ހިންދީ ފިލްމު "ފައިޓަރ": ޕާކިސްތާނާ ދެކޮޅަށް އުފައްދާފައިވާ ޕްރޮޕެގެންޑާއެއް

ހިންދީ ފިލްމީ ދުނިޔޭގެ މަޝްހޫރު ތަރިންތަކެއްކަމުގައިވާ ދީޕިކާ ޕަޑްކޯން، ރިތިކް ރޯޝަން އަދި އަނިލް ކަޕޫރު ބޮޑުބައި ކުޅެފައިވާ ފިލްމު "ފައިޓަރ" ވަރަށް އަވަހަށް ސިނަމާތަކުގައި އަޅުވާނެއެވެ. މި ފިލްމުގައި މައިގަނޑު ގޮތެއްގައި ދައްކަނީ  ޕާކިސްތާނާ ދެކޮޅު ވާހަކަތަކާއި ހަރަކާތްތަކެވެ. ފިލްމުގެ ކުރު ވީޑިއޯ އިޝްތިހާރުން އެކަން އެނގި، އެކަމާ ދެކޮޅަށް ވަރަށް ބޮޑަށް ފާޑުކިޔައި އެތައް މައްސަލައެއް އުފެދެމުން ދާކަމަށް ޚަބަރު ލިބެމުން އެބަދެއެވެ.

ޔޫޓިއުބްގައި 3 މިނެޓް 9 ސިކުންތުގެ  އިޝްތިހާރެއް ދައްކަމުންދާއިރު، ފެންނަނީ އިންޑިއާގެ ވައިގެ ސިފައިންގެ ސްކޮޑްރަން ލީޑަރުންގެ ރޯލު ރިތިކް ރޯޝަން އާއި ދީޕިކާ ޕަޑްކޯން ކުޅޭ ތަނެވެ. ކޮމާންޑިން އޮފިސަރެއްގެ ގޮތުގައި ފެނިގެން ދަނީ އަނިލް ކަޕޫރެވެ.

ކަޝްމީރުގެ ޕުލްވާމާ ހަމަލާއަށް ފަހު އިންޑިއާގެ ވައިގެ ސިފައިން ޕާކިސްތާނާ ދެކޮޅަށް ވަރުގަދަ ހަމަލާއެއް ދޭން ރާވާފައިވާކަން އިޝްތިހާރުން އެނގިގެންދެއެވެ. އަދި ހަގީގަތް އޮޅުވާލުމުގެ އިތުރަށް ޕާކިސްތާނާ ދެކޮޅު ބައިތަކެއް ވެސް ފިލްމުން ދައްކައެވެ. އޭގެ އިތުރަށް "އިންޑިއާގެ ކަޝްމީރު" އަދި "ޕާކިސްތާނުން ހިފާފައިވާ ކަޝްމީރު" ފަދަ ޚިޔާލު ތަފާތުވުން ބޮޑު ބަސްތައް ފިލްމުގައި ހިމަނާފައިވާކަމަށް ވީޑިއޯ އިޝްތިހާރުން ދައްކައެވެ. އެކަމާ ގުޅިގެން އިންޑިއާގެ ވަރަށް ގިނަ ބަޔަކު ހިތްހަމަނުޖެހިފައި ތިބި އިރު ޕާކިސްތާނު މީހުން ދަނީ އެކަމާ ދެކޮޅަށް ނުރުހުމާއެކު ރުޅިވެރިކަމުގެ ބަސްތައް ބުނަމުންނެވެ.

ފިލްމު "ފައިޓަރ"ގެ އިޝްތިހާރުން

ދައްކާ މަންޒަރަކުން ފެންނަނީ އިންޑިއާ ސިފައިންނަށް ޕާކިސްތާނުން ހަމަލާދީ 40 އަށް ވުރެ ގިނަ އިންޑިއާ ސިފައިން މަރާލާފައިވާ ކަމަށް ޚަބަރުގައި ކިޔާތަނެވެ. އޭގެ ފަހުން އިންޑިއާގެ މިނިސްޓަރަކު ބޮން އެޅުމަށް އަމުރުކުރައްވައި ވާހަކަދައްކަވާ މަންޒަރު ވެސް ފެނިގެން ދެއެވެ.

"ފައިޓަރ"ގެ މަންޒަރެއްގައި އިންޑިއާއިން ޕާކިސްތާނަށް ހަމަލާދީ ހިފާނެ ވާހަކައާއި ޕާކިސްތާނުގެ ކަޝްމީރަކީ ޕާކިސްތާނުން ހިފާފައިވާ ތަނެއްކަމަށާއި އެތަނުގެ ވެރިފަރާތަކީ އިންޑިއާކަމަށް ފިލްމުގެ ބަޠަލު ރިތިކް ރޯޝަން ބުނެފައި ވެއެވެ.

ޕާކިސްތާނާ ދެކޮޅު ފިލްމު އުފެއްދުމަކީ އިންޑިއާއިން ވަރަށް ކުރީއްސުރެ ކުރަމުންދާ ކަމެކެވެ. ފިލްމު އޫރީ، ދަ ކަޝްމީރު ފައިލްސް، ދަ ކެރެލާ ސްޓޯރީ، ޓައިގާ 3، ފަދަ ޕާކިސްތާނާ ދެކޮޅު ފިތުނައިގެ ފިލްމުތައް އުފައްދައިގެން އިންޑިއާ މީހުން ގިނަ އަދަދަކަށް ފައިސާ ހޯދާފައި ވެއެވެ.

ގައުމިއްޔަތާއި ސަނީ ޑިއޯލްގެ މަރުވަމުން ދިޔަ ފިލްމީ ހަޔާތަށް އައު ދިރުމެއް ގެނެސް ދިން "ޣަދަރު 2" އަކީ ވެސް ފިތުނައިގެ ފިލްމެކެވެ. އެ ފިލްމަށް ވެސް ވަނީ 500 ކުރޯޑަށްވުރެ ގިނަ ރުޕީސް ލިބިފައެވެ.

ފިލްމު "ފައިޓަރ"ގައި ދައްކާ ވާހަކައާއި ހިމަނާފައިވާ މަންޒަރުތަކާމެދު ހިތްހަމަ ނުޖެހިގެން ޕާކިސްތާނުގެ ވަރަށް ގިނަ ބަޔަކު ވާހަކަ ދައްކައި ރުޅިވެރިކަން ފާޅުކުރަމުންދާއިރު، ޕާކިސްތާނަށް ނަފުރަތުކުރާ އިންޑިއާގެ އެތައް ބަޔަކު އިންތިޒާރު ކުރަމުން ދަނީ ފިލްމު އަޅުވާނެ ދުވަހަކަށެވެ. އެ ފިލްމު ދައްކަން ފަށަން ހަމަޖެހިފައި ވަނީ މި ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގައެވެ.

"ފައިޓަރ"ގެ ވީޑިއޯ އިޝްތިހާރުތަކަށް ބަލާއިރު ފެންނަނީ "ފައިޓަރ" އުފެއްދި މީހުން ޕާކިސްތާނާ ގުޅޭ ހަގީގަތާ ޚިލާފު ވާހަކަދައްކައިގެން ނަފްރަތު އުފައްދައި އިންޑިއާ-ޕާކިސްތާނު އިތުރަށް ޖައްސަން  މަސައްކަތް ކޮށްފައިވާ ތަނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.