ހާޕާރސް ބާޒާރ ބްރައިޑް އިންޑިއާގެ ފޮޓޯ ޝޫޓިން އަކަށް ބާރް ބާރް ދޭކޯގެ ތަރި ކެޓރީނާ ކައިފް މިވަގުތު ރާއްޖެ އަިއސް އެބައުޅެއެވެ. ހުދުކުލައިގެ ބޮޑީ ސޫޓެއްގައި ރާއްޖޭގެ ރީތި ގޮނޑުދޮށުގައި ނަގާފައިވާ ފޮޓޯއެއް ކެޓްރީނާ ވަނީ އޭނާގެ ފޭސްބުކްގައި ޝެއަރ ކޮށްފައެވެ. ކެޕްޝަންގައި 3ފްލައިޓާ 12 ގަޑި އިރުގެ ދަތުރަކަށްފަހު މަންޒިލަށް ވާސިލުވި ވާހަކަ ލިޔެފައި ވެއެވެ. އަދި އޭނާ އައީ ހާޕާރސް ބާޒާރ އިންޑިއާގެ ފޮޓޯ ޝޫޓިންއަކަށް ކަން ދޭހަވާގޮތަށް މި ޕޯސްޓުގައި ލިޔެފައިވެއެވެ.
ކެޓްރިނާ ރާއްޖެ އައީ އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރ މަނިޝް މަލޯތްރާ އާ އެކުއެވެ. މަނީޝް ވަނީ ކެޓްރީނާ އާއެކު އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަޕޯޓުގައި ނަގާފައިވާ ފޮޓޯއެއް އިއްޔެ އޭނާގެ އިންސްޓެގްރާމްގައި ޝެއަރ ކޮށްފައެވެ. އަދި މިއީ އޭނާ ރާއްޖެއައި ފުރަތަމަ ފަހަރު ކަން ދޭހަވާގޮތަށް ހޭޝްޓެގް ކޮށްފައިވެއެވެ. މަނީޝްގެ އިންސްޓެގްރާމުގައި މިއަދު އޭނާ ވަނީ ރާއްޖޭގެ ރީތިކަން ސިފަވާ ގޮތަށް ތަފާތު ހޭޝްޓެގް ބޭނުން ކޮށްގެން އަނަންތަރާ ކިހަވައް ރިސޯޓުގެ ވީޑިއޯއެއް ޝެއަރ ކޮށްފައެވެ. ހޭޝްޓެގްތަކަށް ބަލާލުމުން ބާޒާރް ބްރައިޑް އިންޑިއާގެ 'ފެޝަން ޝޫޓް' ކުރިއަށް ދާނީ ވެސް މިރިސޯޓުގައި ކަން ދޭހަވެއެވެ.
މަނީޝްއަކީ ފިލްމު ތަކަށާއި ތަފާތު އިވެންޓު ތަކަށް އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިންގެ ހެދުންތައް އާއްމުކޮށް ފަރުމާ ކުރާ ޑިޒައިނަރެވެ. އެގޮތުން އޭނާވަނީ އައިޝްވާރްޔާ، ކަރިޝްމާ ކަޕޫރު، ކަރީނާ، ޖެކްލީން، ކެޓްރީނާ، އަނުޝްކާ ޝަރުމާ، ޝްރީދޭވީ ފަދަ މަޝްހޫރު ތަރިންގެ ހެދުންތައް ފަރުމާ ކޮށްފައެވެ. އަދި ތަފާތު ޙަފްލާ ތަކަށް ފިލްމީ ދުނިޔެއާ އަލަށް ގުޅެން އުޅޭ ޝްރީ ދޭވީގެ ދަރިފުޅު ޖާންވީގެ ހެދުންތައްވެސް މަނީޝް ފަރުމާ ކުރެއެވެ. ދާދި ފަހުން އޮތް ދިވާލީ ޕާޓީއަކަށް ޖާންވީގެ ހެދުމާއި މަޝްހޫރު ފިލްމީ ތަރި ޝާހުރުކްޚާން ގެ ދަރިފުޅު ސުހާނާ ގެ ހެދުން ފަރުމާ ކުރީވެސް މަނީޝްއެވެ.
ފޮޓޯ ޝޫޓަށް ފަހު ކެޓްރީނާ ފިލްމެއްގެ މަސައްކަތް ވަރަށް އަވަހަށް ފަށަން ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ ފިލްމީ ޚަބަރުތައް ބުނެއެވެ. އޭނާ ދެން ފެނިގެންދާނީ ރަންބީރު ކަޕޫރާ އެކު ޖައްގާ ޖާސޫސް އިންނެވެ.