ފާނޫޒު - 81

(16 އޮކްޓޯބަރ 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ) 

ލިބުނު ހައިރާންކަން ބޮޑުކަމުން ޑރ. ޢަލީއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

"ބައްޕަ ހަނދާން އެބަހުރިތަ، ނުވަ އަހަރު ކުރިން ފިރިހެން ކުއްޖަކާއެކު އަހަރެން އިސްލާމްއާބާދުން ލާހޯރަށް އައި ހަނދާން. ފަހުން ބައްޕަ ބުނީމެއްނު އަހަރެންގެ ބައްޕަ އެ ކުއްޖާ ގޮވައިގެން ފުލުހަށް ދިޔަ ވާހަކަ."

"ސާލާރް ސިކަންދަރް، އެއީ އޭނަތަ؟"

"އާނ. އެއީ އޭނަ."

ޑރ. ޢަލީ އަށް ލިބުނީ ބޮޑު ޝޮކެކެވެ. އޭނާއަށް ސާލާރް އާ ފުރަތަމަ ބައްދަލުވީ ފުރްގާން މެދުވެރިކޮށެވެ. އެއީ އިމާމާ އެގޭގައި އުޅެން ފެށިތާ ހަތަރު އަހަރު ފަހުންނެވެ. އިމާމާ އާ އޭނާ އާ އެއްވެސް ގުޅުމެއް އޮތްކަން އޭނާއަކަށް އޭރަކު ނޭނގެއެވެ. ހަތަރު އަހަރު ކުރިން އިވުނު ނަމަކާ އޭގެ ހަތަރު އަހަރު ފަހުން ދިމާވި މީހަކާ ގުޅުވާނީ ވެސް ކިހިނެއް ހެއްޔެވެ؟ ކޮންމެ ގޮތެއްވިޔަސް ސާލާރް އަކީ ދީންވެރިއެކެވެ. އޭނާ ޤުރްއާން ހިތުދަހެވެ. އޭނާގެ ބަސްމަގުންވެސް، އަމަލުން، އަދި ޝަޚުޞިއްޔަތުންވެސް އިމާމާ ބުނިކަހަލަ ސިފައެއް ފާހަގައެއް ނުކުރެވެއެވެ. ސާލާރް އޭނާއަށް އޮޅުވައިލީއެވެ. އެއީ އޭނާގެ ކުށް ހެއްޔެވެ؟ ނުވަތަ ތަގްދީރުގަައި ކަން އޮތް ގޮތް ހެއްޔެވެ؟

"އެހެންވީމާ ދަރިފުޅު އޭރު އިނީ އޭނަޔާތަ؟" ޑރ. ސިބްތެ ޢަލީ އަށް އަދިވެސް ގަބޫލެއް ނުކުރެވެއެވެ.

"އަހަރެމެން ހަމައެކަނި ކާވެނި ކުރީ." އިމާމާ ބުންޏެވެ.

ދެން  އެކަން ހިނގައިދިޔަ ގޮތް އޭނާ ކިޔައިިދިނެވެ. އިމާމާގެ ވާހަކަ ނިމުމުން ޑރ. ޢަލީ ބުންޏެވެ. "އަހަންނަށް އިތުބާރު ކުރިނަމަ އެހީ ވެވުނީސް."

އިމާމާގެ ލޮލުން ކަރުނަ ހިލުނެވެ. "ރަނގަޅު ވާހަކައެއް. އެކަމަކު އޭރު ހުރީ އެހެން ކަމަކާ ފިކުރުކުރެވޭ ހާލަތަކު ނޫން. މިއީ ވެސް އަހަންނާ މެދު ތަގްދީރުގައި އޮތް." އިމާމާ ވިސްނައިލިއެވެ. އަދި ކަރުނައިން ފުރިފައިވާ ދެލޮލުން ޑރ. ޢަލީއަށް ބަލައިލާފައި ހިނިތުންވެލިއެވެ. "އެކަމަކު މިހާރު ދެން އެންމެ ރަނގަޅު. ވަރީގެ ކަންތަކުގައި ބައްޕަ އެހީވާނަން ދޯ؟"

"ނޫން. ތިކަމުގައި ބައްޕައަށް އެހީއެއް ނުވެވޭނެ. މި ކާވެނި ހަމަޖެއްސި މީހަކީ ބައްޕައެއްނު."

"އެހެންވީމާ ބައްޕަ ގާތު ވަރީގެ ވާހަކަވެސް މި ބުނީ."

"ކީއްކުރަން ވަރިވަނީ؟"

"ކީއްކުރަންހޭ؟ ސާލާރް އަކީ ވިޔާނުދާ މީހަކަށް ވާތިީ. އަހަރެންގެ ދިރިއުޅުމުގެ ބާކީ ބައި އެކަހަަލަ މީހަކާއެކު ހޭދަކުރަން ބޭނުންނުވާތީ. އަހަރެމެންނަކީ އުޑާއި ބިމާ ހައި ތަފާތު ދެ މީހުން. އަހަރެން ދުވަހަކުވެސް ކަލާނގެ ޙަޟްރަތުގައި ޝަކުވާއެއް ނުކުރަން. ބައްޕާ، އަހަރެން އަބަދުވެސް ބަލަނީ ތަގްދީރު ނިޔާކުރާ ގޮތާއި ރުހިގެން ހުރެވޭތޯ. ނަމަވެސް މިއަދު ޝާކުވާއެއް އެބައޮތް. އަހަންނަށް މި ލިބުނީ މި ދުނިޔެ މަތީގައި ހުރި އެންމެ ވިޔާނުދާ މީހާ."

އިމާމާއަށް ރޮވެން ފެށިއެވެ. "ގިނަ އަންހެން ކުދިން ދުނިޔެމަތިން އެތައްކަމެއް ބޭނުންވޭ. އަހަރެން ދުވަހަކުވެސް ހެޔޮ ފިރިއެއް ނޫން އެއްޗަކަށް ނޭދެން. އެކަމަކު އަހަރެންގެ ދުއާ އިޖާބައެއް ނުކުރެއްވި. އަހަންނަށް އެކަހަލަ ފިރިއަކު ހައްގުނުވަނީތަ؟" އިމާމާ ހިފެހެއްޓުމެއް ނެތި ރޮމުންގެ ގެންދިޔައެވެ.

"ދަރިފުޅާ އާމިނާ. އެއީ ހެޔޮ ފިރިއެއް."

"ބައްޕައަށް ކިހިނެއް އެނގެނީ؟ އަހަންނަށް އެނގޭ އޭނައަކީ ރަނގަޅު މީހެއް ނޫންކަން."

"އާމިނާ. އެއީ ރަނގަޅު ފިރިއެއް. ބައްޕައަށް ވެސް ވަރަށް ރަނގަޅަށް އޭނާ އެނގޭ."

"ނޫން ބައްޕައަކަށް ނޭނގޭ. އެއީ ރާ ބޯ މީހެއް. ނަފްސާނީ ބަލިމީހެއް. އަމިއްލައަށް މަރުވާން އެތައް ފަހަރަކު އުޅުނު މީހެއް. ގަމީހުގެ ގޮށެއް ނާޅުވާނެ. އަންހެނުންނާ ދިމާއަށް ބަލާނީ ވަރަށް ނުލަފާކޮށް. ރަނގަޅު ފިރިންގެ ސިފައަކީ އެއީތަ؟"

"އިމާމާ. އަހަންނަށް އޭނާގެ މާޒީއެއް ނޭނގޭ. އަހަންނަށް އެނގެނީ ތިއިން އެއްވެސް ކަމެއް މިހާރު އޭނާ ނުކުރާކަން."

"ބައްޕައަށް ކިހިނެއް އެނގެނީ އެހެން ނޫޅޭ ކަމެއް؟ އެއީ ބޮޑު ދޮގުވެރިއެއް. މައްކާރެއް، އަހަންނަށް އޭނައަކީ ކާކުކަން އެނގޭ."

"އޭނައަކީ ތިކަހަލަ މީހެއް ނޫން."

"ބައްޕާ، ގަބޫލުކޮށްބަލަ. އޭނައަކީ އެކަހަލަ މީހެއް."

"ވެދާނެ ދަރިފުޅު ދެކެ އޭނާ ލޯބިވީކަމަށް. ލޯބިން ދިިރިއުޅުން މުޅީން ބަދަލުކުރީ ކަމަށް ވެދާނެއެއްނު؟"

"އެކަހަލަ ލޯތްބެއް ބޭނުމެއް ނޫން. އޭނާ ފެނުނަސް ހޮޑުލަވާ. ހެދުން އަޅާގޮތް ފެނުނަސް ބޮލަށް އުނދަގޫވޭ. އެކަހަލަ މީހުން ބަދަލެއް ނުވާނެ."

"ތިއީ ރަނގަޅު ވާހަކައެއް ނޫން."

"ބައްޕާ. އެކަހަލަ މީހަކާއެކު އަހަންނަކަށް ނޫޅެވޭނެ. ކޮންމެ ކަމަކީ ވެސް އޭނާއަށް ޖޯކެއް. އަންހެނުން. ދިރިއުޅުން... ދީން. އޭނަޔަށް ކޮންމެ ކަމެއް ވެސް ވަނީ ހެއްވާ ކަމަކަށް. އަަހަރެން ދީން ބަދަލުކުރީމަ އޭނަ ބުނި އެއީ ވަރަށް މޮޔަ ކަމެކޭ. ދީނުގެ މައްސަލަތަކުގެ ވާހަކަ ދެއްކުމަކީ އޭނާގެ ނަޒަރުގައި ބޭކާރުކަމެއް. އަމިއްލައަށް މަރުވުމަކީ އޭނާ ދެކޭ ގޮތުގައި ކުރާ ތަޖުރިބާއެއް. ދިރިއުޅުމުގެ މާނައަކީ މުދަލާއި ފައިސާ. އޭނަ އަހަރެން ދެކެ ލޯބިވާކަމަށް ވާނަަމަ އަހަރެންގެ ކާވެނި ބިނާކުރަންވީ ހަމައެކަނި ލޯތްބަށްތަަަ؟ ނޫން ބައްޕާ. އަހަރެން އެ ގޮތެއް ބޭނުމެއް ނޫން."

"ދަރިފުޅާ. ދަރިފުޅާއި އޭނާގެ ކާވެންޏަކީ އިއްތިފާގަކަށް ވިޔަސް މިއަދާއި ހަމައަށް އޭނާ އެ ގުޅުން ދަމަހައްޓައިފި. ދަރިފުޅު ދީން ބަދަލުކުރިކަން އެނގޭ އިރުވެސް އޭނާ ހުރީ ވަފާތެރިކަން މަތީ، ދަރިފުޅާއެކު ހަޔާތް ވޭތި ކުރުމުގެ އުއްމީދުގައި. އެ އުއްމީދުގައި ހޭދަކުރި ނުވަ އަހަރު އޭނަގެ ދިރިއުޅުމަށާއި ވިސްނުމަށް ބަދަލެއް އައުމަކީ މުސްތަހީލު ކަމެއްތަ؟"

"އަހަރެން ބޭނުމެއް ނޫން އޭނައާއެކު ދިރިއުޅޭކަށް. ނުވެސް އުޅޭނަން." އިމާމާ ގޮތުގައި ހިފަހައްޓާލިއެވެ. "ވަރިއަށް މި އެދެނީ އެއީ އަހަންނަށް ލިބިފައި އޮތް ހައްގަކަށް ވާތީ."

"ދަރިފުޅު ވިސްނާލީމުތަ؟ މިއީ ދަރިފުޅުގެ ހަޔާތަށް އޭނާ އައި ދެވަނަ ފަހަރު. ދަރިފުޅު ވެސް ދެފަހަަރަށް އޭނާއާއި އިންނަން އިގުރާރު ވެއްޖެ. ދެފަހަރު ވެސް."

"ވެދާނެ އަހަންނަށް ކުރެވުނު ފާފައަކަަށް ލިބޭ ބަދަލުކަމަށް ވެސް." އިމާމާ ގިސްލަގިސްލާފަައި ރޮނީއެވެ.

"އާމިނާ. ދަރިފުޅަކީ ތިހާ ބޯހަރު ކުއްޖެއްކަމެއް ބައްޕައަކަށް ކުރިން ނޭނގޭ. ކިހިނެއްބާ ވީ؟" ޑރ. ޢަލީ ހަގީގަތުގައި ވެސް ޙައިރާންވިއެވެ.

"ސާލާރް އާ އިނދެގެން އުޅެން ބައްޕަ މަޖުބޫރުކުރަންޏާ، ބައްޕަގެ އަޑު އަހާނަން. ބައްޕަ އަހަންނަށް ވަރަށް ހެޔޮ، އެހެންވީމާ ބައްޕައަށް ނުކިޔަމަންތެރިވާނެ ހިތްވަރެއް އަހަރެންގެ ކިބަޔަކު ނެތް. އޭނަގެ ތައުލީމީ ފެންވަރާއި އާމްދަނީ އާ އަހަރެންގެ ޚަރަދު ބެލެހެއްޓޭތޯ... މިއިން އެއްވެސް ކަމެއް ބަލާކަށް އަހަރެން ބޭނުމެއް ނޫން. ނުކިޔަވައި ހުރި މީހަކާ އިންނަން ބައްޕަ ބުނި ނަމަވެސް އަހަރެން ބައްޕައަަށް ކިޔަމަންވާނަން. އެކަމަކު ސާލާރް އަކީ ކާކުކަން އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ. ބައްޕައަށް އެނގޭނީ އޭނައާ ބެހޭ ގޮތުން މީހަކު ބުނި އެއްޗެއް. އެއީ ކާކުކަން އަހަންނަށް ހުރީ ފެނިފައި. ފަނަރަ އަހަރުވަންދެން އެއީ އަހަރެންގެ އަވަށްޓެރިއެއް. ބައްޕަ އަށް އޭނަ އެނގޭތާ މިވީ އަދި އެންމެ ހަތަރު އަހަރު."

"ބައްޕަ ދަރިފުޅަށް އެއްވެސް ކަމަކަށް މަޖުބޫރެއް ނުކުރާނަން. ބައްޕަ ބުނީތީ ދަރިފުޅު އޭނައާ އިނދެގެން އުޅޭކަށް ބައްޕަ ބޭނުމެއް ނޫން. ދަރިފުޅު މި ކާވެނީގެ މަތީގައި ހުންނަންވާނީ ދަރިފުޅު އަމިއްލައަށް ބޭނުންވެގެން. ބައްޕައަށް ކޮށްދޭ ކަމެއްގެ ގޮތަކު ނޫން. އެކަމަކު ބައްޕަގެ އެދުމެއް އެބައޮތް. ދަރިފުޅު އެއްފަހަރު ސާލާރް އާ ބައްދަލުކުރުން. އެއަށްފަހު ދަރިފުޅު ބޭނުމީ ވަރިވާން ކަމަށްވަންޏާ ވަރިވާންވީ." ޑރ. ސިބްތެ ޢަލީ އޯގާތެރިކަމާއެކު ބުންޏެވެ.

ނޯކަރު އައިސް ސާލާރް އައި ވާހަކަ ބުންޏެވެ. ޑރ. ސިބްތެ ޢަލީ ގަޑިިއަށް ބަލައިލަމުން ސާލާރް ސިޓިންރޫމަށް ފޮނުވަން ބުންޏެވެ. "މިތަނަށް؟" އޭނާ ހައިރާންވެފައި އެހިއެވެ.

"އާނ. މިތަނަށް." ޑރ. ސިބްތެ ޢަލީ ބުންޏެވެ.

އިމާމާ ދުވެފައި ކަހަލަ ގޮތަކަށް އެތަނުން ނުކުތެވެ. "މިހެން ހުރެ އޭނާއާއި ވާހަކަ ދައްކާކަށް ބޭނުމެއް ނޫން." އޭނާ އިޝާރާތް ކުރީ ކަރުނައިން ފޯވެފައިފައިވާ މޫނަށެވެ. އަދި އޭނާގެ ހާލަތަށެވެ.

"ދަރިފުޅަށް އަދި އޭނަ ނުވެސް ފެނެއެއްނު. ބައްޕަ ބޭނުންވަނީ ދަރިފުޅު އޭނަ ދެކިލަން." ޑރ. ސިބްތެ ޢަލީ ބުންޏެވެ.

"އަހަރެން ކޮޓަރިތެރެއިން ބަލައިފާނަން."

އިމާމާ އޭނާގެ ކޮޓަރިއަށް ދިޔައެވެ. ކޮޓަރިތެރެ އޮތީ އަނދިރިކޮށެވެ. ކޮޓަރީގެ ދޮރު ކޮންމެވެސް ވަރަކަށް ހުޅުވާފައި ގޮސް އިމާމާ އެނދުގައި އިށީނެވެ. ސިޓިންރޫމު ރަނގަޅަށް ފެންނަ ގޮތަށެވެ. އޭނާ ލޮލުން ކަރުނަ ފޮހެލިއެވެ. ލޯ ސާފުކުރުމަށެވެ. ދުނިޔޭގައި ހުރި އެންމެ ވިޔާނުދާ މީހާކަމަށް އޭނާ ގަބޫލުކުރާ މީހާ ދެކިލުމަށެވެ. މީގެ ނުވަ އަހަރު ކުރިން އޭނާ އެންމެ ރުޅި އައި މީހާ ދެކޭށެވެ. އެއީ އެ މީހަކު މަރުވެފައިވާ ކަމަށް އޭނާ ހީކުރި މީހާއެވެ. އެކަމަކު މި ނުވަ އަހަރުތެރޭ އޭނާ އިނދެގެން ހުރި މީހާއެވެ. ތަގްދީރަކީ މި ނޫން ކޮން އެއްޗެއް ހެއްޔެވެ؟

އިމާމާ އަނެއްކާވެސް އޭނާގެ ދެ ލޯ ފޮހެލިއެވެ. އެ މީހާ ޑރ. ސިބްތެ ޢަލީ އާ ސަލާންކުރަނީ އެވެ. އިމާމާއަށް ފެންނަނީ އޭނާގެ ފުރަގަހެވެ. ޑރ. ސިބްތެ ޢަލީ ގައިގައި ބައްދައިލުމުގެ ކުރިން އޭނާ ގެނައި މާ ބޮނޑި އާއި ޕާރުސަލް މޭޒުމަތީގައި ބޭއްވިއެވެ. ޑރ. ޢަލީ އާއި ސަލާންކުރުމަށް ފަހު އޭނާ ސޯފާގައި އިށީނެވެ. އިމާމާ އަށް ފުރަތަމަ ފަހަރަށް ސާލާރް ފެނުނެވެ.

އުނަގަނޑާއި ހަމައަށް ގަމީހުގެ ގޮށް ނާޅުވައި، ކަރުގައި ތިން ހަތަރު ފަށް އަޅައިގެން، އިސްތަށިގަނޑު ފަހަތަށް އައްސައިގެން، އަތުކުރީގައި ދިހަ ބާރަ ފަށް އަޅައިގެން، ބާރު ޖިންސުލައިގެން އުޅުނު މީހާ – މިހާރު އެއިން އެއްވެސް ސިފައެއް ނެތެވެ. އޭނާ އިނީ ކްރީމް ކުލައިގެ ކުރުތާއެއް ލައިގެންނެވެ.

'އާނ. އޭނާ އެހެރީ ބަދަލުވެފައި ކަން ކަށަވަރު. ގައިމުވެސް ބޭރުފުށުން ބަދަލު އެބަފެނޭ." އިމާމާ ހިތާހިތުން ބުނެލިއެވެ. "މި މީހާ ބަދަލުވެދާނެއޭ އެއްވެސް މީހަކު..." އޭނާގެ ސަމާލުކަން ހުއްޓުނީ ސާލާރް ޑރ. ސިބްތެ ޢަލީ އާ ވާހަކަ ދައްކާ އަޑަށެވެ. އިމާމާއަށް ވަރަށް ރީތިކޮށް އެ މީހުން ފެނެއެވެ. ޑރ. ޢަލީގެ އެދުމަށް ސާލާރް އޭނާގެ ފުރަތަމަ ކާވެނީގެ ވާހަކައާއި އަދި އެ ކާވެނި ކުރަން މެދުވެރިވި ސަބަބު ކިޔައިދިނެވެ. އަދި އިމާމާ އާ މެދު ކަންތައް ކުރެވުނު ގޮތާ މެދު ހިތާމަކުރާކަމަށް ބުންޏެވެ. ޖަލާލް އަންޞާރް މީހަކާ އިންކަމަށް ބުނެ އޮޅުވައިލި ވާހަކައެވެ. އަދި ކާވެނިގެ ލިޔުންތަކުގައި ވަރި ނެގުމުގެ ހައްގު ދީފައި ނޯންނާނެ ކަމަށް ބުނެ އޮޅުވައިލި ވާހަކައެވެ.

"އޭނާ އާ ދޭތެރޭ ކަންތައް ކުރެވުނު ގޮތް ހިތަށް އެރީމަ ވަރަށް ދެރަވޭ." ސާލާރް ބުންޏެވެ. "އަހަރެންގެ އުޅުން އޭރު ހުރި ގޮތާމެދު ހިތާމަ ކުރަން. އިމާމާގެ މަތިން އެންމެ ފަހަރަކު ވެސް ހަނދާނެއް ނުނެތޭ. އެތައް ދުވަހެއް ވަންދެން އަހަރެން އެ ހާލަތުން އަރައިނުގަނެވި އުޅެންޖެހުނު. އޭނާ އެދުނީ ރަސޫލާއަށްޓަކައި އޭނާއަށް އެހީތެރިވުމަށް. އޭނާ އަހަންނަށް އިތުބާރު ކުރީ އަހަންނަކީ މުސްލިމަކަށް ވާތީ. އަދި މުޙައްމަދުގެފާނާއި ހިސާބުން ނަބީކަން ޚަތިމުކުރެވުނު ކަން ގަބޫލުކުރާ މީހަކަށް ވާތީ. އަހަރެން އޭނައަށް ދިނީ އަނިޔާ. އޭނާ މައިންބަފައިންނާ ގެދޮރު ދޫކޮށް ދިޔަ ސަބަބު އެނގިހުރެ އޭނާއަށް މަލާމާތް ކުރިން. އަހަރެން ހީކުރީ އޭނަ ދުނިޔެއިން މޮޔަވީ ކަމަށް. އެހެން ބުނަންވެސް ބުނިން. އޭނަ ގޮވައިގެން ލާހޯރަށް ދިޔަރޭ، ކޮންމެވެސް ދުވަހަކުން އޭރު އަހަރެން އުޅުނު ދިރިއުޅުން ނޫން އެހެން ދުވަހެއް ފެންނާނެ ކަމަށް އޭނާ ބުނި. އޭރުން މީހުންގެ އިހުސާސްތައް އެނގޭނެ ކަމަށް ބުނި." ސާލާރް ހިތިގޮތަކަށް ހީނލިއެވެ. "އޭނާ ބުނީ ރަނގަޅު ވާހަކައެއް. އަހަންނަށް ވަރަށް ގިނަ އެއްޗެހި ދަސްވެއްޖެ. މިދިޔަ އަހަރުތަކުގެ ތެރޭގައި މެދުކެނޑުމެއް ނެތި އެތައް ފަހަރަކު އަހަރެން ތައުބާވީން. ފާފަ ފުއްސެވުން އެދި ދުޢާ ކުރިން، އެތައް ފަހަރަކު." އޭނާ ވާހަކަ ހުއްޓައިލިއެވެ. އަދި މޭޒުގެ އަރިމަތީގައި އިނގިލި ވިއްދައިލިއެވެ. އެއީ ލޮލުން ކަރުނަ ހިލިޔަ ނުދޭންކަން އިމާމާއަށް އެނގުނެވެ.

"ބައެއްފަހަރު ﷲ އަހަރެންގެ ދުޢާ އިޖާބަ ކުރައްވައި މާފު ކުރައްވައިފިއޭ ހީވޭ." އޭނާ އަނެއްކާވެސް އިރުކޮޅަކު ހިމޭނުން އިނެވެ.

"އެކަމަކު އާމިނާ އާއި އަހަރެންގެ ކަވެނީގެ ލިޔުންތަކުގައި ސޮއިކުރި ދުވަހު އަހަންނަކީ އެއްވެސް މީހެއް ނޫންކަން އިހުސާސްވި. އަހަރެންގެ ދުޢާ އިޖާބަކުރެއްވި ނަމަ އަހަރެން އިނީހީ އިމާމާ އާ. އާމިނައަކާ ނޫން. މުޢުޖިޒާތެއް ފަދަ ކަންކަމަށް ވެސް ﷲ މަގުފަހިކޮށްދެއްވާ. އަހަރެން އެދުނީ ކޮންކަމަކަށްބާ؟ އަހަރެން ދުޢާ ކުރީ ކޮންކަމަކަށް އެދިގެންބާ؟ އެހެން މީހަކު ދެކެ ލޯބިވާ އަދި އަހަންނަކީ އެއްވެސް މީހެއް ކަމަށް ނުދެކޭ އަންހެން ކުއްޖަކަށް އެދި. ނުވަ އަހަރު ވަންދެން މެދުކެނޑުމެއް ނެތި އެކުއްޖަކު ހޯދުމަށް އަހަރެން މަސައްކަތް ކޮށް، ހޯދައިނުގަނެވުނު ކުއްޖާއަށް އެދި."

ސާލާރް ވާހަކަކުރިއަށް ގެންދިޔައެވެ. "އަހަރެން އުޅުނީ އޭނަ ފެންނާނެ ކަމުގެ އުއްމީދުގައި؛ އޭނަޔާއެކު މުޅީ ދިރިއުޅުން ވޭތިކުރުމުގެ ހުވަފެނުގައި؛ އަހަންނާއެކު އުޅެން އޭނާ ވެސް އެއްބަސްވާނެ ކަމުގެ އުއްމީދުގައި؛ ޖަލާލް އަންޞާރްގެ މަތިން އޭނާ ހަނދާން ނެތޭނެ ކަމުގެ އުއްމީދުގައި. އެބައެއްގެ ދުޢާ ﷲ އިޖާބަކުރައްވާ މީހުންނާ އެއްވަރަށް ދުޢާކުރުމުގެ ގާބިލުކަން އަހަންނަށް ލިބުނު ނަމަ އަހަރެންގެ ދުޢާވެސް އިޖާބަކުރެއްވީސް. އަހަރެން ކަހަލަ ފާފަވެރިއަކަށް މުޢުޖިޒާތެއް މެދުވެރިކުރެއްވީސް. ތައުބާވާން މީހުން ކަޢުބަތުﷲ ގެފުޅަށް ގޮސް ދުޢާކުރޭ. އަހަރެންވެސް އެތަނަށް ދިޔައިން، އިމާމާ އާ އަހަންނާ ގުޅުވައި ދެއްވުން އެދި، އަލުން ބައްދަލުކޮށް ދެއްވުން އެދި ކަލާނގެ ޙަޟްރަތުގައި ދެންނެވިން. ﷲ ރުހިވޮޑިނުގަތް ސަބަބަކީ އެއީ ކަމަށް ވެދާނެ."

އިމާމާއަށް ހީވީ އޭނާގެ މައިބަދަިއގެ ތެރެއިން ރާޅުބާންޏެއް ނެގިހެންނެވެ. ސާލާރް އެ ކިޔައިދިނީ މީގެ ދުވަސްކޮޅެއް އޭނާއަށް ފެނުނު ހުވަފެނެވެ.

"ޔާ ރައްބީ!" އޭނާ އަނގަމަތީގައި ދެ އަތް އެޅިއެވެ. ކަޅިޖަހައިނުލައި ސާލާރް އަށް ބަލަން އިނެވެ. އެ ހުވަފެނުގައި އޭނާއަށް ސާލާރްގެ މޫނެއް ނުފެނެއެވެ. އެ މީހަކީ މިހާރު އަހަރެން ކުރިމަތީން މި ފެންނަ މީހާ ބާވައެވެ. އެހެން ވެދާނެހެއްޔެވެ؟ އޭރު އޭނާ ހީކުރީ އެ މީހަކީ ޖަލާލް އަންޞާރް ކަމަށެވެ. އެކަމަކު ޖަލާލް އެހައި އިސްކޮޅުން ދިގު ނޫންކަން އެނގެއެވެ. ހުވަފެނުން ފެނުނީ އިސްކޮޅުން ދިގު މީހެކެވެ. ސާލާރް ވެސް އިސްކޮޅުން ދިގެވެ. އިމާމާގެ އަތް ތުރުތުރު އަޅަން ފެށިއެވެ. ޖަލާލް އަކީ ކަޅު މީހެކެވެ. ހުވަފެނުން ފެނުނީ ދޮން މީހެކެވެ. ސާލާރް ދޮނެވެ. އޭނާ އެހެން ކަމެއް ވެސް ހަނދާންވިއެވެ. އެމީހާގެ ކޮނޑުމަތީގައި ލަކުނެއް ހުއްޓެވެ. އެ ލަކުނު... އޭނާގެ ތުރުތުރު އަޅާ ދެ އަތުން މޫނު ފޮރުވިއެވެ.

ސާލާރް އެބުނަނީ މުޢުޖިޒާތް ފާޅުނުވާ ކަމުގައެވެ. ޑރ. ސިބްތެ ޢަލީ ހިމޭންކަމާއެކު ސާލާރް ގެ ވާހަކަ އަޑުއަހަން އިނެވެ. އޭނާ އެހައި މަޑުމަޑުން އިނީ ކީއްވެހެއްޔެވެ؟ އެ ސުވާލުގެ ޖަވާބު އެނގޭނީ އިމާމާ އާއި ޑރ. ޢަލީ އަށް އެކަންޏެވެ. ސާާލާރް އަށް އެކަމެއް ރޭކާވެސް ނުލައެވެ. އިމާމާ ދެއަތުން ލޯ އުނގުޅަމުން މޫނުން އަތް ނެގިއެވެ. ކަރުނައިން ފުރިފައިވާ ދެ ލޮލުން އޭނާ ސޯފާގައި އިން މީހާއަށް ބަލައިލިއެވެ. އެއީ މަލާއިކަތް ބޭކަލެއް ނޫނެވެ. އެއީ އެހެން މީހުން ކަހަލަ އިންސާނެކެވެ. ކުރެވުނު ހުރިހާ ފާފައަކުން ތައުބާވެގެން ހުރި މީހެކެވެ. ޖާލާލް އާއި ގުޅުމަށް އެދި ކުރި ދުޢާ އިޖާބަ ނުކުރެއްވީ ކީއްވެގެންކަން ސާލާރް އަށް ބަލަން އިން އިރު އޭނާ އަށް ވިސްނުނެވެ. ފަހު ވަގުތު ފަހުދު އޭނާގެ ކާވެންޏަން އިންކާރު ކުރި ސަބަބުވެސް ސާފުވިއެވެ. އޭނާގެ ދުޢާ އިޖާބަ ނުކުރައްވައި، އެ ފިރިހެން މީހާގެ ދުޢާ އިޖާބަ ކުރެއްވުމުގައި ޙިކްމަތެއް ވާނެއެވެ. އަދި އޭނާގެ ހަޔާތުގައި ކުރިމަތިވި ކޮންމެ ބޮޑުކަމެއް އެ މީހާ އާ ހިސާބަށް ހުއްޓޭ ސަބަބެއް ވެސް އޮންނާނެއެވެ.

ކަރުނައިން ފުރިގެންވާ ދެ ލޮލުން އޭނާ ސާލާރް އަށް ބަލައިލިއެވެ. މިހާރު ވާހަކަ ދައްކަނީ ޑރ. ސިބްތެ ޢަލީއެެވެ. އޭނާ ސާލާރް ސިފަކުރީ ޞާލިހް މީހެއްގެ ގޮތުގައެވެ. އޭގެ ސަބަބު އިމާމާއަށް މިހާރު ވިސްނިއްޖެއެވެ. ޑރ. ސިބްތެ ޢަލީ އެގޮތަށް އޭނާއަށް މުޚާޠަބު ނުކުރިއަސް ސާލާރް އަކީ ހެޔޮލަފާ މީހެއްކަން މިހާރު ގަބޫލުކުރެވެއެވެ. އެކަމަށް އިތުރު ހެއްކެއް ބޭނުމެއް ނުވެއެވެ.

ރޯދަ ވީއްލަން ސައި ތައްޔާރު ކުރެވުނެވެ. ޑރ. ސިބްތެ ޢަލީ އާއެކު މަޣްރިބް ނަމާދަށް ސާލާރް ދިޔައެވެ. އިމާމާ މޫނު ދޮވެގެން ބަދިގެއަށް ދިޔައެވެ. ނޯކަރުގެ އެހީއާއެކު އޭނާ ކާން ހެދިއެވެ. ރޯދަ ވީއްލައިގެން ސާލާރް ގެއަށް ހިނގައްޖެއެވެ. ޑރ. ސިބްތެ ޢަލީ އައިއިރު އިމާމާ އިނީ ކާމޭޒު ދޮށުގައެވެ. އޭނާ އިނީ ފެންކަޅިވެފައެވެ. ނަމަވެސް އޭނާގެ މޫނުން ފެންނަނީ އުޖާލާ ކަމެވެ.

"ބައްޕަ ދަރިފުޅުގެ ވާހަކައެއް ނުބުނަން ސާލާރް ގާތަކު. އެކަމަކު މިހާރު އޭނަޔާ ބައްދަލުކުރަން ބޭނުންވާނެ ކަން ޔަގީން." ޑރ. ސިބްތެ ޢަލީ ބުންޏެވެ.

އިމާމާ މޭޒުމަތީގައި ފެންތަށި ބެހެއްޓިއެވެ. "ބައްދަލުކުރުމުގެ ބޭނުމެއް ނެތް. އަހަންނަކީ އޭނާގެ މީހެއްގެ ގޮތުގައި މާކުރިން ވަނީ ލިޔެވިފައި. އެކަމާ ދެކޮޅު ހަދަން އަހަންނަކީ ކާކު؟ އޭނާ އެބުނީ ތައުބާ ވެއްޖައިމޭ. ތައުބާ ނުވިނަމަވެސް ނުވަތަ ކުރިން ހުރި މީހާއަށް ވީ ނަމަވެސް އަހަރެން އޭނާ ބަލައިގަންނާނަން. އެއީ އަހަންނަށް މިންވަރުކުރެއްވި ގޮތް." އޭނާ އަނެއްކާވެސް ފެންތަށި ނެގިއެވެ. "އަހަރެން ގެއަށްދާން ތައްޔާރަށް ހުރި ވާހަކަ ބުނެދީ."

***

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

4 ޚިޔާލު

  1. Vaahaka varah reethi.varah kamudhey.tharujamaa kurunves.ekamaku alhaigaiy kameh faahaga kollaanan.malaaikaiy beykalekey oiy othun.ehen eothee keevvebaa.dhen fenunu lheedharifulhey saalaar ah kiyaafa.gina liyunthakun fennanee anhen kujjaa ah lheedhari ,firihen kujjaa ah dhan'bi dharifulhey onnathan

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.