ދިލިޕް ކުމާރު މަރުވެއްޖެ

އިންޑިއާގެ މަޝްހޫރު އެކްޓަރު ދިލިޕް ކުމާރު މިއަދު ހެނދުނު މަރުވެއްޖެއެވެ. އޭނާ މަރުވެފައި ވަނީ މުމްބައިގެ ޕީޑީ ހިންދުޖާ ހޮސްޕިޓަލުގައި ހެނދުނު 7.30 ހާއިރުއެވެ. މަރުވީއިރު އުމުރަކީ 98 އަހަރެވެ. ދިލިޕް ކުމާރު ވަޅުލާނީ މިއަދު ހަވީރު 5.30 ގައި ޖުހޫ ގަބުރުސްތާނުގައެވެ.

ދިލިޕް ކުމާރު އުފަންވެފައި ވަނީ 11 ޑިސެމްބަރ 1922 ގައި މިހާރުގެ ޕާކިސްތާނުގެ ޕިޝާވަރަށެވެ. އެއީ އިންޑިއާގައި އިނގިރޭސިން ވެރިކަން ކުރި ދުވަސްވަރެވެ. 1947 ގައި އިންޑިއާ މިނިވަންވެ ޕާކިސްތާނާއި އިންޑިއާ އުފެދުމުން ދިލިޕް ކުމާރުގެ އާއިލާ ބަދަލުވީ އިންޑިއާއަށެވެ. ދިލިޕް ކުމާރުގެ އަސްލު ނަމަކީ މުޙައްމަދު ޔޫސުފް ޚާނެވެ. އެ ދުވަސްވަރު ބޮލީވުޑްގައި މަސައްކަތް ކުރާ މުސްލިމުންގެ ނަން ބަދަލު ކުރުމަކީ ހަމަޖެހިފައި އޮތް އުސޫލެކެވެ. އެ ގޮތުން ނަން ބަދަލު ކޮށްގެން މަސައްކަތް ކުރި މުސްލިމުންގެ ތެރޭގައި ޖަގްދީޕް، ޖޮނީ ވޯކަރު، މަދޫބާލާ ފަދަ އެތައް އެކްޓަރުންނެއްހިމެނެއެވެ.

މަޝްހޫރު އެކްޓަރުން ކަމުގައިވާ ރާޖެންދްރަ ކުމާރު، މަނޯޖް ކުމާރު، ދަރްމެންދަރް، ސަންޖޭ ޚާން، އަމީތާބް ބައްޗަން، ޝާހް ރުޚް ޚާން ފަދަ އެތައް އެކްޓަރުންނެއް ވަނީ އެމީހުން ނަމޫނާ އެކްޓަރެއް ކަމަށް ބަލާފައި ވަނީ ދިލިޕް ކުމާރު ކަމުގައެވެ.

ދިލިޕް ކުމާރަކީ އިންޑިއާގެ އެކްޓަރުންގެ ރަސްގެފާނު ކަމުގައި ވަނީ ބެލެވިފައެވެ. އޭނާގެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި އަންދާޒް، ދާޣް، މުޣްލެ އައުޒަމް ފަދަ އެތައް ފިލްމެއް ހިމެނެއެވެ.

އިންޑިއާގެ މަޝްހޫރު ފިލްމީ މަޖައްލާއެއް ކަމުގައިވާ "ފިލްމް ފެއަރ" އިން ދޭން ފެށި އިނާމު "ފިލްމެފެއަރ އެވޯޑް" ގައި އެންމެ މޮޅު އެކްޓަރެއްގެ އިނާމު އެންމެ ފުރަތަމަ ލިބުނީ ދިލިޕް ކުމާރަށެވެ. އޭނާ ވަނީ ފިލްމްފެއަރ ގެ އެއްވަނަ އެކްޓަރުގެ އިނާމު 8 ފަހަރު ހޯދައިފައެވެ. މިއީ 2000 ގެ އަހަރުތަކުގެ މެދުތެރޭގައި ޝާހް ރުޚް ޚާން މި ރެކޯޑު މުގުރާލަންދެން ފިލްމެފެއަރ އެއްވަނަ އެކްޓަރުގެ އިނާމުގެ ރެކޯޑެވެ.

ދިލިޕް ކުމާރަށް ދަރިއަކު ލިބިފައެއް ނުވެއެވެ. އޭނާ އޭރުގެ މަޝްހޫރު އެކްޓަރު ސާއިރާ ބާނޫއާ ކާވެނި ކުރީ 1966 ވަނަ އަހަރުއެވެ.

ދިލިޕް ކުމާރު މަރުވުމުން އިންޑިއާގެ ސިޔާސީ ކލީޑަރުންނާއި ފިލްމީ ދުނިޔޭގެ މީސްމީހުން ގެންދަނީ ހިތާމަފާޅު ކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.