުވުނެވެ. އޭނާ ފެންތަށި ބަހައްޓާފައި ޚާލިދަށް ބަލައިލިއެވެ.

"މިއަހަރު އެމްބީއޭ ނިމޭނެ އެއްނު؟ މިއަންނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރަން ދާންވާނެ." ޚާލިދު ބުންޏެވެ. ޚިޔާލަކަށް ގެއްލިފައި އިނދެ ސާލާރް ފެންފޮދު ދިރުވައިލިއެވެ. ޚާލިދުގެ ވާހަކައަށް ދެވޭނޭ ރައްދެއް މިފަހަރު ނެތެވެ.

އެމްބީއޭގެ ފަހު ސެމެސްޓަރ ފެށުމުގެ ދެ ހަފްތާ ކުރިން ސާލާރް ޤުރްއާން ހިތުދަސްކޮށް ނިންމައިފިއެވެ. ފަހު ސެމެސްޓަރ ނިމި، ހަތަރު ހަފްތާ ފަހުން، އުމުރުން 23 އަހަރާއި 6 މަހުގައި އޭނާ ފުރަތަމަ ޙައްޖުވިއެވެ. އެތަނަށް ދިޔައިރުވެސް އަދި އެނބުރި އައި އިރުވެސް އޭނާގެ ހިތަކު ބޮޑާކަމެއް ނުވަތަ ކިބުރުވެރިކަމެއް ނެތެވެ. އޭނާޔާއެކު ޕާކިސްތާނު މީހުން ތިބި ކޭންޕުގައި ތިބީ ނަސީބުވެރިންނެވެ. އެމީހުންނަށް ހައްޖުގެ އަޅުކަން އަދާކުރަން ދެވުނީ އެމީހުން ކުރި ހެޔޮ އަމަލުގެ ސަބަބުންނެވެ. އެކަމަކު ކުރެވިފައިވާ ފާފަތަކުގެ މަތިން ސާލާރް ހަނދާނެއް ނުނެތެއެވެ. އޭނާއަށް އެތަނަށް ދިއުމުގެ ފުރުސަތު ލިބުނީ ތައުބާވާށެވެ. ޤުރްއާން ހިތުދަސްނުކުރިނަމަ ހައްޖަށް ދިއުމުގެ ފިކުރެއް ދުވަހަކުވެސް ނުކުރެވޭނެއެވެ.

ދުރުގައި ހުރި އިރު މާތްވެގެންވާ ޙަރަމަށް ކުރިމަތިލާން ނުކެރުނު މީހަކަށް ކަޢުބަތުﷲ ގެފުޅަށް ކުރިމަތިލާނެ ހިތްވަރު ލިބުނީ ކިހިނެއްހެއްޔެވެ؟

ނަމަވެސް ޚާލިދް ޢަބްދުލްރަޙްމާންގެ ލަފަޔާއެކު އޭނާ ޙައްޖަށް ދިއުމަށް ލިޔެކިޔުންތައް ފުރީއެވެ. އެހެންމީހުން ޙައްޖަށް ދިޔައީ އެމީހުންގެ އެއްވެސް ފާފައެއް ނެތީމައެވެ. އަދި އެވަރަށް ހެޔޮ އަމަލު ކުރެވިފައި ހުރުމުންނެވެ. ސާލާރް ސިކަންދަރް އަށް ﷲގެ ހަޞްރަތުގައި ހުށަހަޅާނެ އޮތް ހަމައެކަނި އެއްޗަކީ އޭނާއަށް ކުރެވިފައި ހުރި ފާފަތަކެވެ.

"އެންމެ ރަނގަޅު، ބިރެއް ނެތި ފާފަކުރަން ކެރުނު ނަމަ، އެފާފަތަކަށް މާފުކޮށްދެއްވުމަށް އެދި ﷲގެ ޙަޟްރަތުގައި ދަންނަވަން އަހަންނަށް ކެރެންވާނެ. އިސްއުފުލައި ބަލައިލަން ނުކެރުނަސް މާފަށް އެދެން ކެރޭނެ. މި ޝަޒާ އަހަރެން ގަބޫލުކުރަން. މިއަށްވުރެ ބޮޑަށް ވެސް އަހަރެން ލަދުވެތިވާންޖެހޭނެ. ކޮންމެ އަހަރަކު ވެސް އަހަރެން ކަހަލަ އެކަކު މި ބިމަށް އަންނާނެ، ހެޔޮ އަމަލުގެ ބަދަލުގައި ފާފަކޮށްފައި ހުރި އެކަކު އަންނާނެ. މި އަހަރު މި އައީ ސާލާރް ސިކަންދަރް." އޭނާގެ ހިތަށް އެރިއެވެ.

***

ޙަރަމްފުޅަށް އާދެވުމުން ގިޔާމަތް ދުވަހު އެމީހަކު ކުރި ފާފަައިގެ ބުރަ އެމީހެއްގެ ބުރަކަށިމަތިން ބާލަން މަސައްކަތް ކުރާނެއޭ ބުނާ ބަހުގެ މާނަ އޭނާއަށް ސާފުވިއެވެ. އެތަނުގައި ހުރެގެން އޭނާގެ ފާފަތައް އޭނާއަށް ލިބިފައިހުރި ހުރިހާ މުދަލަކަށް ވިއްކިޔަސް ގަންނާނެ މީހަކު ނުވާނެއެވެ. ކުރެވުނު ހުރިހާ ނުބައިކަމެއް އެހެން މީހުން ކުރާ ހެޔޮ އަމަލާ މާރުކުރެވޭނެ ނަމައެވެ. އެ މުގައްދަސް ބިމުގައި އާދައިގެ ހުދު ފޮތިން އިހްރާމް ބަނދެގެން ތިބި އެތައް ހާސް މީހުންގެ ތެރޭގައި ސާލާރް ސިކަންދަރަކީ ކާކުކަން އެނގޭ މީހަކު ނެތެވެ. އޭނާގެ ތޫނުފިލިކަމާއި އޭނާ ކިޔެވިތަނަކާއި ކިޔެވި އެއްޗެއް މި ބިމުގައި މުހިއްމު ހެއްޔެވެ؟ އިލްމީ ގޮތުން ކިތަންމެ ގިނަ ކުރިއެރުންތަކެއް ހޯދާފައި ހުއްޓަސް މި ބިމުގައި އޭނާއެކޭ އެހެންމީހުންނެކޭ ތަފާތެއް ނެތެވެ. އެތަނުން މީހެއްގެ ގައިގައި އަޅައިގެންފައި ވެއްޓި މަރުވިޔަސް އެ ގެއްލުނީ ހާދާ ތޫނުފިލި މީހެކޭ ބުނާނޭ އެކަކުވެސް އެތާކު ނެެތެވެ.

ސާލާރްގެ ކިބައިގައި ހުރި ބޮޑާކަމާއި ބިރުވެރިކަން އޭނާގެ ހަށިގަނޑުން ފިލައި އޭނާ ސާފުވިއެވެ. އޭނާ އެތަނަށް ދިޔައީވެސް ތަޣައްޔަރުވެފައިވާ އެތެރެހަށި ސާފުކުރުމަށެވެ.

***

އެމްބީއޭ ނިމި، ނަތީޖާ ލިބުނު އިރު ސާލާރަކީ މުޅި ޔުނިވަރސިޓީގެ އެއްވަނައެވެ. އޭނާގެ ގާބިލުކަން ޔުނިވަރސިޓީއަށް އެނގެއެވެ. އޭނާގެ އެސައިންމެންޓުތަކާއި ޕްރޮޖެކްޓްތައް އާދަޔާ ޚިލާފަށް މޮޅެވެ. އެހެންކަމުން އެ ނަތީޖާ އިން ޕްރޮފެސަރުން ހައިރާނެއް ނުވިއެވެ.

ސާލާރް އިންޓަރންޝިޕް ފުރިހަމަކުރީ އ.ދ. ގެ އޭޖެންސީއެއްގައެވެ. އެމްބީއޭ ނުނިމެނީސް އ.ދ. ގެ އިތުރުން ބޮޑެތި ކުންފުނިތަކުން އޭނާއަށް ހުށަހެޅުންތައް ލިބެމުން ދިޔައެވެ.

ކޯސް ނިމުމުން ސިކަންދަރް އުސްމާން، ސާލާރް ޕާކިސްތާނަށް ގެނައެވެ. "ދަރިފުޅު ދެން ކުރިއަށް ދާން ބޭނުންވަނީ ކިހިނެއް؟" އޭނާ އެހިއެވެ.

"އަހަރެން މަސައްކަތް ކުރަން ބޭނުންވަނީ ހަމައެކަނި އ.ދ. ގައި. ބޭނުންވަނީ އެނބުރި އެމެރިކާއަށް ދާން."

"އެކަމަކު ބައްޕަ ބޭނުންވަނީ ދަރިފުޅު އަމިއްލަ ވިޔަފާރިއެއް ފަށައިގެން މިކޮޅުގަ މަޑުކުރަން، ނުވަތަ ބައްޕައާއެކު ބައްޕަގެ ވިޔަފާރީގައި ބައިވެރިވުން." ސިކަންދަރް ބުންޏެވެ.

"ބައްޕާ، އަހަންނަކަށް ވިޔަފާރިއެއް ނުކުރެވޭނެ. އެ ކެތްތެރިކަމެއް ނެތް އަހަރެންގެ. އަހަރެން ބޭނުންވަނީ ވަޒީފާއަކަށް ދާން. ޕާކިސްތާނުގައި އުޅޭކަށް ބޭނުމެއް ނޫން."

ސިކަންދަރް ހައިރާންވިއެވެ. "ދަރިފުޅު މީގެ ކުރިން ދުވަހަކުވެސް ޕާކިސްތާނުގައި އުޅެން ބޭނުން ނުވާ ވާހަކައެއް ނުބުނަމެއްނު؟ ދަރިފުޅު ބޭނުންވަނީ އެމެރިކާއަށް ދިރިއުޅުން ބަދަލުކުރަންތަ؟"

"ކުރިން އަހަރެން އެމެރިކާގައި ދިރިއުޅޭކަށް ނުވިސްނަން. އެކަމަކު މިހާރު އަހަރެން ބޭނުންވާ ގޮތަކީ އެއީ."

"އެއީ ކީއްވެ؟"

ޕާކިސްތާނުގައި ދިރިއުޅުމުން އޭނާގެ ޑިޕްރެޝަން މައްސަލަ ބޮޑުވާ ވާހަކަ ބުނާކަށް ބޭނުމެއް ނުވިއެވެ. ޕާކިސްތާނުގައި އުޅެންޏާ އިމާމާގެ ހަނދާންތައް އާވާނެއެވެ. ވަށައިގެންވާ ކޮންމެ އެއްޗަކުން އިމާމާގެ ހަނދާން އާވެއެވެ.

"އަހަންނަކަށް މިތާކު ނޫޅެވޭނެ."

"ދުވަސްކޮޅަކުން އާދަވާނެ... ބައްޕައަށް ހީވަނީ ދަރިފުޅަށް އުޅެވޭނެހެން."

ސިކަންދަރް އެބުނާ ވާހަކައެއް ސާލާރަށް އެނގެއެވެ.

"ދަރިފުޅު ބޭނުންވަނީ ވަޒީފާއަކަށް ދާންކަމަށްވާނަމަ، އެގޮތްވެސް ބައްޕައަށް އެންމެ ރަނގަޅު. ދުވަސްކޮޅަކު އެކޮޅުގަ މަަސައްކަތް ކޮށްލާފަ ބައްޕަގެ ވިޔަފާރި ބަލަހައްޓަދޭން އާދޭ. ބައްޕަ މި ހުރިހާ މަސައްކަތެއް ކުރީ ދަރިފުޅުމެންނަށްޓަކައި."

އޭނާ މަސައްކަތް ކުރީ ސާލާރަށް ވިސްނައި ދެވޭތޯއެވެ. ސާލާރް އަޑު އަހަން އިނީއެވެ.

***

އޭގެ ހަފްތާއެއް ފަހުން އޭނާ އެމެރިކާއަށް ދިޔައެވެ. އަދި ދެތިން ހަފްތާ ފަހުން ޔުނިސެފްގައި މަސައްކަތް ކުރަން ފެށިއެވެ. އޭނާ ނިއު ހޭވަން އިން ނިއު ޔޯކަށް ބަދަލުވިއެވެ. އެއީ މުޅިން އާ ބާބެއްގެ ފެށުމެވެ. އެހެންނަމަވެސް ވަކި ތަނެއްގައި އުޅެގެން އޭނާގެ މާޒީ ހަނދާން ނުނެތޭނެކަން ސާލާރަށް ވިސްނެން ފެށިއެވެ. ނިއު ޔޯކުގައި ވެސް އިމާމާގެ ހަނދާންތަކާ ދުރަކަށް ނުދެވުނެވެ. އެހެންކަމުން އޭނާ ކޮންމެ ދުވަހަކު 16 ގަޑިއިރު ނުވަތަ 18 ގަޑިއިރު މަސައްކަތް ކުރަން ފެށިއެވެ. ތިނެއް ނުވަަތަ ހަތަރުގަޑި އިރަށްވުރެ ގިނަ އިރު ނުނިދައެވެ. މިގޮތަކަށް މަސައްކަތް ކުރަން ފެށުމުން ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅުނެވެ. މަސައްކަތުގައި ޝާމިލުވެ އުޅެން ފެށުމުން ޑިޕްރެޝަން އާ ވެސް ދުރުވިއެވެ. އަދި އޭނާއަކީ އޮފީހުގެ އެންމެ ފާހަގަކުރެވޭ މުއަައްޒަފަށް ވިއެވެ. ޔުނިސެފްގެ އެކި ޕްރޮޖެކްޓްތަކުގައި އޭނާ އޭޝިއާ، އެފްރިކާ، އަދި ލެޓިން އެމެރިކާގެ ގައުމުތަކަށް ދާން ފެށިއެވެ. ފަގީރުކަމާއި ބަލިމަޑުކަން ހަމަ ލޮލަށް ފުރަތަމަ ފެނުނީ މި ދަތުރުތަކުންނެވެ. ނޫސްތަކުގައި ޝާއިއުކުރާ ރިޕޯޓުތަކާއި ހަމަލޮލަށް ފެންނަ މަންޒަރު ހާސްބައި ތަފާތެވެ. ބަނޑުހައި ހޫނުކަމުގައި ތިބި އެތައް މިލިއަން މީހުންނެއް އޭނާއަށް ފެނުނެވެ. ހަމައެގޮތަށް ކާންވާ ވަރަށް ވުރެ ގިނައިން ކައި އުޅޭ އެތައް މިލިއަން މީހުން ވެސް އުޅެއެވެ. ތިން އިރު ހަމައަށް ކާން ލިބުމާއި، ބޯ ހިޔާވަހި ކަމާއި، އުނު އަންނަ ތަކެއްޗަކީ ބޮޑު ނިއުމަތެއް ކަން އޭނާ އަށް މީގެ ކުރިން ނޭނގެއެވެ.

ޔުނިސެފްގެ ޗާޓަރު ފްލައިޓުން އެކި ގައުމުތަކަށް ދަތުރުުކުރާއިރު އޭނާއަށް ކުރެވުނީ ކޮން ހެޔޮ އަމަލެއްތޯ ހިތާހިތާ ސުވާލުކުރެއެވެ. އަދި އޭނާ ދަތުރުކުރާ ގައުމުތަކުގެ ނިކަމެތިން ދިރިއުޅުމުގެ އަސާސީ ހައްގުތަކުން މަހްރޫމްވެފައި ވަނީ ކޮން ފާފައެއް ކުރެވިގެންތޯ ސުވާލުކުރެއެވެ.

ރޭގަނޑު ހަތަރުދަމު ހޭލާ އިނދެގެން އޭނާ ކުރާ މަސައްކަތަކީ ނިކަމެތިންނަށް އެހީވުމަށް ކުރެވޭނެ އިތުރު ކަންތައްތަކާމެދު ވިސްނައި ފިކުރު ކުރުމެވެ. އަދި ކާބޯތަކެތި އިންސާފުން އޭގެ ހައްގުވެރިންނަށް ފޯރުކޮށްދޭނެ ގޮތަކާ މެދު ޚިޔާލު ކުރުމެވެ. ބައެއްފަހަރު އޭނާ ލޮލު ފިޔައެއް ޖަހައިނުލައި 48 ގަޑި އިރު މަސައްކަތް ކުރެއެވެ. ނިކަމެތިންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށްދިނުމަށް ހިންގާނެ ޕްރޮޖެކްޓްތައް ރޭވުމުގައެވެ.

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.