(24 ސެޕްޓެންބަރު 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ނޭވާލާން ހަނދާން ނެތޭނެތަ؟" ސާލާރް ބުންޏެވެ.
"ސާލާރް، އެއީ މާ ކުރީގެ ކަމެއް. ހާސިލުނުވާނެ ކަން އެނގޭ އިރު އިންތިޒާރުކުރަން ތިއުޅެނީ ކިހާ ދުވަހަކަށް؟ ދިރިއުޅުމާ މެދު ވިސްނަބަލަ. އިމާމާއަށް ޓަކައި މުޅި އުމުރު ގުރްބާން ކޮށްގެން ނުވާނެ."
"އަހަރެން އެކައްެޗެއްވެސް ގުރްބާނެއް ނުކުރަން، އަހަރެންގެ ދިރިއުޅުން ވެސް ވަގުތު ވެސް، ނުވަތަ އަހަރެން ވެސް. އަހަރެންގެ ހިތުގައި އިމާމާ ހާޝިމްގެ ނަން އޮތިއްޔާ އޮތީ އަހަންނަށް އޭނާ މަތިން ހަނދާން ނައްތައިނުލެވޭނެތީ. އެއީ އަހަރެންގެ އަމިއްލަ އިޚްތިޔާރުގައި އޮތް ކަމެއް ނޫން. އޭނަޔާ މެދު ވިސްނާލީމާ އަހަރެންގެ ހިތުގައި ވޭން އަޅާ. އެކަމަކު އެ ވޭނަށް އާދަވެއްޖެ މިހާރު. އަހަރެން ދިރިހުރީ އޭނަޔާ ހެދި، އަހަރެންގެ ހަޔާތަށް އޭނާ ނައި ނަމަ ފުރްގާން އާއެކު މިތާކު އަހަރެން ނީންނާނެ، ޕާކިސްތާނަކަށް ނާންނާނެ. ސާލާރް ސިކަންދަރް އުޅޭނީ ކޮންމެވެސް އެހެން ތާކު، ނުވަތަ އެއްވެސް ތާކު ނޫޅޭނެ. އަހަރެން މިހިރީ ވަރަށް ބޮޑަށް އޭނާއަށް ދަރަނިވެރިވެފަ. އެފަދަ މީހެއްގެ މަތިން ހަނދާން ނައްތައެއް ނުލެވޭނެ." ސާލާރް އޮޅުންފިލުވައިދިނެވެ.
"އޭނާ ދުވަހަކުވެސް ނުފެނިއްޖެއްޔާ، ދެން ހަދާނީ ކިހިނެއް؟" ފުރްގާން އެހިއެވެ.
ވަރަށް ގިނަ އިރު ވިސްނަން އިނދެފައި ސާލާރް ޖަވާބު ދިނެވެ. "ތި ސުވާލަށް ދޭނެ ޖަވާބެއް އަހަންނަަކަށް ނޭނގޭ. ކޮންމެވެސް އެހެން ވާހަކައެއް ދައްކަމާ." ސާލާރް މައުޟޫއު ބަދަލުކުރިއެވެ.
***
ތިން ހަތަރު އަހަރެއްގެ ތެރޭގައި އެ ރަށަށް ސާލާރް ވަރަށް ގިނަ ޚިދުމަތްތަކެއް ކުރިއެވެ. ފުރްގާނަށް ވުރެ އޭނާގެ ދުވެލި ބާރެވެ. އޭނާއަށް މާ ގިނަ މީހުންގެ އެހީ ލިބުނެވެ. މުޅި ރަށުގެ މޫނުމަތި ބަދަލުކުރިއެވެ. ސާފު ފެނާއި ކަރަންޓު ފޯރުކޮށްދިނެވެ. ހައިވޭއަށް ދާން އޮންނަ މަގުގައި ތާރު އެޅިއެވެ. އެއީ ދެވަނަ އަހަރެވެ. ތިންވަނަ އަހަރު ޕޯސްޓު އޮފީހަކާއި މިނިސްޓްރީ އޮފް އެގްރިކަލްޗަރ ގެ އޮފީހެއް ހުޅުވިއްޖެއެވެ. އަދި ފޯނުގެ ޚިދުމަތް ލިބޭން ފެށިއެވެ. ހަތަރު ވަނަ އަހަރު އެންޖީއޯ އެއްގެ އެހީގައި ވޮކޭޝަނަލް ކުލާސްތަކެއް ފެށިއެވެ. އެ ކުލާސްތައް ކުރިޔަށް ގެންދިޔައީ މެންދުރު ފަހު އެވެ. އެ ކުލާސްތަކުގެ ބޭނުމަކީ އަންހެން ކުދީންނާއި އަންހެނުންނަށް އަތްތެރި މަސައްކަތް ދަސްކޮށްދިނުމެވެ. ރަށުގައި ހުންނަ ކްލިނިކަށް އެންބިއުލާންސަކާއި އިތުރު އާލާތްތައް ހޯދިއެވެ. ފުރްގާނެކޭ އެއްފަދައިން ކްލިނިކާއި ސްކޫލުގެ ހުރިހާ ކަމެއް ކުރީ އަމިއްލަ ޚަރަދުގައެވެ. އަދި ކްލިނިކަށް ދާއިމީ ޑޮކްޓަރަކު ވެސް ހަމަޖެއްސިއެވެ. އެހެންނަމަވެސް އެތަން ހިންގަން ރައްޓެހިންގެ އެހީ ހޯދިއެވެ. ޔުނިސެފްގައި މަސައްކަތް ކުރިއިރު ލިބުނު ރައްޓެހިންގެ ބޭނުން މިހާރު އޭނާއަށް ޖެހެއެވެ. ޔުނިސެފާއި ޔުނެސްކޯގައި މަސައްކަތް ކުރާ އެތައް ބަޔަކު ޕާކިސްތާނަށް ގެނެސްފިއެވެ. މިހާރު އޭނާ އަވަދިނެތި އުޅެނީ ވޮކޭޝަނަލް ތަމްރީން ޕްރޮގްރާމްތައް ރޭވުމުގައެވެ. ހަތަރު ވަނަ އަހަރު އޭނާ މީގެ އިތުރަށް އެތައް ކަމެއް ކުރިއެވެ.
***
ސިކަންދަރް އުސްމާން އިސްލާމްއާބާދަށް ދިޔަ މަގުމަތީގައި އޭނާގެ ކާރުގެ ފުރޮޅު ފަޅައިގެން ދިޔައެވެ. މަގުގެ އެއްފަރާތަށް ކާރު ޖެއްސުމަށްފަހު ކާރުގެ ފުރޮޅު ބަދަލުކުރަން ޑްރައިވަރު ފެށިއެވެ. އެތަނުގައި މަޑުކޮށްގެން ހުރި އިރު ސިކަންދަރު އުސްމާން ވަށައިގެން ރަށުތެރެއަށް ބަލައިލިއެވެ. އޭނާގެ ލޮލުގައި އަޅައިގަތީ އެތަނުގައި ޖަހާފައި ހުރި ނަން ބޯޑެކެވެ. ބޯޑުން ރަށުގެ ނަން ފެނުމުން އޭނާގެ ސަމާލުކަން އެ ބޯޑަށް ހުއްޓުނެވެ. އެ ނަމަކީ އޭނާއަަށް އާ ނަމެއް ނޫނެވެ. ސާލާރާ ގުޅުން އޮތް ނަމަކަށް ވާތީއެވެ. ޑްރައިވަރު ކާރަށް އެރުމުން އެރަށަށް ދާން އޭނާ ގާތު ސިކަންދަރު ބުންޏެވެ. ސާލަރް އެ ރަށުގައި ހިންގާ ސްކޫލު ބަލައިލުމުގެ ޝައުގުވެރިކަން ކުއްލިއަކަށް އުފެދުނީއެވެ.
ސިމެންތި ޖަހާފައި އޮތް މަގުން ދިހަ ވަރަކަށް މިނެޓު ދުއްވާފައި ގޮސް ރަށު ތެރެއަަށް ވަދެވުނެވެ. ފުރަަތަމަ ފެނުނީ ކުދި ފިހާރަތަކެކެވެ. އެއީ އެރަށުގެ ވިޔަފާރި ސަރަހައްދަށް ވެދާނެއެވެ.
"މިތަނަށް ފައިބާފަ ސާލާރް ގެ ސްކޫލު ހުރި ތަނެއް އަހާލަބަލަ." ސިކަންދަރު އޭނާއަށް އިރުޝާދު ދިނެވެ. ސާލާރް ދުވަހަކުވެސް ސްކޫލުގެ ނަމެއް ނުބުނެއެވެ. އެމީހުންގެ ކާރު ކުރިން މަޑުކުރި ތަނުގައި ނުވަތަ ކައިރި ހިސާބެއްގައި ސްކޫލެއްގެ ނިޝާން ވެސް ފެންނާކަށް ނެތެވެ. ކުރިން ނަމަ ސިކަންދަރް އުސްމާންގެ ކާރު ފެނިފައި ރަށު މީހުން އާ ވެގެން އުޅޭނެއެވެ. މިހާރު އެމީހުންނަށް އެކަހަލަ ކިތަންމެ ކާރެއް ފެނެއެވެ. ސާލާރާއި އޭނާގެ އެކުވެރިންގެ ކާރެވެ. އެކަމަކު މި ކާރު އެތަނުގައި މަޑުކޮށްގެން އޮތީމާ އެއީ ކީއްކުރަން އުޅޭ ބައެއްތޯ ބަލައިލަން އެރަށު މީހުން ބޭނުންވިއެވެ.
ޑްރައިވަރު ފިހާރައަކަށް ވަދެ ސާލާރްެގެ ސްކޫލާ ބެހޭ ގޮތުން ސުވާލުކުރިއެވެ.
"އާނ، އެ ސްކޫލު ހުންނަނީ މި ރަށުގައި. މި މަގުން ކުރިއަށް ގޮސް ކަނާތަށް އަޅާ، ބޮޑު އިމާރާތެއް ފެންނާނެ. އެއީ އެ ސްކޫލް." އެކަކު ބުންޏެވެ.
"ތީ ސާލާރް ސާހިބް ގެ ރައްޓެއްސެއްތަ؟" އޭނާ އެހިއެވެ.
"ނޫން، އަހަރެން އައީ އޭނަގެ ބައްޕައާއެކު."
"ބައްޕައޭ؟" އެ މީހާ ހައިރާންވެފައި އެހިއެވެ. އެ އަޑު އިވިފައި އެންމެންތައް ކާރާ ދިމާއަށް ބަލަން ފެށިއެވެ. އެ މީހާ ގޮނޑިން ތެދުވެފައި ޑްރައިވަރާ ސަލާންކުރިއެވެ.
"ސާލާރް ސާހިބްގެ ބައްޕަ މިރަށަށް އައުމަކީ އަހަރެމެންނަށް ލިބޭ ޝަރަފެއް." ކާރާ ދިމާއަށް ދަމުން އޭނާ ބުންޏެވެ. އެތަނުގައި އިށީނދެގެން ތިބި އެންމެން އޭނާގެ ފަހަތުން ދިޔައެވެ. އެ މީހުން އަންނަ ތަން ފެނުމުން ސިކަންދަރު ދެ ލޯ ބޮޑުވިއެވެ. ޑްރައިވަރާއެކު ކާރު ކައިރިއަށް ގޮސް ސިކަންދަރާ ސަލާން ކުރުމަށް ސޭޓު އަތް ދިއްކޮށްލިއެވެ. ސިކަންދަރު ސާލަންކުރުމުން އޭނާ ދެއަތުން ސިކަންދަރު ގެ އަތުގައި ހިފިއެވެ. ސިކަންދަރްގެ މޫނުމަތިން ނުރުހުމުގެ އަސަރު ފެނުނެވެ.
"ވަރަށް އުފާވެއްޖެ ބައްދަލުވީމާ." ވަރަށް އިހްތިރާމާއެކު އެމީހާ ބުންޏެވެ. "ސައި ތަށްޓެއް... ޖޫސްތަށްޓެއްް ބޭނުންތޯ؟" އޭނާ އެހިއެވެ. އޭރު ޑްރައިވަރު ކާރު ސްޓާޓު ކޮށްފިއެވެ.
"ނޫން، ނޫން. އެތަނަށް ދާ މަގު އޮޅުންފިލުވާލަން އެކަނި..." ސިކަންދަރް އަވަސްއަވަހަށް ބުންޏެވެ. އެއާއެކު ޑްރައިވަރު ކާރު ދުއްވައިލިއެވެ. ކާރު ދިޔަތަން ބަލަން އެމީހުން ތިއްބެވެ. "ސާލާރް ސާހިބަކި މުޅިން ތަފާތު މީހެއް."
"އާނ. އޭނައަކީ މިކަހަލަ މީހެއް ނޫން. އަހަރެމެން ދިން އެއްޗެއް ކައިގެން އޭނާ ދާނީ." އެހެން މީހަކު ބުންޏެވެ. އެމީހުން އެކި ތަންތަނަށް އެނބުރި ދިޔައެވެ.
ސާލާރްގެ ކާރު ޕާކުކުރަނީ އެ ފިހާރަތަކުގެ ކައިރީގައެވެ. ރަށު މީހުން ދޭ ކޮންމެ އެއްޗެއް އޭނާ އުފަލާއެކު ބަލައިގަނެއެވެ. އޭނާ ސްކޫލަށް ދަނީ ހިނގާފައެވެ. އެއްޗެއް ކާން އެއްބަސް ނުވިތާނގައި ސިކަންދަރް އުސްމާން ކާރުން ވެސް ނުފައިބައެވެ.
ދިގު މަގުން ގޮސް ކާރު ކަނާތަށް އެޅި އިރު ސިކަންދަރް އިނީ ޑްރައިވަރާ ވާހަކަ ދައްކާށެވެ. ގޯޅި އެޅުމާއެކު އޭނާ ކުއްލިއަކަށް ވާހަކަ ހުއްޓާލައިފިއެވެ. ވިންޑްސްކްރީނުން އެ ފެންނަ ބޮޑު އިމާރާތުގެ ސަބަބުން އެ ހިސާބުގައި ހުރި ގެތައް ފެންނަނީ ވަރަށް ކުދިކޮށެވެ. އޭނާ ހައިރާންވިއެވެ. ސާލާރް ހިންގާ ސްކޫލް އެހާ ބޮޑު ކަމެއް ސިކަންދަރަކަށް ނޭނގެއެވެ. އޭނާ އެންމެ ބޮޑަށް ހައިރާންވީ އިމާރާތް ނުވަތަ އިމާރާތް ހުރި ބިން ބޮޑުވީމައެއް ނޫނެވެ. އެކަމަކު އެތަނަށް ދާން އޮތް މަގުގައި ހުރި ނަން ބޯޑު ފެނިފައެވެ. އެ ބޯޑުގައި "ސިކަންދަރް އުސްމާން ހައި ސްކޫލް" ބޮޑު އަކުރުން ލިޔެފައި އޮތެވެ.
ޑްރައިވަރު ސްކޫލު ކުރިމަތިގައި ކާރު ޕާކު ކުރިއެވެ. ސިކަންދަރް ކާރުން ފައިބާފައި ގޭޓުގައި ލިޔެފައި އޮތް ނަން ކިޔެއެވެ. އޭނާގެ ލޯ ކަރުނައިން ފުރުނެވެ. ސާލާރް އަނެއްކާވެސް އޭނާ ހައިރާންކޮށްލައިފިއެވެ. ގޭޓު ހުރީ ބަންދުކޮށްފައެވެ. ނަަމަވެސް ކާރު ފެނުމާއެކު ދޮރުވާނު އައިސް ދޮރު ހުޅުވިއެވެ.
"ސާހިބް ސްކޫލް ބަލާލަން ވެގެން..." ޑްރައިވަރު ބުންޏެވެ. ސިކަންދަރް ހުރީ އަދިވެސް ނަންބޯޑަށް ބަލަހައްޓައިގެންނެވެ.
"ސާލާރް ސާހިބްގެ ބައެއްތޯ؟" ދޮރުވާނު އެހިއެވެ.
"ނޫން، އަހަރެމެން މިއައީ ސްކޫލް ބަލާލަން." ޑްރައިވަރު ބުންޏެވެ. ސިކަންދަރް ޑްރައިވަރާއި ދޮރުވާނާ ދެ މީހުންނާ ދިމާއަށް ބަލައިލިއެވެ. "އަހަންނަކީ ސާލާރް ސިކަންދަރް ގެ ބައްޕަ." ބެދިފައިވާ އަޑަކުން އޭނާ ބުންޏެވެ.
ޑްރައިވަރު ހައިރާންވެފައި ސިކަންދަރާއި ދިމާއަށް ބަލައިލިއެވެ. ދޮރުވާނަށް ހަދާނެނަހަދާނެއެއް ނޭނގުނެވެ. "ތީ ސިކަންދަރް އުސްމާން ސާހިބް ތޯ؟" ސުވާލަށް ޖަވާބުނުދީ ސިކަންދަރް އުސްމާން ޗާބީދީފައި ހުރި ބުދެއްހެން ގޭޓުން އެތެރެއަށް ވަނެވެ.
***
އެ ދުވަހު ހަވީރު ސިކަންދަރް ސާލާރަށް ފޯނުކުރިއެވެ. އޭނާ ހުރީ ޖޮގިން ޓްރެކްގައެވެ. ފޯނަށް ޖަވާބު ދިނުމުގެ ކުރިން އޭނާ ޓްރެކުގެ އެއްފަރާތެއްގައި ހުރި ސިމެންތި ގޮނޑިއެއްގައި އިށީނެވެ.
"ހެލޯ ބައްޕާ، އައްސަލާމް އަލައިކުމް!"
"ވައަލައިކުމުއްސަލާމް. ޓްރެކުގަތަ؟" ސާލާރްގެ އަޑު އިވުމުން ސިކަންދަރް އެހިއެވެ.
"އާނ. ބައްޕަ ކިހިނެއް؟"
"ރަނގަޅު."
"މަންމަ...؟"
"މަންމަވެސް ރަނގަޅު."
ބައްޕައަށް ފުރުސަތު ދީގެން ސާލާރް އިނެވެ. އިރުކޮޅަކު އިނުމަށް ފަހު ސިކަންދަރް ވާހަކަ ދެއްކިއެވެ. "ދަރިފުޅުގެ ސްކޫލަށް ބައްޕަ މިއަދު ދިޔައިން."
"އެހެންތަ؟" ސާލާރް ހައިރާންވިއެވެ. "ކިހިނެއްވަނީ؟"
"ދަރިފުޅު މި ހުރިހާ ކަމެެއް ކުރީ ކިހިނެއް؟"
"ކޮން ކަމެއް؟"
"އެ ރަށުގައި ކޮށްފައި އެހެރަ ހުރިހާ ކަމެއް."
"ނޭނގޭ ބައްޕާ... އެކަންތައް އެހެރީ ވެފަ. އެއީ ކިހިނެއް ވީ ކަމެއްކަން އެނގޭނަމަ ބައްޕަ ގޮވައިގެން ދާނީ އަހަރެން. ހުރިހާ ކަމެއް ރަނގަޅަށް ދިޔަ ކަމަށް އުއްމީދުކުަރަން." ސާލާރް ކަންބޮޑުވެފައި ބުންޏެވެ.
"ސާލާރް ސިކަންދަރްގެ ބައްޕައަަށް އެ ރަށުން މައްސަލައެއް ދިމާވާނެތަ؟" އެއީ ސުވާލެއް ނޫންކަން ސާލާރަށް އެނގެއެވެ.
"ދަރިފުޅު ތީ ކޮންކަހަލަ ކުއްޖެއް؟"
"ނޭނގޭ، ބައްޕައަށް ބޮޑަށް އެނގޭނީ، އަހަންނަކީ ބައްޕަގެ ދަރިއެއް."
"ނޫން، ބައްޕައަށް އުޅެއުޅެ ވެސް ނޭނގުނު." ސިކަންދަރް ބުންޏެވެ.
ސާލާރް ފުން ނޭވައެއްލިއެވެ. "ތި ސުވާލުގެ ޖަވާބު އަދި އަހަންނަކަށް ވެސް ނުހޯދޭ. އަދި މިއުޅެނީ އަމިއްލަ ނަފްސު ވެސް ދަސްނުވެގެން."
"ދަރިފުޅު ތީ މޮޔަ، ގޮތް ދޫނުކުރާ ކުއްޖެއް!"
ސާލާރް ހޭން ފެށިއެވެ. "އާނ، ރަނގަޅަށް ތިބުނީ. އަހަންނަކީ ހަމަ އެކަހަލަ ކުއްޖެއް... ދެން އޮތީ ކޮން ވާހަކައެއް؟"
"ދެން އޮތް ވާހަކައަކީ... ތިޔައީ ބައްޕަގެ ދަރިއަކަށް ވީތީ ފަޚުރުވެރިވަން. ތިޔައީ ބައްޕައަށް ލެއްވި ހެޔޮ ނަސީބެއް." ސިކަންދަރް ފަޚުރުވެރިކަމާއެކު ބުނެލިއެވެ. "ސްކޫލަށް މަހަކު ޚަރަދު ހިނގަނީ ކިހާވަރެއް؟ ބައްޕަގެ އޮފީހުން އެއަށް ވާވަރަށް ޗެކެއް ފޮނުވާނެ ކޮންމެ މަހަކު."
ސާލާރު އިތުރު އެއްޗެއް ބުނުމުގެ ކުރިން ސިކަންދަރް ފޯނު ބޭއްވިއެވެ. ފޯނު ބާއްވާފައި ޓްރެކްގައި ތިބި މީހުންނަށް ބަލަން އޭނާ އިނެވެ. އެހެން އިރުކޮޅަކު އިނދެފައި ޓްރެކަށް އެރިއެވެ.
***
ރަމްޝާ އާއި ސާލާރް ފުރަތަމަ ދިމާވީ އޭނާ ލާހޯރަށް އައިތާ އަހަރެއް ވީ ފަހުންނެވެ. ރަމްޝާ އަކީ ލަންޑަން ސްކޫލު އޮފް އިކޮނޮމިކްސް ގެ ގްރެޖުއޭޓެކެވެ. އޭނާ މަސައްކަތް ކުރަނީ ބޭންކުގައެވެ. ރަމްޝާގެ ބައްޕަ އަކީ އެ ބޭންކުގެ ގިނަ ދުވަސްވީ ކަސްޓަމަރެކެވެ. ސާލާރަށް އޭނާގެ ބައްޕަ ވަރަށް ރަނގަޅަށް އެނގެއެވެ.
ރަމްޝާ އަކީ ރީތި، ތޫނުފިލި، އަދި ހިތްހެޔޮ ކުއްޖެކެވެ. ބޭންކުގައި ވަޒީފާ އަދާ ކުރަން ފެށިތާ މާގިނަ ދުވަހެއް ނުވެ އޭނާ އެންމެންނާ ވެސް ގާތް ގުޅުމެއް އުފެއްދިއެވެ. އެއް ތަނެއްގައި ވަޒީފާ އަދާކުރާ މީހެއްގެ ހައިސިއްޔަތުން ރަމްޝާ އާއި ސާލާރާއި ވެސް ގުޅުން އޮވެއެވެ. އަދި އޭނާގެ ބައްޕައަށް ކުރާ އިހްތިރާމް ސާލާރް އޭނާއަށް ވެސް ކުރެއެވެ. އެހެން ކުދިންނާ ޚިލާފަށް ރަމްޝާ ސާލާރާ ވާހަކަ ދައްކަނީ މާ ގާތްކޮށެވެ. ރަސްމީ ގޮތެއް ނުހުރެއެވެ. އެކަމަކު އޭނާ ސާލާރަށް ޚާއްޞަ ގޮތެއް ބަހައްޓަން ފެށީ ކިހިނެއް، ކިހައި ހިސާބަކުން ކަމެއް ސާލާރަށް ފާހަަގަކުރެވިފައި ނެތެވެ.
ސާލާރާއި ގުޅުން ހުންނަ ކަންކަމަށް ރަމްޝާ ޚާއްޞަ ސަމާލުކަމެއް ދެއެވެ. ސާލާރްގެ އޮފީހަށް ވެސް މާ ގިނައިން ވަދެނިކުމެ ހަދައެވެ. ރަސްމީގަޑި ނިމޭ ފަހުންވެސް އޭނާ ސާލާރަށް ގުޅާފާނެއެވެ. އޭނާއާ މެދު ސާލާރްގެ ހިތުގައި ފުރަތަމަ ކޮޅު ޝައްކު އުފެދުނު ނަމަވެސް ފަހުން އެ ޝައްކު ފިލުވައިލިއެވެ. އަހަރެއްވަރު ފަހުން އޭނާއާ މުއާމަލާތް ކުރާކަށް ސާލާރަށް ނުޖެހެއެވެ.
***
އެއްދުވަހަކު ހެނދުނު ސާލާރް އޮފީހަށް އައިސް ވަދެފައި ސިހުނެވެ. އޭނާގެ މޭޒުމަތީގައި ކާޑަކާއެކު ބޮޑު މާ ބޮނޑިއެއް ބާއްވާފައި އޮތެވެ. ބްރީފް ކޭސް ބަހައްޓާފައި އޭނާ ކާޑު ހުޅުވައިލިއެވެ.
(ނުނިމޭ)
Dhivehi liuntheringe vaahakain vanegoe ingeyne vahaka fesheyiru miee v.reethi ehame asarugadha islaamee mujuthamaakah fudey vaahakaeh Aminathu Saeedhuah sukuriyya ingeymee tharujamaa vahakaehkan konme duvahaku up kuraccey
ވަރަށް ރީތި
Haadhaives reechey