ފާނޫޒު - 80

(15 އޮކްޓޯބަރ 2019ގައިޝާއިއުކުރި ބަޔާ ގުޅޭ)

"އެއީ މައްސަލައެއް ނޫން މަންމާ. ނުރޮއި. ހުއްޓާލާ." އިމާމާ ސައީދައްތަގެ ކަރުނަ ފޮހެދެމުން ބުންޏެވެ. އޭނާގެ ހިތް ހިނގަން ފެށިއެވެ. އޭނާއަށް ނޭވާ ލެވުނެވެ. "މަންމާ އަޅާނުލާ. ރަނގަޅުވާނެ."

އިމާމާގެ ވާހަކައިން ސަޢީދައްތަ އިތުރަށް ރޮވުނެވެ. "މިއީ އަހަރެންގެ ކުށް. އަހަންނާ ހެދި..."

ސަޢީދައްތަގެ ވާހަކަ ނުނިމެނީސް އިމާމާ ބުންޏެވެ. "މަންމާ. އަޅާނުލާ. އެކަމާ ހިތާމަ ކުރާނެ ކަމެއް ނެތް. އަރާމުކޮށްލާ." އޭނާ މަސައްކަތް ކުރީ ސަޢީދައްތަ މަސަލަސް ކުރެވޭތޯ އެވެ.

"ދަރިފުޅަށް ކުރެވޭނެ އިހުސާސް މަންމައަށް އެނގޭ. މަންމަ އަށް ދަރިފުޅުގެ ކެކުޅުން އިހުސާސް ކުރެވޭ. މަންމައަށް މާފުކުރޭ. ދަރިފުޅަށް މިހެން ދިމާވީ މަންމައާ ހެދި."

އިމާމާ ހީނލިއެވެ.

ރޮމުން ރޮމުން ސަޢިދައްތަ ކޮޓަރިން ނުކުތެވެ. އިމާމާ ވެސް ކޮޓަރިން ނުކުތެވެ. އޭނާ ދިޔައީ ކޮޓަރިއަށެވެ. އޭނާ ކޮޓަރީގެ އެކި ތަންތަނުގައި ހުރި އެއްޗެހި ނަގައި ސާފުކުރަން ފެށިއެވެ. އެ ހާލަތު މެދުވެރިވާ ކޮންެމެ ކުއްޖަކަށް ވެސް ރޮވޭނެއެވެ. އިމާމާއަކަށް ނުރޮވެއެވެ. "ޖަލާލް ނުލިބުމުން އަހަރެން ނުވި ދެރައެއް މިއަދު ވާންވީ ކީއްވެހެއްޔެވެ؟ އެއީ އަހަންނާ އެއްވެސް ގުޅުމެއް އޮތް މީހެއްވެސް ނޫން." ކާވެނީގެ ހެދުން ފަށްޖަހަމުން އިމާމާ ހިތާހިތާ ބުނެލިއެވެ. "މީހުން އަހަންނަށް މަލާމާތް ކުރާނެ. ޖޯކުޖަހާނެ. އަަހަރެން އުޅޭނީ އެކަހަލަ މީހުންނާ ދުރުން. އެއީ އަހަންނަށް އާ ކަމެއް ނޫން."

މަރިޔަމް ވަން އިރު އިމާމާ ކޮޓަރި ސާފުކުރަނީއެވެ. "ބައްޕައަށް ގުޅައިފިން." އޭނާ ބުންޏެވެ.

އިމާމާ ހިތްހަމަނުޖެހުނެވެ. "ކީއްކުރަން؟ ކީއްކުރަން ބައްޕައަށް އުނދަގޫ ކުރަނީ. ބައްޕަ ބަހައްޓަބަލަ."

"ބޮޑު ތޫފާނެއް ކުރިމަތިވެގެން އުޅޭ އިރުވެސް..."

"މަރިޔަމް. އަހަރެންގެ ހަޔާތުގައި ބޮޑެތި އެތައް ކަމެއް ދިމާވެއްޖެ. އެކަހަލަ ކަންކަމަށް އާދަވެއްޖެ މިހާރު. އަހަރެން ކުރިމަތިލާން ޖެހުން ކަންކަމާ ބަލާފަ މިއީ ކުޑަކަމެއް. ދޭ މަންމަ ކައިރިއަށް. އަހަރެން ކަންބޮޑެއް ނުވޭ. ބައްޕައަށް އުނދަގޫ ނުކުރާތި ދެން."

އިމާމާ ހަމަޖެހިފައިހުރ ވަރު ފެނުމުން މަރިޔާމް ހައިރާން ވިއެވެ. އިމާމާ ރަނގަޅު ނޫންހެން އޭނާއަށް ހީވިއެވެ. އޭނާ އެއްޗެކޭ ބުނުމުގެ ކުރިން ކުލްސޫމް އާއި ސަޢީދައްތަ އެ ކޮޓަރިއަށް ވަނެވެ. އެމީހުންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެެވެ. ސުވާލު ކުރުމުގެ ކުރިން ކުލްސޫމް ދައްތަ ސާލާރްގެ ވާހަކަ ދައްކަން ފެށިއެވެ. "ދަރިފުޅުގެ އިިއުތިރާޒެއް ނެތިއްޔާ ސާލާރް އާ ކާވެނިކުރެވިދާނެ." އިމާމާ ހައިރާންވެ އަންތަރީސް ވިއެވެ. "ސިބްތެ ޢަލީއަށް އޭނާ ވަރަށް ރަނގަޅަށް އެނގޭ. އެއީ ވަރަށް ރަނގަޅު ކުއްޖެއް."

"ބައްޕައަށް ރަނގަޅިއްޔާ އަހަރެން އިއުތިރާޒެއް ނެތް." އިމާމާ ބުންޏެވެ.

"ދަރިފުޅާ ވާހަކަ ދައްކާލަން އޭނަގެ އެކުވެރިޔާ ބޭނުން." ކުލްސޫމް ބުންޏެވެ. އިމާމާ އެކަމަށް ވެސް އިންކާރެއް ނުކުރިއެވެ.

"ސާލާރް ވަނީ މީގެ އަށް އަހަރު ނުވަތަ ނުވަ އަހަރު ކުރިން ކާވެންޏެއް ކޮށްފައި." ފުރްގާން ބުންޏެވެ. "އޭނަ ހުރީ އިމާމާ އާ އިންނަަން، އެކަމަކު އޭނާގެ ފުރަތަމަ އަނބި ވަރިއެއްނުކުރާނެ. ކޮންމެވެސް ސަބަބަކާ ހުރެ އެ އަންހެން ކުއްޖާ ސާލާރް އާ އެކު ނޫޅޭ، އޭނާ ބޭނުންވޭ އެ ކުއްޖާ އެގެއަށް ގެންދަންވެސް. އެކަމަށް އެއްބަސްވޭ ތޯ އަހާށޭ އޭނާ ބުނީ. އެއްވެސް އިއުތިރާޒެއް އޮތިއްޔާ ކާވެނި ނުކުރާނެ. އޭނާގެ ފުރަތަމަ އަނބި ދުވަހަކުވެސް ފެންނާނެހެން ހިއެއްނުވޭ. ސާލާރް ގަބޫލުކުރޭ ކޮންމެވެސް ދުވަހަކުން އޭނައާ ދިމާވާނެ ކަމަށް. ތީ ޑޮކްޓަރ ސިބްތެ ޢަލީ ގެ ދަރިއެއްފަަދަ ކުއްޖެއް. އެހެން ބަލާއިރު ތިއީ އަހަރެންގެ ވެސް ކޮއްކޮއެއް. މި ހާލަތުން އަރައިގަންނަން އޮތް އެންމެ ރަނގަޅު ގޮތަކީ ސާލާރް އާ ކާވެނިކުރުން. ބޭބެއެއްގެ ހައިސިއްޔަތުން އަހަރެން އެދޭ އެދުމެއް އެއީ. ސާލާރް އާ އޭނާގެ ފުރަތަމަ އަތްނބާ ދިމާވާނެހެން ހިއެއްނުވޭ. ނުވަ އަހަރު އިންތިޒާރުކޮށްފި. އޭނާ ދިޔަގޮތަށް ސާލާރް އަށް ނުގުޅާ. ނުވަ އަހަރަކީ ކުރު މުއްދަތެއް ނޫން."

އިމާމާ އޭނާގެ ވާހަކަ އަޑުއެހިއެވެ. "ދެވަނަ އަނބި... އިމާމާ ހާޝިމް. މިއީވެސް ތަގްދީރުގައި ލިޔެވިފައި އޮތް ގޮތް." އޭނާގެ ހިތަށް އެރިއެވެ. "އެ ހުރިހާ ކަމެއް އެނގިހުރެ ޑރ. ސިބްތެ ޢަލީ އޭނާގެ ކާވެންޏަށް އެއްބަސްވުމުގައި ރަނގަޅު ހިކުމަތެއް އޮންނާނެ. އެހެން ނޫނަސް އަހަރެން ހުރީ ޖަލާލް އަންޞާރްގެ ދެވަނަ އަތްނބަށް ވާންވެސް ތައްޔާރަށް." އިމާމާ ވިސްނައިލިއެވެ. "ޖަލާލް ދެކެ އަހަރެން ލޯބިވޭ. އެެހެންވީމާ އަހަންނަށް ނުވެސް އެނގޭ މީހެއްގެ ދެވަނަ އަތްނބަކަށް ވުމަކީ މައްސަލައެއްތަ؟"

"އަހަރެންގެ އިއުތިރާޒެއް ނެތް." އިމާމާ ބުންޏެވެ. "އޭނާގެ ފުރަތަމަ އަނބި ކޮންމެ ދުވަހަކު އަޔަސް އެ މީހުން އެކުގައި އުޅޭކަށް ވެސް އަަހަރެންގެ އިއުތިރާޒެއް ނެތް. މެދުވެރިވާ ކޮންމެ ހާލަތެއް އެގޮތުގައި ބަލައިގަންނާނަން."

އޭގެ ފަނަރަ މިނެޓު ފަހެވެ. ގާޒީ ސާލާރް ސިކަންދަރްގެ ނަން ކިޔުމުން އޭނާއަށް ބޮޑު ޝޮކެއް ލިބުނެވެ. "ސާލާރް ސިކަންދަރް، ސިކަންދަރް އުސްމާންގެ ދަރި..." ގާޒީގެ އަޑު އޭނާއަށް އިވުނެވެ. އޭނާގެ ލޭގެހިނގުން އަވަސްވިއެވެ. މިއީ އާއްމު ނަންނަމެއް ނޫނެވެ. އެ ނަންތަކުގެ ތަރުތީބު ވެސް އެހައި އާއްމެއް ނޫނެވެ. އެ ދެ ނަން އެކުއެކީގައި އަޑުއިވުމަކީ ކުޑަ އިއްތިފާގެއް ނޫނެވެ. ސާލާރް ދިރި ދުނިޔޭގައި ހުރީ ބާވައެވެ.

އިމާމާއަށް ހީވީ އުޑު ބޮލަށް ވެއްޓުނު ހެންނެވެ. މޫނުގައި ދޯޕައްޓާ އަޅާފަ ނެތްނަމަ ހާސްވެފައި ހުރި ވަރު ފެންނާނެއެވެ. ގާޒީ އޭނާގެ ވާހަކަ ތަކުރާރުކުރިއެވެ. އިމާމާގެ ސިކުނޑި ހީވަނީ އެނބުރޭ ވަހުތާނެއް ހެންނެވެ. "އޭނާ ދިރި ހުރިނަމަ އޭގެ މާނައަކީ މި ހުރިހާ ދުވަހު އަހަރެން ހުރީ އޭނާގެ އަތްނބެއްގެ ގޮތުގައޭ. މިވާން އުޅެނީ ކިހިނެއްބާ؟ ޑޮކްޓަރ ސިބްތެ ޢަލީއަށް އޭނާ އެނގުނީ ކިހިނެއް ހެއްޔެވެ؟" ސުވާލަކަށް ފަހު ސުވާލެކެވެ. ޖަވާބެއް ނެތެވެ. ސައީދައްތަ އޭނޭގެ ކޮނޑުގައި ހިފައި ކުޑަކޮށް ތަޅުވައިލިއެވެ. "ގާޒީ އިންތިޒާރު އެކުރަނީ ދަރިފުޅުގެ ޖަވާބަކަށް. އާނއެކޭ ބުނޭ."

ސާލާރް ސިކަންދަރް ކަަހަލަ ވިޔާނުދާ މީހަކަށް އާނ ބަސް ބުނަންވީ ހެއްޔެވެ؟

އޭނާގެ ހިތް މޭގައި ތާށިވިއެވެ. މިވަގުތު އޭނާ އަށް ބުނެވޭނެ އިތުރު އެއްޗެއް އެބައޮތްހެއްޔެވެ. ހައިރާންވެފައި ހުރެ އޭނާ ކާވެނީގެ ލިޔުންތަކުގައި ސޮއުކުރިއެވެ. "ޔާ ﷲ. މިއީ އެ ސާލާރް ސިކަންދަރް އަށް ނަހައްދަވާށި." އޭނާ ދުއާކުރިއެވެ. އެންމެން ކޮޓަރިން ނުކުތެވެ. މިހާރު ކޮޓަރީގައި ތިބީ އޭނާ އާ މަރިޔަމް އެވެ. މަރިޔަމް އޭނާގެ މޫނުން ދޯޕައްޓާ ނެގިއެވެ.

"ކިހިނެއްވީ އިމާމާ؟ ހުރިހާ ކަމެއް ރަނގަޅުތަ؟"

"މަރިޔަމް. އަހަންނަށް ކަމެއް ކޮށްދީބަލަ." އެއީ ކޮން ކަމެއްކަމެއް އޭނާއަށް ވެސް ނޭނގެއެވެ. "މިއަދު އޭނާ އާ އިނީ މި. އެކަމަކު މަންމަ ގާތު ބުނޭ މިއަދު ގެ ބަދަލު ކުރުން ބާއްވާކަށް ބޭނުމެއް ނޫނޭ." އޭނާ އާދޭސްކުރިއެވެ.

"ކީއްވެ؟" މަރިޔަމް އެހިއެވެ.

"ޕްލީޒް. އިތުރު ސުވާލުނުކޮށް ގޮސް ބުނެބަލަ. ބުނޭ އަހަރެން  މިއަދު ނުފޮނުވާށޭ."

މަރިޔަމް ބޭރަށް ނުކުމެފައި ކޮޓަރިއަށް ވަނެވެ. "ގެ ބަދަލު ކުރުން މިއަދު ނުބާއްވާ ގޮތަށް. ސާލާރް ވެސް ބޭނުމެއް ނޫން މިއަދު ބާއްވާކަށް." އޭނާ ބުންޏެވެ.

އިމާމާ ފުން ނޭވައެއް ލިއެވެ.

"ބައްޕަ ގުޅާނެ އިރުކޮޅަކުން." މަރިޔަމް ބުންޏެވެ.

ޑރ. ސިބްތެ ޢަލީ އާ ވާހަކަ ދައްކަން އިމާމާ ވަނީ ޖެހިގެން ހުރި ކޮޓަރިއަށެވެ.

ޑރ. ސިބްތެ ޢަލީ އޭނާއަށް ތަހުނިޔާ ކިއެވެ. "ބައްޕަ ކުރިންވެސް ބޭނުންވީ ދަރިފުޅުގެ ކާވެނި ސާލާރް އާ ކުރަން. އެކަމަކު ސަޢީދައްތަގެ ގޭގައި ދަރިފުޅު އުޅޭތީ ބައްޕަ އޭނާއާ ދެކޮޅު ނެހެދީ." ޑރ. ސިބްތެ ޢަލީ ބުންޏެވެ.

އިމާމާ އަށް ނޭވާ ހާސްވިއެެވެ. "އެކަމަކު އޭނަ ކުރިން ކާވެންޏެއް ކުރިކަމެއް އެނގިފައެއް ނެތް. މިއަދު ފުރްޤާން އެ ވާހަކަ ބުނީ. އެ ކާވެނީގެ ތަފްސީލެއް އަދި ބައްޕައަކަށް ނޭނގޭ. އެނގެންޖެހޭ ކަމަކަށްެވެސް ނުދެކެން. އެ ޚަބަރު ލިބުމުން ސާލާރް އަށް ވުރެ ރަނގަޅު މީހަކު އެނގޭނަމަ ބައްޕަ ދަރިފުުޅުގެ ކާވެނި ކުރުވާނީ އެ މީހަކާ. އެކަމަކު ސާލާރް އަށް ވުރެ ރަނގަޅު އެއްވެސް މީހަކު ބައްޕައަކަށް ނޭނގޭ. ދަރިފުޅު ކީއްވެ އަނގައިން ނުބުނެ ތީނީ؟" އިމާމާ އާދަޔާ ޚިލާފަށް ބަސްމަދުކަން ފާހަގަކުރެވުމުން އޭނާ އެހިއެވެ.

"ބައްޕާ. ކޮން އިރަކުން އަންނަނީ؟"

"އަދި ހަފްތާއެއް ވަރު ވާނެ."

"ބައްޕަ ގާތު ބުނަންޖެހޭ ވަރަށް ގިނަ ވާހަކަ އެބަހުރި."

"ހުރިހާ ކަމެއް ރަނގަޅުތަ؟" ޑރ. ސިބްތެ ޢަލީ އެހިއެވެ.

"ބައްޕަ އައިމަ ކިޔައިދޭނަން." އިމާމާ ބުންޏެވެ. ފޯނުން އެއްވެސް ވާހަކައެއް ދައްކާކަށް އޭނާ ބޭނުމެއް ނުވިއެވެ.

***

އެހެން ރޭރެއެކޭ އެއްފަދައިން އެރޭ ވެސް ނިދަން އޮށޯތުމުގެ ކުރިން އޭނާ ވުޟޫކުރިއެވެ. ދެން އޭނާ ގޮސް އިށީނީ އަސްކަނި ދަށުގައި ހުރި ސިޑި މަތީގައެވެ. ގޭގައި އިތުރު ބަޔަކު ނޫޅެއެވެ. އުޅެނީ އޭނާއާއި ސަޢީދައްތައެވެ. ވަރުބަލިވެފައި ހުރުމުން ސައީދައްތަ އެރޭ މާކުރިން ނިދަން އޮށޯތެވެ. ގޭތެރެ ސާފުކުރީ އިމާމާ އާއި ނޯކަރު މީހާއެވެ. ކާވެނި ނިމެންދެން ނޯކަރު ނިދަނީ އެގޭގައެވެ. ގޭތެރެ ސާފުކޮށް ނިމުމުން އިމާމާ އޭނާ ނިދަން ފޮނުވިއެވެ.

ހުރިހާ ކަމަކުން ނިމުނު އިރު މެންދަމުން އަލިވެ ބާރަ ޖަހައިފިއެވެ. އޭނާ ހުރީ ވަރުބަލިވެފައެވެ. އެތާނގައި އޮތް ބޮކި އަލީގެ އެހީގައި އިމާމާ އޭނާގެ އަތަށް ބަލައިލިއެވެ. އުޅަބޮށްޓާއި ހަމައަށް ހުރީ ހީނާފަތުގެ އަސަރެވެ. އިމާމާ އަބަދުވެސް ހީނާފަތް އަޅާހިތްވެއެވެ. ގޭގައި އުޅުނު އިރު އޭނާ އާދަވެެގެން ހީނާފަތް އަޅައެވެ. މިއީ އަށް އަހަރު ފަހުން އޭނާގެ އަތުގަ އާއި ފައިގައި ހީނާފަތް އެޅި ފުރަތަމަ ފަހަރެވެ.

އޭނާ ސާލު ނަގައިގެން ދެ އަތާއެކު މުޅި ގައިގައި އޮޅާލިއެވެ.

"އަސްޖަދަށް ފަހު ޖަލާލް... ޖަލާލް އަށް ފަހު ފަހުދު... ފަހުދު އަށް ފަހު ސާލާރް... އޭގެ ތެރެއިން އެކަކު އެއީ އަހަރެން އަމިއްލައަށް ދޫކޮށްލި މީހެކެވެ. ދެ މީހުން އަހަރެން ބަލައިނުގަތީއެވެ. ހަތަރުވަނަ މީހާއަކީ އެ ހަތަރު މީހުންގެ ތެރެއިން އެންމެ ވިޔާނުދާ މީހާއެވެ. ސާލާރް ސިކަންދަރް އެވެ." އިމާމާ އަށްހީވީ ދުންފިނި އޭނާ ވަށައިލިހެންނެވެ. އޭނާގެ ކުރިމަތީގައި އެ މީހާ ހުއްޓި ހުރިތަން ޚިޔާލަށް ގެނެވުނެވެ. އުނަގަނޑާ ހަމައަށް ގަމީހުގެ ގޮށްތައް ނައްޓާފައެވެ. ކަރުގައި ފާޑުފާޑުގެ ފަށް އަޅާފައެވެ. އިސްތަށިގަނޑު ފަހަތަށް އައްސާފައެވެ. އެ ނުލަފާ ބެލުން، އެ މަކަރުވެރި ހީނލުން، އަތުކުރީގައި އަޅާފައިވާ ފާޑުފާޑުގެ ފަށް، ގަޔަށް ބާރު ޖިންސު... ރީތި ހުވަފެނެއް ބިރުވެރި ހުވަފެނަކަށް ބަދަލުވީއެވެ. އޭނާގެ ހިތުގައި ސާލާރް އަށް އެއްވެސް ގަދަރެއް ނެތެވެ.

"އަހަންނަށް ވަރަށް ގިނަ ގޯސް ހެދިއްޖެ. އެކަމަކު ސާލާރް ކަހަލަ ނުބައި މީހެއްގެ އަތްނބަކަށް ވާންޖެހޭ ވަރުގެ ގޯހެއް ނަހަދަން." މިއީ އޭނާ ފޯނުން ސާލާރް ގާތު ބުނެފައިވާ ވާހަކައެކެވެ.

"ޖަލާލް އޭނާއާ އިންނަން ދެކޮޅު ހެދީ އެހެންވެ ކަމަށް ވެދާނެ. ރަނގަޅު ފިރިހެނުން ވަނީ ރަނގަޅު އަންހެނުންނަށްޓަކައި. ތިކަހަލަ އަންހެނުންނަކަށް ނޫން." ސާލާރް ބުންޏެވެ. އޭނާ ތުންފަތުގައި ދަތް އަޅައިގެން އިނދެ ސާލާރްގެ ހަމްދަރްދީއެއް ނެތް ބަސްތައް ހަނދާންކުރަން މަސައްކަތް ކުރިއެވެ.

"ވާނެ އެއްޗެއް ވާނެ، ސާލާރް، އަހަރެން ސާލާރް އާއެކު ދިރިއުޅޭކަށް ނުދާނަން. މަރުވިނަމަ މާ ރަނގަޅުވީސް."

ސާލާރް ސިކަންދަރް އޭނާގެ ހިމާޔަތުގައި އެއްފަހަރު ހުރި ހަނދާނެއް މިހާރު އޭނާ ނެތެވެ.

***

ޑރ. ސިބްތެ ޢަލީ އިންގްލެންޑުން އެނބުރި އައި ރޭ އިމާމާ ހުރީ އެ ގޭގައެވެ. ނަމަވެސް އޭނާއާ ވާހަކަ ދައްކާލާނެ ރަނގަޅު ދަނޑިވަޅެއް ނުލިބެއެވެ. މަރިޔަމް އަދިވެސް ލާހޯރްގައި އެބައިނެވެ. އެ ދެމީހުންގެ ވާހަކަ ހުސްނުވެއެވެ.

އަނެއް ދުވަހު ހެނދުނު ވެސް ދިޔައީ އެކަހަލަ ގޮތަކަށެވެ. މަރިޔަމް އައި އިރު ޑރ. ޢަލީ އިނީ އިމާމާ އާއި ސާލާރް އަށް ގެނައި ހަދިޔާ ގެ ވާހަކަ ދައްކާށެވެ.

"ހިނގާ ސާލާރްބެ ގެންނަން، ރޯދަ ވީއްލަން." މަރިޔަމް ބުންޏެވެ.

ޑރ. ސިބްތެ ޢަލީ ސާލާރް އަށް ގުޅިއެވެ. އިމާމާއަށް އަދިވެސް ވާހަކަ ދައްކާނެ ފުރުސަތެއް ނުލިބެއެވެ.

މެންދުރު ނަމާދަށް ދާން ޑރ. ސިބްތެ ޢަލީ ނުކުތް ވަގުތު އިމާމާ އޭނާގެ ފަހަތުން ބޭރަށް ނުކުތެވެ. "ބައްޕާ. ވާހަކައެއް ދައްކާލަން ބޭނުން." އޭނާ ބުންޏެވެ.

"މިހާރު؟" ޑރ. ޢަލީ އެހިއެވެ.

"ނޫން. މިސްކިތުން އައިމަ." 

މާނައިން ފުރިގެންވާ ގޮތަކަށް ޑރ. ޢަލީ އޭނާއަށް ބަލައިލިއެވެ.

***

"އަހަރެން ވަރިވާން ބޭނުން." ޑރ. ޢަލީ މިސްކިތުން އެނބުރި އައިމާ އިމާމާ ބުންޏެވެ.

"އާމިނާ؟" އޭނާއަށް އިމާމާ ބުނި އެއްޗެއް ގަބޫލުކުރަން ދަތިވިއެވެ.

"އަހަންނަށް އޭނާ އާއެކު ނޫޅެވޭނެ." އިމާމާ އިނީ އިސްދަށަށް ޖަހައިގެންނެވެ. ޑރ. ޢަލީ އާ ހަތަރުކަޅި ބައްދަލުކުރަން އޭނާ ބޭނުމެއް ނުވިއެވެ.

"ޢާމިނާ. މިއީ އޭނާގެ ދެވަނަ ކާވެނިކަން ބައްޕައަށް ވެސް އެނގޭ. އެކަމަކު ފުރަތަމަ ކާވެނި ނުކުރާފަދަ. އޭނާގެ އަންހެނުން މީގެ ނުވަ އަހަރުކުރިން ގެއްލިފައިވާ ވާހަކަ ފުރްގާން ބައްޕަ ގާތު ބުނި. އޭގެ ފަހުން އޭނާ ސާލާރް އަށް އެއްވެސް ގުޅުމެއް ނެތް. އެހެން ނޫނަސް އެއީ ހަގީގީ ކާވެންޏެއް ވެސް ނޫން. ކާވެނިކުރެވުނު ކަން އެކަނި." ޑރ. ސިބްތެ ޢަލީ ހީކުރީ އިމާމާ ކަންބޮޑުވަނީ ސާލާރްގެ ފުރަތަމަ ކާވެންޏާ މެދު ކަމަށެވެ. "އޭނާ ވީ ތަނެއް އެނގެނީ ކާކަށް. ނުވަ އަހަރަކީ ކުރު މުއްދަތެއް ނޫން."

"އަހަންނަށް އެނގޭ އޭނަގެ ފުރަތަމަ އަނބި." އިމާމާ އިސްދަށަށް ޖަހައިގެން އިނދެ ބުންޏެވެ.

"ދަރިފުޅަށް އޭނާ އެނގޭތަ؟" ޑރ. ޢަލީ ހައިރާންވިއެވެ.

"އެއީ އަހަރެން." އޭނާ އިސްއުފުލާފައި ޑރ. ޢަލީ އާއި ހަތަރުކަޅި ހަމަކުރިއެވެ.

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

4 ޚިޔާލު

  1. Yes imaamaa
    E'ee e Saalaar eh nooney.e
    Saalaar maruve ehen Saalar eh
    mihaaru e ulhenee

    Saalaar badhaluvefa hurivaraa badhaluvee kon sababakaa hure kamaa dhenves huri kankan
    olhunfilumun imaamaa ge ihusaas hunnaane goiy hithah eba geneve
    Lakka reethi vaahaka eh

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.