ފާނޫޒު - 6

(25 ޖޫން 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އެކުއްޖާގެ ސުވާލު ރަނގަޅަށް ނުނިމެނީސް، ވިދުވަރެއްހައި ހަލުވިކޮށް ސާލާރް ޖަވާބު ދިނެވެ. "2035618.2"

އަތުގައި އޮތް ގަނޑުގައި ލިޔެފައި އޮތް ޖަވާބު އެކުއްޖާ ބަލައިލިއެވެ. ދެއަތަށް ބޯހަލުވަމުން ގަބޫލުރަން ދަތިވެފައި ހުރެ އޭނާ އަތްތިލަބަޑި ޖަހަން ފެށިއެވެ. މުޅި ހޯލުން އަތްތިލަބަޑީގެ އަޑު ނޫން އަޑެއް ނީވެއެވެ. ސާލާރް އަށްވުރެ ކުރިން ފައިޒާން ސްޓޭޖުން ފޭބިއެވެ. އިންތިޚާބު އަދި ނުވެސް ފެށެއެވެ. އެކަމަކު އިންތިޚާބުން ބަލިވެއްޖެކަމުގެ އިހުސާސް ކުރެވެން ފެށީއެވެ. މީގެ ކުރިން ދުވަހަކުވެސް އޭނާ 'އައިކިޔު ސްކޯރ 150' ދެކެ މިހައި ހަސަދަވެރިއެއް ނުވެއެވެ.

***

އިމާމާ އިސް އުފުލައިފައި ބަލައިލިއެވެ. ސާދު ބައިސްކަލުން އޭނާގެ ވަށައިގެން  ބުރުޖަހަނީއެވެ. "މާދަމާ. ކިހިނެއްވީ؟" އޭނާ ފައިލް ލައްޕައިލަމުން އެހިއެވެ.

"އިމާމާއްތަ ދިޔައިމަ އަހަރެން އިމާމާއްތަ މަތިން ވަރަށް ހަނދާންވޭ." ސާދު ބުންޏެވެ.

"އެއީ ކީއްވެ؟" އިމާމާ ހިނިތުންވަމުން ސުވާލުކުރިއެވެ.

"އިމާމާއްތަ ދެކެ ސާދު ވަރަށް ލޯބިވޭ... އިމާމާއްތަ ސާދުއަށް ކުޅޭ އެއްޗެހި ގަނެދޭ. ސާދު ގޮވައިގެން ދުއްވާލަންދޭ.... ސާދުއާ އެކީ ކުޅޭ." އެ ފިރިހެން ކުއްޖާ ވަރަށް ތަފްސީލުކޮށް އިމާމާގެ ސުވާލަށް ޖަވާބު ދިނެވެ. "ލޯހޫރަށް ދާއިރު ސާދު ގޮވައިގެން ދެވިދާނެތަ؟"

އެއީ ޚިޔާލެއް ކަމެއް ނުވަތަ ސުވާލެއް ކަމެއް އިމާމާއަކަށް ނޭނގުނެވެ.

"ކިހިނެއް އެހެން ގެންދާނީ. އިމާމާއްތަ އުޅެނީ ހޮސްޓެލްގަ. ސާދު ހުންނާނީ ކޮންތާކު؟"

'އެހެންވެއްޖެއްޔާ ދެން ގިނަގިނައިން އިސްލާމް އާބާދަށް އަންނަންވާނެ." އެކުއްޖާ އަދިވެސް ބައިސްކަލުގައި ބުރުޖަހަނީއެވެ.

"އެންމެ ރަނގަޅު. އަންނާނަން... ސާދު އަށް އިމާމާއްތަ އާ ފޯނުން ވެސް ވާހަކަ ދެއްކޭނެ. އިމާމާއްތަ ގުޅާނަން."

"އާނ. ތީ މާ ރަނގަޅު ގޮތެއް." އޭނާ އަނެއްކާވެސް ލޯނު ވަށައިގެން ބައިސްކަލް ދުއްވަން ފެށިއެވެ. ސާދު އަކީ މީގެ ފަސް އަހަރު ކުރިން އެ ގެއަށް ގެނައި ކުއްޖެކެވެ. އެކުއްޖާ ގެނައީ ކޮންތާކުން ކަމެއް އިމާމާ އަކަށް ނޭނގެއެވެ. އެކަމާ މެދު އޭނާ ނުވެސް ވިސްނައެވެ. އެކަމަކު އެ ކުއްޖާ އެ ގެއަށް ގެނައީ ކީއްވެގެން ކަން އިމާމާއަށް އެނގެއެވެ. މިހާރު އޭނާއަށް ދިހަ އަހަރު ފުރިއްޖެއެވެ. އޭނާ އެންމެ ދޯޅީ އިމާމާއާ އެވެ. ސާދުގެ މުސްތަގުބަލާ މެދު އިމާމާ ކަންބޮޑުވެއެވެ. އިމާމާގެ ބައްޕަ ފަރާތު ބޮޑުބޭބެ މެންވެސް ޔަތީމު ކުދިން ގެއަށް ގެނައެވެ. އެކުދީންގެ މުސްތަގުބަލާ މެދު ވެސް އިމާމާ ކަންބޮޑުވެއެވެ. ކިތަންމެ ކަންބޮޑުވިޔަސް އެކަމުގައި އޭނާއަށް ކުރެވޭނެ ކަމެއް ނެތެވެ.

***

އެ ހަތަރު ކުދީން ތިބީ ހީރާ މަންޑީ (ހީރާ މާރުކޭޓު ނުވަތަ ބާޒާރު) ގައެވެ. މިއީ ލާހޫރުގެ ރެޑް ލައިޓް އަވަށްގަނޑެވެ. އެކުދީންގެ އުމުރުން ވާނީ އަށާރަ ނުވަތަ ނަވާރަ އަހަރެވެ. ބަލައިލައިފައި އެއީ މުއްސަނދި އާއިލާތަކަށް ނިސްބަތްވާ ކުދީންކަން އެނގެއެވެ. ނަމަވެސް މި އަވަށްގަނޑުގައި މުއްސަނދި ކަމާއި ނަސަބާ ހައިބަތަކަށް  ނުބަލައެވެ. މިތަނަށް އެންމެ ގިނައިން އަންނަނީ މުއްސަނދީންނެވެ.

ބާޒާރުގެ ހަނިހަނި މަގުތަކުން ވަދެގެން އެކުދީން ދިޔައެވެ. ތިން ކުދީން ތިބީ އޮލަ ވާހަކައެއްގައެވެ. ހަތަރުވަނަ ކުއްޖާ ވަށައިގެން ހޯދައިލިއެވެ. މިއީ އޭނާ މިކަހަލަ ތަނަކަށް އައި ފުރަތަމަ ފަހަރެވެ. އެ ހަނި ގޯޅިގަނޑުގައި އެކި އުމުރުގެ، އެކި ވަރުވަރުގެ، އެކި ބައްޓަމުގެ، އެކި ކުލަކުލައިގެ... ދޮން، ކަޅު، ރީތި އަންހެނުން ނަލަ ހެދިލައިގެން ތިއްބެވެ. މޭކަޕް ކޮށްގެންނާއި ނުކޮށް ތިބި އަންހެނުންނެވެ. އެންމެންވެސް  ތިބީ ނިވައިކަން ކުޑަ ހެދުމުގައެވެ. މި ގޯޅިގަނޑު ތެރެއިން އެކި އުމުރުގެ ފިރިހެނުން އެކި ކޮޅުކޮޅަށް ދާތަން ފެނެއެވެ. އެ ފިރިހެން ކުއްޖާ ފަރުވާތެރިކަމާއެކު ހުރިހާ ކަމެއް ރަނގަޅަށް ބަލަމުން ދިޔައެވެ.

"ކަލޭ މިތަނަށް ވަރަށް ގިނައިން އަންނަންތަ؟" ކަނާތްފަރާތުގައި ހުރި ކުއްޖާ ގާތު އޭނާ އެހިއެވެ. ޖަވާބުގައި އޭނާވެސް ކުރީ ހަމަ އެ ސުވާލެވެ.

"ކިތައް ފަހަރަކު ކަމެއް ހަނދާނެއް ނެތް މިހާރަކު. އަހަރެން މިތަނަށް ވަރަށް ގިނައިން އަންނަން." އޭނާ ފަޚުރުވެރިކަމާއެކު ބުންޏެވެ.

"އަހަންނަށް ކަމުދާ އަންހެނެއް މިތާކު ނެތް. އެ މީހުންގެ ކިބައިން އަހަރެން އަޅައިގަންނަ އެއްވެސް ސިފައެއް ނުފެނޭ." ދެކޮނޑު އަރުވައިލަމުން އޭނާ ބުންޏެވެ. "އަންހެނަކާ އެކު ރޭ ކުރަން އަންނައިރު އެތަނުގައި ގަޔާވާ ގޮތެއްވެސް ހުންނަން ވާނެ. މިއީ ހާދަ މުޑުދާރު ތަނެކޭ." މަގުމަތީގައި ހުރީ ކުނި ފުނިފުނި ޖަހާފައެވެ. "އެހެންނޫނަސް ކުއްޖަކާ ރައްޓެހިވެގެން އުޅޭ އިރު މިތަނަށް އަންނަނީ ކީއްކުރަން؟"

"މިތަނުގައި ހުންނަ ޖާދުލެއް ކިޔާދޭކަށް ނޭނގޭ. މިތާނގައި މި ތިބަ އަންހެނުންނާ އަހަރުމެން ރައްޓެހިވެގެން އުޅޭ ކުދީންނާ އަޅާވެސް ނުބެލޭނެ. މި މީހުން ދައްކާ ޖާދުލެއް އެކުދީންނަކަށް ނުދެއްކޭނެ." އެކުއްޖާ ހިނިގަނޑަކާއެކު ބުންޏެވެ. "މިއަދު މި ތަނުގައި ޕާކިސްތާނުގެ އެންމެ މޮޅު އެއް އެކްޓްރެސްގެ ނެށުމެއް ވެސް އޮންނާނެ. އޭނަ ފެންނަންދެން މަޑުކުރޭ."

"އަހަރެން ގޮވައިގެން ކުރިންވެސް ދިޔައިމެއްނު އޭނާ ނަށާތަން ބަލަން." ޖެހިގެން ހުރި ކުއްޖާ ބުންޏެވެ.

"އެއީ އަދި ނެށުމެއް ނޫން. އެއީ މުޖުރާއެއްނު؟ ބޭބެގެ ކާވެނީގެ ރަސްމިއްޔާތުގަ. މިތަނުގައި އޮންނާނީ މުޅިން ތަފާތު ނެށުމެއް."

"އެކަމަކު އެއީ ވަރަށް މުއްސަނދި ހިސާބެއްގައި ދިރިއުޅޭ އެކްޓްރެސް އެއް. އޭނަ ކީއްކުރަން މިތަނަށް އަންނަނީ ؟"

"އަހަރެން އޭނަޔާ ތިކަހަލަ ސުވާލެއް ނުކުރަން. އޭނަ އައިމަ އަހަންވީނުން." އެހެން ކުދީން ބާރަށް ހޭން ފެށިއެވެ.

ވާހަކައިގައި ތިބެގެން އެ މީހުންގެ މަންޒިލަށް އާދެވިއްޖެއެވެ. ގޯޅިގަނޑު ނިމޭ ހިސާބެވެ. އެތަނަށް ވަންނަ ދޮރުކައިރީގައި ހުރި ކަޑައަކުން އެކުދީން މާފަތި ތަކެއް ގަނެގެން އަތުކުރީގައި އެޅިއެވެ. އަދި އެތަނަށް ވަންނަން ދެކޮޅު ހެދި ކުއްޖާގެ އަތުކުރީގައި ވެސް މާފައްޗެއް އެޅުވިއެވެ. އެތަނުން ދުންފަތް އަޅާފައި ހުރި ހެދިބިލެއް ގަނެފައި އެ ކުއްޖާއަށް ވެސް ބިލެއް ގަނޑެއް ދިއްކޮއްލިއެވެ.

ސިޑިން މައްޗަށް އަރަމުން އެ ކުއްޖާ ވަށައިގެން ރަނގަޅަށް ހޯދައިލިއެވެ. އެތަނަކީ އޭނާ ހީކުރިވަރަށް މާ ސާފުތާހިރު ތަނެކެވެ. މުޅިތަން އޮތީ ޒީނަތްތެރި ކޮށްފައެވެ. އެކުދީންނަށް އާދެވުނު އިރުވެސް އެކި އުމުރުގެ ފިރިހެނުން އެތަނުގައި ތިއްބެވެ. ވަރުގެ ކޮޅަށް ނަލަހެދިލައިގެން ހުރި މެދު އުމުރުގެ އަންހެނަކު އައިސް ކޮޓަރީގެ ކަނުން އެކުދީންނަށް ޖާގަ ހަދައިދިނެވެ. ޝޯ ފެށިގެން ކުރިއަށް ދަނީއެވެ. އެންމެން އިންތިޒާރު ކުރަމުންދަނީ އެކްޓްރެސްގެ ހުށަހެޅުން ފެށޭން ވަގުތަކަށެވެ. ޣަޒަލް ނިމުމާއެކު އެކްޓްރެސްގެ ހުށަހެޅުންތައް ފެށުނެވެ. ނަލަ ހެދިލައިގެން ތިބި އަންހެނުން މެހެމާނުންނަށް ރަލާއި ޖޫސް ބަހަމުންދިޔައެވެ. ދަންވި ދަންވިހެން  ޝޯގެ ފޯރި ދިޔައީ ގަދަވަމުންނެވެ. ރަލުގެ މަސްތުގައި ޖެހި އެތަނަށް އެއްވެ ތިބި ހުރިހާ ފިރިހެނުން ޚާއްޞަ މެހެމާނާއެކު ނަށަމުން ދިޔައެވެ.  

އެ މީހުން ނަށާތަން ބަލަން އެއްކަލަ ފިރިހެން ކުއްޖާ އިނެވެ. ޝޯ ނިމުމާއެކު ހޯލުން މީހުން މަދުވާން ފެށިއެވެ. ނަމަވެސް އެ ހަތަރު ކުދީން މިރޭ އައީ ގެއަށް ދާގޮތަކަށް ނޫނެވެ.

އަނެއް ދުވަހު ހެނދުނު ގެއަށް ދަމުން އެތަނުން އެއް ކުއްޖަކު ފުރަތަމަ ކުއްޖާއާ ސުވާލުކުރިއެވެ.

"ކޮބާ ކިހިނެއް ވަނީ؟"  

"ރަނގަޅު،" ޚިޔާލަކަށް ގެއްލިފައި އިނދެ އެ ކުއްޖާ ބުންޏެވެ.  

"ރަނގަޅޭ؟ އެ ނިމުނީ؟ ތި ދެން..." 

"ދޭތެރެއަކުން ޖައްސައިލާން ރަނގަޅު. އަހަންނަކަށް ވަކި 'ޚާއްޞަ ތަޖުރިބާ' އެއް ނުކުރެވޭ. އޭނައަށް ވުރެ އަހަރެންގެ ބިޓު މާ ގަދަ." ރައްދުގައި އެ ކުއްޖާ ބުންޏެވެ.

(ނުނިމޭ)

 

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.